ކ. މާލެ
|
7 ޖުލައި 2024 | އާދީއްތަ 10:53
ފަލަސްޠީނަށް ދަޢުލަތެއްގެ ދަރަޖަ ދިނުމާ ބެހޭ ގޮތުން މަޖިލީހުން ގޮތް ނިންމުމަށް ކުރިއަށް ގެންދިޔަ ވޯޓުގައި، ފާޠިމާ ޕޭމަން ވޯޓު ދެއްވީ ލޭބަރ ޕާޓީގެ ޖަމާޢަތީ ފިކުރާ ޚިލާފަށް
ފަލަސްޠީނަށް ދަޢުލަތެއްގެ ދަރަޖަ ދިނުމާ ބެހޭ ގޮތުން މަޖިލީހުން ގޮތް ނިންމުމަށް ކުރިއަށް ގެންދިޔަ ވޯޓުގައި، ފާޠިމާ ޕޭމަން ވޯޓު ދެއްވީ ލޭބަރ ޕާޓީގެ ޖަމާޢަތީ ފިކުރާ ޚިލާފަށް
ގެޓީ އިމޭޖަސް
އޮސްޓްރޭލިއާ
ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟
އޮސްޓްރޭލިއާގެ ލޭބަރ ޕާޓީއަކީ އެ ޕާޓީގެ ޖަމާޢަތީ ފިކުރު ކުޑައިމީސްކޮށް، އެ ކަންކަމަށް ގޮންޖަހާ ފަރާތްތަކަށް ހަރުކަށި އަދަބުތަކެއް ދޭ ޕާޓީއެކެވެ. ޕާޓީއިން ބޭރު ކުރުންވެސް އަދަބުތަކުގެ ތެރޭގައި ހިމެނެއެވެ. އެއީ 130 އަހަރުގެ ތާރީޚެއްވެސް އޮތް ކަމެއްމެއެވެ. ލޭބަރ ޕާޓީގެ ސިޔާސީ ޝަޚްސުން އެންމެ ފަހުންވެސް އެފަފަ ކަމެއް ކޮށްފައި ވަނީ، ޕޭމަން އުފަންވުމުގެވެސް ކުރިންނެވެ.

ފާޠިމާ ޕޭމަން، އޭނާގެ ސަރުކާރާ ދެކޮޅަށް ވޯޓު ދިނުމަށް ސެނެޓް ތަޅުން ހުރަސް ކުރައްމުން ދިޔަ އިރު އޭނާއަށް އެނގިވަޑައިގެންނެވި އެއް ކަމަކީ، އޭނާގެ އެ ނިންމުމުގެ ނަތީޖާއާ ކުރިމަތިލާން ޖެހިވަޑައިގަންނަވާނެ ވަގުތެއް އަންނާނެ ކަމެވެ. އެކަމުގެ ލޮޅުންތައް ތަޖުރިބާ ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމެވެ.

އޮސްޓްރޭލިއާގެ ލޭބަރ ޕާޓީއަކީ އެ ޕާޓީގެ ޖަމާޢަތީ ފިކުރު ކުޑައިމީސްކޮށް، އެ ކަންކަމަށް ގޮންޖަހާ ފަރާތްތަކަށް ހަރުކަށި އަދަބުތަކެއް ދޭ ޕާޓީއެކެވެ. ޕާޓީއިން ބޭރު ކުރުންވެސް އަދަބުތަކުގެ ތެރޭގައި ހިމެނެއެވެ. އެއީ 130 އަހަރުގެ ތާރީޚެއްވެސް އޮތް ކަމެއްމެއެވެ. ލޭބަރ ޕާޓީގެ ސިޔާސީ ޝަޚްސުން އެންމެ ފަހުންވެސް އެފަފަ ކަމެއް ކޮށްފައި ވަނީ، ޕޭމަން އުފަންވުމުގެވެސް ކުރިންނެވެ.

ކަން އެހެން އޮތް ނަމަވެސް މިދިޔަ އަންގާރަ ދުވަހަކީ، ޢުމުރުން އެންމެ 29 އަހަރުގެ މަޖިލިސް މެންބަރު، އެ ނުރައްކާތެރި ފިޔަވަޅު އެޅުއްވި ދުވަހެވެ. ފަލަސްޠީނަށް ދަޢުލަތެއްގެ ދަރަޖަ ދިނުމާ ބެހޭ ގޮތުން މަޖިލީހުން ގޮތް ނިންމުމަށް ކުރިއަށް ގެންދިޔަ ވޯޓުގައި، ފާޠިމާ ޕޭމަން ވޯޓު ދެއްވީ ލޭބަރ ޕާޓީގެ ޖަމާޢަތީ ފިކުރާ ޚިލާފަށް، ގްރީން ޕާޓީއާއި ވަކިކޮޅަކަށް ނުޖެހޭ މިނިވަން ސެނެޓަރުންގެ ފިކުރާ އެއްކޮޅަށެވެ.

ރަސްމީ ސިފައެއްގައި ބަލާ ނަމަ އޮސްޓްރޭލިއާއަކީ، ވަކި ވެފައި ވާ މިނިވަން 2 ދައުލަތުގެ ގޮތުގައި އިޒްރޭލާއި ފަލަސްޠީނު އުފެދިގެން ދިއުމަށް ތާޢީދު ކުރާ ސަރުކާރެކެވެ. ނަމަވެސް އޮސްޓްރޭލިއާގެ ސެނެޓްގައި އޮތް މައްސަލައަށް ސަރުކާރުން ތާޢީދެއް ނުކުރެއެވެ.

ފާޠިމާ ޕޭމަން ވޯޓު ދެއްވިތާ މާ ގިނަ އިރތަކެއް ނުވެ، ޕާޓީ ކޮޓަރުން އޭނާ ސަސްޕެންޑް ކުރެވުނެވެ. ހަފުތާ ނިމޭ އިރު، އެ ނިންމުމަކީ ވަކި މުއްދަތެއް ނެތް ގޮތަށް އޮތް ނިންމި ނިންމުމަކަށް ވިއެވެ. އެއީ ދެންވެސް އެފަދަ ގޮތަކަށް މަޖިލީހުގެ ތަޅުން ހުރަސްކުރައްވަން ޖެހިވަޑައިގެންފި ހިނދެއްގައި އެކަން ކުރައްވާނެ ކަމަށް ޕާޠިމާ ޕޭމަން ވިދާޅުވި ހިސާބުންނެވެ.

އޮސްޓްރޭލިއާ ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި، ވެރިކަން ކުރާ ލޭބަރ ޕާޓީގެ މެމްބަރުންނަށް ލިބިދޭ އިމްތިޔާޒުތަކުން ފާޠިމާ ޕޭމަން އެކަހެރިވެވަޑައިގަތީ އަމިއްލަ ޢަމަލުތަކާއި ބަޔާންތަކުގެ ސަބަބުންނެވެ.

ބޮޑުވަޒީރު އަދި ލޭބަރ ޕާޓީގެ ލީޑަރު، އެންތަނީ އަލްބެނީޒްގެ ވާހަކަފުޅު ހުރީ މާ ޚުލާސާ ގޮތަކަށެވެ. އަލްބަނީޒް ވިދާޅުވި ގޮތުގައި، "އެއްވެސް މީހަކީ ޓީމަށް ވުރެ އިސް މީހަކަށް ނުވާނެ" އެވެ.

ޕާޠިމާ ޕޭމަން ވިދާޅުވި ގޮތުގައި، އޭނާ މިހާރު ހުރީ "އެހެލާފަ" އެވެ. ޕާޓީ ބައްދަލުވުންތަކާއި، ގުރޫޕު ޗެޓްތަކާއި، ހުރިހާ ކޮމިޓީއަކުންވެސް އޭނާ ވަކިކޮށްފައި ވާ ކަމަށެވެ.

މިހާތަނަށް އޮސްޓްރޭލިއާ ދުއް އެންމެ ސިންދަފާތު މަޖިލީހުގެ މެންބަރަކު ވޯޓު ދެއްވި ގޮތަކުން އޭނާ އެހެލުމާ ގުޅީގެން އެތައް ސުވާލެއް ވަނީ އުފެދިފައެވެ. މުޖުތަމަޢަށް ސީދާ ގޮތުން އަސަރު ކުރާ ކަންކަމުގެ ތެރެއަށް އޮފިޝަލުން ވަނުމަކީ ކޮން ކަހަލަ ކަމެއްތޯ ވެސް ބައެއް މީހުން ވަނީ ސުވާލު އުފައްދާފައެވެ. އަދި އޮސްޓްރޭލިގެ ނިންމުމުގެ އިޚްތިޔާރީ ފަރުވާގެ ނިޒާމެއް އޮތް ތޯވެސް ކަމާ ބެހޭ ފަރާތްތަކުން ވަނީ ސުވާލު ކޮށްފައެވެ.

ކޮންމެ ފިޔަވަޅަކީ މޭލެއް ހުރަސް ކުރުން ފަދަ

ފާޠިމާ ޕޭމަންއަކީ އޮސްޓްރޭލިއާގެ ޤާނޫނު ހަދާ މަޖިލީހުގައި ފާހަގަ ކުރެވޭ މެންބަރެކެވެ. އޭނާ ނިސްބަތްވެވަޑައިގަންނަވަނީ އޮސްޓްރޭލިއާގައި އެންމެ ބޮޑަށް އެކަހެރިކޮށް، ހަވާސާ ކުރެވިފައިވާ މީހުންގެ ތެރެއަށެވެ. ޒުވާން އަންހެނެކެވެ. ހިޖުރަވެރިއެކެވެ. މުސްލިމެކެވެ.

ސަރުކާރުގެ ފިކުރާ ދެކޮޅަށް މަޖިލީހުގެ ތަޅުން ހުރަސް ކުރެއްވުމަކީ އޭނާގެ ސިޔާސީ ކެރިއަރުގައި މިހާތަނަށް ނެންގެވި އެންމެ އުނދަގޫ ފިޔަވަޅު ކަމަށް ފާޠިމާ ޕޭމަން ވިދާޅުވިއެވެ. އެންމެ ފިޔަވަޅަކީވެސް، މޭލެއްހާ ދުރު ބުރަދަނެއް ކަމުގެ އިޙްސާސް ކުރެވުން ދިޔަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް އޭނާގެ ޢަމަލުތަކާ މެދު "ފަޚްރުވެރި"ވެވަޑައިގަންނަވާ ކަމަށާ، އެހެން މީހުންވެސް އެފަދައިން ކަން ކޮށްފައި ނުވާތީ އެކަމުގެ "ހިތި ހިތާމަ" ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ނަޞްލު ދޮވެލުމަށް ނިރުބަވެރި އިޒްރޭލުން ޣައްޒާގައި ހިންގަމުން ގެންދާ ގަތުލުއާންމަކީ އޮސްޓްރޭލިއާގެ ސިޔާސީ މަސްރަހުގައި ހައްސާސް މައްސަލައަކަށް އޮތީ ވެފައެވެ. ކޮންމެ ފަރާތަކުންވެސް މި މައްސަލާގައި އަމަލު ކުރަމުން ދަނީ ފިސާރި ބަލައިގެންނެވެ. ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް އެކަން އޮތީ ހަމަ އެހެންނެވެ. ވަކިން ޚާއްޞަކޮށް މުސްލިމުންނާއި ޔަހޫދީންގެ އާބާދުތައް އެއްތަނެއްގައި ދިރިއުޅޭ ސަރަޙައްދުތަކުގައެވެ. ފާޠިމާ ޕޭމަންގެ ނިންމެވުމަށް ތަރުޙީބު ލިބިވަޑައިގެންނެވި ފަދައިން، ފާޑުކިއުންތަކާވެސް ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ.

އޭން އެލީއަކީ އޮސްޓްރޭލިއާގެ ޤާނޫނު ހަދާ މަޖިލީހުން ފުރަތަމަ ފަހަރަށް ޖާގައެއް ކަށަވަރު ކުރެއްވި މުސްލިމް އަންހެން މެންބަރެވެ. 2016 ވަނަ އަހަރު މަޖިލީހުން ޖާގަ ހޯއްދެވި އޭން އަކީ، ޣައްޒާގައި ހިންގަމުން ގެންދާ ގަތުލުއާންމު ހުއްޓުމަކަށް ގެނައުމަށް އެންމެ ހަރުއަޑުން ވަކާލާތު ކުރައްވާ އެއް ޝަޚްސުވެސްމެއެވެ. ނަމަވެސް، މި ފަހަރު ފާޠިމާ ޕޭމަން ޢަމަލު ކުރެއްވި ގޮތާ ރުހެވެން ނެތް ކަމަށް އޭން ވަނީ ފާހަގަ ކުރައްވާފައެވެ. އޭނާއަކީ ކަންކަން ނިންމެވުމުގައި އަމަލީ ގޮތުން ނަތީޖާތަކެއް ފެންނާނެ ކަންކަން އިޚްތިޔާރު ކުރައްވާ މީހެއް ކަމަށާ، ނަމަވެސް ފާޠިމާ ޕޭމަންގެ ކިބައިން ފެނިވަޑައިގަތީ އެފަދަ ކަމެއް ނުން ކަމަށް އޭން ވިދާޅުވިއެވެ.

އޭންއާ ޚިލާފަށް، ޖޯޝް ބަރންސްއަކީ ޖުވިޝް ލޭބަރ ޕާޓީގެ ފަރާތުން މަޖިލީހުގައި އިންނަވާ މެންބަރެކެވެ. ފަލަސްޠީނުގެ މިނިވަން ދަޢުލަތުގެ މައްސަލާގައި ފާޠިމާ ޕޭމަންއާއި ޖޯޝް ބަރނންސްގެ ފިކުރި ތަފާތު ވިއެއް ކަމަކު، މި ޙާލަތުގައި ފާޠިމާ ޕޭމަންގެ އެންމެ ވަރުގަދަ ސަޕޯރޓަރުންގެ ތެރޭގައި އޭނާ ހިމެނިވަޑައިގަންނަވައެވެ.

އޮސްޓްރޭލިއާގައި ހިންގާ ދީނީ އެކިއެކި ޖަމިއްޔާތަކާއި އިދާރާތަކުންވެސް ވަނީ ފާޠިމާ ޕޭމަންގެ "ހިތްވަރުގަދަކަން" ފާހަގަ ކުރައްވާ، ގުޅިފައިވާ ބަޔާނެއް އާންމުކޮށްފައެވެ. އަދި އެ ޕާޓީއިން އެ ބަޔަކު ތަމްސީލު ކުރާ މީހުންގެ އަޑުތައް އިއްވުމަށްވެސް ލޭބަރ ޕާޓީއަށް ގޮވާލާފައިވެއެވެ. ސިޔާސީ އިމުގެ ތެރެއިން ހިސާބު ޖަހާ، ދެފަރާތަށް ކިރެމުން ދިއުމަކީ ފަލަސްޠީނުގެ މައްސަލާގައި ގެއްލުންދެނިވި ނަތީޖާތަކާ ކުރިމަތި ކުރުވާ ކަމެއް ކަމަށާ، އާޚިރު ނަތީޖާއަކަށް ވާނީ ފެއިލްވުން ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

ބޮޑުވަޒީރު އަލްބެނީޒް ސިފަ ކުރެއްވި ގޮތުގައި ފާޠިމާ ޕޭމަން ޖެއްސެވީ "ސްޓަންޓް" އެކެވެ. ބޭނުން ވަނީ އަސްލު ޙައްލުތަކެއް ކަމަށާ، ނަމަވެސް ގްރީން ޕާޓީއިން ޖެއްސި  "ސްޓަންޓް" ފަރުމާ ކޯށްފައި އޮތީ، އުނދަގޫ ފައްތަރަކަށް ފާޠިމާ ޕޭމަން ވައްޓާލަނިވި ގޮތަށް ކަމަށްވެސް ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.

ފާޠިމާ ޕޭމަންއާ މެދު އަލްބަނީޒްގެ ނިންމެވުން އައީ، ޕާޓީގެ ޤަވައިދުތަކުން ކަނޑައަޅާ ހަރުކަށި މިންވަރަށް ވުރެ މާ ލުއި ގޮތަކަށް ކަމަށް ޚަބަރު ލިބެއެވެ. ޕާޓިއިން މުޅިން ވަކި ކުރައްވާފައި ނުވާ އިރު، މިހާރު ކުރިއަށް ވަޑައިގަންނަވާ ރާސްތާ ބަދަލު ކުރައްވަން އިޚްތިޔާރު ކުރައްވާ ނަމަ އެ ޕާޓީގެ ތެރެއަށް އަލުން ވެންނެވުމުގެ ފުރުޞަތު ފާޠިމާ ޕޭމަންއަށް އަދިވެސް އެބަ އޮތް ކަމަށް މައުލޫމާތު ލިބެއެވެ.

ރަމްޒީ މަންދޫބެއް ނޫން

އަމިއްލަ ޤަބޫލު ކުރުންތަކާ ދެކޮޅަށް، ސިޔާސީ ޕާޓީގެ ފިކުރު އިސްކުރައްވައިގެން ވޯޓުދެއްވި މަންޒަރަކީ އޮސްޓްރޭލިއާގެ ސިޔާސީ ޝަޚްސުންގެ ފަރާތްޕުޅުން އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގައި ފެނުނު މަންޒަރުތަކެވެ. ބައެއް މައްސަލަތައް ނިންމުމަށް 10 ވަރަކަށް އަހަރު ހޭދަވި އިރު، އެހާ ދުވަހެއް ފަލަސްޠީނުގެ އަޚުންނާއި އުޚުތުންނަށް ނެތް ކަން ފާޠިމާ ޕޭމަން ވަނީ ފާހަގަ ކުރައްވާފައެވެ.

އޮސްޓްރޭލިއާގައި ވޯޓުލާ އާންމު ރައްޔިތުންގެ ފިކުރުވެސް މިހާރު ދަނީ މަޑުމަޑުން ބަދަލު ވަމުންނެވެ. ވަކިން ޚާއްޞަކޮށް، ޒުވާން ވޯޓަރުންގެ މެދުގައި، މިހާރު މަގުބޫލު ވަމުން ދަނީ ސިޔާސީ ޖަމާޢަތީ ފިކުރާ ދެކޮޅަށް ތެދުވެ، ގޮންޖަހަން ކެރޭ ސިޔާސީ މީހުންނެވެ. ސިންދަފާތީ ޚިލާފުތަކެއް ހުއްޓެއް ކަމަކު، ސިޔާސީ ޖަމާޢަތީ ފިކުރަށް ކިޔަމަން ވުމަށް ލާޒިމު ކުރުމަކީ ބަލައިގަންނަން ދަތި ކަމަކަށް ވާން ފަށައިފިއެވެ.

އޮސްޓްރޭލިއާއަށް ނިސްބަތްވާ މުސްލިމާއިންގެ މާ ބޮޑު އަޑެއް، ސިޔާސީ މައިދާނުގައި ނެތެވެ. ފާޠިމާ ޕޭމަން ނިސްބަވްވެވަޑައިގަންނަވަނީ ޠާލިބާނު ހަނގުރާމަވެރިން އަފްޣާނިސްތާނަށް އަތްގަދަ ކުރަން ފެށުމުގެ ސަބަބުން ރެފިއުޖީންގެ ގޮތުގައި، 1996 ވަނަ އަހަރު އޮސްޓްރޭލިއާއަށް ހިޖުރަ ކުރި ޢާއިލާއަކަށެވެ. ސިޔާސީ މައިދާނުގައި ކުރިއަށް ވަޑައިގަތުމުގައި ފާޠިމާ ޕޭމަންގެ ސަމުގާއަކީވެސް އެއީ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ވަގުތީ ސަސްޕެންޝަންގެ ޙުކުމް އިއްވުމާއެކު ފާޠިމާ ޕޭމަން ވިދާޅުވީ، އޭނާއަކީ ސިންދަފާތީ ތަފާތުތައް ތަމްސީލު ކުރުމަށް އިންތިޚާބު ކޮށްފައި ހުރި ރަމްޒީ މަންދޫބެއް ނޫން ކަމަށެވެ. އެ މަޤާމަށް އޭނާ އިންތީޚާބު ކޮށްފައި ވަނީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ކަމަށާ، ބައްޕަ ދުނިޔޭގައި އަށަގެންނެވި އާދަކާދަ ނެގެހެއްޓުމަށް ކަމަށްވެސް ފާޠިމާ ޕޭމަން ވަނީ ވިދާޅުވެފައެވެ.

އޮސްޓްރޭލިއާގެ ސަރުކާރުން އޭނާ ހަވާސާކޮށްފައި ވަނީ ޖެއްސުންކޮށް ރުޅިއަރުވައިގެން، އިސްތިޢުފާ ދޭނެ ގޮތެއް ހޯދުމަށް ކަމަށް ފާޠިމާ ޕޭމަން ތުހުމަތު ކުރައްވައެވެ. ނަމަވެސް ބޮޑުވަޒީރު ވިދާޅުވާ ގޮތުގައި އެއީ ފާޠިމާ ޕޭމަންގެ ސިޔާސީ ރަޢުޔު ބަދަލު ކުރުމަށް އެޅި ފިޔަވަޅެއް ނޫނެވެ. އެ ފިޔަވަޅަކީ، ޕާޓީ "ކުޑައިމީސް" ކުރި ކަމުގެ އަދަބެވެ.

ކަން މިހެން އޮތް އިރު، މަޖިލީހުގައި ނަގާ ހުރިހާ ވޯޓަކުން ދުރުވެވަޑައިގެން ވަކި ކޮޅަކަށް ވޯޓު ނުދެއްވާ އިންނަވާނީ ކަމަށް ފާޠިމާ ޕޭމަން ވަނީ ވިދާޅުވެފައެވެ. ނަމަވެސް ލޭބަރ ޕާޓީގެ އަގު ހިފެހެއްޓުމަށް އޭނާގެ ޟަމީރު ތަންދީފި ހިނދެއްގައި މެނުވީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް