އިންތިހާބު އޮންނާނީ 13 ޖެނުއަރީގައި


އިންތިހާބެއްގައި ވޯޓުލާ މަރުކަޒެއްގައި އޮފިޝަލުން ހަރަކާތްތެރިވަނީ
މާލެ ސިޓީ ކައުންސިލްގެ މޭޔަރު، މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ، މެދުހެންވޭރު ދާއިރާ، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގައި ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާނެ އޮފިޝަލުން ހޯދަން ފަށައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ 2024 ޖަނަވަރީ 13 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މާލެ ސިޓީ ކައުންސިލްގެ މޭޔަރު، މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ، މެދުހެންވޭރު ދާއިރާ، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް ހުޅުވާލާފައިވާ ކަމަށެވެ.
އޮފިޝަލުންގެ ޝަރުތުތަކުގެ ތެރޭގައި:
ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސައިފިނަމަ އެމީހަކަށް ވޯޓުލާ ދުވަހު 1500 ރުފިޔާ ލިބޭނެއެވެ. އަދި ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް ހަމަޖައްސައިފިނަމަ 1200 ރުފިޔާ އަދި ވޯޓުލާ މަރުކަޒެއްގެ އޮފިޝަލެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ 1000 ރުފިޔާ އަދި ރިޒާވް އޮފިޝަލަކަށް ހަމަޖައްސައިފިނަމަ 500 ރުފިޔާ ލިބޭނެއެވެ.
އުޖޫރައިގެ އިތުރުން ވޯޓުލާދުވަހުގެ ހެނދުނު ސައި އަދި މަސައްކަތްކުރާ ވަގުތަށް ބަލައި އެހެން ގަޑިތަކުގެ ކެއުމާއި ސަޔަށްވާ ފައިސާ މާލިއްޔަތު ޤަވާޢިދުގައިވާ ރޭޓުން އޮފިޝަލް އެލަވަންސްއާއެކު ޖަމާކުރެވޭނެ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. މީގެ އިތުރުން ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސައިފިނަމަ ފޯނު އެލަވަންސްގެ ގޮތުގައި 100 ރުފިޔާ ލިބޭނެއެވެ.
މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން މިމަސައްކަތަށް ޚާއްސަކޮށްގެން ހިންގޭ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަން ޖެހެއެވެ. ތަމްރީން ޕްރޮގްރާމް ފުރިހަމަކޮށް އޮފިޝަލެއްގެ ގޮތުގައި މަސައްކަތް ފުރިހަމަ ކުރުމުން ޓްރޭނިންގ އެލަވަންސްގެ ގޮތުގައި 300 ރުފިޔާ ލިބޭނެއެވެ.
ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 7 އާއި 11 އާ ދެމެދުގައެވެ. އޮފިޝަލަކަށް ވުމަށް އެދި ފޯމު ހުށަހަޅާ ފަރާތަކީ 2024 ޖަނަވަރީ 7 އިން 13 އަށް މާލޭގައި ހުންނަ ފަރާތަކަށް ވާންޖެހޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
މީގެ އިތުރުން ވޯޓުލާ މަރުކަޒުގެ އޮފިޝަލަކަށް ވުމަށް އެދި އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތަކުން، އޮބްޒާވަރ، މޮނިޓަރ، އަދި ކެންޑިޑޭޓްގެ މަންދޫބަކަށް ވުމަށް އެދި ފޯމު ހުށަހަޅާ ފާސް ދޫކުރެވިއްޖެނަމަ، އެ ފަރާތަކުން އޮފިޝަލުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާފައިވާ ފޯމު ބާތިލުވާނެ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އޮފިޝަލުން ނެގުމަށް ހަމަޖެހިފައިވަނީ އިންތިޚާބަށް ބޭނުންވާ އަދަދަށް އަދި މި އަދަދު ހަމަވުމުން އިތުރަށް އޮފިޝަލުން ނުނަގާނެއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާން ޝައުޤުވެރިވާ ފަރާތްތަކުން 2023 ޑިސެމްބަރު 31 ވާ އާދީއްތަ ދުވަހުގެ މެންދުރު 3:00ގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމަށް އެދިފައެވެ. އަދި ބޭނުންވާ ޢަދަދަށް މަސައްކަތަށް އެކަށޭނަ މީހުން ނުލިބޭނަމަ، އޮފިޝަލުން ހަމަވަންދެން ފޯމް ބަލައިގަންނާނެކަމަށްވެސް ވަނީ ބުނެފައެވެ.