ކ. މާލެ
|
26 ޖެނުއަރީ 2024 | ހުކުރު 16:27
"އަހާ"ގެ ނަމުގައި އާންމު ރައްޔިތުންނަށް ވަޒީރުންނާ ސުވާލުކުރުމަށް ފުރުޞަތު ހުޅުވާލައިގެން ބާއްވާ ސިލްސިލާ ފުރަތަމަ ފޯރަމް މިރޭ އޮންނާނެ
"އަހާ"ގެ ނަމުގައި އާންމު ރައްޔިތުންނަށް ވަޒީރުންނާ ސުވާލުކުރުމަށް ފުރުޞަތު ހުޅުވާލައިގެން ބާއްވާ ސިލްސިލާ ފުރަތަމަ ފޯރަމް މިރޭ އޮންނާނެ
ރައީސް އޮފީސް
ސަރުކާރުގެ އަހާ ޕްރޮގްރާމް
އަހައިގެން ނުބުނެވޭ! ދައްކަނީ ހުސް ދަޅަ!
 
ބައްދަލުވުމުގައި ސުވާލުތައް ކުރީ ކުރިން ޕްލޭންކޮށްގެން ވަކި ބަޔަކަށް ފުރުސަތު ދީގެން
 
މޮޑަރޭޓަރ ވާހަކަދެއްކެވީ ވަރަށް ބޮޑަށް ސަރުކާރު ޕްރޮމޯޓްކުރުމަށް

މި ސަރުކާރު ވެރިކަމަށް އައުމަށް ވެސް ވެރިކަމަށް އައުމަށް ފަހު ވެސް އެންމެ ބޮޑަށް ދައްކާ ވާހަކައަކީ ކަންކަން ސިއްރު ނުކުރާނެ ކަމުގެ ވާހަކައެވެ. ސަރުކާރުން ފޮރުވާނެ ކަމެއް ވަންހަނާ ކުރާނެ ކަމެއް ނެތް ކަމުގެ ވާހަކައެވެ. އަމުދުން ރައްޔިތުންނަށް ހާމަނުކުރާނެ ހަމަ އެންމެ ކަމެއް ވެސް ނޮއޮންނާނެ ކަމުގެ ވާހަކައެވެ. އެކަމަކު އަމަލުތައް ތޯއެވެ؟ ސަރުކާރުގެ ހިންގުމާއި ގުޅުން ހުރި ކަންކަމާއި މެދު ސުވާލުކުރުމުން ގިނަ ފަހަރު ވާ ވަރަކީ އެއްބޭފުޅަކަށް ގުޅައިގެން، އެ ބޭފުޅާ ދެއްވާ އެހެން ނަމްބަރަކަށް ގުޅައިގެން، އެ ބޭފުޅަކަށް ވެސް ޖަވާބު ނުދެވި އެއް ނަމްބަރުން އަނެއް ނަމްބަރުން ކޯލް ޕާސްކުރަމުން ދާން ޖެހުމެވެ. ދުވަސް ދެބައިވާ އިރު ވެސް ގިނަ ކަންކަމުގައި ޖަވާބެއް ނުދެއްވައެވެ. ޖަވާބެއް ދެއްވާ ފަހަރެއްގައި އެ ޖަވާބު ވަނީ ފަސްކާފު ހަމަ ނުވާ ޖަވާބަކަށެވެ. މަޝްރޫޢުއަކާއި މެދު ސުވާލުކޮށްފި ނަމަ ގިނަ ފަހަރު އެ މަޝްރޫޢުގެ މާލީ ތަފްސީލެއް ނުދެއްވައެވެ. ޕްރޮޕޯޒަލް އަށް ބިޑަށް ހުޅުވާނުލާ ސަބަބު ހާމައެއް ނުކުރައްވައެވެ. ބައެއް ކަންކަން ސިއްރު ޑީލްތަކުގެ ދަށުން ކުރާ ކަމަށް ތުހުމަތުކުރާ އިރު އެކަންކަމަށް ސަރުކާރުން ފަރުވާލެއް ނުދެއްވައެވެ. ދެން ވެސް ބުނަންވީ ހާމަކަން ބޮޑު ސަރުކާރެކޭތޯއެވެ؟ އެހެނެއް ނުވާނެ ނޫންތޯއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގެ ވާހަކަދައްކާ ކޮޅުން ނުލާނެއެވެ. ނޫސްވެރިންގެ ބައްދަލުވުމަކަށް ވުރެ ބޮޑަށް މިހާރު އެއީ ވަޒީރުންގެ މަޖިލީހުގެ ޔައުމިއްޔާ އިއްވާ ބައްދަލުވުމެވެ. ކުރާ ސުވާލަކަށް ޖަވާބު ނުދެވޭ ތަނުގައި ފަހުން ދެއްވާނެ ކަމަށް ބުނާ ޖަވާބުތައް ވެސް ބަހަބަރެވެ. ކަންކަން މިހެން ހުރި އިރު ސަރުކާރަށް ނޫސްވެރިންނަށް ޖަވާބު ނުދެވެނީ ހިތްޕުޅާ ވާގޮތަށް ސުވާލު ނޭހޭތީ ތޯއްޗެކެވެ. ކޮންމެއަކަސް ހާމަކަން ބޮޑުކަމަށް ދެއްކުމަށް ސަރުކާރުން ޖެހި މަޅިއަކީ "އަހާ" ނަމުގައި ފޯރަމް އެއް ބޭއްވުމެވެ. އާއްމުންނާއި ސުވާލުކުރަން ފުރުސަތު ދޭން ކަމަށް ބުނެ ބޭއްވި މި ފޯރަމް އަކީ ރާވައިގެން ތަރުތީބުވެގެން ކުޅުނު ޑްރާމާއެކެވެ. ސަރުކާރު ވައިޓް ވޮޝްކުރުމާއި، ކޮންޓްރޯލްކުރާ ޕްލެޓްފޯމެއްގައި ފެކްޓް ޓްވިސްޓް ކުރުމަށް މިއީ ވަރަށް މޮޅު އުކުޅެކެވެ. ވަޒީރުން ބައިވެރިވި މި ފޯރަމްގެ އިތުރު ވާހަކަތަކަށް ޖެހިލުމުގެ ކުރިން ޝޯގެ ހުށަހެޅުމުގެ ވާހަކަ ދައްކާނުލާ ފަރުޖައްސާލެވޭކަށް ނެތެވެ.

ޝޯގެ ހުށަހެޅުން ވަރަށް ފަށުވިއެވެ. އަޑު އަހާލަން ހިތްގައިމެވެ. އެކަމަކު ހުޝާމަތާއި، ތައުރީފުން ފުރިފައިވާ އެ ޝޯ ބަލާލަން ތިބި އިރު އާއްމުންނަށް ކުރެވޭ އިހުސާސަކީ ޕީޕީއެމް ޕީއެންސީގެ އެކްޓިވިސްޓަކު ޝޯ ހުށަހަޅާދޭ ކަމުގެ އިހުސާސެވެ. ޖަޒުބާތުގައި ދައްކަވާ ވާހަކަތަކާއި އާއްމުންގެ ވާހަކަތަކަށް ތައުރީފުގެ ބަސްތައް އިތުރުކޮށްގެން ސަރުކާރަށް ސަނާ ކިޔަމުން ދިއުމުން ހުށަހެޅުންތެރިޔާ އަކީ ޕީޕީއެމް ޕީއެންސީގެ އެކްޓިވިސްޓެއްހެން ހީ ނުވާ ވަރެއް ނޫނެއް ނޫންތޯއެވެ. އެ ބޭފުޅާގެ ނަމެއް ދަންނަވާކަށް ނެތީމެވެ. އެކަމަކު ބައެއް ފަހަރު އެ ބޭފުޅާ އަކީ ސަރުކާރުގެ ތަރުޖަމާނުބާއޭ ވެސް ހިތަށް އަރައެވެ. އެއީ ވަޒީރުން ދައްކަވާ ވާހަކަތަކަށް ވެސް ފޮނިތޮށި ކާފޫރު އިތުރުކޮށްލާ، ރަހަ ހެޔޮވަރުކުރުމުގައި އެ ހުށަހެޅުންތެރިޔާ ހަމަ އެންމެ ތަންފުކެއްވެސް ދޫ ނުދޭތީ ހީވާ ހީވުމެކެވެ. ވަޒީރުން ސަރުކާރުގެ މޮޅު ވާހަކަ ދައްކާނެތާއެވެ. އެކަމަކު ހުށަހެޅުންތެރިޔާ ވެސް "އާއެކޭ އިރު އަރަންދެން ތިއްބަސް ސަރުކާރުގެ މޮޅު ވާހަކަ ދައްކާ ނުނިމޭނެ" ކަމަށް ދޭހަވާ މޭރުމަކުން ވާހަކަދެއްކެވުމުން، އެއީ ސަރުކާރުގެ ޕީއޭރުކަމަށް ސިފަކުރެވުނެވެ. މުޅި ފޯރަމްގަ ވެސް ކަންކަން ހިނގީ މި ދެންނެވި ބީދައިންނެވެ.

އެ ބައްދަލުވުމުގަ ވަޒީރަކު ތަކުރާރުކޮށް ވިލިމާލެ އާއި މާލެ އާއި މެދު އަޅާ ބްރިޖް "ހުތުރު" ވާނެ ވާހަކަ ދެއްކެވިއެވެ. އެކި ގޮތްގޮތަށް އެ ވާހަކަތަ ފަށްފަށްކޮށްގެން ދެއްކެވި މަންޒަރު ފެނުނެވެ. ޗައިނާ ބްރިޖުގެ ޗާލޫ ވާހަކަ ދައްކަވާ ވަޒީރު ނިންމާލެއްވުމުން މޮޑަރޭޓަރަކަށް ހުންނެވި ބޭފުޅާ ތިމަންނާމެން ބޭނުން ވަނީ "ރީތި" ބްރިޖެއް ކަމަށް ވިދާޅުވިއެވެ. އެހެންވީމަ މޮޑަރޭޓަރަކަށް ވުރެ ބޮޑަށް ސަރުކާރަށް ސަނާކިޔާ ސަރުކާރު ޕީއާރުގެ ސިފަތައް އެ ބޭފުޅާގެ ކިބައިން ބޮޑަށް ފެނުނެވެ. ދެން އަދި މި ފޯރަމްގެ ވާހަކަ މި ފެށުނީއެވެ. މިއީ ނިކަން ބޮޑު ޕްރޮޖެކްޓެއް ކަމަށް ވެސް ރޭ ބޭފުޅަކު ސިފަކުރައްވައިފިއެވެ. މި ވައުދުވިތާ 34 ދުވަސްތެރޭ ވައުދު ފުދުނު ވާހަކަ ނިކަން އަޑަށް ބާރުލާފައި ވިދާޅުވިއެވެ. އެހެންވީމަ ބައްދަލުވުމެއް ބާއްވަން މަހެއްހާ ދުވަސް ނެގީމަ މިއީ ކިހާ ބޮޑު މަޝްރޫޢުއަކަށް ވާނެތާއޭ ހިތަށް އަރައެވެ. މިހާ ބޮޑު ބައްދަލުވުމެއް މަހެއް ފަހުން ވެސް ބޭއްވުނުކަން ނަސީބުތާއެވެ. މި ބައްދަލުވުމެއް ބާއްވާ ވާހަކަ ރައީސް ވިދާޅުވި މަންޒަރުވެސް ދައްކާ، އިޝްތިހާރު ކުޅުނު ގޮތުން މިއީ އާދައިގެ ބައްދަލުވުމެއް ހެނެއް ހިއެއް ނުވެއެވެ.

ކުރާ ކަމަކީ ކަންދެއްކުމެވެ. މާ ހާމަކަން ބޮޑު ބައެއް ކަަމަށް ދައްކާ މަތި އޮމާންކުރިއެއް ކަމަކު ސިޔާސަތުތައް ހާމަކުރުމުގެ ނަމުގައި ކުރައްވާ ކަންކަމަކީ ޒިންމާ އިން ރެކިގަންނަން މަސައްކަތް ކުރެއްވުމެވެ. އެ ބައްދަލުވުމުން ފެށުމުގެ މާކުރިން ވަކި ބަޔަކު އެތަނަށް ގެންގޮސްގެން މީހުން އަތުރާފައި ތިބި އިރު ސުވާލުތަކަކީ އާއްމުންގެ ސުވާލުތައް ކަމަށް ގަބޫލުކުރަން ދައްޗެވެ. ކުރީބަރީގައި ތިބީ ސުވާލު ދީގެން ގެނައި ބޭފުޅުންކޮޅެކެވެ. ކުރީ ސަރުކާރަށް އޮށްގާ އުކަން މަގުފަހިކޮށްދޭނެހެން ސުވާލުތައް ރާވައިގެން ކުޅުނީ ބޮޑު ޑްރާމާއެކެވެ. މުޅި ބައްދަލުވުމުގައި ދަމަނީ އެއް ހާސަރެކެވެ. އެއީ ކުރީ ސަރުކާރު، އެ ސަރުކާރު، ރައީސް ޞާލިހުގެ ސަރުކާރެވެ. އަޅުގަނޑުގެ އެކުވެރި ނޫސްވެރިއަކު ވެސް އާއްމު މީހެއްގެ ހައިސިއްޔަތުން ވަޒީރުންނަށް ސުވާލުކުރަން އެތަނަށް ދިޔައެވެ. އެކަމަކު ދެ ގަޑި އިރު ފަހުން މާޔޫސް ކަމާއި އެކު އަންނަން ޖެހުނީ ސުވާލެއް ނުކުރެވިއެވެ. މިއީ ވަކި ބަޔަކަށް ފުރުސަތު ދީގެން ވަކި މަންޒަރެއް ދައްކަން ކުރާ ކަމެއް ކަން އެނގޭނަމަ ގައިމު ވަގުތުތަކެއް ނަގާލާފައި އޭނާ ވެސް އެތަނަކަށް ނުދިޔައީސް ނޫންތޯއެވެ. އެތަނުގައި މައިކް ހިފަހައްޓައިގެން 10 ވަަރަކަށް މިނިޓް ހުރި ފަހުން ސުވާލު ކުރަން ފުރުސަތު ނުދީ މައިކް އަނބުރާ ގެންދެވީއެވެ. އަހާށޭ ކިޔާފަ ގެންދަވާފަ، އަހަން ފުރުސަތު ދެނީ ހިތް ރުހޭ ސުވާލުތަކެވެ. ހިތް އެދޭ ވާހަކަތައް ދައްކަން މަގުފަހިކޮށްދޭނެ ވާހަކަތަކާއި ގުޅޭ ސުވާލުތަކެވެ. ސުވާލު ލިޔެގެން ސުވާލުކުރަން ތައްޔާރުވެގެން ދިޔަ އެތައް ބަޔަކަށް ޖެހުނީ ހަމަ މި ހާލެވެ. އަހާނެ ފުރުސަތެއް ނުލިބުނެވެ.

ދެން ވަޒީރުން ދެއްކެވި ވާހަކަ އަކީ ވެސް ކުރީ ސަރުކާރު ކުށްވެރިކުރުމުގެ ވާހަކައެވެ. ދެންދެއްކެވި އަނެއް ވާހަކަ އަކީ ދަރަނީގެ ވާހަކައެވެ. ކޮންމެ ދައުރެއް ނިމޭ އިރު ވެސް ދަރަނި އޮވެއެވެ. ދަރަނިތައް ހުންނަނީ ވުޒާރާތަކަށް ބެހިފައެވެ. ކުރީ ސަރުކާރު ވެރިކަމާއި ހަވާލުވި އިރުވެސް އެ ބުނާ ދަރަންޏެއް އޮތެވެ. އެކަމާއި ބޮޑާ ހާކާ ފޫކަހާފައި ތިބި ތަނެއް ނުދެކެމެވެ. މި ބޭފުޅުން ވެރިކަަމަށް ވަޑައިގަތީ ދަރަނީގެ މައްސަލަ ހައްލުކުރަން ކަމަށް ވިދާޅުވެއެވެ. ދެން މިއަދު އެކަން ސަރޕްރައިޒްއަކަށް ވާންވީ ސަބަބެއް ނޭނގުނެވެ. އަދި ކުރީ ސަރުކާރުގެ ވާހަކަދައްކާ ބޮޑާ ހާކަން އާއްމުން ގެންގޮސް އެ މީހުން ޑްރާމާއެއްގައި ނުޖެއްސިއަސް ސަރުކާރަށް އެހެން ޕްލެޓްފޯރމްތަކުގައި ވެސް އެ ވާހަކަދެއްކިދާނެއެވެ. މިއަދު އާއްމުންނަކީ މިއަށް ވުރެ ހޭލުންތެރިބައެކެވެ. އަހާށޭ ބުނާނަމޭ ކިތަންމެ ގިނައިން ބުންޏަސް އަހާ ސުވާލަށް ހަގީގަތުގައި ޖަވާބެއް ނުދެވެއެވެ. ކުރެވޭހާވެސް ކަމަކީ ޑްރާމާ ކުޅުއްވުމެވެ. ޖަވާބެއް ނުދެވެއެވެ. އަޅުވަނީ އަނދުނެވެ. ބައްދަލުވުމުގައި ބައެއް ބޭފުޅުންނަށް ލިޔެދީފައިވާ ސުވާލުތައް ކޮށާ ބޮށާ ވެސް ނުކުރެވެއެވެ. އަމިއްލަ އަށް ކުރާ ސުވާލެއް އެހާ އުނދަގުލުން ކުރާނެހެނެއް ނުވެއެވެ. މިއީ ރޭވިގެން، ވަކި މަޤްސަދެއްގައި ކުރި ކަމެކެވެ. ނޫސްވެރިންނަށް ޖަވާބު ނުދީ ފިލާ ފިލުމަށް މިކަމުން ފަސް އެޅިދާނެހެން ހީވަނީތޯއެވެ.

ދެން މަޝްރޫޢުތައް އަލުން ފެށި ވާހަކަ ވަރަށް ފަހުރުވެރިކަމާއި އެކު ވިދާޅުވިއެވެ. އެއީ ހެޔޮފުޅުކަމުން ކޮށްދެއްވި ކަމެއް ނޫނެވެ. ފުރަތަމަކަމަށް މަޝްރޫޢުތައް ހުއްޓޭކަށް ނުޖެހެއެވެ. ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު މަޝްރޫޢުތައް ހުއްޓި އާއްމުންނަށް ގެއްލުންވާކަށް ނުޖެހެއެވެ. އަމިއްލަފުޅަށް މަޝްރޫޢުތައް ހުއްޓާލައްވާފައި، އަލުން އެކަން ފައްޓާވާފައި އެއީ މާ ބޮޑު ކްރެޑިޓެއް ލިބޭނެ ކަމެއް ކަމަށް ހީކުރައްވާ ނަމަ އެއީ ކުށްހީއެކެވެ.

އެހެން ނޫންނަމަ އިޓްލޮސް މައްސަލައިގައި މަސައްކަތް ކުރާ މީހުންނާއި އެކަމަށް ހޭދަވާ އަގު ހަމަކުރީހެވެ. ފުށި ދިއްގަރުފަޅުން ބޭރު ބަޔަކަށް ބިން ދިނުމުގެ ކުރިން އެކަން ހާމަކުރީހެވެ. މިހެން ގޮސް ކިތަންމެ ކިތަންމެ ކަމެކެވެ. އެމަކަކު މިއަދަށް ދެން ކުރުކޮށްލާނަމެވެ. އެކަމަކު މިހެން އަހާށޭ ކިޔާފަ، ދަޅަ ދެއްކުން ހުއްޓާލުން ބުއްދިވެރިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
100%
ކޮމެންޓް
ގުޅުންހުރި