ކ. މާލެ
|
10 ނޮވެންބަރ 2023 | ހުކުރު 17:19
މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ އާއި ކައުންސެލާ ޖެނެރަލް ފާތިމަތު ފިލްޒާ
މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ އާއި ކައުންސެލާ ޖެނެރަލް ފާތިމަތު ފިލްޒާ
މިހާރު
ރައްޔިތުންގެ މަޖިލީހުގެ އިދާރާ
'ބެސްޓް ޕްރެކްޓިސް' އަކީ ފެއިލް ވެއްޖެކަމަށް ގަބޫލުކުރައްވައި، ނިއުޝާ އަދި ފިލްޒާ ގެއަށް ވަޑައިގަތުމެވެ.
 
މަޖިލިސް ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ، ކުރިއަށް ގެންދިޔުމުގައި އެންމެ ބޮޑަށް ހުރަސްއެޅުއްވީ ނިއުޝާ އަދި ފިލްޒާ
 
ސުޕްރީމު ކޯޓުން ނިންމީ މަޖިލިސް ހުއްޓުވާފައި ބޭއްވޭނެ މާނައެއް ގާނޫނުގައި އަދި ގަވާއިދުގައި ނެތް ކަމަށް
 
އެހެންކަމަށް ވާނަ، އާދިއްތަ ދުވަހު ނަޝީދު ވަޑައިނުގަތް ނަމަވެސް، އެ މައްސަލަ ކުރިއަށް ގެންދެވޭނެ

ރައްޔިތުންގެ މަޖިލިސް ހިސާރު ކުރި ކަމުގެ ފިލްމަށް، އެންމެންގެ ނަޒަރު ގޮސް ހުއްޓުނީ މަޖިލިސް ރައީސް ނަޝީދު، މަޖިލިސް ނައިބު ރައީސް އީވާ އަބްދުﷲ އަދި އެ ޕާޓީގެ މެމްބަރުންނަށެވެ. އެއްވެސް މީހަކު މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ އާއި ކައުންސެލާ ޖެނެރަލް ފާތިމަތު ފިލްޒާގެ މަތީން ހަނދާން ނެތް ކަހަލަ އެވެ. އެ ފިލްމުގެ ފަހަތުގައި ތިއްބެވީ އެ ދެބޭފުޅުން ކަމުގައި ވިޔަސް، އެމްޑީޕީގެ މަޖިލިސް މެމްބަރުން ނޫނީ އެ ދެބޭފުޅުންނަށް މާ ބޮޑު އަޅާލުމެއް ދޭ އެހެން ބަޔަކު ނެތެވެ.

ދަންނަވަންތޯ އެވެ. ބުރާސްފަތި ދުވަހު ސުޕްރީމު ކޯޓުން ނިންމި ނިންމުމަކީ، އެ ދެބޭފުޅުންނާ ދެކޮޅަށް ނިންމެވި ނިންމުމެކޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. މަޖިލިސް ގަވާއިދު އަދި ގާނޫނު އަސާސީ ހިތުހުރި ގޮތަކަށް މާނަ ކުރައްވައިގެން، މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވުމުގައި އެ ދެބޭފުޅުންގެ ދައުރު، ނަޝީދު އަދި އީވާ އާ އެއްވަރެވެ. ނޫނީ އެއަށްވުރެ ބޮޑެވެ.

ސުޕްރީމު ކޯޓުން ބުރާސްފަތި ދުވަހު ނިންމި ނިންމުމުގައި ބުނި ވާހަކަ ވަރަށް ސާފެވެ. ސުޕްރީމް ކޯޓުން ނިންމީ މަޖިލީހުގެ ނައިބު ރައީސް ހާޒިރުނުވާ ޙާލަތުގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރިޔާސަތު ބަލަހައްޓަވާނެ ފަރާތްތަކެއް، 3 ޖޫން 2019ގައި އޮތް ޖަލްސާގައި ކަނޑައަޅާފައިވާއިރު، އީވާއަށް ކުރިމަތިވެވަޑައިގެންފައިވާ އުޒުރު ފިލައިގެން ދަންދެން މަޖިލިސް މަޑުޖައްސާލުމަކީ މަޖިލީހުގެ ގަވާއިދުގެ ރޫހުކަމަށް ނުފެންނަ ކަމަށެވެ.

ވުމާއެކު، ނަޝީދު ވަކިކުރުމުގެ ގަރާރު ހުށަހެޅުމަށް ހަމަޖެހުނު ޖަލްސާ ކުރިއަށް ނުގެންދިއުމަށް މަޖިލީހުން ނިންމި ނިންމުން ރަނގަޅު ނޫންކަމަށް ސުޕްރީމް ކޯޓުން ނިންމި އެވެ. އެއްގޮތުން ބަލާނަމަ، ސުޕްރީމު ކޯޓުން އެ ނިންމީ ނިއުޝާ އަދި ފިލްޒާގެ ނިންމުން ރަނގަޅު ނޫން ވާހަކަ އެވެ. އެ ދެބޭފުޅުން ގާނޫނާ ޙިލާފުވި ވާހަކަ އެވެ. އެ ދެބޭފުޅުންގެ މަސްއޫލިއްޔަތު، މަޖިލިސް ގަވާއިދުގެ 20 ވަނަ މާއްދާ އަދި 22 ވަނަ މާއްދާގައި ބުނާ އުސޫލުން ކުރައްވަން ފެއިލްވެވަޑައިގެންނެވި ވާހަކަ އެވެ. ސުޕްރީމު ކޯޓުން އެ ނިންމީ ނަޝީދު ޖަލްސާ އަށް ހާޒިރު ނުވި ނަމަވެސް، އަދި ހާޒިރުވި ނަމަވެސް ނިއުޝާ އަދި ފިލްޒާގެ އޭރުގެ ނިންމުމުގެ ސަބަބުން އެ ޖަލްސާ ކުރިއަށް ގެންދެވޭކަށެއް ނެތް ކަމަށް ނިންމެވުމަކީ ގާނޫނާ ޙިލާފު ނިންމެވުމެއް ކަމަށެވެ.

ދެން އޮތީ އާދިއްތަ ދުވަހަށް އެޖެންޑާ ކޮށްފައިވާ އިތުބާރު ނެތްކަމުގެ މައްސަލައިގެ ވާހަކަ އެވެ. އެ ދުވަހަށް ދެން އޮތީ އެންމެ ސިނާރިއޯ އެކެވެ. އެއީ މަޖިލިސް ރައީސް، ނަޝީދު ޖަލްސާއަށް ޙާޒިރު ނުވުމެވެ. ކުރީގެ ޙާލަތާ މި ޙާލަތު މިހާރު ވަރަށް ތަފާތެވެ. މިހާރު އިވާ ނެތް ނަމަވެސް، އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ އެވެ. އެކަމަކު ނަޝީދު ޖަލްސާއަށް ހާޒިރު ނުވެއްޖެ ނަމަ ދެން އެއީ އަނެއް ހަ ކަންތަކެވެ. އެއީ ގަވާއިދުގައި ބުނާ ގޮތުންނަމަ، އިތުބާރު ނެތްކަމުގެ ޖަލްސާގެ ބަހުސުގައި ނަޝީދަށް ޖަވާބުދާރީ ވުމަށް، ފުރުސަތެއް ދެވޭނެ ކަމަށް ބުނެފައި ވުމެވެ. މިހާލަތަށް ބަލާނަމަ އެއީ ހުށަހަޅާފައިވާ 30 މިނެޓުގެ ފުރުސަތެވެ.

މިހާ ހިސާބުން އުފެދޭ ސުވާލަކީ ނަޝީދު ހާޒިރު ނުވާތީ އޭ ކިޔައި، ފިލްޒާ އަދި ނިއުޝާ އަށް މަޖިލިސް ހުއްޓުވުމުގެ ބާރެއް އެބައޮތްތޯ ކުރެވޭ ސުވާލެވެ. ނޫނީ އަނެއްކާ ވެސް ގޮތް ހުސްވެގެން އެހާ ހިސާބުން ސުޕްރީމު ކޯޓުގެ ލަފަޔަކަށް އެދެންވީތޯ ކުރެވޭ ސުވާލެވެ. ނޫނީ އިތުރު ޙާލަތެއް މިކަމުގައި އެބަ އޮތްތޯ ކުރެވޭ ސުވާލެވެ.

އިތުބާރު ނެތްކަމުގެ މައްސަލައެއްގައި ޖަވާބުދާރީ ވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ސީދާ ޙާލަތެއް މީގެ ކުރިން ނެތް ނަމަވެސް، މިފަދަ ޙާލަތްތަކެއް މަޖިލީހުގައި މީގެ ކުރިން ދިމާވެފައި އެބަ ހުއްޓެވެ. 2015 ވަނަ އަހަރު އޭރުގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު މަގާމުން ވަކި ކުުރެއްވުމަށް މަޖިލީހަށް ހުށަހެޅުއްވި އިރު، އެމަނިކުފާނު ހުންނެވީ އިނގިރޭސިވިލާތުގައި އެވެ. އެމަނިކުފާނުގެ ބަދަލުގައި މަޖިލީހަށް ޖަވާބުދާރީވެވަޑައިގަތީ ޖަމީލުގެ ވަކީލު، ހުސްނުއްސުއޫދެވެ. ލިޔުމުންނެވެ. ސީދާ ޖަމީލު ޖަވާބު ދާރީ ވުމަށް މަޖިލީހުން އޭރު އެދުނު ނަމަވެސް، ބަދަލުގެ ގޮތުން ޖަމީލުގެ ވަކީލު ހުސްނުއްސުއޫދު ޖަވާބުދާރީ ވެވަޑައިގަތެވެ. އެންމެ ފަހުން ޖަމީލު މަގާމުން ވަކި ކުރެއްވި އިރު ވެސް ހުންނެވީ އިނގިރޭސިވިލާތުގައި އެވެ.

އިތުރު ހާލަތެކެވެ. މި އަހަރު މަޖިލީހަށް ހުށަހެޅި، އެޓާނީ ޖެނެރަލް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެވެ. އެ މައްސަލައިގައި ރިފްއަތު ޖަވާބުދާރީ ވުމަށް މަޖިލީހަށް ހާޒިރުވެވަޑައިގެންނެވި ނަމަވެސް، އެ ދުވަހު މަޖިލިސް ޖަލްސާ ކުރިއަށް ގެންދެވޭ ގޮތެއް ނުވީ މަޖިލީހުގެ މެމްބަރުންގެ މެދުގައި ޙިޔާލުތަފާތުވުން އުފެދި، ތަޅުން ހޫނުވުމުގެ ސަބަބުންނެވެ. އެ މައްސަލައިގައި ރިފްއަތު ލިޔުމުން ޖަވާބުދާރީ ވުމުން، ސުޕްރީމު ކޯޓުގައި އިސްތިޝާރީ ލަފައަކަށް އައްސަވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެހެން ނަމަވެސް އެ މައްސަލަ ފަހުން އަނބުރައި ގެންދިޔުމުން މައްސަލަ ހުއްޓުނީ އެވެ.

އެހެން ކަމަށްވާނަމަ، އުފެދޭ ސުވާލަކީ އާދިއްތަ ދުވަހުގެ ޖަލްސާގައި އެޖެންޑާ ކުރެވިފައިވާ މައްސަލައަށް ނަޝީދު ހާޒިރުނުވެއްޖެ ނަމަ، އެ މައްސަލަ ކުރިއަށް ނުގެންދިޔުމަށް މަޖިލިސް އިދާރާއަށް ނިންމިދާނެތޯ ކުރެވޭ ސުވާލެވެ. މަޖިލީހުގައި މީގެ ކުރިން އަމަލުކޮށްފައި ހުރި ގޮތްތަކުން، ނުވަތަ އެ އެމިސާލަށް ބަލާނަމަ އެއީ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ އާއި ކައުންސެލާ ޖެނެރަލް ފާތިމަތު ފިލްޒާ އަށް މި މައްސަލަ ހުއްޓުވޭނެ ގޮތެއް އަސްލު ނެތެވެ. އެހެން ނަމަވެސް، އެބޭފުޅުން އެފަދަ ކޮންމެވެސް އުކުޅެއް ޖައްސަވާނެ ކަމަށް ބެލެވެ އެވެ.

އެހެން ކަމަށްވާނަމަ، އެ އުޅުއްވަނީ އަނެއްކާ ވެސް މަޖިލިސް ގާނޫނީ ހުސްކަމަކަށް ދިޔުމަށް އެހީވުމަށެވެ. އެއީ ސުޕްރީމު ކޯޓުން ނިންމި ގޮތުން ބަލާނަމަ، މަޖިލިސް ގަވާއިދު އަދި ގާނޫނު އަސާސީ މާނަ ކުރެވޭނެ ގޮތެއް ނޫނެވެ. އެހާ ހިސާބުން އަނެއްކާ ވެސް ގާނޫނާ އަދި ގަވާއިދާ އެ ދޭބުޅުން ޙިލާފުވީތާ އެވެ. މިހާރު ވެސް އެއް މައްސަލައިގައި އެ ދެބޭފުޅުން ގާނޫނާ ޙިލާފުވެފައިވާ ކަމަށް ސުޕްރީމު ކޯޓުން ނިންމަވާފައިވާއިރު، ދެން އެންމެ ރިވެތި ގޮތަކީ އަދި ބެސްޓް ޕްރެކްޓިސް އަކީ، ފެއިލްވިކަމުގައި ގަބޫލުކުރައްވައި ގެއަށް ވަޑައިގަތުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
100%
ކޮމެންޓް