ކ. މާލެ
|
4 ފެބްރުއަރީ 2024 | އާދީއްތަ 15:53
އަނބިދަރިންނާއެކު ސޫރިޔާ ދޫކޮށް، ތުރުކީވިލާތަށް މުޢީނީ ބަދަލުވީ 2016 ވަނަ އަހަރުގެ ތެރޭގައި
ތުރުކީ ހަފުސްވި ބިންހެލުން
ތުރުކީ ހަފުސްވި ބިންހެލުމަށް އަހަރެއް: މުޢީނީ ފަދަ ކެތްތެރި ފިރިއެއް، ބަފައެއް މިއިން ދުވަހަކު ދުށިންތަ؟
 
މުޢީނީގެ އެއް ފައި ބުރިކޮށްލާފައި ވާ އިރު، އަނެއް ފައިގެ ކަކުލު ހުޅުން ތިރި އޮތީ ވާގިނެތިފައި
 
މުޢީނީ ބުނި ގޮތުގައި، މިއަދު އޭނާއަށް ކުރެވޭހާވެސް ކަމަކީ ނަމާދު ކުރުމާއި، ކީރިތި ޤުރުއާން ކިޔެވުން
 
ރެކްޓަރ މިންގަނޑުން 7.8ގެ ބާރު މިނުގައި އައި ބިންހެލުމުގައި ތުރުކީވިލާތުން ބައި ލައްކައަށް ވުރެ ގިނަ މީހުން، އަދި ސޫރިޔާއިން 8500 އެއްހާ މީހުންގެ ފުރާނަ ގެއްލުނު

އެނދެއްގެ މަތީގައި އޮށޯވެލައިގެން އޮތް ޢަބްދުލްޢަލީމް މުޢީނީއަކީ ހާދަހާވާ ހިތްވަރުގަދަ މީހެކެވެ. އޭނާ ބަލަމުން އެދާ ތަސްވީރުތަކަކީ މިއަދު އޭނާގެ މުޅި ޙަޔާތުގެ އަގު ބޮޑު ތަރިކައެކެވެ. އެ ތަސްވީރުތަކުގައި ވަނީ އޭނާ އިންތިހާ ލޯބިވި އަނބިދަރިންނެވެ. މުޢީނީގެ ދިރިއުޅުމާ އެމީހުން ވަކިވިތާ އަހަރު ދުވަސް ފާއިތުވީއެވެ.

މުޢީނީގެ އަނބިމީހާއާއި ދަރިންކޮޅު، މި ފަނާވަނިވި ދުނިޔެއާ އަބަދުގެ އަބަދަށް ވަދާޢުގެ ސަލާމް ކުރީ މީގެ އަހަރެއް ކުރިން ތުރުކީވިލާތަށް އައި ބާރުގަދަ ބިންހެލުމުގައެވެ. އޭރު އެމީހުން ތިބީ މުޢީނީއާ ޖެހިގެންނެވެ. ތަސްވީރުތައް ބަލަން އޮތް މުޢީނީގެ ސިކުނޑީގައި އެތައް ޚިޔާލެއް އެނބުރެމުން ދިޔަ ކަން، އޭނާގެ މޫނަށް ބަލައިލި ކޮންމެ މީހަކަށްވެސް ޔަޤީން ވާނެއެވެ. ސޫރިޔާގައި ކުރި ވަރުގަދަ ހަނގުރާމަގަނޑުގެ ތެރެއިން ނުކުމެ، ސޫރިޔާގައި އެ ޢާއިލާއިން އައު ދިރިއުޅުމެއް ބިނާކޮށް، ކޮޅަށްޖެހި ހަނދާންތަކަކީ މިއަދު މުޢީނީގެ ފިކުރުތަކުގެ ބޮޑު ބައެއް ހިއްސާ ކުރާ ހަނދާންތަކެކެވެ.

ފަހުގެ ތާރީޚެއްގައި ތުރުކީވިލާތަށް އައި އެންމެ ބާރުގަދަ ބިންހެލުމުގެ ގޮތުގައި ރެކޯޑް ކުރި ބިންހެލުމުގައި ތުރުކީވިލާތުގެ އިތުރުން އަވަށްޓެރި ސޫރިޔާގެ އެތައް އަވަށަކާއި ސިޓީއެއް ބިމާ ހަމަކޮށް، ހަފުސްކޮށްލިއެވެ. ރެކްޓަރ މިންގަނޑުން 7.8ގެ ބާރު މިނުގައި އައި ބިންހެލުމުގައި ތުރުކީވިލާތުން ބައި ލައްކައަށް ވުރެ ގިނަ މީހުން، އަދި ސޫރިޔާއިން 8500 އެއްހާ މީހުންގެ ފުރާނަ ގެއްލުނެވެ. އެތައް މިލިއަން ބައެއްގެ ގެދޮރު ގެއްލި، ރެފިއުޖީންނަށް ވިއެވެ.

ބިންހެލުމުގެ ކުރިޔާއި މިހާރު ވަރަށް ތަފާތު. އޭރު އަހަރެން ދިޔައީ މަސައްކަތް ކުރަމުން. ﷲ އަށް ޙަމްދު ހުރި. އަމިއްލަ ފައިމައްޗަށް ތެދުވެ ހުރީ. އަހަރެންގެ އަނބިދަރިން މި ދުނިޔެއާ ވަކިވެއްޖެ. މާތް ﷲ، އެމީހުންގެ ފުރާނައަށް ހެޔޮ ރަޙުމަތްލައްވާށި. އަހަރެންގެ އަޚް ޢަބްދުއްރަޙީމާއި، ޅިޔަނުވެސް ނިޔާވީ. މާތް ﷲ، އެމީހުންގެ ފުރާނައަށް ހެޔޮ ރަޙުމަތްލައްވާށި. އެ ހުރިހާ އެންމެން އަހަންނާ ވަކިވެއްޖެ. އަހަރެމެން މީ އެއް ޢާއިލާއެއް ގޮތަށް، އެކީގަ އުޅުނު ބައެއް. ގެއިން މަސައްކަތަށް، މަސައްކަތުން ގެއަށް އައިސް ގޮސް ހަދާނީވެސް އެކީގަ. އެކަކު އަނެކަކު ގާތަށް ގޮސް، މަޖާކޮށް ހަދަން. އެ ހުރިހާ ކަމެއް މާޒީވެއްޖެ. ﷲ އަށް ޙަމްދު ހުރި. މާތް ﷲ، އަހަރަމެންނަށް ކެތްތެރިކަން ދެއްވާށި.
ޢަބްދުލްޢަލީމު މުޢީނީ؛ ބިންހެލުމުގައި ފުރާނަ ސަލާމަތްވި މީހެއް

ޢުމުރުން 34 އަހަރުގެ މުޢީނީއަކީ މިއަދު ނުކުޅެދޭ މީހެކެވެ. ހިނގާބިނގާވެއެއް ނުއުޅެވެއެވެ. ހަތޭގައި އޭނާ ދިރިއުޅެމުން ދިޔަ އެޕަރޓްމަންޓްގެ ވެއްޓިފައި ވާ ޢިމާރާތުގެ ބައިތަކުގެ ދަށުން މުޢީނީ ސަލާމަތް ކުރީ، ދަންވަރުގެ ހިމޭން ވަގުތުގައި މުޅި ރަށް ގުޑުވާލި ބިންހެލުން އައިތާ 3 ވަރަކަށް ދުވަސް ފަހުންނެވެ.

މުޢީނީގެ އަނބިމީހާ، އިސްރާއަށް އޭރު ވަގުތު ފާއިތުވެއްޖެއެވެ. 10 އަހަރުގެ ފިރިހެން ދަރިފުޅު، މުހްސިންއާއި 7 އަހަރުގެ ދަރިފުޅު، ބަސީރާއަށްވެސްމެއެވެ. އިސްރާ އޮތީ މުޢީނީއާ ޖެހިގެން ކަހަލަ ގޮތަކަށެވެ. ހާދިޘާ ހިނގިތާ 12 ވަރަކަށް ގަޑިއިރު ވަންދެން އިސްރާއާ ވާހަކަ ދެކެވުނު ކަމަށް މުޢީނީ ކިޔައިދިނެވެ. ފުރަތަމަ މަރުވީ ދަރިންކޮޅު ކަމަށާ، ދެން މަރުވީ އިސްރާ ކަމަށްވެސް މުޢީނީ ބުންޏެވެ.

ބަސީރާ މަރުވީ. އަހަރެން ވަރަށް ކެތްކުރިން. މާތް ﷲ، އަހަންނަށް ކެތްތެރިކަން ދެއްވި. އޭގެ ފަހުން މުހުސިން މި އަހަނީ ކޮއްކޮ މަރުވީހޭ؟ އަހަރެން އޭނާ ގާތު ބުނަމުން ދިޔައީ، ނޫނެކޭ، ކޮއްކޮއަށް ނިދުނީއޭ. މަރެއް ނުވެޔޭ. އޭގެ ފަހުން މުހުސިންއާއި އޭނަގެ މަންމަ މަރުވީ. އަހަރެން ކެތް ކުރިން. މާތް ﷲ އަހަރެން ހިމޭނުން ލެހެއްޓެވިކަމަށްޓަކައި އެކަލާންގެއަށް ޙަމްދު ކުރަން. ﷲ އަށް ޙަމްދު ހުރި. އަހަރެން ޤުރުޢާން ކިޔަވަން. ނަބިއްޔާ صلى الله عليه وسلم އަށް ޞަލާވްވެސް ކިޔަވަން.
ޢަބްދުލްޢަލީމު މުޢީނީ؛ ބިންހެލުމުގައި ފުރާނަ ސަލާމަތްވި މީހެއް

ފެބްރުއަރީ 6، 2023 ވަނަ ދުވަހުގެ ބާރުގަދަ ބިންހެލުމުގެ ހަނދާންތައް އައު ކުރަމުން މުޢީނީ ބުނީ، އޭނާގެ ޢާއިލާއަށް ވުރެ ވަކިން ބޮޑަށް ހަނދާންވާ ދެވަނަ ދެކަމެއް ނުވަތަ ބަޔަކު ނެތް ކަމަށެވެ.

ވެއްޓިފައި ވާ ޢިމާރާތުގެ ކޮންކުރީޓްގަނޑުގެ ދަށުގައި މުޢީނީގެ ހަށިގަނޑުން ބައެއް ފެންނަން އޮތް މަންޒަރަކީ، ތުރުކީވިލާތުގެ ބިންހެލުމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ބައެއްގެ ސަމާލުކަން ހޯދި މަންޒަރެކެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި އެ މަންޒަރު ޝާޢިއުވެސް ކުރިއެވެ. ބިންހެލުން އައިތާ 2 ދުވަސްފަހުން، މީހުން ސަލާމަތް ކުރާ މީހުންގެ ޓީމު އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުން ދިޔަ އިރު، ބަލިބަލި ގޮތަކަށް އެ ޓީމުގެ މީހުންނަށް މުޢީނީ ހަނާ އަޅަމުން ދާ މަންޒަރު ފެންނަ އެ ތަސްވީރުން މިއަދުވެސް ކަރުނަ ހިލުވާލައެވެ. ވަކިން ހާއްސަކޮށް، މުޢީނީ މިއަދު އޮތް ޙާލު އެނގުމުންނެވެ.

މުޢީނީގެ އެއް ފައި ބުރިކޮށްލާފައި ވާ އިރު، އަނެއް ފައިގެ ކަކުލު ހުޅުން ތިރި އޮތީ ވާގިނެތިފައެވެ. އެއީ ކޮންކުރީޓްއާއި ގައުކުނޑިތަކުގެ ދަށުވެގެން ލިބުނު އަނިޔާގެ ސަބަބުންނެވެ. މުޢީނީއާއި އޭނާގެ ޢާއިލާއިން އުފާވެރި ދިރިއުޅެއް އުޅެމުން ދިޔަ ހަތޭ ޕްރޮވިންސްއަކީ، ބިންހެލުމުގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު ސަރަޙައްދެވެ.

މުޢީނީ މިހާރު ދިރިއުޅެމުން ދަނީ ތުރުކީވިލާތުގެ ހުޅަނގުއުތުރު ސަރަޙައްދުގައެވެ. އޭނާގެ މަންމައާއި، ދައްތައާއި ބޮޑުބޭބެ ކިޔާ 3 ކުދިންނާ އެކީގައެވެ. ޤަވައިދުން ފިޒިއޮތެރަޕީގެ ފަރުވާ ހޯދަމުންދާ މުޢީނީ މިއަދު ދެކެމުންދާ ހުވަފެނަކީ، މަސްނުޢީ ފައެއްގެ ނަޞީބު ލިބި، ވަޒީފާއަށް ދެވޭނެ ގޮތެއް ވުމެވެ. ދައްކަން ހުރި ބިލްތައް ޚަލާސް ކުރުމަށްފަހު ހަތޭއަށް ނުވަތަ އުފަން ވަޒަން ކަމުގައި ސޫރިޔާއަށް ބަދަލުވުމަށެވެ.

ޢާލަމްތަކުގެ ވެރި ﷲގެ ނިޔާފުޅަށް ކޮންމެ މީހަކުވެސް ކެތްތެރިވާންވާނެ. ކެތްތެރި ނުވާނަމަ، ބަލިގަނޑު ހައްތަހާ ބޮޑުވަމުން ދާނީ. ޝިފާ ލިބި، އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ މަގު، ﷲ ތަނަވަސްކޮށްދެއްވާނެ ކަމަށް އުންމީދު ކުރަން ވާނެ. އަހަންނާއި، ދެވެން އެހެން އެއްވެސް މީހަކަށްޓަކައި ދުނިޔެ ނުހުއްޓޭނެ. އެކަމަކު، ކޮންމެ މީހަކުވެސް ވާނެ ކެތްކުރަން. ޢާލަމްތަކުގެ ވެރި ﷲ އަށް އަޅުކަން ކުރަން... ﷲ އަށް ޙަމްދު ހުރި. މިތާ އިށީނދެލައިގެން މިހެން އިނދެ، ޤުރުއާން ކިޔަވާލާ، ތަސްބީޙަ ކިޔާލާ، ނަމާދުކޮށްލާ ހަދަން. މަންމައާއި، ދައްތަ، އަދި ބޭބެއާއި ދައްތަގެ ދަރިންކޮޅާ އެކީ ހީނ ސަކަރާތްވެސް ޖަހަން. އެއީ އަހަރެންގެ ދުވަހެއް ނިމިދާ ގޮތަކީ.
ޢަބްދުލްޢަލީމު މުޢީނީ؛ ބިންހެލުމުގައި ފުރާނަ ސަލާމަތްވި މީހެއް

އަނބިދަރިންނާއެކު ސޫރިޔާ ދޫކޮށް، ތުރުކީވިލާތަށް މުޢީނީ ބަދަލުވީ 2016 ވަނަ އަހަރުގެ ތެރޭގައެވެ. ސޫރިޔާގައި މުޢީނީ އުޅުނީ ކޮމްޕިއުޓަރ ވިއްކުމުގެ ވިޔަފާރިގައެވެ. ތުރުކީވިލާތަށް ހިޖުރަ ކުރުމަށްފަހު ދެން އުޅުނީ މޭވާއާއި ތަރުކާރީ ވިއްކުމުގެ ވިޔަފާރީގައެވެ.

13 އަހަރެއްހާ ދުވަހަށް ދިގުލައިގެން ދިޔަ ސޫރިޔާ ހަނގުރާމައިގެ ތެރެއިން ރެފިއުޖީންގެ ގޮތުގައި ނުކުތް އެތައް މިލިއަން ބަޔަކަށް ތުރުކީވިލާތުން މަރްޙަބާ ކިއެވެ.

މުޢީނީ މިހާރު ދިރިއުޅެމުންދާ ބުރްސާއޭ ކިޔާ ސަރަޙައްދަކީ، ހަތޭއާ އަޅާ ބަލާއިރު ކުލީގެ އަގުތައް 5 ގުނަ ބޮޑު ތަނެކެވެ. ކުލި ދެއްކުމާއި ކާބޯތަކެތީގެ ކަންކަން ހަމަޖެއްސުމަށް، މުޢީނީ ބަރޯސާވަނީ އޭނާގެ ބޭބެއަށެވެ.

މުޢީނީގެ ޞިއްޙީ ފަރުވާ ހިނގާ ޚަރަދުތަކުގެ ބިލްތައް ހުރީ ޚަލާސް ނުކުރެވި، ފުނިޖެހިފައެވެ. ބިންހެލުމުގައި ލިބުނު އަނިޔާއެއްގެ ސަބަބުން ހެދި ބްލެޑަރގެ އޮޕަރޭޝަނެއްގެ ބިލްވެސް އަދި އޮތީ ނުދެއްކިއެވެ.

އެތެރެހަށީގެ ޑޮކްޓަރު އަދި ރީހެބިލިޓޭޝަން ފިޒީޝަންއެއް ކަމަށް ވާ، ޑރ މައެވެ އަކްޔޫޒް ވިދާޅުވި ގޮތުގައި، އަލަށް ފެށި ފިޒިއޮތެރަޕީގެ ފަރުވާއާއެކު، ވާގިނެތިފައި އޮތް ފައިގައި ބާރު ޖެހިދާނެ ކަމުގެ އިޝާރާތްތައް ވަނީ ލިބިފައެވެ. ނަމަވެސް ހިނގާބިނގާވެ އުޅެވޭ ވަރު ވާނީ އަދި ވަރަށް ދުވަހުން ކަންވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

އޮތް ތަނުން ތެދުވެލުމަށާއި އެނޫންވެސް އެހެން ގިނަ ކަންކަން ކުރުމަށް، ދެވަނަ މީހެއްގެ އެހީ ބޭނުން ވާ މުޢީނީ ބުނި ގޮތުގައި، މިއަދު އޭނާއަށް ކުރެވޭހާވެސް ކަމަކީ ނަމާދު ކުރުމާއި، ކީރިތި ޤުރުއާން ކިޔެވުމެވެ. އަދި އެކުވެރިންނާއި ރަޙުމަތްތެރިންނާ ވާހަކަދައްކާލުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
100%
0%
0%
0%
ކޮމެންޓް