ކ. މާލެ
|
23 ނޮވެންބަރ 2023 | ބުރާސްފަތި 05:28
އާޖެންޓީނާގެ ފަރިތަކުރުމެއްގައި ކޯޗު ސްކަލޯނީ
އާޖެންޓީނާގެ ފަރިތަކުރުމެއްގައި ކޯޗު ސްކަލޯނީ
ރޮއިޓާސް
އާޖެންޓީނާ ޤައުމީ ޓީމު
އާޖެންޓީނާގެ ކޯޗުކަމުން ސްކަލޯނީ ވަކިވަނީ؟
 
އޭނާ ބުނީ އަލްވަދާއު ކިޔަން ބޭނުންވަނީ ނޫން ކަމަށާއި، ނަމަވެސް ކަންތައްތައް ހުރީ ބުނެދޭން ނޭނގޭ ކަހަލަ ގޮތަކަށް ކަމަށް

އާޖެންޓީނާ ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުކަމުން އިސްތިއުފާ ދޭން އުޅޭ ކަހަލަ މޭރުމަކުން ލިއޮނަލް ސްކަލޯނީ ވާހަކަ ދައްކައިފި އެވެ.

ސްކަލޯނީ މިހެން ވާހަކަ ދެއްކީ، ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ކޮލިފިކޭޝަންގައި ބްރެޒިލާ ދެކޮޅަށް ކުޅުނު މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ، އާޖެންޓީނާ ޤައުމީ ޓީމުގައި އޭނާގެ މުސްތަޤުބަލު އޮންނާނެ ގޮތެއް ބުނަން ދަތި ކަމަށެވެ. އޭނާ ބުނީ، މުސްތަޤުބަލުގައި ކަންތައް ކުރާނެ ގޮތަކާމެދު، ވަރަށް ބޮޑަށް އޭނާ ވިސްނަން ޖެހޭނެ ކަމަށެވެ. އުމުރުން 45 އަހަރުގެ ސްކަލޯނީ ބުނީ އާޖެންޓީނާގެ ކުޅުންތެރިން، އަދި ފުޓުބޯޅަ އެސޯސިއޭޝަނުން ދިގު މުއްދަތަކަށް އޭނާ ބަހައްޓަން ބޭނުންވި ނަމަވެސް، އެހާ ހިތްވަރު ހުރިތޯ ވެސް ބަލަން ޖެހޭނެ ކަމަށެވެ. އޭނާ ބުނީ އަލްވަދާއު ކިޔަން ބޭނުންވަނީ ނޫން ކަމަށާއި، ނަމަވެސް ކަންތައްތައް ހުރީ ބުނެދޭން ނޭނގޭ ކަހަލަ ގޮތަކަށް ކަމަށެވެ. އިތުރަށް އޭނާ ބުނީ އާޖެންޓީނާ ޤައުމީ ޓީމަށް ބޭނުންވަނީ، ހުރިހާ ގޮތަކުން ވެސް ހިތްވަރު ހުރި، ވަރުގަދަ ކޯޗެއް ކަމަށެވެ.

މިފަދައިން ސްކަލޯނީ ވާހަކަ ދެއްކި ނަމަވެސް، އޭނާ އިސްތިއުފާ ދީފައިވާކަން ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އޭނާގެ މި ވާހަކަތަކާއެކު، ބައިނަލްއަޤުވާމީ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، ސްކަލޯނީގެ ވިސްނުން ހުރީ އިސްތިއުފާ ދޭން ކަމަށެވެ. ބެރްޒިލް މެޗުގެ ފަހުން އޮތް ޕްރެސް ކޮންފަރެންސް އަށް ހާޒިރުވުމުގެ ކުރިން ސްކަލޯނީ ވަނީ، އާޖެންޓީނާގެ ވަކި ވަކި ކުޅުންތެރިން އަދި ކޯޗިން އޮފިޝަލުންނާ ބައްދަލުކޮށް، ވާހަކަ ދައްކައިފަ އެވެ. އެހެންކަމުން، މިއީ އާޖެންޓީނާގެ ކޯޗުކަމުގައި އޭނާގެ ފަހު މެޗު ކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ.

އާޖެންޓީނާގެ ކޯޗުކަމާ އޭނާ ހަވާލުވީ، 2018 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ އެ ޓީމަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފަ އެވެ. އެގޮތުން، 2021 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތުގެ އިތުރުން، ބައްރުތަކުގެ މެދުގައި ކުޅޭ ފައިނަލިސިމާ އަދި ފީފާ ވޯލްޑް ކަޕް އޭނާ ވަނީ އާޖެންޓީނާ އަށް ކާމިޔާބު ކޮށްދީފަ އެވެ.

މިދިޔަ އަހަރު ޤަތަރުގައި ކުރިއަށް ދިޔަ ފީފާ ވޯލްޑް ކަޕް އާޖެންޓީނާ އިން ކާމިޔާބު ކުރި ފަހުން، އެ ޤައުމުގެ ފުޓުބޯޅަ ފެޑެރޭޝަނުން ވަނީ ސްކަލޯނީގެ އެއްބަސްވުން އައު ކޮށްފަ އެވެ. އޭނާގެ އައު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށްފަހު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް