Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސީރިއާ ކެމިކަލް ހަމަލާ

"ބޭބޭ، އަހަރެންގެ އަދިވެސް ފުރާނަ އެބަހުރިތަ؟" ޤަބުރުތަކުގެ ތެރޭގައި އޮތް ކުޑަކުއްޖާ ބުނެލި އަޑު އަދިވެސް ސާފުކޮން އިވޭކަހަލައެވެ!

ސެރީން ގޭސް ބޭނުން ކޮށްގެން ޣޫތާ ޑިސްޓްރިކްޓަށް ދިން ޙަމަލާގައި 1000 އަށް ވުރެ ގިނަ މީހުން މި ދުނިޔެއާ ވަކިކޮށްލި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 1 ޑިސެމްބަރު 2023 | ހުކުރު 11:33
ސީރިއާއަށް ދިން ކެމިކަލް ހަމަލާގައި ޒަހަމްވި މީހުން ހޮސްޕިޓަލްތެރޭގައި

ސީރިއާއަށް ދިން ކެމިކަލް ހަމަލާގައި ޒަހަމްވި މީހުން ހޮސްޕިޓަލްތެރޭގައި

މި ފަހުގެ ތާރީޚުގައި މެދުއިރުމަތީގެ މަސްރަޙަށް އެންމެ ވަރުގަދަ ސިހުމެއް ގެނުވި އެއް ހަނގުރާމައަކީ ދާޚިލީ ހަމަނުޖެހުމުގެ ގޮތުގައި ސޫރިޔާގައި ކުރަން ފެށި ވަރުގަދަ ހަނގުރާމައެވެ. ސޫރިޔާ ހަނގުރާމައިގެ ކޯޅުންގަނޑު އެންމެ ގަދަވެގެން ދިޔަ ދުވަސްވަރު، ކެމިކަލް ހަތިޔާރު ބޭނުންކޮށްގެން ޙަމަލާ ދިނުމުގެ ޣައިރު ޤާނޫނީ ޖަރީމާ ހިންގާފައިވެއެވެ. ކެމިކަލް ޙަމަލާތަކުގެ ޝިކާރައަކަށް ވެ އެތައް ބައެއްގެ ފުރާނަ ގެއްލި، އެތައް ހާސް ބަޔަކު ޒަޚަމްވިއެވެ. ގިނައީ ކުޑަކުދިންނެވެ. މިއީ އޭގެ 10 އަހަރު ފަހެވެ. އެ ޙަމަލާތަކުގެ ޒިންމާ އުފުލަންޖެހޭ މުޖުރިމުންނަށް ދެވުނު އެއްވެސް ޢަދަބެއް ނެތެވެ.

ނޮވެމްބަރ 30 ވީ ބުރާސްފަތި ދުވަހަކީ އެކަމަށް ބަދަލެއް އަތުވެދާނެ ކަމުގެ ފުރަތަމަ ސިގުނަލް ލިބުނު ދުވަހެވެ. އެ ދުވަހަކީ، ކެމިކަލް ހަތިޔާރު ބޭނުންކޮށްގެން ހިންގާ ލާއިންސާނީ ޖަރީމާތަކުގެ ތަޙުޤީޤު ހިންގާ، މުޖުރިމުން ޖަވާބުދާރީ ކުރުވާ، ޙައްޤު ޢަދަބު ދިނުމަށް ބައިނަލްއަޤުވާމީ ފެންވަރުގެ ޓްރައިބިއުނަލްއެއް ނުވަތަ އައު މުޙާކިމާއެއް ވުޖޫދު ކުރުމުގެ ޙަރަކާތްތައް ފެށި ދުވަހެވެ.

އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ ސޫރިޔާގެ ޖަމިއްޔާތަކާއި، ބައިނަލްއަޤުވާމީ ފެންވަރުގެ ޤާނޫނީ ތަޖުރިބާކާރުންނާއި އެނޫންވެސް މެންބަރުންތަކެއް އެކުވެގެން މިދިޔަ 2 އަހަރެއްހާ ދުވަހު، ސިއްރިއްޔާތުގައި ކުރަމުން ދިޔަ މަސައްކަތަކީ، މިހާރުވެސް އެފަދަ ހަތިޔާރުތަކުގެ ބޭނުން ކުރުން މަނާކޮށްފައި އޮންނަ، ވިހަ ކެމިކަލްތަކާއި މާއްދާތައް އެކުލެވޭ ހަތިޔާރުތައް ބޭނުން ކުރާ ފަރާތްތައް، އައު މުޢަހަދާއެއްގެ ދަށުން ސަރިޔަތަށް ޚާޒިރު ކުރުމުގެ ފުރުޞަތު ތަނަވަސްކޮށްދޭ މަސައްކަތެކެވެ.

ސޫރިޔާ ހަނގުރާމައިގެ ދުވަސްވަރު ދިން ކެމިކަލް ޙަމަލާތަކުގެ ހަނދާންތަކަކީ އަދިވެސް އެ ޤައުމުގެ ރައްޔިތުންގެ ހިތްތަކުން ފިލައި ގޮސްފައި ވާ ހަނދާންތަކެއް ނޫނެވެ. 2013 ވަނަ އަހަރުގެ އޯގަސްޓް 21 ވަނަ ދުވަހު، ސެރީން ގޭސް ބޭނުން ކޮށްގެން ޣޫތާ ޑިސްޓްރިކްޓަށް ދިން ޙަމަލާގައި 1000 އަށް ވުރެ ގިނަ މީހުން މި ދުނިޔެއާ ވަކިކޮށްލީ ރޭގަނޑުގެ ނިދީގައި ތިއްބާއެވެ. ސޫރިޔާގެ ވެރިކަން ކުރާ ދިމިޝްޤްގެ ރަށްފުށު އަވަށެއް ކަމަށް ވާ ޖުބާރުގައި ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރާ، ޢުމުރުން 35 އަހަރުގެ ޞަފާ ކާމިލްއަކީ، އޭނާގެ ފުރާނަ ސަލާމަތްވިއެއް ކަމަކު، އެ ނާމާންކަން ތަޖުރިބާކުރި، އޭރުގެ ޒުވާނެކެވެ.

ކެމިކަލް ހަތިޔާރު ބޭނުންކޮށްގެން ޙަމަލާ ދޭ މުޖުރިމުން ޖަވާބުދާރީ ކުރުވާ، ޙައްޤި ޢަދަބު ދީ، އިންސާފު ލިބެން ޖެހޭ ފަރާތްތަކަށް އެ ޙައްޤުތައް ކަށަވަރު ކޮށްދިނުމަށްޓަކައި ޑިޕްލޮމެޓިކް އަދި ތަޖުރިބާކާރުންގެ ފެންވަރުގައި، އެކި ދަޢުލަތްތަކުގެ މެދުގައި ގިނަ މަޝްވަރާތަކެއް ކޮށް، ހުށަހެޅުންތަކެއް ވަނީ ހުށަހަޅާފައެވެ. ލިބިފައި ވާ ކިތާބީ ހެކިތަކާ ޙަވާލާދީ ރޮއިޓަރޒްއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން 44 ޤައުމެއްގެ ޑިޕްލޮމެޓުން ވަނީ މަޝްވަރާތަކުގައި ބައިވެރިވެޑައިގެންފައެވެ. މަޝްރޫޢުގެ ފަހަތުގައި އެންމެ އިސްކޮށް މަސައްކަތް ކުރި އެކަކީ ސޫރިޔާގެ އިނގިރޭސި ނަސްލުގެ ބަރިސްތާއެއް ކަމަށްވާ އިބްރާހީމް ޢުލައިބީއެވެ. ޢުލައިބީ ފާހަގަ ކުރި ގޮތުގައި، ބައެއް މަޝްވަރާތަކަކީ ޤައުމުތަކުގެ ވަޒީރުންގެ ފެންވަރުގައި ކުރިއަށް ގެންގޮސްފައި ވާ މަޝްވަރާތަކެކެވެ.

'ދި އެކްސެޕްޝަނަލް ކެމިކަލް ވެޕަންސް ޓްރައިބިއުނަލް' އުފެއްދުމަށް ޕްރޮޕޯސަލް ހުށަހެޅި ނޮވެމްބަރ 30 ވަނަ ދުވަހަކީ، ކެމިކަލް ޙަމަލާތަކުގެ ޝިކާރައަކަށް ވާ މީހުންގެ ހަނދާނުގައި ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަ ކުރާ ދުވަހެވެ. ދެން އޮތް މަރުހަލާއަކީ، މުޢާހަދާގެ ދެލި ކޮޕީއަކާ މެދު ދަޢުލަތްތަކުން އެއްބަސްވުމަކަށް އައުމުގެ މަރުހަލާއެވެ.

ކޮންމެވެސް ވަރެއްގެ އިންސާފެއް

ހަނގުރާމައިގެ ޤާނޫނުތައް ބަޔާން ކުރާ ޖެނީވާ ކޮންވެންޝަންސްގެ ދަށުން، ކެމިކަލް ހަތިޔާރު ބޭނުން ކުރުމަކީ މިހާރުވެސް މަނާ ކަމެކެވެ. އެ ބުނުމަށް ބާރު ދެނީ، 1997 ވަނަ އަހަރު އެކުލަވާލި ކެމިކަލް ވެޕަންސް ކޮންވެންޝަންއިންނެވެ. އޯގަނައިޒޭޝަން ފޮރ ޕްރޮހިބިޝަން އޮފް ކެމިކަލް ވެޕަންސް (އޯޕީސީޑަބްލިއު)ގެ ބެލެހެއްޓުމުގެ ދަށުން، 193 ޤައުމަކުން ވަނީ އެ މުޢާހަދާގައި ބައިވެރިވެފައެވެ.

ކަން އެހެން އޮތް ނަމަވެސް، ސޫރިޔާ ހަނގުރާމައިގެ މައްސަލާގައި އޯޕީސީޑަބްލިއުއާއި އ.ދގެ ސިޔާސީ ފިކުރު ބައިބައިވެގެން ދިޔައެވެ. ނަތީޖާއަކަށް ވީ، ބައިނަލްއަޤުވާމީ ޤާނޫނާ ޚިލާފަށް ދިން ކަމަށް ތުހުމަތު ކުރެވޭ އެތައް ސަތޭކަ ކެމިކަލް ޙަމަލާއެއްގެ ފަހަތުގައި ތިބި މުޖުރިމުން ޖަވާބުދާރީ ކުރުވުމަށް މާ ބޮޑު މަސައްކަތެއް ނުކުރެވި، އެކަމަށް ހުރަސް އެޅިގެން ދިއުމެވެ.

ހަނގުރާމައިގެ ދުވަސްވަރާއި އަދި މިހާރުވެސް ސޫރިޔާގައި ވެރިކަން ކުރައްވަމުން ގެންދަވާ ބައްޝާރު އަލް-އަސަދުގެ ސަރުކާރުން ވަނީ، ދާޚިލީ ހަނގުރާމައިގެ ތެރޭގައި، ސަރުކާރާ އިދިކޮޅު މީހުންނަށް އަމާޒުކޮށްގެން ކެމިކަލް ޙަމަލާ ދީފައި ވާ ކަމަށް ކުރާ ތުހުމަތުތަކަށް އިންކާރު ކޮށްފައެވެ. ސޫރިޔާގެ ހަނގުރާމައަކީ، މަރޗް 2011 ގައި އަސަދުގެ ސަރުކާރާ ދެކޮޅަށް، މަދަނީ އެއްވުމުގެ ގޮތުގައި ފެށި ހަރަކާތެއް ހޫނުވަމުން ގޮސް، އެކަމުގެ ތެރެއަށް ސަރަޙައްދީ ޤައުމުތަކާއި ދުނިޔޭގެ ބޮޑެތި ޤައުމުތަކުންވެސް ވަދެގެން ކުރި، ވަރުގަދަ ހަނގުރާމައެކެވެ. ހަނގުރާމައަށް ރަސްމީ ސިފައެއްގައި އަދިވެސް ނިމުމެއް އައިސްފައެއް ނުވެއެވެ. ވަކި ބަޔަކަށް ކުރި ނުލިބި، އެ އޮތް ވަރެއްގައި އޮތީއެވެ.

ހަނގުރާމައިގެ ޖަރީމާތަކާ ބެހޭ ޢާންމު އިޙްތިސާސްގެ ދަށުން، ފަރަންސޭސިވިލާތް ފަދަ ބައެއް ޤައުމުތަކުން މިހާރުވެސް ވަނީ ބައެއް ސަރިޔަތްތައް ފަށާފައެވެ. ނަމަވެސް ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓުގެ އިޙްތިސާސުން ބޭރުން ކަން ހިނގާ ޙާލަތެއްގައި، ކެމިކަލް ހަތިޔާރުތަކުގެ ބޭނުންކުރާ މުޖުރިމުންނާ ދެކޮޅަށް ދަޢުވާ ކުރެވޭނެ ޝަރުޢީ އެހެން ބާރެއް ނެތެވެ.

ބޯލްކަންސްއާއި ރުވާންޑާގެ ޤަތުލުޢާންމު އަދި ލުބްނާންގެ ހަނގުރާމަ ފަދަ ކާރިޘާތަކަށް ޚާއްޞަކޮށްގެން، ހަނގުރާމައިގެ ޖަރީމާތައް ތަޙުޤީޤު ކުރުމަށް ބައިނަލްއަޤުވާމީ ފެންވަރުގައި ކޯޓުތައް އެކުލަވާލާފައި ވީ ނަމަވެސް، ސީދާ ކެމިކަލް ހަތިޔާރު ބޭނުން ކުރާ މުޖުރިމުންނަށް އަމާޒުކޮށްގެން އެ ފަދަ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ޚާއްޞަ ކޯޓެއް އަދި އެކުލަވާލާފައެއް ނުވެއެވެ.

ހަނގުރާމައިގެ ޖަރީމާތައް ބައިނަލްއަޤުވާމި ފެންވަރުގައި ތަޙުޤީޤު ކުރުމުގެ ބާރު އޮންނަ އައިސީސީގެ އިޙްތިސާސްގައި ސޫރިޔާ ނުހިމެނެއެވެ.

ބައެއް ކޭސްތައް ތަޙުޤީޤު ކުރުމުގެ ބާރު، އޯޕީސީޑަބްލިއުއަށް ލިބިފައި އޮތް ނަމަވެސް، ދަޢުވާ ކުރުމުގެ އެއްވެސް ބާރެއް ނޯވެއެވެ.

އ.ދއާއި އޯޕީސީޑަބްލިއު ގުޅިގެން ކުރިއަށް ގެންދިޔަ ތަޙުޤީޤު (ޖިމް) ގެ ހޯދުންތަކަށް ބަލާއިރު، އޭޕްރިލް 2017 ގައި ދިން ޙަމަލާއެއްގައި ސޫރިޔާގެ ސަރުކާރުން ވަނީ ކެމިކަލް ހަތިޔާރުގެ ގޮތުގައި ގިންތި ކޮށްފައި ވާ ސެރީން ގޭސް ބޭނުން ކޮށްފައެވެ. އަދި ކްލޮރީން ބޭނުންކޮށްގެން ތަކުރާރުކޮށް އެތައް ޙަމަލާއެއް ދީފައިވެއެވެ. ސޫރިޔާ ހަނގުރާމައިގެ ތެރެއިން މުޅި ދުނިޔެއަށް އަތް ގަދަ ކުރި ޓެރަރިސްޓް އައިސިސް ޖަމާޢަތުން، ސަލްފަރ މަސްޓަރޑް ނުވަތަ ގޭސް ބޭނުން ކުރި ކަމުގެ އިލްޒާމު، ސޫރިޔާ ސަރުކާރުން ފެންމަތި ކުރިއެވެ.

ޔޫއެން-އޯޕީސީޑަބްލިއު ޖޮއިންޓް އިންވެސްޓިގޭޓިވް މެކޭނިޒަމް (ޖިމް)ގެ ރަސްމީ ޢަމުރު ހިނގާ މުހުލަތު ނޮވެމްބަރ 2017 އަށް ހަމަވެފައި ވާ އިރު، އެ މުއްދަތު އިތުރު ކުރުމަށް ބައިނަލްއަޤުވާމީ ފެންވަރުގައި އެތައް ފަހަރެއްގެ ކުރި މަސައްކަތްތައް ވީޓޯ ކޮށްފައި ވަނީ، ސޫރިޔާއަށް އެއްބާރުލުން ދޭ ރަޝިޔާއިންނެވެ.

10 އަހަރު ފަސް

2013 ވަނަ އަހަރު ޣޫތާއަށް ދިން ޙަމަލާގައި ނޭވާ ހާސްވެގެން މަރަށް ތެޅެމުން ދިޔަ މީހުންނާއި، މި ދުނިޔެއަށް ފަހު ނޭވާ ދޫކޮށްލި މީހުންގެ ހަށިގަނޑުގައި އަޅަމުން ދިޔަ ވޭންތައް އެންމެ ގާތުން ފެނުނު އެކަކީ، އެ ޙާލުގައި ތިބި އެތައް ސަތޭކަ ބަޔަކަށް ފަރުވާ ދިނުމަށް ޑިއުޓީއަށް ނުކުމެ ހުރި ޑރ މުޙައްމަދު ސަލީމު ނަމޫރުއެވެ. އެ ހަނދާންތައް އައު ވާ ކޮންމެ ފަހަރަކު، މިހާރުވެސް، ޑރ ނަމޫރުގެ ލޮލުން ކަރުނަ ހިލުވާލައެވެ. މަރުވެފައި އޮތް މީހުންތަކުގެ ތެރޭގައި އޮތް ކުޑަކުއްޖަކު، "އަހަރެންގެ ފުރާނަ އަދިވެސް އެބަހުރިހޭ" އަހާލި އަޑު، އަދިވެސް ޑރ ނަމޫރުގެ ކަންފަތުގައި ގުގުމައެވެ.

ސޫރިޔާގެ ރައްޔިތުން ހޯދަން އުޅެނީ އިންސާފެވެ. ފަހަރެއްގައިވެސް ބައެއްގެ ކިބައިން ބަދަލެއް ހިފަނީއެއް ނޫނެވެ.

އިންޓަރނޭޝަނަލް އިމްޕަރޝަލް އެންޑް އިންޑިޕެންޑަންޓް މެކޭނިޒަމް (އައިއައިއައިއެމް)އިން ބުނާ ގޮތުގައި، ސޫރިޔާގެ ހަނގުރާޟައާ ގުޅިގެން ކުރިއަށް ދާ 200 އެއްހާ ތަޙުޤީޤުގެ ތެރެއިން، ކެމިކަލް ޙަމަލާތަކާ ގުޅިފައި ވަނީ އޭގެ ތެރެއިން ވަރަށް މަދު ޢަދަދެއްގެ ކޭސްތަކެކެވެ. 200 އެއްހާ ތަޙުޤީޤު ތެރެއިން ގިނަ ކޭސްތައް ކުރިއަށް ގެންދަނީ ވިލާތުގެ ޤައުމުތަކުގައެވެ. އައިއައިއައިއެމްއަކީ، ސޫރިޔާގައި ހިންގާފައި ވާ ހަނގުރާމައިގެ ޖަރީމާތައް ތަޙުޤީޤު ކުރުމަށް، އދއިން މަތިކޮށްފައި އޮތް އިދާރާއެވެ.

ސީރިޔާ

ކޮމެންޓް

އިތުރަށް ކިޔާލަން

އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި

އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި

09 ޑިސެމްބަރު 2025
އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި

އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި

13 ނޮވެމްބަރު 2025
އެމެރިކާ އިން ޓެރަރިސްޓެއްގެ ގޮތުގައި ލިސްޓު ކޮށްފައި އޮތް ސީރިޔާ ގެ ރައީސް އަލް-ޝަރާ ހޮނިހިރު ދުވަހު އެމެރިކާ އަށް ރަސްމީ ދަތުރެއްގައި ވަޑައިގެންފި

އެމެރިކާ އިން ޓެރަރިސްޓެއްގެ ގޮތުގައި ލިސްޓު ކޮށްފައި އޮތް ސީރިޔާ ގެ ރައީސް އަލް-ޝަރާ ހޮނިހިރު ދުވަހު އެމެރިކާ އަށް ރަސްމީ ދަތުރެއްގައި ވަޑައިގެންފި

09 ނޮވެމްބަރު 2025
ސީރިއާގައި އިންވެސްޓު ކުރުމުގެ ދައުވަތު ދުނިޔެ އަށް ދެއްވުމާ އެކު، އަލް ޝަރާގެ ތައުރީފު ސައުދީ އަރަބިއްޔާ އަށް

ސީރިއާގައި އިންވެސްޓު ކުރުމުގެ ދައުވަތު ދުނިޔެ އަށް ދެއްވުމާ އެކު، އަލް ޝަރާގެ ތައުރީފު ސައުދީ އަރަބިއްޔާ އަށް

30 އޮކްޓޯބަރު 2025
ސީރިއާގެ އައު ޤާނޫނު ހަދާ މަޖިލިސް އިންތިޚާބު ކުރުމަށް ވޯޓުލާން ފަށައިފި

ސީރިއާގެ އައު ޤާނޫނު ހަދާ މަޖިލިސް އިންތިޚާބު ކުރުމަށް ވޯޓުލާން ފަށައިފި

05 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

2 ފެބުރުއަރީ
ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް
20215 އަހަރު ކުރިން
ރިޕޯޓު

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު