ކ. މާލެ
|
19 މާރޗް 2024 | އަންގާރަ 23:39
އިސްރާއީލުގެ ހަމަލާތަކުގައި ޒަޚަމްވި ކުޑަކުދިންތަކަކަށް ފަރުވާދެނީ
އިސްރާއީލުގެ ހަމަލާތަކުގައި ޒަޚަމްވި ކުޑަކުދިންތަކަކަށް ފަރުވާދެނީ
ރޮއިޓާސް
ޣައްޒާ ހަނގުރާ
އެމެރިކާގެ ޚާރިޖީ ސިޔާސަތުގެ ސަބަބުން، ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ޖަރީމާތައް ދިގުލައިގެން ދަނީ
 
އެމެރިކާގެ ދެފުށް ދެގޮތް ސިޔާސަތުގެ ސަބަބުން ހަނާވަމުންދަނީ ކުށެއްނެތް ކުޑަކުދިންނާއި އަންހެނުން

އެމެރިކާފަދަ ބޮޑު، އަދި ބާރާއި ނުފޫޒުގަދަ ގައުމެއްގެ ޚާރިޖީ ސިޔާސަތުގައި މަކަރުވެރިކަމާއި ދެފުށްދެގޮތް ރޭވުންތަކެއް ހުރުމުގެ ސަބަބުން، ކުދި އަދި މެދުފަންތީގެ ގައުމުތަކާއި، އާބާދީބޮޑު އާރެއްބާރެއްނެތް ނިކަމެތި ގައުމުތަކަށްވެސް ބިރުވެރި ކަންތައްތަކެއް އަންނަނީ ކުރިމަތިވަމުންނެވެ. މި ބިރުވެރި ކަންތައްތައް މިހާރުވެސް ހިނގަމުންދާ އެއްގައުމަކީ ފަލަސްތީނެވެ. ފަލަސްތީނުގެ ޣައްޒާގައި، 100،000ށްވުރެ ގިނަ މީހުން މަރުވެ، ޒަޚަމްވެ ނުވަތަ ގެއްލިފައިވާއިރު، ގެދޮރު ގެއްލިފައިވާ ބޮޑު އާބާދީއަށް ބަނޑުހައިހޫނުކަމުގެ އަސަރު ދަނީ ކުރަމުންނެވެ. މި ބިރުވެރިކަމާއި ނާމާންކަމާއެކު އެމެރިކާގެ ޚާރިޖީ ސިޔާސަތުގެ ސަބަބުން ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ޖަރީމާތައް ދަނީ ދިގުދެމިގެންނެވެ

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލުގެ ހަނގުރާމަ ފެށުނީއްސުރެ އެމެރިކާއިން ވަނީ ޣައްޒާގެ ހާލަތު އޮޅުވައިލާފައެވެ. އެކްސިއޯސް ނިއުސް ވެބްސައިޓްގައި ވާގޮތުން، އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހު ސްޕެޝަލް ކައުންސެލް ރޮބަޓް ހޫރާއެކު ބޭއްވި ބައްދަލުވުމެއްގައި ބައިޑަން ވަނީ ހަމާސްގެ ހަމަލާއާއި ޣައްޒާއަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން ހުރިހާ ކަމެއް ބަދަލުވެފައިވާކަމަށް ވިދާޅުވެފައެވެ.

ރައީސް ބައިޑެން އެ އިޝާރާތް ކުރެއްވީ، މި ހާދިސާތަކުގެ ނަތީޖާ އެއްކޮށްލުމުން ކުރިއަށް އޮތް 60 ނުވަތަ 70 އަހަރުގެ މުސްތަގުބަލު ފެންނާން އޮތް ނުރައްކާތެރި، އަދި އަނދިރިކަމުގެ މައްޗަށް ކަމަށް ބެލެވެއެވެ. ބައިޑަން އެ ވިދާޅުވަނީ މުޅިން ގޯސް ވާހަކަފުޅެއް ނޫނެވެ. ހަގީގަތުގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި އޭނާގެ ސަރުކާރުން ޣައްޒާގައި ހިންގަމުންދާ ޖަރީމާތަކުން ފެންނަނީ ދުނިޔެ މިހާތަނަށް ނުދެކޭފަދަ އަނިޔާވެރި، ނާތަހުޒީބު އަދި އިންސާނިއްޔަތާ ޚިލާފު އަމަލުތަކެކެވެ.

ނަތަންޔާހޫ ވަނީ ފަލަސްތީނުގެ އެތައް މިލިއަން ބަޔަކު ބަނޑުހައިހޫނުކަމުގެ ޝިކާރައަކަށް ހަދާފައެވެ. އިޒްރޭލުގެ އަސްކަރިއްޔާގެ ބާރާއި ނުފޫޒުން މުޅި ފަލަސްތީނާއި ޣައްޒާ ވަނީ ހަފުސްކޮށްލާފައެވެ. މިފަދަ ބޮޑު މުޖުރިމަކަށްވެ ހުރެވެސް އިސްރާއީލުގެ އަސްކަރީ ހައިސިއްޔަތާއި، ޖިއޮޕޮލިޓިކަލް ނުފޫޒާއި، ބައިނަލްއަގުވާމީ ދަރަޖަ އަލުން އިއާދަކުރެވޭނެ ކަމަށް އަދިވެސް ނަތަންޔާހޫ ގަބޫލުކުރެއެވެ. ނަމަވެސް ފަސް މަސްދުވަހުގެ ހަނގުރާމައާއި ބޭކާރުގޮތުގައި މީހުން މެރުމުގެ ސަބަބުން މުޅި ދުނިޔެ ވަނީ އޭނާއަށް ނަފްރަތު ކޮށްފައެވެ.

މެދުއިރުމަތީގައި އެމެރިކާގެ ސިޔާސީ ނުފޫޒާއި ވޮޝިންޓަންގެ އަމިއްލަ ނަފްސު ދިފާއުކުރުމުގެ ޚާރިޖީ ސިޔާސަތުގެ ސަބަބުން މުޅި ދުނިޔެއަށް ކުރިމަތިވާ ނޭދެވޭ އަސަރުތައް ވަކިން ކުޑައެއް ނޫނެވެ. ވޮޝިންޓަނުން އިސްރާއީލަށް ތާއީދުކުރާ މިންވަރަށް ބަލާއިރު، ހަނގުރާމައިގެ ކުރީކޮޅު އެމެރިކާއިން އަމަލުކުރި ގޮތަކީ ހައިރާންވާވަރުގެ ކަމެއް ނޫނެވެ.

ބައިޑަންގެ ސަރުކާރުން ނަތަންޔާހޫގެ ހަނގުރާމައިގެ ކެބިނެޓަށް އެއްބާރުލުންދީ، އިރުމަތީ މެޑިޓެރޭނިއަން ސަރަހައްދަށް މަތިންދާބޯޓު އުފުލާ ހަނގުރާމަމަތީ ޖަމާއަތްތައް ފޮނުވައި، ސަރަހައްދީ ބޮޑު ހަމަނުޖެހުމަކަށް އެ ސަރަހައްދު ވައްޓައިލަން އެމެރިކާ އޮތީ ތައްޔާރަށްކަން ދޭހަކޮށްދެއެވެ. ޚާއްސަކޮށް ޑެލްޓާ ފޯސް މެދުވެރިކޮށް ސީދާ އެމެރިކާގެ އަސްކަރީ ބައިވެރިވުމެއް އޮތްކަމަށް މީޑިއާ ރިޕޯޓްތައް ބުނަންފެށި ނަމަވެސް، ޕެންޓަގަންއިން ބުނެފައިވަނީ 2،000 އެމެރިކާ ސިފައިންނަކީ ޣައްޒާގައި ހަނގުރާމަ ކުރުމަށް ހަރަކާތްތެރިވާ ބައެއް ނޫން ކަމަށެވެ.

އެމެރިކާއަކީ ހަނގުރާމައިގެ ސީދާ ބައިވެރިއެއްކަން އެހާ ބޮޑަށް ސާފުނުވާނަމަ މެއިންސްޓްރީމް މީޑިއާ ރިޕޯޓްތަކުން އެފަދަ ޝައްކެއް އެމެރިކާއަކަށް ނުކުރީހެވެ. މާޗް މަހުގެ 6 ވަނަ ދުވަހު ވޮޝިންޓަން ޕޯސްޓުން ރިޕޯޓްކޮށްފައި ވާގޮތުގައި، ޣައްޒާ ހަނގުރާމަ ފެށުނީއްސުރެ އެމެރިކާއިން ވަނީ އިޒްރޭލަށް 100 ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާގެ އަސްކަރީ ހަތިޔާރު ވިއްކުމަށް ރުހުންދީ އަދި އެ ހަތިޔާރުތައް ފޯރުކޮށްދީފައެވެ.

ފަލަސްތީނުގެ ސިއްހަތާބެހޭ ވުޒާރާއިން ޣައްޒާގައި މަރުވި މީހުންގެ އަދަދު އަންދާޒާކޮށްފައިވާ ގޮތާމެދު ބައިޑަން ސުވާލު އުފައްދަވާފައި ވީނަމަވެސް، މަރުވި މީހުންގެ އަދަދާމެދު ޝައްކެއް ނެތެވެ. ހަނގުރާމައިގެ ތެރޭގައި ފަލަސްތީނުން މަރުވި އަންހެނުންނާއި ކުޑަކުދިންގެ އަދަދާ ބެހޭގޮތުން ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހު ސުވާލު ކުރުމުން އެމެރިކާގެ ސެކްރެޓަރީ އޮފް ޑިފެންސް ލޮއިޑް އޮސްޓިން އެއްވެސް ޖެހިލުމެއް ނެތި ޖަވާބު ދެއްވީ، އެއަދަދު 25،000ށްވުރެ ގިނަކަމަށެވެ.

އެމެރިކާއިން އިސްރާއީލަށް ވިއްކާ ހަތިޔާރުގެ ޝިޕްމަންޓްތައް ދަނީ އިތުރުވަމުންނެވެ. އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޯން ކިރްބީ މާޗް 14ގައި އޭބީސީ ނިއުސްއަށް ވިދާޅުވީ، އިސްރާއީލުގެ އަމިއްލަ ދިފާއުގައި ބޭނުންވާ ކަންކަމުގައި އެމެރިކާއިން އަބަދުވެސް އެއްބާރުލުން ދެމުން ގެންދާނެކަމަށާއި، އެކަމަށް އެއްވެސް ބަދަލެއް ނާންނާނެކަމަށެވެ.

ނަތަންޔާހޫ ހަނގުރާމައާމެދު އަމަލުކުރަމުން ގެންދާގޮތާމެދު ބައިޑަންގެ ސީދާ ރުޅިވެރިކަމާ ގުޅޭގޮތުން މީޑިއާތަކުގައި ލީކުވެފައިވާ ގިނަ ވާހަކަތަކަށް ބަލާއިރު، ފެބްރުއަރީ މަހުގެ ކުރީކޮޅު އޭބީސީ ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޣައްޒާގައި އިސްރާއީލުގެ އަސްކަރީ ޓެކްޓިކްސް ބަދަލުކުރުމަށް އިޒްރޭލުން އެއްބާރުލުން ނުދިނުމުން އެމެރިކާގެ ރައީސް ގެންދަވަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. ބައިޑަންއާ ހަވާލާދީ އެ އައުޓްލެޓުން ބުނެފައިވަނީ، ނަތަންޔާހޫ ގެންދަނީ ބައިޑަންއަށް ގޮންޖަހަމުން ކަމަށެވެ.

އެހެންނަމަވެސް، ނަތަންޔާހޫއަށް ހިތްވަރު ލިބެނީ، މާޗް މަހުގެ 11 ވަނަ ދުވަހު ފޮކްސް ނިއުސްއަށް ބައިޑަން ދެއްވި އިންޓަވިއުއެއްގެ ސަބަބުންނެވެ. އެ އިންޓަވިއުގައި ބައިޑަން ވިދާޅުވީ، އިސްރާއީލު ސަރުކާރާމެދު އެމެރިކާގެ ރައީސާއި މުޅި އިސްރާއީލުގެ ރައްޔިތުންގެ މެދުގައި ޚިޔާލު ތަފާތުވުންތަކެއް ހުއްޓަސް، ދިފާއުގައި ހަތިޔާރު އުފުލުމުގެ ހައްގު އޮންނަންޖެހޭނެ ކަމަށެވެ.

އެމެރިކާގެ އަސްކަރިއްޔާއާއި އެހެނިހެން ބާވަތްތަކުގެ އެހީތެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްނުދިންނަމަ، ފަލަސްތީނާ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ ހަނގުރާމަ ހަފުތާތަކަކަށްވުރެ ގިނަ ދުވަސްވަންދެން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ނުގެންދެވުނީސްކަން ވަރަށް ސާފުކޮށް އެނގެއެވެ. އެތައް ހާސް ބައެއްގެ ފުރާނަ ސަލާމަތްކުރެވި، އެތައް ހާސް ދިރިއުޅުން ބަދަލުކޮށްލައި، ޒަޚަމްތަކުން ސަލާމަތްވެވުނީހެވެ.

މީގެ އިތުރުން، ޣައްޒާގައި މިހާރުން މިހާރަށް އަދި ޝަރުތެއްނެތި ހަނގުރާމަ ހުއްޓައިލުމަށް ގޮވާލައި ދުނިޔޭގެ ގިނަ ސަރުކާރުތަކާ ދެކޮޅަށް އަޑުއުފުލާ އެންމެ އިސް ފަރާތަކީ އެމެރިކާއެވެ. އދ.ގެ ސަލާމަތީ މަޖިލީހުގައި އެމެރިކާއިން ތަކުރާރުކޮށް ވީޓޯ ނުކުރިނަމަ، ހަނގުރާމަ ހުއްޓައިލުމަށް ގޮވާލާ ގަރާރެއް ފާސްވީސްކަން ޔަގީނެވެ.

ދުނިޔޭގެ ލީޑަރުންގެ ގޮވާލުންތަކަށް ނަތަންޔާހޫ ޝައުގުވެރިނުވަނީ ކަނާތު ފިޔައިގެ ދާއިރާއަށް ބަލާއިރު އޭނާއަށް ލިބުނު އެންމެ ބޮޑު ސިޔާސީ ކާމިޔާބީއަކީ ހިފާފައިވާ ފަލަސްތީނުގެ ބިންތައް ހިފެހެއްޓުމެވެ. ޣައްޒާ ހަނގުރާމައިން ބަލިވުމަކީ ނަތަންޔާހޫއަށް އޭނާގެ ޕާޓީގެ ހަރުކަށި ބައިވެރިންގެ ފަރާތުން އަންނަ ފާޑުކިޔުންތަކަށް ކެތްކުރެވޭނެ ކަމަކަށް ފަހަރެއްގައި ނުވެދާނެވެސް މެއެވެ.  

މިފަދަ ދެކޮޅުނުޖެހޭ ފޮރުވިފައިވާ މަކަރުވެރި އެމެރިކާގެ ސިޔާސަތުގެ ސަބަބުން މެދުއިރުމަތީގެ މައްސަލައަށް ހައްލެއް ހޯދުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. އަދި އިސްރާއީލުގެ އުދުވާންތައް ދުވަހެއް ދުވަހަކަށް ދާނީ އިތުރުވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް