ކެނެޑާ އާއި ފްރާންސް އާއި އިނގިރޭސި ވިލާތުން ގުޅިގެން ފަލަސްތީނު ދައުލަތެއް ގަބޫލު ކުރުމުގެ ޕްލޭނެއް އިޢުލާނު ކުރަމުން ދާއިރު، އެމެރިކާ ވަނީ އިސްރާއީލާއެކު ވަރުގަދަ އަށް އަތުގުޅާލާފައެވެ. މިކަން ވިޔަ ނުދޭން ކުރެން އޮތް ކޮންމެ ކަމެއް ކުރުމުގެ އަޒުމުގައި މި ދެ އެކުވެރިން ތިބިކަމަށް ދަނީ ދައްކަމުންނެވެ. އެކަމަކު އިސްރާއީލަށާއި އެމެރިކާ އަށް ޣައްޒާގެ މުސްތަގުބަލާ މެދު އެއްޗެއް ނުބުނެ މައްސަލަ އަށް ފައިން އަރައިގެން މިހެން ތިބޭތަން ބަލަން ދުނިޔެ ނޯންނާނެ ކަން އެ ދަނީ ހާމަ ވަމުންނެވެ.
މިކަން މިހެން އެމެރިކާ އިން ކުރަމުންދާ އިރު ކައިރި މާޒީ ގައި ކަން ވެފައި އޮތް ގޮތް ކޮންމެވެސް ވަރަކަށް ބަލާލުން މުހިންމެވެ.
މެދު އިރުމައްޗާ ބެހޭ ގޮތުން މާޒީގައި ދައްކާފައިވާ މުހިންމު ވާހަކަ ތަކުގެ ތެރެއިން، ހަނދާނުގައި އެހާ ފާހަގަކޮށްލެވިފައި ނުވާ އެއް ވާހަކަ އަކީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޓޯކިޔޯ ގައި އެމެރިކާ އިން ހާމަ ކުރި ވިސްނުމެވެ.
އޭރުގެ އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ އެންތަނީ ބްލިންކަން ވަނީ ދުނިޔޭގެ އެންމެ ބާރުގަދަ ޤައުމުތަކުގެ ގްރޫޕް ކަމުގައިވާ ޖީ7 ގެ ބައްދަލުވުމެއްގައި ޣައްޒާގެ ހަނގުރާމައިގެ "އަނެއް ދުވަހަށް" އަމާޒުކޮށް އުސޫލުތަކެއް ކަނޑައަޅުއްވާފައެވެ.
އޭނާ އެތަނަށް ދަތުރު ކުރެއްވީ ތެލް އަވީވުންނެވެ. އެއީ އޮކްޓޯބަރު 7 ގައި ހަމާސް އިން ދިން ހަމަލާއަށް ފަހު އިސްރާއީލުން ޣައްޒާ އަށް ދެމުންދިޔަ ހަމަލާތަކަށް މަސްދުވަސް ފާއިތުވީ ފަހުން އިސްރާއީލުގެ ވެރިންނާ ބައްދަލު ކުރެއްވުމަށް ފަހު ކުރެއްވި ދަތުރުފުޅެކެވެ.
ބްލިންކަން ވަނީ ޣައްޒާ ހަނގުރާމައިގައި އިސްރާއީލުގެ މަޤްޞަދުތަކާއި ބެހޭ ގޮތުންނާއި، ކުރި މަގުގައި އެމެރިކާ އިން އުއްމީދު ކުރާ ކަންތައްތަކާ ބެހޭ ގޮތުން ފުޅާ ދާއިރާ އެއްގައި މުހިންމު ކަންތައްތަކެއް ފާހަގަ ކުރައްވާފައެވެ:
ފަލަސްތީނުގެ ރައްޔިތުން މަޖުބޫރުން ތަނުން ނެރުމެއް ނޯންނާނެއެވެ. ހަނގުރާމަ ނިމުމަށްފަހު އިސްރާއީލުން އަލުން ޣައްޒާ އިސްތިއުމާރު ކުރުމެއް ނޯންނާނެއެވެ. ޣައްޒާ ހިސޯރު ކުރުމުގެ ނުވަތަ ބަންދު ކުރުމުގެ މަސައްކަތެއް ނުކުރެވޭނެއެވެ. މުސްތަޤްބަލުގައި ޣައްޒާ ގައި އޮންނަ ވެރިކަމަކީ ފަލަސްތީނުގެ ރައްޔިތުން އިސްނަގައިގެން އުފައްދާ، ބައިނަލްއަޤްވާމީ ގޮތުން ބަލައިގަނެވިފައިވާ ފަލަސްތީނު އޮތޯރިޓީ (ޕީއޭ) ހިމެނޭ ގޮތަށް އޮންނަންވާނެ ވެރި ކަމެކެވެ. ހަމާސް އަށް އެއްވެސް ދައުރެއް ނޯންނާނެއެވެ.
މި އުސޫލުތައް އެެމެރިކާ އިން އެކުލަވާލެވިފައި ވަނީ ޔޫރަޕާއި އަރަބި ދުނިޔެ އާއި އަދި އެމެރިކާގެ އެހެން އެކުވެރިންގެ ތާއީދު ހޯދުމަށެވެ - އެއީ އިސްރާއީލުން މީގެ ގިނަ ކަންތައްތަކަށް އިއުތިރާޒު ކުރި ނަމަވެސްމެއެވެ. ބްލިންކަން "ޓޯކިޔޯ އުސޫލުތައް" އިޢުލާން ކުރެއްވި ކަން ހަނދާން ހުރީ މަދު ބަޔަކު ކަމުގައި ވުމީ އެކަށީގެންވާ ކަމެކެވެ. އެނގޭ އެއްޗަކީ އެ މަދު ބައިގެ ތެރޭގައި ޓްރަމްޕްގެ ސަރުކާރު ނުހިމެނޭ ކަމެވެ. އޭނާގެ ސަރުކާރުން ވަނީ މި އުސޫލުތައް މުޅިން ދޫކޮށްލާފައެވެ.
ނަމަވެސް މި ޚިޔާލުތަކަށް އެމެރިކާގެ ގިނަ އެކުވެރިން އަދިވެސް ތާއީދުކުރެއެވެ. އެފަދަ އެކުވެރިން މި ހަފްތާގައި ނިއު ޔޯކުގައި ހުންނަ އދ. ގެ މައި މަރުކަޒަށް ދަތުރު ކޮށްފައި ވަނީ ފްރާންސް އާއި ސަޢޫދީ އަރަބިއްޔާ އިސްވެ އިންތިޒާމު ކުރި ދެ ދައުލަތުގެ ހައްލު އަލުން ނެގެހެއްޓުމަށް ގޮވާލާ ބައްދަލުވުމަކަށެވެ.
މި ބައްދަލުވުމުގައި ފްރާންސް އިން، އަދި އޭގެ ފަހުން އިނގިރޭސި ވިލާތުން، މި އަހަރުގެ ފަހުކޮޅު ވަކި ޝަރުޠުތަކެއްގެ މަތިން ފަލަސްތީނު ދައުލަތް ބަލައިގަންނާނެ ކަމަށް އިއުލާނު ކުރުމާއެކު ސުރުޚީތަކަށް އެރިއެވެ. ބުދަ ދުވަހުގެ މެންދުރުފަހު ކެނެޑާ އިން ވެސް މިކަމަށް ތާއީދުކުރިއެވެ. ނަމަވެސް ޓްރަމްޕްގެ އިދާރާ އިން މިއީ އިސްރާއީލާ ދެކޮޅު ބައްދަލުވުމެއް ކަމަށް ބުނެ ބައްދަލުވުން ބޮއިކޮޓް ކުރިއެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާނު ޓެމީ ބްރޫސް ވިދާޅުވީ މި ބައްދަލުވުމަކީ "ޕަބްލިސިޓީ ސްޓަންޓެއް" ކަމަށެވެ.
މިހާރު މިފެންނަ މަންޒަރުތަކަށް ބަލާއިރު، އިސްރާއީލު-ފަލަސްތީނު މައްސަލައިގައި އެމެރިކާ އާއި އެ ގައުމުގެ އެންމެ ގާތް އެކުވެރިންނާ ދެމެދު ބޮޑު ފަރަގެއް އުފެދިއްޖެ އެވެ.
މިކަމުން އުފެދޭ ސުވާލަކީ: އެހެން ގައުމުތަކާ އެކަހެރިވެ އަމިއްލަ ގޮތެއް ގެންގުޅެން އެމެރިކާ އިން އުޅޭ އިރު، ޓްރަމްޕްގެ ސަރުކާރުން ޣައްޒާގެ އާ ބެހޭ ގޮތުން ދުރު ރާސްތާ ވިސްނުމެއް އެބަ އޮތް ހެއްޔެވެ؟
އެފަދަ ވިސްނުމެއް ނެތްކަން ކޮންމެ ދުވަހަކު އިތުރަށް ސާފުވަމުން ދެއެވެ - ޔަގީނުން ވެސް މިހާރު އޮތް ސަރުކާރުގެ ކިބައިގައި އަމިއްލަ ވިސްނުމެއް ނެތެވެ.
ފެބްރުއަރީ މަހު، ރައީސް ޓްރަމްޕް އިޢުލާން ކުރެއްވީ އެމެރިކާ އިން ޣައްޒާ ސްޓްރިޕް ހިފައި، "މެދު އިރުމަތީގެ ރިވިއެރާ އެއް" އެ ތަނުގައި ހެދުމަށެވެ. މި ޕްލޭނުގައި ފުރަތަމަ ބުނީ އެ ސަރަޙައްދުން ފަލަސްތީނުގެ ރައްޔިތުން މަޖުބޫރުން ނެރުމެވެ. ފަހުން އެމެރިކާ އާއި އިސްރާއީލުން މާނަކުރަން މަސައްކަތް ކުރީ މިއީ "އަމިއްލަ އިޚްތިޔާރުގައި" ހިޖުރަ ކުރުން ކަމަށެވެ.
މި ޚިޔާލަކީ ހަގީގަތުގައި ވެސް ޢަމަލީ ގޮތުން ކުރެވޭނެ ކަމަކަށް ނުވިޔަސް އަދި ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު ކަމަކަށް ވިޔަސް، މިއީ ހަނގުރާމަ އަށް ފަހުގެ ޓްރަމްޕް ގެންގުޅުއްވާނެ ޕްލޭން ކަމަށް ވެދާނެއެވެ. މިހެން ވެއްޖެ ނަމަ ޣައްޒާ ގައި އިސްރާއީލުގެ ސިފައިން އިސްތިއުމާރީ ބާރެއްގެ ގޮތުގައި ދެމި އޮންނާނެއެވެ. އެހެން އެކަން އޮންނަހާ ހިނދަކު ހަމާސް ނުވަތަ އެ ޖަމާއަތާ ގުޅިފައިވާ ހަތިޔާރުއެޅި ގްރޫޕް ތަކުގެ ދައުރު ނިމުމަކަށް ގެންނާނީ ކިހިނެއް ކަމެއްވެސް ސާފެއް ނޫނެވެ.
ފަހުން، މި ޕްލޭން ގެ ވާހަކަތައް ވަނީ ފަނޑުވާން ދޫކޮށްލާފައެވެ. މިހާރު ޓްރަމްޕް ވިދާޅުވަނީ އެއީ "ވަރަށް ގިނަ ބަޔަކު ބަލައިގަތް ކޮންސެޕްޓެއް ކަމަށާއި ނަމަވެސް ބައެއް މީހުން އެއަށް ރުހުމެއް ނުދިން ކަމަށެވެ.
އަނެއްކޮޅުން ޓްރަމްޕްގެ ސަރުކާރުން އިސްކަން ދެނީ ހަމަ އެކަނި މިހާރު ހިންގަމުންދާ ކަންކަމާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށެވެ. ރަހީނުން ދޫކޮށްލުމާއި ހަނގުރާމަ ހުއްޓުވުމަށެވެ. އެންމެ ފަހުން ނަތަންޔާހޫ ވައިޓް ހައުސް އަށް ކުރެއްވި ޒިޔާރާތުގައި ޓްރަމްޕްގެ ކިބައިން ޣައްޒާ ގެ ކުރިމަގާ ބެހޭ ގޮތުން ނޫސްވެރިއަކު ސުވާލު ދެންނެވުމުން، އޭނާ ވަގުތުން އިސްރާއީލުގެ ވެރިޔާ އަށް ޖަވާބު ދެއްވުމަށް ފުރުޞަތު ދެއްވިއެވެ.
މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ދެކޭ ގޮތުގައި މިއިން އެނގެނީ ފަލަސްތީނުގެ މައްސަލައިގައި އިސްރާއީލުގެ ބަހަކީ އެމެރިކާ ގެ ބަސް ކަމުގައެވެ.
އެހެން ގައުމުތަކުގެ ވިސްނުމާ ޚިލާފަށް ނަތަންޔާހޫ ގެންދަނީ ޣައްޒާގެ މުސްތަޤްބަލުގެ ސަރުކާރުގައި ޕެލަސްޓައިން އޮތޯރިޓީ (ޕީއޭ) ބައިވެރި ކުރުމަށް ދެކޮޅު ހަދަމުންނެވެ. މިހާރު އޭނާގެ ބާރުތަކުން ޕީއޭގެ ބާރު ހިނގާ ސަރަހައްދުގެ ތިން ބައިކުޅަ ދެބައި ކޮންޓްރޯލް ކުރެއެވެ. ނަތަންޔާހޫގެ ކޯލިޝަންގައި ހިމެނޭ ހައްދުފަހަނަ އެޅި ކަނާތު ފިޔައިގެ މެމްބަރުން ގޮވަމުން ދަނީ މުޅި ސަރަހައްދު އިސްތިއުމާރު ކުރުމަށާއި، ފަލަސްތީނުގެ ރައްޔިތުން ނެރުމަށާއި، ޔަހޫދީ އާބާދީތައް އެޅުމަށެވެ.
އޭގެ އިތުރުން އިސްރާއީލާއި އެމެރިކާ އިން މަސައްކަތް ކޮށްފައި ވަނީ ޣައްޒާގެ ފަލަސްތީނުގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ ކަންކަން ކޮންޓްރޯލް ކުރުމަށެވެ. އަދި އިސްރާއީލުން ހަމާސް އާ ވާދަވެރި ފަލަސްތީނުގެ ހަތިޔާރުއެޅި ޖަމާއަތްތަކަށް ހަތިޔާރު ދެމުން ގެންދެއެވެ. ހައިހޫނުކަން މޮނިޓަރ ކުރާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ކަމަށްވާ އިންޓެގްރޭޓެޑް ފުޑް ސެކިއުރިޓީ ފޭސް ކްލެސިފިކޭޝަން (އައިޕީސީ) އިން ބުނެފައިވަނީ ޣައްޒާގައި ފުޅާ ދާއިރާއެއްގައި ހައިހޫނުކަމާއި، ބަލިމަޑުކަން ފެތުރެމުންދާ ކަމަށެވެ. އިސްރާއީލުން މި ހާލަތުގެ ޒިންމާ އެޅުވީ ހަމާސް އާއި އދ. ގެ ބޮލުގައެވެ. މިއީ އެމެރިކާގެ އެކުވެރިން މިކަން ގަބޫލު ކުރާ ގޮތެއް ނޫނެވެ.
މިކަންކަން މިހެން ހުރުމާ އެކު ގިނަ ޔޫރަޕުގެ ޤައުމުތަކުން ޣައްޒާ ގެ ހާލަތު ބަލަމުން ދަނީ ބިރުވެރިކަމުގެ އިހްސާސާ އެކުގައެވެ. އެހީއަށް އެދި އަތް ދިއްކުރާ ކުޑަ ކުދިންގެ ގަޔަށް ބަޑި ޖަހާ މަރާ މަންޒަރަކީ ދުނިޔޭގެ އެއްވެސް ބަޔަކަށް ބަލަން ފަސޭހަ މަންޒަރަކަށް ނުވިއެވެ.
މި މަންޒަރުތައް މިހެން ފެންނަމުން ދާއިރު އިނގިރޭސިވިލާތާއި ފްރާންސް ފަދަ ގައުމުތަކުގެ ސަރުކާރުތަކަށް ވެސް ފަލަސްތީނު ދައުލަތް ބަލައިގަތުމަށް އެތެރޭގެ ފިއްތުންތައް ވެސް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.
ތަޖުރިބާކާރުން ދެކޭ ގޮތުގައި ބައިނަލްއަޤްވާމީ ގޮތުން ބަލައިގަންނަ މުސްތަޤްބަލުގައި ޣައްޒާ ގައި ވެރިކަން ހިންގާނޭ ގޮތުގެ ޕްލޭނެއް ނެތި، ޣައްޒާ އަށް ކުރިމަތިލާން ޖެހެނީ އިތުރަށް ހަލަބޮލި ކަމުގެ ހާލަތަކާއެވެ.
އެމެރިކާގެ ކުރީގެ ސަރުކާރުން ހަނގުރާމައިގެ ކުރީކޮޅުން ފެށިގެން މި ކަމާ ވިސްނަމުން އައިސްފައިވެއެވެ. އެ ގޮތުން ބްލިންކަން އަރަބި ޤައުމުތަކަށް ދަތުރުކުރައްވައި، ފަލަސްތީނު އޮތޯރިޓީ އާއި އަރަބި ޤައުމުތަކާ ގުޅިގެން ސަލާމަތީ ކަންކަން އިންތިޒާމު ކުރުމަށް މުސްތަޤްބަލުގެ ޕްލޭނަކަށް އެއްބަސްވުމަކަށް ގެނައުމަށް މަސައްކަތް ކުރެއްވިއެވެ. އޭނާ މަދުވެގެން ތިން ފަހަރެއްގެ މަތިން އިސްރާއީލަށް ބާރުއަޅުއްވައި، ޣައްޒާ އަށް އިތުރު އެހީ ވައްދަން މަޖުބޫރު ކުރެއްވިއެވެ. މީގެ ތެރެއިން ދެ ފަހަރެއްގެ މަތިން އެމެރިކާ އިން އިސްރާއީލަށް ފޯރުކޮށްދޭ ހަތިޔާރު ހިފެހެއްޓުމުގެ ބިރުދެއްކެވިއެވެ.
ޓްރަމްޕްގެ ސަރުކާރުން އިސްރާއީލަށް މިފަދަ އެއްވެސް ފިއްތުމެއް ކުރިމަތި ކޮށްފައެއް ނުވެއެވެ. އޭގެ ބަދަލުގައި ޖެނުއަރީ މަހުން ފެށިގެން އިސްރާއީލަށް ހަތިޔާރު ފޮނުވުން އަވަސްކޮށްފައިވެއެވެ.
މި ކަންކަމުން އެނގޭ އެއްޗަކީ އެމެރިކާ އިން އޮތީ ޣައްޒާ އަށް ދިގު މުައްދަތުގައި ވާނެ ގޮތެއް ވާން ހުސް ކަމެއްގެ ތެރެއަށް ދޫކޮށްލާފައެވެ. އެހެން ކަމުން ޔޫރަޕުގެ ޤައުމުތަކުން، ގަލްފުގެ އަރަބި ޤައުމުތަކާ އެކު މަސައްކަތް ކޮށްގެން، މި ހަފުތާގައި މި ހުސްކަން ފުރުމަށް ވަނީ މަސައްކަތް ކޮށްފައެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް އެކަށީގެންވާ އެހީ އާއި، ރަނގަޅު ސަރުކާރަކާއި، ދިގު މުއްދަތުގެ ސުލްޙައިގެ ޕްލޭނެއް ނެތި، ސަރަޙައްދުގެ ހާލަތު އިތުރަށް ގޯސްވާނެއެވެ. މިކަން ގަބޫލު ކުރާ ގައުމުތަކުން މި ހަފުތާގައި ގޮވާލާފައި ވަނީ އެހީ ފޯރުކޮށްދިނުން އަވަސް ކުރުމަށާއި، ފަލަސްތީނު އޮތޯރިޓީ އަށް އެއްބާރުލުން ދިނުމަށާއި، ދެ ދައުލަތުގެ ހައްލަކަށް އަލުން މަސައްކަތްކުރުން ފެށުމަށެވެ - އެމެރިކާ މިކަންކަމަށް އެއްބަސް ނުވި ނަމަވެސް މެއެވެ.
މިއީ ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނީ އިސްރާއީލާއި ފަލަސްތީނާ މެދުގައި ކުރަން ޖެހޭ މަޝްވަރާތައް ނިމުމުން އެކަނި ކަމަށް ބުނަމުން އައި ހުޅަނގުގެ ބޮޑެތި ބާރުތަކުގެ އެތައް އަހަރެއްގެ ސިޔާސަތު ބަދަލު ވެގެން ދިއުމެވެ. މި ގައުމުތަކުން ގުޅިފައިވާ ބަޔާނުގެ ބޭނުމަކީ ހަމާސް ކުށްވެރި ކުރުމާއެކު އެމީހުންގެ އަތުން ހަތިޔާރު އަތުލުމަށް ގޮވާލާ ގޮވާލުމަށް އަރަބި ދުނިޔޭގެ ލީޑަރެއްގެ ހައިސިއްޔަތުން ސައުދީ އަރަބިއްޔާ އިން ވެސް މިހާރު ބައިވެރިވާކަން ހާމަ ކުރުމެވެ.
މިހާރު އެމީހުން އުންމީދު ކުރަނީ އެމީހުންގެ މި ފިޔަވަޅުގެ ސަބަބުން އަރަބި ޤައުމުތަކުގެ އެއްބާރުލުމާއެކު، ޓްރަމްޕް އަނބުރާ ޑިޕްލޮމެޓިކް މަސައްކަތަކަށް ގެނައުމަށް ބާރުއެޅޭނެ ކަމަށެވެ.
ނަމަވެސް އެމީހުން މި މަސައްކަތުގައި އަނެއްކާ ވެސް ސެޕްޓެމްބަރު މަހު ބައްދަލު ކުރާ އިރު ހުރިހާ ގޮތަކުން ވެސް ބޮޑު ގޮޮންޖެހުމެއް އެބަ އޮތެވެ. އެއީ ސުޕަރ ޕަވަރގެ ގޮނޑި ހުރީ ހުސްކޮށްނެވެ.