އާދީއްތަ 25 އޯގަސްޓު 2019
02 ފުރަ
1440 ޒުލްޙައްޖު 23
ފަތިސް 04:47
އިރުއަރާ 06:00
މެންދުރު 12:12
އަސްރު 15:21
މަޣްރިބް 18:17
އިޝާ 19:29
ރިޕޯޓު - އާސަންދަ ހިދުމަތް

ހުސްނުވާ އާސަންދަ: އޯވަރހޯލް ކުރަންޖެހިފައިވާ ދަރަނިވެރި ނިޒާމެއް

  • ބަޖެޓުގައި އާސަންދައަށް 856 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ
  • މި އަހަރުގެ މިހާތަނަށް 5 މިލިއަން ޑޮލަރު ބޭރު ގައުމުތަކުގެ ހޮސްޕިޓަލުތަަކަށް ވަނީ ހޭދަކޮށްފަ
  • އާސަންދަ ސްކީމަކީ ހަރަދު ބޮޑު ނިޒާމެއް

ފާތިމަތު ޝަނާ މުހައްމަދު
FathimathShana

ކ. މާލެ 9 މެއި 2017 | އަންގާރަ 18:13 4,382

އޭޑީކޭ ހޮސްޕިޓަލް - އަޒުމޫން އަހުމަދު

މިދިޔަ ހޮނިހިރު ދުވަހު، ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓާއި އެކު އެރޭ އާންމުންގެ އެންމެ ބޮޑު ސަމާލުކަމެއް ހުއްޓުނީ، ސިއްހީ ހިދުމަތްދޭ އަމިއްލަ ތަންތަނުން އާސަންދަ ކަނޑާލަން ނިންމި ނިންމުމަށެވެ. މި ނިންމުމާއި އެކު ގިނަ ބައެއްގެ ފާޑު ކިޔުންތަކެއްވެސް ސަރުކާރަށް އަމާޒުވެގެން ދިޔައެވެ. ހަގީގަތުގައިވެސް އެއްޗެއް އުނިވެގެންދިއުމުން، ޚާއްސަކޮށް މިފަދަ އަސާސީ ޚިދުމަތެއްގެ ތެރެއިން ލިބެމުންދިޔަ ފަސޭހަތައް ގެއްލިގެން ދިއުމުން ކޮންމެ ބަޔަކަށްވެސް އޭގެ އަސަރު ކުރާނެއެވެ. ހަމައެއާއިއެކު ސަރުކާރުގެ ނިންމުމަށް 48 ގަޑިއިރުވެސް ހަމަނުވަނީސް، ނިންމުން ބަދަލުކޮށް، ޚިދުމަތް ވަނީ ކުރިން ދެމުން އައި ގޮތަށް އިޔާދަކޮށްފައެވެ.

މިފަދަ ނިންމުންތަކެއް ސަރުކާރުން ނިންމަންޖެހުނު، ނުވަތަ ހުސްނުވާ އާސަންދަ ފަދަ ޔުނިވަރސަލް ހެލްތު ސްކީމެއް ކުރިއަށްގެންދަން ޖެހުނު ސަބަބަށް ބަލާލާނަމެވެ.

އާސަންދަ ކުންފުނިން މިދިޔަ ހޮނިހިރު ދުވަހު އާސަންދަ ޚިދުމަތް މެދުކަނޑާލިކަން ހާމަކޮށް، އާސަންދައިން ބުނެފައިވަނީ، އާސަންދަ ސްކީމް ހިންގުމުގެ އުސޫލްތައް މުރާޖައާ ކުރަމުންދާތީ، 2017 ވަނަ އަހަރުގެ އެއްބަސްވުން އެކުލަވާލެވެންދެން ނުވަތަ އެހެން ގޮތަކަށް ކުންފުނިން އަންގަންދެން، 2016 ވަނަ އަހަރު އެކުލަވާލެވިފައިވާ އެއްބަސްވުންތަކާއި އެއްގޮތަށް ޚިދުމަތް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް އަންގާފައިވާނެ ކަމަށެވެ.

ސަރުކާރުން ސިއްހީ ޚިދުމަތްދޭ އަމިއްލަ ތަންތަނުން އާސަންދަ ޚިދުމަތް މެދުކަނޑާލުމަށް ފަހު އެނިންމުން ބަދަލު ކުރި ބަޔާނުގައިވާ ވާހަކަތަކަށް ބަލާއިރު، ރާއްޖޭގެ ހެލްތު އިންޝިއުރެންސް ސްކީމަކީ ޚަރަދު ބޮޑު ނިޒާމެއްކަން ދޭހަވެއެވެ.

"މި ނިޒާމުގެ ހިންގުމުގެ ޚަރަދުތަކާއި، ޞިއްޙީ ޚިދްމަތުގެ ޚަރަދުތައް ކުޑަކޮށް، ޞިއްޙީ ވަސީލަތްތައް އެންމެ ފައިދާކުރަނިވި ގޮތެއްގައި ބޭނުންކުރެވެމުން ނުދާތީ، ނިޒާމަށް ސަރުކާރުން ކުރާ ޚަރަދުތަކުގައި އިސްރާފު އުޅޭކަމަށް ބޭރުގެ މާލީ އިދާރާތަކުން ދަނީ ފާހަގަކުރަމުންނެވެ. އަދި ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް މި ނިޒާމުގެ ކަންކަން ތަރުތީބު ކުރުމަށްވެސް އެ ފަރާތްތަކުން ލަފާ ދީފައިވެއެވެ." ރައީސް އޮފީހުން ނެރުނު ބަޔާނުގައި ބުނެއެވެ.

މިކަމުންވެސް ދޭހަވަނީ ރާއްޖޭގެ ޕަބްލިކް ހެލްތް އިންޝިއުރެންސް ނިޒާމުގެ މައްސަލަތަކެއް ދިމާވެފައިވާ ކަމެވެ. ދުނިޔޭގެ ތަހުޒީބީ މުޖުތަމައުގައި އިންޝިއުރެންސް ސްކީމްތައް ހިންގާ ގޮތަށް ބަލާލާނަމެވެ.

ފްރާންސްގެ ޕަބްލިކް ހެލްތު އިންޝުއަރެންސް ސްކީމުގެ ތެރެއިން އެގައުމުގެ ރައްޔިތުންނަށް ސިއްހީ ހިދުމަތް އެންމެ ފުރަތަމަ ބޭނުން ކުރަންޖެހެނީ އަމިއްލަ ޚަރަދުގައެވެ. އަދި ބިލްތައް ހުށަހެޅުމުން ސަރުކާރުން އެ ޚަރަދުތަކަށްދާ ފައިސާ އަނބުރާ ދައްކައިދެއެވެ. ފައިސާ ޖަމާކުރަނީ ޕޭޝަންޓްގެ އަމިއްލަ އެކައުންޓަށެވެ. މިކަމަށް ފަސް ދުވަސް ހޭދަވެއެވެ. މި ސިސްޓަމުގެ ތެރެއިން ބޭނުން ހޮސްޕިޓަލަކަށް ނުވަތަ ޑޮކްޓަރަކަށް ދެއްކުމުގެ އިޚްތިޔާރު އެ ރައްޔިތަކަށް ލިބިގެންވެއެވެ. ފައިސާ ދެއްކުމުގައި ސަރުކާރުން ކަވަރ ކުރަނީ ކުރާ ޚަރަދުގެ 70 އިންސައްތައާއި 100 އިންސައްތައާއި ދެމެދުގެ އަދަދެކެވެ. ފަގީރުންނާއި ދާއިމީ ބޮޑެތި ބަލިތައް ޖެހިފައވާ ފަރާތްތަކަށް ސިއްހީ ޚިދުމަތުގެ ހުރިހާ ޚަރަދެއް ސަރުކާރުން ބަލަހައްޓައިދެއެވެ.

ޖަޕާނުގައި ހެލްތް އިންޝުއަރެންސް ދޭ ގޮތަށް ބަލާލާ އިރު ވަޒީފާތަކުގައި މަސައްކަތް ކުރާ މީހުންނަށް ވަޒީފާދޭ ފަރާތުން، ސިއްހީ ޚަރަދުގެ 20 އިންސައްތަ ފިޔަވާ އެހެން ހުރިހާ ޚަރަދެއް ކަވަރ ކޮށްދެއެވެ. އިންޝުއަރެންސް ނުލިބެނީ އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކާއި ވަޒީފާތަކުގައި އުޅޭ ފަރާތްތަކަށެވެ. އަދި މިފަދަ ފަރާތްތަކަށް ނޭޝަނަލް ހެލްތް އިންޝިއުރެންސްގައި ބައިވެރިވާންޖެހެއެވެ. މި ސިސްޓަމުގެ ތެރެއިން އެނދުމަތިކޮށްގެން ދޭ ފަރުވާ އާއި އެނދުމަތި ނުކޮށް ދޭ ފަރުވާގެ 30 އިންސައްތަ ފިޔަވައި އެހެން ހުރިހާ ޚަރަދެއް ސަރުކާރުން ކޮށްދޭނެއެވެ. އަދި 70 އަހަރުން މަތީގެ މީހުން އަމިއްލަ އަތުން ޚަރަދުކުރަން ޖެހެނީ ޚިދުމަތުގެ އަގުގެ 10 އިންސައްތަވެ.

ސްޕެއިންގެ ސިއްހީ ހިދުމަތަކީ މުޅިގައުމުގެ ހުރިހާ ރައްޔިތުންނަށް ހިލޭ ފޯރުކޮށްދޭ ޚިދުމަތަކެވެ. އަދި 2012 ވަނަ އަހަރުގައި ގައުމުން ބޭރު މީހުންނަށްވެސް އެމަރޖެންސީ ހާލަތްތަކުގައި ޚިދުމަތް ހޯދުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ. ސަރުކާރުން ފޯރުކޮށްދޭ، ހެލްތް ކެއަރގެ 90 އިންސައްތަ އެގައުމުގެ ރައްޔިތުން ބޭނުން ކުރާ އިރު އަމިއްލަ ހެލްތް އިންޝިއުރެންސް ބޭނުން ކުރަނީ 18 އިންސައްތަވެ.

ގައުމުތަކުގައި ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމަށް، އެކި އުސޫލުތައް ބައްޓަން ކުރެވިފައިވާ އިރު ސިއްހީ ޚިދުމަތް ބޭނުން ކުރުމުގެ އެންމެ ލުއި ފަސޭހަ ގޮތްތަކެއް ގާއިމްވެފައިވަނީ ތަރައްގީވެފައިވާ ގައުމުތަކުގައެވެ. ޚިދުމަތް ހިލޭދިން ނަމަވެސް، އެ ޤައުމުތަކުގައި ވަނީ ޚިދުމަތް ދިނުމަށް ވަރުގަދަ އުސޫލުތަކެއް ހަދާފައެވެ. އަދި ޚިދުމަތް ހޯދުމުގައިވެސް ވަކި މިންގަނޑުތަކަކާއި، ލިމިޓްތަކެއްވެސް ވަނީ ކަނޑައަޅާފައެވެ.

ރާއްޖޭގައި މި ނިޒާމަކީ ޚަރަދު ބޮޑު ނިޒާމެކެވެ. ސިއްހީ ޚިދުމަތްދޭ ސަރުކާރު ހިއްސާވާ ތަންތަނުން ދޭ ޚިދުމަތްތަކަށް ފައިސާ ދެއްކުމުގައި ވަކި އުސޫލުތަކެއް ކަނޑައެޅިފައެއްނެތެވެ. މީގެ އިތުރުން ޚިދުމަތްތައް ދިނުމުގައި ނުވަތަ އާސަންދައިގެ ޚިދުމަތް ހޯދުމުގައިވެސް ސިޔާސީ ގޮތުން ނުފޫޒު ގަދަ ފަރާތްތަކުގެ އެހީތެރިކަމާއިއެކު، އާސަންދައިން ކަނޑައަޅާފައިވާ މިންގަނޑުތަކުން ބޭރުންވެސް ޚިދުމަތްތައް ފޯރުކޮށްދީފައިވެސް އެބަހުއްޓެވެ.

ހަރުދަނާ، ތަންފީޒު ކުރެވޭ އުސޫލުތަކެއް ނެތި، އެވަގުތަކަށް ފެނުނު އެންމެ ރަނގަޅު އުސޫލަކުން މިފަދަ މުހިއްމު، ޚަރަދުބޮޑު ޚިދުމަތެއް ހިނގަންވުމުން، ޚިދުމަތުގެ ނިޒާމު އެކުގައި ބޮއްސުންލައި، ޚިދުމަތްދޭ ފަރާތް ދަރަނިވެރިވެރިވެއެވެ. މިއަދު ރާއްޖެއަށްވެސް މިވަނީ މި ހާލަތު އައިސްފައެވެ.

ސިއްހީ ޚިދުމަތްދޭ އަމިއްލަ މަރުކަޒުތަކާއި ކްލިނިކް ތަކުން ހުށަހަޅާފައިވާ 2500 އަށް ވުރެ ގިނަ ބިލްތަށް މިހާރުވެސް އާސަންދައިން ފައިސާ ހަމަޖައްސާދެވިފައެއް ނުވެއެވެ. މީގެ ތެރެއިން ބައެއް ބިލްތަކަކީ ހަ މަސްދުވަހަށްވުރެ ގިނަ ދުވަސްވެފައިވާ ބިލްތަކެވެ.

އާސަންދަ ނިޒާމުގައި ކަނޑައެޅިފައިވާގޮތުން، އެއް މަސްދުވަހުގެ ތެރޭގައި ސިއްހީ ޚިދުމަތްދޭ އަމިއްލަ ކުންފުނިތަކުން ހުށަހަޅާފައިވާ ބިލްތަކަށް ފައިސާ ދައްކަންޖެހެއެވެ.

މީގެ އިތުރުންވެސް އާސަންދަ ކުންފުނިން އަންނަނީ، ބޭރުގެ ސިއްހީ ހިދުމަތްދޭ ހޮސްޕިޓަލުތަކަށްވެސް ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމްތައް ހަމަޖައްސާދެމުންނެވެ. މިއަހަރު އަދި ދެބައި ނުވާއިރު، މިހާރުވެސް އާސަންދައިން ވަނީ ބޭރުގެ އެކި ހޮސްޕިޓަލްތަކަށް ފަސް މިލިއަން ޑޮލަރު ދައްކާފައެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ 89 މިލިއަން ރުފިޔާއެވެ.

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން 2012 ވަނަ އަހަރު އާސަންދަ ޚިދުމަތް ފަށާފައިވާއިރު މި ޚިދުމަތް އޭރު ފަށާފައިވަނީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ވަކި ލިމިޓެއް ކަނޑައެޅިގެންނެވެ. އޭރު އެއީ ވާނެ ކަމެއް ނޫންކަމަށް އެތައް ބަޔަކު ބުނަމުންދިޔަ ނަމަވެސް އެ ސަރުކާރުން ވަނީ ވަކި އުސޫލުތަކެއްގެ ތެރެއިން އާސަންދައިގެ ޚިދުމަތް ހަގީގަތަކަށް ހަދާފައިވާކަން ރައްޔިތުންނަށް ދައްކާލާފައެވެ.

ރައީސް ޔާމީނުގެ ސަރުކާރު ވެރިކަމަށް އައުމަށްފަހު މި އިންޝުއަރެންސް ސްކީމަށް އިތުރު ކަންތައްތަކެއް އެއްކުރެވިގެންދިޔައެވެ. ކުރިން ކަވަރ ނުކުރާ އެތަށް ޚިދުމަތެއް އާސަންދައިގެ ދަށުން ކަވަރ ކޮށްދީ، އިތުރު ޚަރަދުތަކެއް އަނެއްވެސް އިތުރުވެގެންދިޔައެވެ. "ހުސްނުވާ އާސަންދަ" އިގެ ނަމުގައި ފެށި މި ޚިދުމަތުގެ ސަބަބުން ބަޖެޓަށް ލިބުނީ އިތުރު ބުރަހެލިކަމެކެވެ.

އިގްތިސާދީ ގޮތުން ބަލާ އިރު، ސިއްހީ ޚިދުމަތްތައް ބޭރުގައުމުތަކުން ދޭހާ ހިނދަކު، ސިއްހީ ޚިދުމަތް ހިލޭ ފޯރުކޮށްދިނުމަކީ "ކޯސްޓް އެފިޝަންޓް" ކަމަކަށް ނުވާނެއެވެ.

އާސަންދަ އަށް 2016 ވަނަ އަހަރުގެ ބަޖެޓުން 1.5 ބިލިއަން ރުފިޔާ ކަނޑައެޅި ނަމަވެސް މިއަހަރު ގެ ބަޖެޓުގައި އެއަދަދު ވަނީ 856 މިލިއަން ރުފިޔާއަށް ކުޑަކޮށްފައެވެ.

އޭރު ސަރުކާރުން ބުނެފައިވަނީ އާސަންދަގެ ބަޖެޓު ކުޑަވި ނަމަވެސް އާސަންދައަށް ބަދަލެއް އައިސްދާނެކަމަށް ރައްޔިތުން ކަންބޮޑުވާން ނުޖެހޭނެ ކަމަށާއި ހަރުދަނާ އިންތިޒާމުތަކެއްގެ ތެރެއިން އާސަންދައިގެ ޚަރަދުތައް ކުޑަކުރަން ނިންމީ ކަމަށެވެ.

މިދިޔަ އަހަރު ނިމުނު އިރު މި ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި އިތުރުވި ތިން ބިލިއަން ރުފިޔާ އާއި އެކު ދައުލަތުގެ ޑެފިސިޓް ވަނީ 4.3 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ ހައްތަހާވެސް ޚަރަދުތައް ބެލެހެއްޓުމުގައި ސަރުކާރުން ވިސްނަންޖެހޭ ކަންކަމެވެ. މެގަ ބޮޑެތި ހުރިހާ ޕްރޮޖެކްޓެއް އެތަށް މިލިއަން ޑޮލަރުގެ ލޯނު ނަގައިގެން، ހިންގަމުންދާއިރު ދެމެހެއްޓެނިވި ތަރައްގީއަށް އަމާޒުކޮށް ސަރުކާރުގެ ޕްލޭންތައް މިވަނީ ބައްޓަންކުރަން ޖެހިފައެވެ. ހަމަގައިމުވެސް ދައުލަތެއް ހިންގުމަކީ ކުންފުންޏެއް ހިންގުމަށްވުރެ ވިސްނައިގެން ކުރަންޖެހޭނެ ކަމަށެވެ. މި ދައުލަތުގެ ދަރަނި އިންތިހާއަށް އަރާ، ހަރަދު ކުޑަކުރުމަށް ދުނިޔޭގެ މާލީ އިދާރާތަކުން މިހާރުވެސް ގޮވާލަމުންދާ އިރު މި ގައުމު ބަނގުރޫޓްވެގެން ގޮސްފިނަމަ، އޭގެއިން ލިބޭ ގެއްލުން ގައުމުގެ ހުރިހާ ރައްޔިތުން ތަހައްމަލު ކުރަންޖެހޭނެއެވެ.

އާސަންދަ އިންޝުއަރެންސް ސްކީމު އޭގެ އެންމެ ރަގަޅު ގޮތުގައި ހިންގޭނީ، ރަގަޅު ފެންވަރެއްގެ ސިއްހީ ޚިދުމަތަކެއް ރާއްޖޭގައި ގާއިމް ކުރެވި، ރާއްޖޭގެ ސިއްހީ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުވި ދުވަހަކުންނެވެ. އެހެން ނޫންނަމަ، މި ޚަރަދުތަކުގެ ސަބަބުން ގައުމުން ބޭރުވާ ފައިސާ އެތައް މިލިއަނެއް އިތުރުވެ، އިޤުތިސާދީ ގެއްލުންތަކާއި ކުރިމަތިލާންޖެހިދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް