ކ. މާލެ
|
2 ޖެނުއަރީ 2024 | އަންގާރަ 21:32
ޒަންޒިބާރު އަންހެނަކު ބޮތްކެއް ދިއްލައިގެން
ޒަންޒިބާރު އަންހެނަކު ބޮތްކެއް ދިއްލައިގެން
ރޮއިޓާސް
ޒަންޒިބާރު
ޒަންޒިބާރު ދިއްލާލުމުގައި އެކަނިވެރި މައިންނާއި މާމައިން!
 
އާބާދީގެ ދެބައިކުޅަ އެއްބައި މީހުންނަކީ އިންތިހާ ފަގީރުކަމުގައި އުޅެމުންދާ މީހުން
 
ޒަންޒިބާރަކީ މައި ފަސްގަނޑާ ދުރުގައި އޮތް، ޓެންޒޭނިއާގެ މިލްކުވެރިކަމުގެ ދަށުގައިވާ ސަރަހައްދެއް

އެކަނިވެރި މައެއްގެ ގޮތުގައި ސަލާމާ ޙުސައިން ޙާއްޖާ، އޭނާގެ އުފަން އަވަށުގައި ދިރިއުޅުމުގެ ދުވަސްތައް ގުނަމުން ދަނީ މާ ހިތް ފަސޭހަ ގޮތަކަށް ނޫނެވެ. ޓެންޒޭނިއާގެ އެ އަވަށުގައި ޚާންދާނީ އޮނިގަނޑު އޮތް ގޮތުން ސަލާމާއަކީ މާ މަތީ ފަންތިއެއްގެ މީހެއް ނޫނެވެ. ދަނޑުވެރިކަމުގެ މަސައްކަތް ކޮށްލައިގެން އާއިލާގެ މުހުތާދުތައްވެސް ގިނަ ފަހަރު އޮންނަނީ ފުއްދާދެވޭގޮތް ނުވެފައެވެ.

ނަމަވެސް މިއަދު އޭނާގެ ދިރިއުޅުން ވަނީ ބަދަލުވާން ފަށާފައެވެ. މުޖުތަމަޢުގައި ސަލާމާއަށް އޮތް ޤަދަރުވެސް ވަނީ އުފުލެން ފަށާފައެވެ. ދެކޮޅު ޖައްސާލެވޭ ވަރުގެ އާމްދަނީއެއްވެސް ވަނީ ލިބެން ފަށާފައެވެ. ސަލާމާގެ ދިރިއުޅުމަށް މި ބަދަލުތައް އަންނަން ފެށީ، ސޯލާރ އިންޖިނޭރެއްގެ ގޮތުގައި އޭނާ ތަމްރީނުވީ ހިސާބުންނެވެ. ސޯލާރ އިންޖިނޭރެއްގެ ގޮތުގައި ސަލާމާ ތަމްރީނުވީ، ޒަންޒިބާރު ޖަޒީރާގައި ކަރަންޓުގެ ވިއުގައާ ގުޅާނުލައި އޮތް ރަށްފުށު އަވަށްތަކުގެ ގެތަކަށް، އިރުގެ އަވިން ހަކަތަ ހޯދައި ދިނުމަށް ފެށި މަޝްރޫޢުގެ ތެރެއިންނެވެ.

ސަލާމާފަދަ އެކަނިވެރި އެތައް މަޔަކާއި މާމައިންނެއް ވަނީ މި މަޝްރޫޢުގެ ދަށުން ތަމްރީނު ހޯދާފައެވެ. މީގެ ކުރީން ލިޔަން ކިޔަންވެސް ނޭނގި ތިބި އެތައް ބަޔަކު އޭގެތެރޭގައި ހިމެނެއެވެ. މި ބަދަލާއެކު، ހަމައެކަނި މަސްވެރިކަމާއި ދަނޑުވެރިކަމުން ދިރިއުޅުމުގެ އަސާސްތައް ފަގީރު ހާލެއްގައި ހަމަޖައްސަމުން އައި އެތައް އާއިލާއެއްގެ ދިރިއުޅުން ވަނީ ހެޔޮ ފާލަކަށް އެޅެން ފަށާފައެވެ.

އުމުރުން 36 އަހަރުގެ ސަލާމާއަކީ 3 ދަރިންގެ މަންމައެކެވެ. ތަރުކާރީގެ ދަނޑުވެރިކަން ކޮށްގެން އޭނާގެ ދަރިންގެ ހުރިހާ ޒިންމާއެއް ކޮނޑުއަޅައިގެން ދިރިއުޅެމުން ދަނީ ޒަންޒިބާރު ޖަޒީރާގެ އެންމެ ބޮޑު، އަދި އެންމެ ތޮއްޖެހިފައި އޮތް އުންގޫޖާއޭ ކިޔާ ރަށުގެ އަވަށެއްގައެވެ.

ޒަންޒިބާރަކީ މައި ފަސްގަނޑާ ދުރުގައި އޮތް، ޓެންޒޭނިއާގެ މިލްކުވެރިކަމުގެ ދަށުގައި އޮތް ސަރަހައްދެކެވެ. ޒަންޒިބާރުގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުންނަކީ އިންތިހާ ފަގީރުކަމުގެ ހާލަތުގައި ހަޔާތުގެ ދުވަސްތައް ގުނަމުންދާ މީހުންނެވެ.

މިންތީގެ ފަރަޤު އިންތިހާއެވެ. ފިރިހެނުންނާ އަޅާބަލާއިރު، ޢިލްމު ހާސިލުކުރުމުގެ ފުރުސަތު ނެތް އަންހެނުންގެ އަދަދު ގާތްގަނޑަކަށް 2 ގުނަ އިތުރެވެ. އަންހެނުންނަށް ބިންކޮޅެއް މިލްކުވުމުގެ ފުރުސަތު ނެތޭވެސް ދެންނެވިދާނެއެވެ. އެކައުންޓެއް ހުޅުވާލުމުގެ ފުރުސަތުވެސް ނޯވެއެވެ.

ތަކުލީފު ބޮޑު ދިރިއުޅުމެއް އުޅެން މަޖުބޫރުވެފައި އޮތްއިރު، ރަށްފުށުގެ ފަގީރު އާއިލާތަކުގެ ތެރެއިން ގިނަ ބަޔަކީ ކަރަންޓުގެ ޚިދުމަތްވެސް ނުލިބޭ މީހުންނެވެ. މުޅި ސަރަހައްދުގެ ކަރަންޓު ސަޕްލައި ބަރޯސާވަނީ ބިމު އަޑިން ޓެންޒޭނިއާއާ ގުޅާލާފައި އޮންނަ އެންމެ ކޭބަލަކަށެވެ. 2009 ވަނަ އަހަރު އެ ކޭބަލަށް ގެއްލުންވެ، 3 މަސްދުވަސް ކަނު އަނދިރީގައިވެސް ހޭދަކުރަން މަޖުބޫރުވިއެވެ. މި ވިއުގައާ ގުޅާލެވިފައި އޮތީވެސް ޒަންޒިބާރުގެ ގޭބިސީތަކުގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައިހާ ގެއެވެ. ބާކީ ހުރި ގެތަކުގެ މީހުންނަށް އަލިކަމެއް ލިބެނީ އިންތިހާއަށް ވަޔާއި ވެށި ތަޣައްޔަރުކޮށް، އަމިއްލަ ސިއްހަތަށްވެސް ބޮޑެތި ގެއްލުންތަކެއް ކުރިމަތިކުރުވާ، ތެޔޮ އެޅި އަތްބައްތިއެއްގެ އެހީގައެވެ.

އަލިކަމެއް ހޯދަން ވިއްޔާ އަހަރެމެން ވަރަށް ހާލުގަ އުޅެނީ. ކަރަންޓު ނެތިއްޔާ ވަރަށް ގިނަ ކަންކަން ނުކުރެވޭނެތާ... މިސާލަކަށް، ދަރިންނަށް ކިޔަވައިދިނުން ކަހަލަ ކަންކަން ހަމަ ނުކުރެވިފަ އޮންނަނީ. ދެން މި މަޖުބޫރުވަނީ އަތްބަތިއެއް ދިއްލަން. އެ އަރާ ދުމާ ގެދަބުޅިއަކީ ގެއްލުންހުރި އެއްޗެއް. ލޮލާ މެއަށްވެސް އަސަރުކުރޭ. ކަރަންޓު ހުރީމަ، ދިރިއުޅުން ކިތަންމެހާވެސް ރަނގަޅު.
ސަލާމާ ޙުސައިން ޙާއްޖާ؛ ޒަންޒިބާރުގެ ސޯލާރ އިންޖިނޭރެއް

އުންގޫޖާގެ ކިންޔާސިނީ ބެއަރފުޓް ކޮލެޖުގައި ސަލާމާއާއެކު ސޯލާރ އިންޖިނޭރުކަމުގެ ރޮނގުން ތަމްރީނު ހޯދަމުން އަންނަ އެކަކީ ޢާއިޝާ ޢަލީ ޚަތީބުއެވެ. 9 ދަރިންގެ މަންމަ، ޢާއިޝާ ވަނީ އަތްބަތި ބޭނުންކުރުމުގައި އުފުލަންޖެހޭ ތަކުލީފުތައް ހިއްސާކޮށްފައެވެ.

އަހަރެމެން އަތްބައްތި ބޭނުންކުރިއަސް ކުރަނީ ހަމައެކަނި އެތެރޭގަ. އަތްބައްތިއަށް މި އަޅަނީ ޕެރަފިން. 1 ސަމުސާ ޕެރަފިންގެ އަގަކީ 200 ޝިލިންގް. 0.09 ޑޮލަރު. އެކަމަކު، 200 ޝިލިންގް ހަމަނުވެގެން އަހަންނަށް އުޅެންޖެހިދާނެ 2 ދުވަސް ވަންދެންވެސް.
ޢާއިޝާ ޢަލީ ޚަތީބު؛ ޒަންޒިބާރުގައި ސޯލާރ އިންޖިނޭރުކަން ދަސްކުރާ މައެއް

އިރުގެ އަވިން އުފައްދާ ހަކަތައަކީ، މައި ކަރަންޓުގެ ވިއުގައިން ޚިދުމަތް ލިބުން ދަތި، ރަށްފުށުގެ އަވަށްތަކަށް ކަރަންޓުގެ ޚިދުމަތް ކަށަވަރުކޮށްދޭ އެންމެ ލުއިފަސޭހަ އެއް ހައްލެވެ. ވެއްޓާ ރައްޓެހި ހައްލެކެވެ. ހާލަތަކަށް އަހުލުވެރިވުމުގެ ފުރުސަތު ތަނަވަސް ހައްލެކެވެ.

އެފްރިކާގެ ހަނަފަސް ސަހަރާގެ ވާދީތަކުގައި ފެތުރިފައިވާ ގިނަ ޢާބާދީތަކުން މިއަދު ކަރަންޓުގެ ހަކަތަ ހޯދަނީ މި ދެންނެވިފަދަ ދެމެހެއްޓެނިވި ހަކަތައިގެ މަސްދަރުތަކުންނެވެ.

ސަލާމާއާއި ޢާއިޝާމެންފަދަ އެތައް މަޔަކު ތަމްރީނު ކޮށްދެމުންދާ ބެއަރފުޓް ކޮލެޖަކީ އެންމެ ފުރަތަމަ އިންޑިއާގައި އިޖުތިމާޢީ މަސައްކަތްތައް ކުރަންފެށި ކުންފުންޏެކެވެ. މިއަދު އިރުމަތީ އެފްރިކާ ސަރަހައްދުގައި އެ ކުންފުނީގެ ހަރަކާތްތައް ހިންގަމުންދާއިރު، ޚާއްޞަކޮށް އަންހެނުން ތަމްރީނު ކުރުމަށް އިސްކަންދެއެވެ.

އަންހެނުންނަށް ތަޢުލީމު ދިނީމަ، މުޅި އާބާދީއަށް ޢިލްމު ދެވުނީ އެ. ފިރިހެނަކަށް ކިޔަވައިދީ، މީހަކަށް ހަދާ ހިސާބުން، އަވަށް ދޫކޮށް އެމީހަކު ދާނެ. އަވަށަކު މަޑެއްނުކުރާނެ. އެކަމަކު، އަންހެނުންނަށް ތަމްރީނު ދީ، ޢިލްމު ފޯރުކޮށްދިނީމަ އޭނަ އަނބުރާ އެ ދަނީ އޭނަގެ އަވަށަށް. އަވަށަށް ގޮސް، އަވަށުގެ ކަންކަން ހެޔޮ ފާލަކަށް އަޅުވަން އެބަ އެހީވެސްވޭ.
ފާޠިމާ ޖުމާ ޙާޖީ؛ ޒަންޒިބާރުގައި ސޯލާރ އިންޖިނޭރުން ތަމްރީނުކުރާ މީހެއް

ޒަންޒިބާރުގައި ހިންގާ މަޝްރޫޢަކީވެސް އިންތިހާ ފަގީރުކަމާއި، އާއިލީ ބަހާތައް ރޭވިފައި އޮތް ގޮތުން އަވަށްތަކުން މިންޖުވެލާނެ ފުރުސަތު ނެތް އަންހެނުންނަށް އެ ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި ފަރުމާކުރި މަޝްރޫޢެކެވެ. ފިރިހެނުންގެ މުށުތެރޭގައި ފިއްތާލާފައި އޮތް އާއިލާތަކެއް ދިރިއުޅެމުންދާ ޒަންޒިބާރުގެ އިޖުތިމާޢީ ވެއްޓަށް ހެޔޮ ބަދަލެއް ގެނެސްދީ، އަންހެނުން ބާރުވެރި ކުރުވުމަށް ފެށި މަޝްރޫޢެކެވެ. މަޝްރޫޢުގެ ތެރެއިން، އަންހެނުންނަށް ސާފު އާމްދަނީއެއްވެސް ލިބޭނެ މަގު އޮތީ ތަނަވަސްވެފައެވެ.

ބެއަރފުޓް ކޮލެޖުގެ މަޝްރޫޢުގައި ބައިވެރިވުމަށް، ކޮންމެ އަވަށަކުން އުމުރުން 35 އަހަރާ 55 އަހަރާ ދެމެދު އުމުރުފުރާގެ 2 އަންހެނުން ހޮވަން ޖެހެއެވެ. އެމީހުންގެ އާއިލާތައް ދޫކޮށް، ސޯލާރ އިންޖިނޭރުންގެ ގޮތުގައި ތަމްރީނުވުމަށް ކޮލެޖަށް ދަތުރުކުރަން ޖެހެއެވެ.

ތަމްރީނުގައި ބައިވެރިކުރުމަށް އަވަށްތަކުން ހޮވާފައި ތިބި ގިނަ އަންހެނުންނަކީ ތަޢުލީމުވެސް ލިބިފައި ނެތް މީހުންނެވެ. ނަމަވެސް އެމީހުންނަކީ އަވަށުގެ ކަންކަމުގައި ނަގާކިޔައި އުޅުމުގެ ފެންވަރުހުރި މީހުން ކަމަށް އަވަށު ރަށްވެހިން އިއްތިފާޤުވާ މީހުންނެވެ. އަދި އަވަށުގެ ކަންކަމުގައި ނުކުމެ، އިސްކޮށް ހަރަކާތްތެރިވެ އުޅުނު މީހުންނެވެ.

ސޯލާރ އިންޖިނޭރުކަމުގެ ރޮނގުން ތަމްރީނުވުމަށް ބެއަރފުޓް ކޮލެޖަށް ދަތުރުކުރާ އަންހެނުން، އެތަނުގައި 5 މަސްދުވަސް ހޭދަކުރެއެވެ. ތަމްރީނު ފުރިހަމަކުރުމަށްފަހު އެމީހެއްގެ އަމިއްލަ އަވަށަށް އަނބުރާ ގޮސް، އިރުގެ އަވިން ހަކަތަ ހޯދާ ނިޒާމުތައް ޤާއިމުކޮށް، އަމިއްލަ ގެއަށާއި އަވައްޓެރިންގެ ގެތަކަށް އަލިކަން ހޯދައިދެއެވެ.

އިރުގެ އަވިން އުފައްދާ ހަކަތައިން ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތަށް، ގޭބިސީތަކުން ކޮންމެވެސް ވަރެއްގެ ފީއެއްވެސް ދައްކައެވެ. އެއީ އަތްބައްތިއަށް އަޅާ ތެޔޮ ގަތުމަށް ނުވަތަ މައި ގުރިޑުން ކަރަންޓު ނެގުމަށް ކުރަންޖެހޭ ޚަރަދަށްވުރެ ހެޔޮ ގޮތެކެވެ.

ސޯލާރ އިންޖިނޭރުންގެ ގޮތުގައި އަންހެނުން ތަމްރީނުކުރަން ފެށިފަހުން، ޒަންޒިބާރުގެ ރަށްފުށު އަވަށްތަކުގެ އަންހެނުންގެ ދިރިއުޅުމަށް އުޖާލާކަން ވަނީ ލިބެން ފަށާފައެވެ. އާމްދަނީގެ ކަށަވަރުކަން އޮވެއެވެ. އަވަށު މީހުންގެ ފަރާތުން އިޙްތިރާމްވެސް ލިބެއެވެ.

ގޭބިސީތަކުން ދައްކާ ފީގެ ބައެއް ޚާއްޞަވަނީ އިންޖިނޭރުންގެ މުސާރައަށެވެ. އެމީހުންގެ މަސައްކަތަކީ އަވަށުގައި ހުންނަ ނިޒާމުތައް ބަލަހައްޓައި، އެ ނިޒާމުތަކުގެ މެއިންޓަނަންސް މަސައްކަތްތައް ކުރުމެވެ. ގޭބިސީތަކުން ދޭ ފީން ބާކީވާ ފައިސާއިން މުޅި އަވަށަށް ލާބަޔާއި މަންފާ ލިބެނިވި އިތުރު މަޝްރޫޢުތައްވެސް ހިންގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް