ކ. މާލެ
|
3 ޖެނުއަރީ 2024 | ބުދަ 13:55
ވޯޓުލާ މަރުކަޒެއްގައި އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުންތަކެއް ހަރަކާތްތެރިވަނީ
ވޯޓުލާ މަރުކަޒެއްގައި އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުންތަކެއް ހަރަކާތްތެރިވަނީ
ރާއްޖެ އެމްވީ
މޭޔަރު އިންތިހާބު
އޮފިޝަލުންނަށް ދޭ އެލަވަންސް ބޮޑުކޮށް އަލުން އިއުލާންކޮށްފި
 
މަރުކަޒުގެ އޮފިޝަލަކަށް 1500ރ ލިބޭނެ
 
ވޯޓުލާ މަރުކަރުގެ ވެރިޔަކަށް 1800ރ އަދި އެހީތެރިޔާއަށް 1600 ރުފިޔާ ވަނީ ހަމަޖައްސާފައި
 
އިންތިހާބު އޮންނާނީ 13 ޖެނުއަރީގައި

މާލެ ސިޓީ ކައުންސިލްގެ މޭޔަރު، މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ، މެދުހެންވޭރު ދާއިރާ، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގައި ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާނެ އޮފިޝަލުން ލިބުމުގައި ދަތިތަކެއް ދިމާވެ އެލަވަންސް ބޮޑުކޮށް އަލުން އޮފިޝަލުން ހޯދަން އިއުލާންކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ 2024 ޖަނަވަރީ 13 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މާލެ ސިޓީ ކައުންސިލްގެ މޭޔަރު، މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ، މެދުހެންވޭރު ދާއިރާ، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް އިޢުލާނަށް އެކަށީގެންވާވަރަށް މީހުން ކުރިމަތިލާފައިނުވާތީ، އެމަޤާމަށް މީހުން ހޯދުމަށް އަލުން އިޢުލާނު ކޮށްފައިވާ ކަމަށެވެ.

އޮފިޝަލުންގެ ޝަރުތުތަކުގެ ތެރޭގައި:

ޢުމުރުން 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުން.

އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަޤާމެއް އަދާކުރަމުންދާ ފަރާތެއް ކަމުގައި ނުވުން.

އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ޙަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި ނުވުން.

އޮފިޝަލަކަށްވުމަށް އެދި ފޯމު ހުށަހެޅި ދާއިރާ / ރަށަށް ކުރިމަތިލާ ކެންޑިޑޭޓެއްގެ މަންމައެއް، ބައްޕައެއް، ދަރިއެއް، އަންބެއް، ފިރިއެއް، އެއްބަނޑުއެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ މީހަކަށް ނުވުން.

އޮފިޝަލެއްގެ މަސައްކަތް ކުރެވޭނެ ތަޢުލީމާއި ތަޖުރިބާ ހުރުން.

މިފަދަ މަސައްކަތަކަށް ޞިއްޙީ ގޮތުން ޤާބިލު މީހަކު ކަމުގައިވުން.

ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުން.

މީގެ ކުރިން ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސައިފިނަމަ އެމީހަކަށް ވޯޓުލާ ދުވަހު 1500 ރުފިޔާ ލިބެއެވެ. ނަމަވެސް އެލަވަންސަށް ގެނައި ބަދަލާއެކު ވޯޓުލާ މަރުކަރުގެ ވެރިޔަކަށް 1800 ރުފިޔާ އަދި ފޯނު އެލަވަންސްގެ ގޮތުގައި 100 ރުފިޔާ ލިބޭނެއެވެ. އަދި ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް ހަމަޖައްސައިފިނަމަ ކުރިން 1200 ރުފިޔާ ހަމަޖައްސާފައިވީ ނަމަވެސް އެ އަދަދު ވަނީ 1600 ރުފިޔާއަށް ބަދަލުކޮށްފައެވެ. އަދި ވޯޓުލާ މަރުކަޒެއްގެ އޮފިޝަލެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ އެލަވަންސް 1500 ރުފިޔާ އަށް ވަނީ ބޮޑުކޮށްފައެވެ. އަދި ރިޒާވް އޮފިޝަލަކަށް ހަމަޖައްސައިފިނަމަ 500 ރުފިޔާ ލިބޭނެއެވެ.

އުޖޫރައިގެ އިތުރުން ވޯޓުލާދުވަހުގެ ހެނދުނު ސައި އަދި މަސައްކަތްކުރާ ވަގުތަށް ބަލައި އެހެން ގަޑިތަކުގެ ކެއުމާއި ސަޔަށްވާ ފައިސާ މާލިއްޔަތު ޤަވާޢިދުގައިވާ ރޭޓުން އޮފިޝަލް އެލަވަންސްއާއެކު ޖަމާކުރެވޭނެ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން މިމަސައްކަތަށް ޚާއްސަކޮށްގެން ހިންގޭ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަން ޖެހެއެވެ. ތަމްރީން ޕްރޮގްރާމް ފުރިހަމަކޮށް އޮފިޝަލެއްގެ ގޮތުގައި މަސައްކަތް ފުރިހަމަ ކުރުމުން ޓްރޭނިންގ އެލަވަންސްގެ ގޮތުގައި 300 ރުފިޔާ ލިބޭނެއެވެ.

ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 7 އާއި 11 އާ ދެމެދުގައެވެ. އޮފިޝަލަކަށް ވުމަށް އެދި ފޯމު ހުށަހަޅާ ފަރާތަކީ 2024 ޖަނަވަރީ 7 އިން 13 އަށް މާލޭގައި ހުންނަ ފަރާތަކަށް ވާންޖެހޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

މީގެ އިތުރުން ވޯޓުލާ މަރުކަޒުގެ އޮފިޝަލަކަށް ވުމަށް އެދި އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތަކުން، އޮބްޒާވަރ، މޮނިޓަރ، އަދި ކެންޑިޑޭޓްގެ މަންދޫބަކަށް ވުމަށް އެދި ފޯމު ހުށަހަޅާ ފާސް ދޫކުރެވިއްޖެނަމަ، އެ ފަރާތަކުން އޮފިޝަލުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާފައިވާ ފޯމު ބާތިލުވާނެ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އޮފިޝަލުން ނެގުމަށް ހަމަޖެހިފައިވަނީ އިންތިޚާބަށް ބޭނުންވާ އަދަދަށް އަދި މި އަދަދު ހަމަވުމުން އިތުރަށް އޮފިޝަލުން ނުނަގާނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާން ޝައުޤުވެރިވާ ފަރާތްތަކުން މި މަހުގެ 4 ވަނަ ދުވަހުގެ މެންދުރު 3:00ގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމަށް އެދިފައެވެ. އަދި ބޭނުންވާ ޢަދަދަށް މަސައްކަތަށް އެކަށޭނަ މީހުން ނުލިބޭނަމަ، އޮފިޝަލުން ހަމަވަންދެން ފޯމް ބަލައިގަންނާނެކަމަށް ވެސް ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް