ކ. މާލެ
|
19 ޖޫން 2017 | ހޯމަ 16:53
ހުކުރު ދުވަހު މަރާލާފައި އޮއްވާ ފެނުނު އިސްމާއިލް ވަޅުލަނީ: އޭނާ މަރައިލީ ބިދޭސީންގެ ބަޔަކު ކަމަށް ބުނެ ބިދޭސީންނާ މެދު ވަނީ ފިޔަވަޅުތައް އަޅާފައި
ހުކުރު ދުވަހު މަރާލާފައި އޮއްވާ ފެނުނު އިސްމާއިލް ވަޅުލަނީ: އޭނާ މަރައިލީ ބިދޭސީންގެ ބަޔަކު ކަމަށް ބުނެ ބިދޭސީންނާ މެދު ވަނީ ފިޔަވަޅުތައް އަޅާފައި
ރާއްޖެއެމްވީ
ބިދޭސީންގެ މައްސަލަ
"ބޮންދުން"ގެ ހައްގުތަކުގެ ބަހުސް: އިހަވަންދޫއާ ހަމައަކުން ނުނިމޭ
 
ބަންގާޅުން މީހުން އެތެރެކުރުމަށް ކޯޓާ "ވިއްކާ" ކަމަށް ވާހަކަ ދެކެވޭ
 
ބިދޭސީން އެތެރެކުރުމުގެ މަސައްކަތުގައި ކޮރަޕްޝަން އިންތިހާ އަށް
 
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީގެ އަދަދު އިންތިހާ އަށް ވަނީ އިތުރުވެފައި

ރާއްޖޭގައި ބިދޭސީން އުޅެނީ ކޮން ހާލަތެއްގައިކަން ނޭނގޭ މީހަކު ނުހުންނާނެއެވެ. އަދި ބިދޭސީންގެ ހާލަތު ރާއްޖޭގައި އޮތް ގޮތް ވެސް ނޭނގޭ މީހަކު ނުހުންނާނެއެވެ. ރާއްޖޭގައި ދިރިއުޅޭ ދިވެހިންނަށް ވުރެ ބިދޭސީންގެ އަދަދު އިތުރުވުމުގެ ބިރު ވަނީ ބޮޑުފައެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު ގަވާއިދަށް އުޅޭ ބިދޭސީންނަށް ވުރެ އިތުރު ކަމަށް މިހާރު ވެސް ބެލެވެއެވެ. އެ އަދަދު ލައްކައަކަށް އަރާނެ ކަމަށް އަންދާޒާކުރެވެއެވެ. މިހުރިހާ ކަމަކާ އެކު ނުނިކުމެ ނުދާނެ ހުރިހާ އިޖުތިމާއީ މައްސަލަތަކެއް ދަނީ ނުކުންނަމުންނެވެ. ބޮޑެތި ކުށްތަކަށް އަރައިގަތުން ވަނީ އިތުރުވެފައެވެ. ބިދޭސީން ހިމެނޭ މިފަދަ ކުށެއްގެ ވާހަކަ ފެންމަތިވާ ހިސާބުން އެ މީހުންގެ ހައްގުތަކުގެ ވާހަކަ ދެކެވެއެވެ. އެއް ބަޔަކު އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ. އަނެއް ބަޔަކު އެމީހުންގެ ހައްގުތަކަށް ވަކާލާތު ކުރެއެވެ.

ހުކުރު ދުވަހު ހަވީރު ހއ. އިހަވަންދޫގައި ހިނގައިދިޔަ އަނިޔާރި އަމަލަށް ފަހު އަނެއްކާ ވެސް މިވަނީ ބިދޭސީން ނުވަތަ "ބޮންދުން"ގެ ހައްގުތަކުގެ ވާހަކަ ދެކެވެން ފަށާފައެވެ. ޅ. ހިންނަވަރަށް އުފަން އިސްމާއިލް އުމަރު (އިއްސެ) 54، ގެ މަރުގެ މައްސަލައިގައި ތުހުމަތުކުރެވެނީ އޭނާއާ އެކު މަސައްކަތްކުރާ ބަންގްލަދޭޝް މީހަކަށާއި އޭނާގެ އެކުވެރި އެހެން "ބޮންދުން" ތަކަކަށެވެ. މިހާރު ފުލުހުންގެ ބަންދުގައި ހުރި ބަންގްލަދޭޝްގެ ރައްޔިތެއްކަމުގައިވާ ޝުމޮން މިއާ (27އ) އެކަން ކުރި ކަމަށް އެއްބަސްވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އިއްސެގެ މަރަށް ފަހު އިހަވަންދޫ ކައުންސިލުން ވަނީ "ބޮންދުން"ގެ މައްސަލަ ހައްލުކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައެވެ. އެ ގޮތުން އާދީއްތަ ދުވަހު އިހަވަންދޫ ކައުންސިލްގެ ރައީސް ސޮއިކުރައްވާ ނެރުއްވާފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، އާދީއްތަ ދުވަހުން ފެށިގެން އިހަވަންދޫގައި ދިރިއުޅޭ ބިދޭސީންނަށް 6 ކަމެއް މަނާކުރަން ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި މަސައްކަތް ކުރުމަށް ކަނޑައެޅިފައިވާ ތަނުގައި ޑިއުޓީ އަދާކުރުމަށް ކަނޑައަޅާފައިވާ ފަރާތްތައް ފިޔަވައި އެއްވެސް ބިދޭސީއަކު ރޭގަނޑު 10:00 ގެ ފަހުން ރަށު ތެރެއަށް ނުކުމެ އުޅުމާއި ކޮންމެ ހުކުރު ދުވަހެއްގެ މެންދުރު ފަހު 2:00 ން ފެށިގެން، ހަވީރު 5:30 އާއި ދެމެދު ފިޔަވާ ގްރޫޕް ހަދައިގެން ރަށުގެ އެއްވެސް ސަރަޙައްދެއްގައި މަޑުކޮށްގެން ތިބުމާއި، ކައުންސިލްގެ އިހުތިޞާސްގައިވާ އެއްވެސް ތަނަކުން މަސްވެރިކަން ކުރުމާއި ރަށުގެ ވަލުތެރެއަށް ވަދެ ކާށި، ދަރު، ފަން، މިބާވަތުގެ އެއްވެސް އެއްޗެއް ހޮވުމާއި ރަށުގެ ކުނިގޮނޑަށް، ކުނިއުކާލުމަށް ފިޔަވާ އިތުރު އެއްވެސް ބޭނުމަކަށް އެ ސަރަޙައްދަށް ދިއުމާއި ރަށުގައި ބޭއްވޭ ހަފްލާތަކަށް ދައުވަތު ނުދޭހާ ހިނދަކު ގޮސްއުޅުން ވަނީ މަނާކޮށްފައެވެ.

މި ނިންމުންތަކާ މެދު ސޯޝަލް މީޑިއާގަ އާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުގެ މެދުގައި ވަރުގަދަ ބަހުސްއެއް ވަނީ ފެށިފައެވެ. އެއީ ބާތިލް ނިންމުންތަކެއް ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިހާރު ނިންމާފައިވީ ނަމަވެސް މި ކައުންސިލްގެ މި ނިންމުންތަކާ މެދު ކުރެވުނު ބަހުސްގައި ގިނަ ކަންތައްތަކެއް ވަނީ ފާހަގަކުރެވިފައެވެ. އެއް ބަޔަކު ދަނީ އެއީ ރަނގަޅު ނިންމުންތަކެއް ކަމަށާއި ރާއްޖޭގައި އުޅޭ ބިދޭސީން، ހާއްސަކޮށް ބަންގްލަދޭޝް މީހުންގެ ފަރާތުން ދިވެހިންނަށް ގިނަ އަނިޔާތަކެއް ލިބެމުންދާ ކަމަށެވެ. ކަމާ ބެހޭ ފަރާތްތަކަށް އެކަށީގެންވާ ފިޔަވަޅުތައް ނޭޅޭތީ އެކަން ކޮންމެ ވެސް ބަޔަކު ހުއްޓުވަންޖެހޭ ކަމަށް ބުނެ ކައުންސިލަށް ތައުރީފްކޮށްފައި ވެއެވެ.

އަނެއް ބަޔަކު ދަނީ މި ފިޔަވަޅުތަކާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެމީހުން ދެކޭ ގޮތުގައި ބިދޭސީއަކަސް ދޭސީއަކަސް އިންސާނަކަށް ވީތީ ލިބެންޖެހޭ އެއްވެސް ހައްގަކަށް އަރައިގަނެވިގެން ނުވާނެއެވެ. އެ ގޮތުން މިނިވަން އިންސާނަކަށް ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުން ލިބިދޭ ހުރިހާ މިނިވަންކަމެއް ގާނޫނީ ހުދޫދުގެ ތެރެއިން ބިދޭސީންނަށް ވެސް ލިބިދޭންޖެހެއެވެ. އެކަކު ނުވަތަ ބަޔަކު ކުރި ކަމަކުން ހުރިހާ އެންމެންނަށް އަދަބުދީ ދަތިކުރުމުގެ ފިޔަވަޅު އަޅައި މުޖުތަމައުގެ ވަކި ބައެއްގެ މައްޗަށް ކާފިއު ހިންގައި ހެދުމަކީ ނަސްލީ ތަފާތުކުރުމެއް ކަމަށް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި އެއީ ގާނޫނު އަސާސީ އާއި ގަނޫނުތަކާއި ގަވާއިދުތަކާ ވެސް ހިލާފު ނިންމުމެއް ކަމަށް ރާއްޖޭގެ ފުންނާބު އުސް ގާނޫނީ ވަކީލުންނާއި މަޖިލީހުގެ ބައެއް މެންބަރުން ވެސް ގެންދަނީ ފާހަގަކުރަމުންނެވެ.

އިހަވަންދޫގައި ހިންގި ގަތުލާ ގުޅިގެން ރާއްޖޭގައި ސަމާލުކަން ނުލިބި ނުވަތަ ހައްލު ނުވެ ދިގުލައިގެން ގޮސްފައިވާ މައްސަލައެއްގެ ވާހަކަ މި ވަނީ އަނެއްކާ ވެސް ފެށިފައެވެ. ހަގީގީ މައްސަލައަކީ އިހަވަންދޫގައި ދިރުއުޅޭ ބިދޭސީންނަށް ވަކި ވަގުތުތަކެއްގައި ބޭރަށް ނުކުމެ އުޅުން މަނާކުރުމާއި މަސް ނުބޭނުމެއް ނޫނެވެ. ހަގީގީ މައްސަލައަކީ ބިދޭސީންގެ މައްސަލަތަކުގައި ދައުލަތުގެ މުއައްސަސާތަކުގެ އިހުމާލު އޮތުމެވެ. އޭގެ ތެރޭގައި އެންމެ މަތިން ފެށިގެން ރަށު ކައުންސިލްތަކުގައި ވެސް އިހްމާލު އެބަ އޮތެވެ.

ރާއްޖެއަށް ބިދޭސީން އެތެރެވަނީ އެމީހުން އަމިއްލަ އައިސްގެންނެއް ނޫނެވެ. އެމީހުން ރާއްޖެ އަށް އެތެރެ ވަނީ ބަޔަކު އެމީހުން ރާއްޖެ އަށް ގެންނާތީއެވެ. އެތެރެކުރަނީ ގަވާއިދާ އެއްގޮތަށެވެ. ނުވަތަ ގަވާއިދުތަކުގެ ތެރެއަށް ފައްތައިގެންނެވެ. ގަވާއިދާ ހިލާފު ވަނީ އޭގެ ފަހުންނެވެ. އެ މީހުން މަގުމައްޗަށް ދޫކޮށްލެވޭތީއެވެ. ނުވަތަ އެމީހުންނަށް ކުރިމަތިވާ އެތައް މައްސަލަތަކަށް ފަހު ފިލާތީއެވެ. މިއީ އާ މައްސަލައެއް ނޫނެވެ. ފާއިތުވި 10 ވަރަކަށް އަހަރުވެގެން ދިޔަ އިރު ވެސް ތަފާތު އެކިއެކި ނަންނަމުގައި ޕްރޮގްރާމްތަކާއި އޮޕަރޭޝަންތައް ހިންގައިގެން ވެސް ހައްލު ނުވި މައްސަލައެކެވެ. ނުވަތަ ހައްލު ނުކޮށް އޮތް މައްސަލައެކެވެ. މިވާހަކަ ދައްކާނެ އިދާރާއެއް ނެތެވެ. ސަބަބު ވަރަށް ސާފެވެ. މިއީ އެތައް ބިލިއަން ރުފިޔާއަކާ ގުޅިފައިވާ މައްސަލައަކަށްވާތީއެވެ.

ރާއްޖެ އަށް ބިދޭސީން އެތެރެކުރުމުގެ ވިޔަފާރިއަކީ ބިލިއަނުން ގުނާލެވޭ ވިޔަފާރިއަކަށްވުމުން ކޮރަޕްޝަން އޮތީ އިންތިހާ އަށެވެ. ބަންގްލަދޭޝް އިން މީހުން އެތެރެކުރުމަށް ކޯޓާ ދުލެއް ނުކުރެއެވެ. ނަމަވެސް ހަގީގަތް އެނގޭ ފަރާތްތަކަށް ޔަގީނުން ވެސް އެނގޭ ކަމަކީ ބަންގާޅުން އެތެރެވޭ ބިދޭސީންގެ އަދަދު މަދު ނުވާ ކަމެކެވެ. ކޯޓާ ދޫނުކުރާ އިރު މަސައްކަތު މީހުންގެ ގޮތުގައި ބަންގާޅުން މީހުން އެތެރެވަނީ ކިހިނެއް ހެއްޔެވެ؟ އޮތީ އެންމެ ސަބަބެކެވެ. ގަވާއިދުގެ ތެރެއިން އެކަން ކުރެވޭނީ އިމިގްރޭޝަން އޮފީހުގެ ތެރެއިންނެވެ.

ތުންތުން މަތިން ދެކެވޭ ވާހަކަތަކާއި ސޯޝަލް މީޑިއާގައި ފެތުރިފައިވާ ވާހަކަތަކަށް ބަލާއިރު އެފަދަ މީހަކު އެތެރެކުރުމަށް ކުރަންޖެހޭ ކަމަކީ އިމިގްރޭޝަންގެ ތެރޭގައި ތިބޭ ވަކި ބަޔަކަށް އެތެރެކުރާ ކޮންމެ ބޮލަކަށް 6،000-10،000ރ. އާ ދެމެދުގެ އަގެއް ދެއްކުމެވެ. އޭރު އެއީ ވަރަށް ފަސޭހަ ކަމެކެވެ. އެކަންކުރަނީ ކުރިން ދޫކޮށްފައިވާ ކޯޓާއެއްގެ ތެރެއިން ބަޔަކު ގެއްލުވާލައި އަދި ފުރުވާލުމަށް ފަހު އެ މީހާ ގެނައި ފަރާތަށް އެންގުމެއް ނެތި ހަމަ އެކޯޓާގެ ދަށުން މީހަކު އެތެރެކުރުމެވެ. މީގެ އިތުރުން ވަކި ބައެއްގެ ނަމުގައި މާކުރިން ކޯޓާތަކެއް ހުރީ ރިޒާވްކޮށްފައެވެ. އެއީ ވިއްކާ ކޯޓާތަކެކެވެ. މިއީ މީހުން އެތެރެކުރާ މީހުން ދުލުން ހާމަކޮށްފައިވާ ވާހަކަތެކެވެ. "ބޮންދުން"ގެ އިންޑަސްޓްރީގައި އާންމު އަދި އެންމެންނަށް އެނގޭ ބޮޑު ސިއްރެކެވެ. މީހުން އެތެރެކުރަން ފައިސާ ދޭންޖެހެނީ ކޮން ބަޔަކަށް ކަން ވެސް ވަރަށް ހާމަކަން ބޮޑު ގޮތެއްގައި އެނގެއެވެ.
ނަމަވެސް ކޮންމެ ބަޔަކަށް ވެސް ލިބޭ ފައިދާއަށްޓަކައި އެކަކު ވެސް މި ވާހަކަ ދައްކާކަށް ބޭނުމެއް ނުވެއެވެ. އޭގެ ބަދަލުގައި ދައްކަނީ މުޅިން އެހެން ވާހަކައެކެވެ. ބިދޭސީންނާ މެދު ރާއްޖޭގައި އަމަލުކުރާ ގޮތުގެ ވާހަކައެވެ. އެމީހުންގެ ހައްގުތަކުގެ ވާހަކައެވެ. އިހަވަންދޫގައި އުޅޭ ބިދޭސީން އިރު އޮއްސޭ އިރަށް އުޅޭ ތަނުގައި ބަންދުކޮށް ކާފިއު ހިންގިޔަސް މި މައްސަލަ މިހާ ހިސާބުން ނިމޭކަށް ނެތެވެ. "ބޮންދުން"ގެ މައްސަލައަކީ ހަމައެކަނި ރަށު ކައުންސިލާ ހިސާބުން ނިމެން އޮތް ކަމެއް ނޫނެވެ. މިއީ ގައުމީ މައްސަލައެކެވެ. މިކަމަށް ހޯދަންޖެހެނީ ގައުމީ ފަރުވާއެކެވެ. ވަކި ބަޔަކަށް ލިބޭ ފައިދާއަކަށްޓަކައި ދޫކޮށްލެވިފައި އޮތް އޮތުން ހަމައަކަށް އަޅުވައި ބޮލަކަށް ކަނދުރާއަކަށް ބެލުމެއް ނެތި ފިޔަވަޅު އަޅައި ބިދޭސީން އެތެރެވެ އަދި ގަވައިދާ ހިލާފަށް އުޅުމަށް އޮތް މަގު ބަންދުކޮށްގެންނެވެ. މީހުން އެތެރެކޮށްފައި ދޫކޮށްލާ ފަރާތްތަކާ ދެކޮޅަށް އަޅާނެ ފިޔަވަޅުތަކެއް ގަވާއިދުތަކާއި ގާނޫނުތަކުގެ ތެރެއިން ހުއްޓެއް ކަމަކު އެކަން ތަންފީޒުވާ ތަނެއް ނުފެނެއެވެ. ނުވަތަ ގާނޫނީ ބާގަނޑުގެ ތެރެއިން އިމިގްރޭޝަނުގެ ކޮރަޕްޓް ބައެއް އޮފިޝަލުން ހިމެނޭ ގޮތަށް ހިންގާ ޖަރީމާތައް ނުހުއްޓުވޭ ނަމަ މިއީ ދުވަހަކު ވެސް ހައްލުވާނެ މައްސަލައެއް ނޫނެވެ. އެހެން ނޫން ނަމަ "ބޮންދުންގެ" ބަހުސްއަކީ ދުވަހަކު ވެސް ނިމޭނެ ބަހުސްއެއް ނޫނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
33%
17%
17%
17%
17%
0%
ކޮމެންޓް