ކ. މާލެ
|
6 ޑިސެންބަރ 2023 | ބުދަ 11:08
މެންޗެސްޓާ ޔުނައިޓެޑްގެ ކުޅުންތެރިންނާއި ކޯޗު
މެންޗެސްޓާ ޔުނައިޓެޑްގެ ކުޅުންތެރިންނާއި ކޯޗު
ގޫގުލް
މެންޗެސްޓާ ޔުނައިޓެޑް
މި ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑް މާބޮޑަށް ބަލީތަ؟
 
މި ސީޒަނުގައި މޮޅުވުމާއި ގޯލު ޖެހުން އަދި ޓީމުގެ ރޫހު ދަށް

ނެދަލޭންޑްސްގެ ކޯޗު އެރިކް ޓެން ހާގްގެ ފުރަތަމަ ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑް ފެނުނީ ވަރުގަދަކޮށެވެ. ޕްރެމިއާ ލީގު ނިންމާލީ ތިން ވަނާގަ އެވެ. ކަރަބޯކަޕް ވެސް ހޯދި އެވެ. ނަމަވެސް މިސީޒަނުގެ ފުރަތަމަ ހަތަރު މަސް ނިމުނުއިރު 10 ބަލިވެ ޓީމަށް ވަނީ މާޔޫސްކަން ކުރިމަތިވެފަ އެވެ. ކޯޗު ހުރީ ޕްރެޝަރުގަ އެވެ. ވަޒީފާ ދެމިއޮންނާނެ ކަމާމެދު ވަނީ ސުވާލު އުފެދެން ފަށައިފަ އެވެ. މައްސަލަ އަކީ ކޮބާ ހެއްޔެވެ؟

ފޯވަޑުންގެ މައްސަލަ:

މިދިޔަ ސީޒަނުގައި ޔުނައިޓެޑަށް ތިންވަނަ ލިބުނަސް އެއީ ގަދަ ހަ ޓީމުގެ ތެރެއިން އެންމެ މަދުން ގޯލު ޖެހި ޓީމެވެ. އެއީ 38 މެޗުން 58 ގޯލެވެ. ރަނުގެ ފުރުސަތުތައް ނަގާލުމުގައި ޔުނައިޓެޑް އުޅުނީ ދެ ވަނާގަ އެވެ. ރަނގަޅު 71 ފުރުސަތެއްގައި ގޯލަށް ބޯޅަ ވައްދާނުލެވުނެވެ. މިހެންވެ ސަޕޯޓަރުން އުއްމީދުކުރީ މި ސީޒަނަށް ގޯލު ޖަހާނެ ދުނިޔޭގެ ފެންވަރުގެ ފޯވަޑެއް ގެންނާނެ ކަމަށެވެ.

މިކަމަށް ޔުނައިޓެޑްގެ ވެރިން ވެސް މަސައްކަތް ކުރި އެވެ. ގައުމީ ކެޕްޓަން އަދި ޓޮޓެންހަމުގެ ފޯވަޑް ހެރީ ކޭން ގަތުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރި އެވެ. އެކަމަކު އިނގިރޭސި ކުލަބަކަށް ނުދޭންވެގެން ޓޮޓެންހަމުން އޭނާ ވިއްކާލީ ޖަރުމަނުގެ ބަޔާން މިއުނިކަށެވެ. މި ހިސާބުން ޔުނައިޓެޑަށް ޖެހުނީ އެކަކު ވެސް ނުދަންނަ އެކަމަކު އުއްމީދީ ޒުވާން ފޯވަޑް ރަމްސުސް ހުޖްލުންޑް ގެނައުމަށެވެ.

ޗެމްޕިއަންސް ލީގުގައި ފަސް ގޯލު ޖެހި ނަމަވެސް ޕްރެމިއާ ލީގުގައި އޭނާ އަށް ގޯލެއް ނުޖެހެ އެވެ. ލީގުގައި މިހާތަނަށް 14 މެޗު ކުޅުނުއިރު ޔުނައިޓެޑަށް ޖެހިފައިވަނީ 16 ގޯލެވެ. މިއީ ގަދަ 10 ޓީމުގެ ތެރެއިން އެންމެ މަދުން ގޯލު ޖެހި ޓީމެވެ. މިއީ ރެލިގޭޝަން ޒޯނުގައި އުޅޭ އެވަޓަން އާއި ބާންލޭ ޖެހި ގޯލަށްވުރެ އެއް ގޯލު ގިނަ އަދަދެކެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ބައެއް ކުޅުންތެރިން - ގޫގުލް

ރަޝްފޯޑް ކޮބާ؟

ޔުނައިޓެޑްގައި މިވަގުތުހުރި އެންމެ އިތުބާރު ފޯވަޑަކީ މާކަސް ރަޝްފޯޑެވެ. މިދިޔަ ސީޒަނުގައި އޭނާ 30 ގޯލު ޖެހި އެވެ. އެކަމަކު މި ސީޒަނުގައި އަދި ޖެހުނީ އެންމެ ދެ ގޯލެވެ. މީގެ ތެރެއިން އެއް ގޯލަކީ ޕެނަލްޓީއެކެވެ. ރަޝްފޯޑް ގަވާއިދުން ގޯލު ޖަހާނަމަ ހުޖްލުންޑަށް އޮންނަ ޕްރެޝަރު ވެސް ކުޑަވާނެ އެވެ. ނަމަވެސް ގޯލު ނުޖެހޭތީވެ، އެކަމަށް މަގު ފަހިކުރުމަށް ރަޝްފޯޑް މިހާރު ވެފައިވަނީ ބަދަލުކުރާ ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ނިއުކާސަލް އަތުން މި ހަފުތާގައި ބަލިވި މެޗުގައި ވެސް 61 ވަނަ މިނެޓުގައި އޭނާ ބަދަލު ކުރަންޖެހުނީ އެހެން ކުޅުންތެރިއަކަށް ފުރުސަތު ދީފިނަމަ ގޯލެއް ޖަހާފާނެ ކަމުގެ އުއްމީދުގަ އެވެ.

އަނެއް މައްސަލައަކީ ރަޝްފޯޑް ކުޅެން ބޭނުންވާ މަގާމު ކަމަށްވާ ވާތްފަރާތުން ފޯވަޑަށް ކުޅެން ގިނައިން ފުރުސަތު ނުލިބުމެވެ. އެއީ އަރިމަތިން ކުޅޭ އެހެން ކުޅުންތެރިން ވެސް މޮޅަށް ކުޅޭތީ އެވެ. އަނެއްކޮޅުން ރަޝްފޯޑަކީ ގޯލު ނުޖެހި ފޯމު ކަޓައިފިނަމަ އަލުން ފޯމަށް އަންނަން ގިނަ ދުވަސް ނަގާ ކުޅުންތެރިއެކެވެ. 2021/22 ސީޒަނުގައި އޭނާ އަށް ޖެހުނީ އެންމެ ފަސް ގޯލެވެ. އެމާޔޫސްކަން ފިލުވާލުމަށް ޖެހިގެން އައި ސީޒަނުގެ ބޮޑުބައެއްވެސް ހޭދަވި އެވެ. މިހެންވެ ރަޝްފޯޑާމެދު ކުރެވޭ އުއްމީދުތައް ވަނީ ފަނޑުވެފަ އެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ހުޖްލުންޑް އާއި ކޯޗު (ކ) - ގޫގުލް

އަނިޔާގެ މައްސަލަ:

ޔުނައިޓެޑްގެ އަނިޔާގެ ލިސްޓު ދިގެވެ. ހަތް ކުޅުންތެރިއަކު އަނިޔާގައި ތިބިއިރު ގިނައީ ޑިފެންޑަރުންނެވެ. އަދި އަހުލާގީ މައްސަލަތަކުގައި ފޯވަޑް ޖޯޑަން ސަންޗޯ ވެސް ބަހައްޓާފައިވަނީ ޓީމާ ވަކިންނެވެ. އަނިޔާގެ މައްސަލަ ބޮޑުކަމުން ޓެން ހާގް ވަނީ މި ސީޒަނުގައި ސެންޓްރަލް ޑިފެންސްގައި އަށް ޕާޓްނާޝިޕެއް ތަޖުރިބާކޮށްފަ އެވެ. އަދި ވާތު ބެކަށް ވެސް ފަސް ކުޅުންތެރިން ލައްވައި ކުޅުވައިފި އެވެ. ސަޕޯޓަރުންނަށް ކަމުނުގޮސްގެން އުޅެނީ ޓެން ހާގް ހަވާލުވި ފަހުން ކުޅުންތެރިން ގަތުމަށް 400 މިލިއަން ޕައުންޑް ހޭދަކޮށްފައިވާއިރު އޭނާ އަށް އަދިވެސް ވަރުގަދަ 11 އެއް ނުނެގިގެން އުޅޭތީ އެވެ.

ނަމަވެސް އަނިޔާގެ ލިސްޓު ދިގުކަމުން އިތުރު ކުޅުންތެރިންތަކެއް ހަލާކުވެދާނެތީވެ ޓެން ހާގްވަނީ އޭނާގެ ޓްރޭނިންތައް ވެސް ލުއިފަސޭހަކޮށްދީފަ އެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ކުޅުންތެރިން ދެރަވެފައި - ގޫގުލް

މިދިޔަ ސީޒަނަށްވުރެ ޔުނައިޓެޑް ބަލިތަ؟

ޕްރެމިއާ ލީގުގައި މި ސީޒަނުގައި 14 މެޗު ކުޅުނުއިރު މިދިޔަ ސީޒަނެކޭ މާބޮޑު ތަފާތެއްނެތެވެ. މި ސީޒަނުގައި މިހާތަނަށް މޮޅުވީ އަށް މެޗުންނެވެ. ބަލިވީ ހަ މެޗުންނެވެ. ސޯލަ ގޯލު ޖަހައި ބައިކޮޅަށްވަނީ 17 ގޯލެވެ. ލިބުނީ 24 ޕޮއިންޓެވެ. މިދިޔަ ސީޒަނަށް ބަލާއިރު ފުރަތަމަ 14 މެޗު ކުޅުނުއިރު ޔުނައިޓެޑް މޮޅުވީ އަށް މެޗުންނެވެ. ބަލިވީ ހަތަރު މެޗުންނެވެ. ޖެހި 20 ގޯލެވެ. ލިބުނީ 26 ޕޮއިންޓެވެ. މިހެންވެ ދެ ސީޒަނުގައި މާބޮޑު ފަރަގެއްނެތެވެ.

ތަފާތެއް ފެންނަނީ ޔޫރަޕުގެ މުބާރާތްތަކުންނެވެ. މިދިޔަ ސީޒަނުގައި ޔޫރޮޕާ ލީގުގައި ހަ މެޗުން ފަސް މެޗު ޔުނައިޓެޑް ކާމިޔާބުކުރި އެވެ. 10 ގޯލު ޖެހި އެވެ. އެކަމަކު މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ފަސް މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކންނެވެ. 14 ގޯލު ބައިކޮޅަށް ވަދެއްޖެ އެވެ.

މިދިޔަ ސީޒަނާއި މި ސީޒަނުގެ އަނެއް ތަފާތަކީ ޓީމުގެ ރޫހު ހުރި ގޮތެވެ. ހުސްވި ސީޒަނުގެ މި ހިސާބުގައި ޔުނައިޓެޑް ވަނީ ލިވަޕޫލާއި އާސެނަލް އަދި ޓޮޓެންހަމް ބަލިކޮށްފަ އެވެ. އެކަމަކު މިސީޒަނުގައި ގަދަ 10 ޓީމުގެ ތެރޭގައި ހިމެނޭ ފަސް ޓީމާ ކުޅެގެން ހުރިހާ މެޗަކުން ވަނީ ބަލިވެފަ އެވެ. އެއީ އާސެނަލް، މެންޗެސްޓާ ސިޓީ، ޓޮޓެންހަމް، ނިއުކާސަލް އަދި ބްރައިޓަން މެޗެވެ. މިހެންވެ މިދިޔަ ސީޒަނަށްވުރެ ޓީމު އޮތީ މާޔޫސްކަމެއްގެ ތެރޭގައި ކަމަށް ބުނެވިދާނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް