އީދު ބަންދަށްފަހު މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ގާނޫނަށް ބަދަލުގެންނަނީ
24 ޖެނުއަރީ 2024 | ބުދަ 14:10ރަމަޟާން މަހުގެ ތެރޭގައި އިންތިޚާބު ބޭއްވުމަށް ނިންމުމުން، ގިނަ ރައްޔިތުން ކަންބޮޑުވޭ


މަޖިލިސް ޖަލްސާގެ ތެރެއިން
ރަމަޟާން މަހު ބޭއްވުމަށް ނިންމާފައިވާ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ތާރީޚު ފަސްކުރުމަށް ގާނޫނު އަސާސީއަށް ބަދަލު ގެނައުމަށް ނިންމައިފިއެވެ.
ބުދަ ދުވަހު، އެމްޑީޕީއާއި ދަ ޑިމޮކްރެޓްސް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް ވިދާޅުވީ ދެ ޕާޓީއަށް އެއްބަސްވެވޭ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމަށް ނިންމާފައި ވާކަމަށެވެ.
އެގޮތުން ދެ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕްގެ މަޝްވަރާއާއެކު ރައްޔިތުން މަޖިލީހަށް އާއްމު އިންތިޚާބުތަކާބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅާފައިވާ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. އަދި ވިދާޅުވީ އިސްލާހަކީ އިލެކްޝަން ކޮމިޝަނުން ރަމަޟާން މަހުގެ ތެރޭގައި އިންތިޚާބު ބޭއްވުމަށް ނިންމާފައިވާތީ އެކަމާ ގުޅިގެން ހުށަހަޅާފައިވާ އިސްލާހެއް ކަމަށެވެ.
ހަސަން ލަތީފް ވިދާޅުވީ، ރަމަޟާން މަހުގެ ތެރޭގައި އިންތިޚާބު ބޭއްވުމަށް ނިންމުމުން ވަރަށް ގިނަ ރައްޔިތުންނާއި، ސިޔާސީ ޕާޓީތަކުންނާއި، އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ޝަކުވާ ލިބޭ ކަމަށެވެ.
މީގެ އިތުރުން ހަސަން ލަތީފް ވިދާޅުވީ ދައުރުން ބޭރުން ބާއްވާ ރައްޔިތުން މަޖިލީހުގެ ޖަލްސާއަށް މި މައްސަލަ އެޖެންޑާ ކުރެވިގެން ދާނެކަމަށާއި، މަސައްކަތްކުރަނީ ރަމަޟާން މަަސް ނިމި، އީދު ޗުއްޓީ ވެސް ނިމުމަށްފަހު އިންތިޚާބު ބޭއްވުމަށް ކަމަށެވެ.
ދައުރުން ބޭރުން ބާއްވާ ޖަލްސާއެއް މި މަހުގެ 28 ވާ އާދީއްތަ ދުވަހު ބޭއްވުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ދަނީ މަސައްކަތް ކުރަމުންނެވެ.



