މާލެ-ހުޅުމާލެ ހައިވޭގައި ގާއިމްކުރާ ސޯލާ ޕެނަލްތަކުގެ ސްޓަރްކްޗަރ ގެ މަސައްކަތް ނިންމާ މި އޮކްޓޯބަރު މަހުގެ ތެރޭގައި ސްޓެލްކޯގެ ގްރިޑާ ގުޅުވަން ފަށާނެ ކަމަށް އެންވަރަމެންޓް މިނިސްޓްރީ އިން ބުނެފި އެވެ.
ސޯލާ ޕީވީގެ މަޝްރޫއު އަކީ ވޯލްޑް ބޭންކުގެ އެހީގައި އެންވަޔަރަމަންޓް މިނިސްޓްރީއާ ގުޅިގެން ހިންގާ މަޝްރޫއު އެކެވެ. މި އެސްޕަޔަރ ޕްރޮޖެކްޓުގެ ދަށުން ހުޅުމާލޭގައި 5.6 މެގަވޮޓުގެ ސޯލާރ ހަކަތައިގެ ނިޒާމު ގާއިމުކުރާނެ އެވެ. އެ މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު ދެމުން އެންވަރަމެންޓް މިނިސްޓްރީން ބުނީ މި އޮކްޓޯބަރު މަހުގެ ފަހުކޮޅު ސްޓެލްކޯގެ ގްރިޑާ ގުޅުވައި ކަރަންޓު އުފެއްދުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
އެގޮތުން އެ މަޝްރޫޢުގެ މަސައްކަތް ނިމި ސްޓެލްކޯގެ ގްރިޑާ ގުޅުމުން ސްޓެލްކޯއިން ޑީސެލް ބޭނުންކޮށްގެން އުފައްދާ ހަކަތައިގެ މިންވަރު ދަށްވެ ތެލަށް ކުރާ ހޭދަކުޑަކުރެވޭނެ އެވެ. އަދި ދައުލަތުން ތެލުގެ ސަބްސިޑީއަށް ހޭދަކުރާ މިންވަރުވެސް ކުޑަކުރެވޭނެ ކަމަށް އެ މިނިސްޓްރީ އިން ބުނެއެވެ.
މިނިސްޓްރީ އިން އިތުރަށް ބުނީ އެ މަޝްރޫޢުގެ ސަބަބުން ދައުލަތުން ކަރަންޓް އުފެއްދުމަށްޓަކައި ތެޔޮ އިމްޕޯޓްކުރުމަށް ކުރާ ޚަރަދާއި އަދި ކަރަންޓްގެ ސަބްސިޓީއަށް ކުރާ ހޭދަ ކުޑަވެގެންދާނެ ކަމަށެވެ. އެގޮތުން އެ ނިޒާމުގެ ތެރެއިން އުފައްދާ 9.1 މިލިއަން ކަރަންޓް ޔުނިޓުން ދައުލަތުން ކަރަންޓް އުފެއްދުމަށްޓަކައި ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް އަހަރަކަށް 15 މިލިއަން އާއި 20 މިލިއަން އާ ދެމެދުގެ އަދަދަކަށް ދިވެހި ރުފިޔާ ޚަރަދު ކުޑަކުރެވޭނެ ކަމަށް އެ މިނިސްޓްރީން އަންދާޒާ ކުރެ އެވެ.
ސޯލާ މަޝްރޫޢުގެ ދަށުން އުފައްދާ ކަރަންޓް ސްޓެލްކޯއަށް ވިއްކުމަށް ހަމަޖެހިފައިވާ ރޭޓަކީ ކަރަންޓް ޔުނިޓަކަށް 10.09 ޔޫއެސް ސެންޓެވެ. އެއީ ދިވެހި ފައިސާއިން ކަރަންޓް ޔުނިޓަކަށް 1 ރުފިޔާ 68 ލާރި އެވެ. އެސްޕަޔާ ގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހުޅުމާލޭގައި 1000 ހައުސިންގް ޔުނިޓްތަކުގައި ޤާއިމްކޮށްފައިވާ 1.5 މެގަވޮޓްގެ ސޯލާ ޕީވީގެ ނިޒާމުން އުފައްދާ ކަރަންޓް ސްޓެލްކޯއަށް ވިއްކަމުން ދަނީ 21 ޔޫއެސް ސެންޓަށެވެ.
އެހެންކަމުން 5 މެގަވޮޓް ސޯލާ ޕީވީން އުފައްދާ ކަރަންޓް ސްޓެލްކޯއަށް ގަންނަން ލިބެނީ މީގެ ކުރީން ސޯލާ ހަކަތައިން އުފައްދާ ކަރަންޓް ޔުނިޓަކަށް ޖެހޭ އަދަދުގެ ދެބައިކުޅަ އެއްބައި އަގުހެޔޮ ރޭޓެއްގަ އެވެ.
މި މަޝްރޫޢުގެ ދަށުން ލިންކް ރޯޑްގައި އެންސިސް ކޯ ލިމިޓެޑުން ގާއިމުކުރާ ސޯލާ ޕީވީ ނިޒާމުގެ މުއްދަތަކީ 15 އަހަރު ދުވަހުގެ މުއްދަތެވެ. މިމުއްދަތު ހަމަވުމުން އެނިޒާމުގެ ބެލެނެވެރި ފަރާތަކަށް ވަނީ ކަރަންޓުގެ ޙިދުމަތްދޭ ކުންފުންޏެވެ.