ކ. މާލެ
|
16 އޮކްޓޯބަރ 2023 | ހޯމަ 19:53
އިންތިޚާބީ ރައީސް ޑރ، މުހައްމަދު މުއިއްޒު އަލްޖަޒީރާއަށް އިންޓަރވިއު ދެއްވަނީ
އިންތިޚާބީ ރައީސް ޑރ، މުހައްމަދު މުއިއްޒު އަލްޖަޒީރާއަށް އިންޓަރވިއު ދެއްވަނީ
މަގޭ ރިޕޯޓް
ކުރިން ބުނި އެތި ކެންސަލް، ރާއްޖޭގެ ތިމާވެށީގެ މައްސަލަތަކާމެދު މުއިއްޒު ވަރަށް ސީރިއަސް
މުއިއްޒު ވިދާޅުވި ވާހަކަފުޅަކާއެކު މޫސުމީ ބަދަލުތަކާއި ގުޅޭގޮތުން ރާއްޖެއިން ކުރިޔަށް އޮތް ފަސް އަހަރު ގެންގުޅޭނެ ސިޔާސަތަކީ ކޮބައިކަމާމެދު ސުވާލު އުފެދޭ
މީގެ 50 އަހަރުކުރިންވެސް އެވާހަކަ ދެއްކި ކަމަށާއި ނަމަވެސް އެމިންވަރަށް ކަނޑުގެ ލޮނިގަނޑު އުފުލިގެންދާ މަންޒަރެއް ފެނިވަޑައިނުގަންނަވާކަމަށް މުއިއްޒު ވިދާޅުވި
މިއަހަރުގެ މިހާތަނަށް މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެން ހިނގާފައިވާ ކާރިސާތަކަށް 146.3 މިލިއަން ހަރަދުކޮށްފައިވާކަމަށް ފައިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ

ދުނިޔެއަށް ކުރިމަތިވަމުން އަންނަ މޫސުމީ ބަދަލުތަކާއެކު އެކަމުގެ އަސަރު އެންމެ ބޮޑަށް ކުރަނީ ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށެވެ. ރާއްޖެއަކީ ބައިނަލްއަގްވާމީ މުޖުތަމައުގައި މޫސުމީ ބަދަލުތަކާއި ގުޅޭގޮތުން އެންމެ ބޮޑަށް އަޑުއުފުލާ އެއް ގައުމެވެ. މޫސުމީ ބަދަލުތަކާއި ގުޅޭގޮތުން ރާއްޖެއިން ދެކޭގޮތް ދުނިޔޭގެ ބޮޑެތި ގައުމުތަކުން އަޑުއަހައެވެ. ރާއްޖެއިން ކަންކަމާމެދު ދެކޭގޮތް އޮޅުން ފިލުވައެވެ. ތިމާވެއްޓާ ގުޅުންހުރި ކަންކަމުގައި ދިވެހިން ބައިނަލްއަގްވާމީ މުޖުތަމައުގައި ވަކާލާތުކުރާތާ އަހަރުތަކެއްވެއްޖެއެވެ. އެހެންކަމުން އެކަމުގައި ރާއްޖޭގެ ސްޓޭންޑް ވަރަށް ސާފެވެ.

ކޮންމެ ސަރުކާރަކުންވެސް އެ ސްޓޭންޑް އެގޮތުގައި ދަމަހައްޓާނެކަމަށް ދިވެހިން ގަބޫލުކުރެއެވެ. ނަމަވެސް އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ދާދިފަހުން އަލްޖަޒީރާއަށް ދެއްވި އިންޓަރވިއުގައި ވިދާޅުވި ވާހަކަފުޅަކާއެކު މޫސުމީ ބަދަލުތަކާއި ގުޅޭގޮތުން ރާއްޖެއިން ކުރިޔަށް އޮތް ފަސް އަހަރު ގެންގުޅޭނެ ސިޔާސަތަކީ ކޮބައިކަމާމެދު ސުވާލުތަކެއް އުފެދިގެން ދިޔައެވެ. އެކަމުގެ ކަންބޮޑުވުންތައް ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްކުރާ މީހުންގެ އެބައޮތެވެ.

އަލްޖަޒީރާގެ އިންޓަރިވިއުގައި މުއިއްޒު އާ ކުރި ސުވާލަކީ 2050 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ 80 އިންސައްތަ ރަށުގައި މީހުން ދިރިނޫޅޭނެކަމަށް ބައިނަލްއަގްވާމީ ޖަމިއްޔާތަކުން އަންދާޒާކުރާކަމަށާއި މިކަމާއި ދެކޮޅަށް އޮތީ ކޮން ޕްލޭނެއްތޯއެވެ. ޖަވާބުގައި މުއިއްޒު ވިދާޅުވީ އެއީ އަބަދުވެސް ދައްކާ އެއް ވާހަކައެއްކަމަށެވެ. އެއީ ނާސާ ފަދަ އިދާރާތަކުން ދޭ ލަފާތަކެއް ކަމަށާއި އެފަދަ ލަފާތައް ބަލައިނުގަންނަންތޯ ޕްރެޒެންޓަރު އެހުމުން މުއިއްޒު ދެއްވި ޖަވާބަކީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި އެއީ އެހާ ޞައްހަ ވާހަކަތަކެއް ނޫންކަމަށެވެ. މީގެ 50 އަހަރުކުރިންވެސް އެވާހަކަ ދެއްކި ކަމަށާއި ނަމަވެސް އެމިންވަރަށް ކަނޑުގެ ލޮނިގަނޑު އުފުލިގެންދާ މަންޒަރެއް ފެނިވަޑައިނުގަންނަވާކަމަށް މުއިއްޒު ވިދާޅުވިއެވެ. އެއަންދާޒާތަކާއި ދެކޮޅު ހައްދަވަނީ ކީއްވެގެންތޯ އާއި މިކަމުގައި އިދާރާތަކުން ނުބަލަނީ ކޮންކަމެއްތޯ ސުވާލުކުރުމުން މުއިއްޒު ވިދާޅުވީ އެމީހުން ރާއްޖެ އައިސް ބަލައިފިއްޔާ އެއީ ތެދެއް ނޫންކަން އެނގޭނެކަމަށާއި އެއީ އެހާ ސީރިއަސް މައްސަލައެއް ނޫންކަމަށެވެ.

ނާސާގެ ދިރާސާތަކުގައި ބުނެފައިވާ ގޮތުގައި ރާއްޖޭގެ ރަށްތަކުގެ ތެރެއިން 80 އިންސައްތައަށްވުރެ ގިނަ ރަށުގެ އުސްމިން ކަނޑުގެ ލޮނުގަނޑަށްވުރެ މައްޗަށް 1 މީޓަރަށްވެސް ނާރައެވެ. ވަރލްޑް އަރތް ޑޭ އާ ދިމާކޮށް ވަރލްޑް މީޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަން (ޑަބްލިއު.އެމް.އޯ)އިން ނެރުނު ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި، ފާއިތުވި 8 އަހަރަކީ ތާރީޚް ރިކޯޑް ކުރަން ފެށީއްސުރެ އައި އެންމެ ހޫނުގަދަ 8 އަހަރެވެ. ދުނިޔޭގެ އުތުރު ތަނޑީގައިވާ ގްލޭސިއަރސް (ގަނޑު އައިސް) ވިރެމުންދަނީ އާދަޔާ ޚިލާފް ބާރު ސްޕީޑެއްގައިކަން ފާހަގަކޮށް ރިޕޯޓްގައި ބުނެފައިވަނީ؛ 2021ގެ އޮކްޓޯބަރު މަހުން ފެށިގެން 2022ގެ އޮކްޓޯބަރާ ހަމައަށް، ގްލޭސިއަރތަކުގެ ބޯމިނުން 1.3 މީޓަރު ވިރިފައިވާކަމަށެވެ. އޭގެކުރިން 1970އިން ފެށިގެން މިވީ ފަންސާހަކަށް އަހަރުގެ ތެރޭގައިވެސް ވިރިފައިވަނީ ތިރީހަކަށް މީޓަރުކަމަށް ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.

ކަނޑުގެ ލޮނުގަނޑު އުފުލޭ މިންވަރުވެސް ވަރަށް އަވަސްކަން ފާހަގަކޮށް ރިޕޯޓްގައި ބުނެފައިވަނީ؛ 2013 ވަނަ އަހަރުން 2022 ވަނަ އަހަރާ ހަމައަށް، އަހަރަކު އެވްރެޖްކޮށް 4.62 މިލިމީޓަރު އުފުލިފައި ވާކަމަށެވެ. މިއީ 1993ން 2002ށް ހިނގި މުއްދަތުގައި ލޮނުގަނޑު އުފުލުނު މިންވަރުގެ ދެގުނަ އަވަސް މިންވަރެއް ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

ދުނިޔެއަށް އަންނަމުންމިދާ ބަދަލުތަކުގެ އަސަރު ރާއްޖެއަށް ކުރަމުން އަންނަ މިންވަރު ދުވަހެއް ދުވަހަކަށް ދިވެހިން އަމިއްލައަށް މިއަންނަނީ ތަޖުރިބާކުރަމުންނެވެ. އުދަ އެރުމާއި ރަށްގިރުމުގެ މައްސަލަ ކުރިމަތިނުވާ ރަށެއް ނެތެވެ. މިހާރު ރާއްޖޭގެ ރަށްތަކުގެ ހާލަތަށް ބަލާލިޔަސް މި ރަށްތަކުގެ ތެރެއިން 90 އިންސައްތަ ރަށަށް އުދަ އަރާކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. އަދި 97 އިންސައްތަ ރަށުގެ ގޮނޑުދޮށްތައް ދަނީ ގިރަމުންނެވެ. މިމައްސަލަތައް ހައްލުކުރުމަށް ރާއްޖޭގެ ސަރުކާރުތަކަށް ވަނީ އެތައް ގުނައަކުން ފައިސާ ޚަރަދުކުރަން މަޖުބޫރުވެފައެވެ.

މޫސުމަށް އަންނަމުންދާ ބަދަލުތަކާއެކު ދިވެހިރާއްޖެއަށް މާލީ ގޮތުން ތަފާތު ހިރާސްތައް ކުރިމަތިވަމުން އަންނަ ކަން ފައިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ "ފިސްކަލް ހިރާސްތަކުގެ ބަޔާން 2023" ގައި ފާހަގަކޮށްފައިވާއިރު ތިމާވެއްޓަށް އަންނަމުންދާ ބަދަލުތައް އެ ރިޕޯޓުގައި ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ކަނޑުގެ ލޮނުގަނޑު އުފުލުމާއި، މުރަކަ ހުދުވުން އަދި ރަށްގިރުން ފަދަ މައްސަލަތައް ހިމެނެ އެވެ. އަދި މިފަދަ ކާރިސާތަކުގެ ސަބަބުން ރާއްޖޭގެ އުފެއްދުންތެރިކަމުގެ 60 ޕަސެންޓު ހިއްސާކުރާ ފަތުރުވެރިކަމުގެ ސިނާޔަތަށް ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށް ބުނެފައިވެއެވެ.

މި ގަރުނު ނިމޭއިރު، ދުނިޔޭގެ ކަނޑުގެ ލޮނުގަނޑު އެއް މީޓަރަށް އުފުލޭނެ ކަމަށް އިންޓަގަވަމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް (އައިޕީސީސީ) އިން ކޮށްފައިވާ ދިރާސާގެ ސަބަބުން ރާއްޖޭގެ އެއާޕޯޓުތަކާއި ބަނދަރުތަކަށް އަސަރު ފޯރާނެ ކަމަށް މި ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އޭގެ ސަބަބުން އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ކުރަންޖެހޭ ހަރަދު އިތުރުވެގެން ދާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ. މިއަހަރުގެ މިހާތަނަށް މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެން ހިނގާފައިވާ ކާރިސާތަކަށް 146.3 މިލިއަން ހަރަދުކޮށްފައިވާކަމަށް ފައިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މިއީ މޫސުމީ ބަދަލުތަކާއި ގުޅޭގޮތުން ރާއްޖެ ތަހައްމަލުކުރަމުންދާ ކަންކަމުގެ ކުޑަކުޑަ މިންވަރެކެވެ. އެހެންކަމުން 50 އަހަރުކުރިންވެސް އެވާހަކަ ދެއްކި ކަމަށާއި އެއީ އެހާ ސީރިއަސް މައްސަލައެއް ނޫންކަމަށް މުއިއްޒު ވިދާޅުވުމުން އޭގެފަހުން އިންޓަރވިއުގައި ތިމާވެށީގެ ބަދަލުތައް ސީރިއަސްކަމެއްގެ ގޮތުގައި ނަންގަވާކަމަށް މުއިއްޒު ވިދާޅުވިނަމަވެސް އެއީ ހަމަ ހަގީގަތުގައިވެސް ސީރިއަސް މައްސަލައެއްގެ ގޮތުގައި މުއިއްޒު ނަންގަވާ ކަމެއްތޯ ސުވާލު އުފައްދަން ޖާގަލިބެއެވެ.

އެންމެ ފަހުން އިންތިޚާބީ ރައީސްގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ މިވަނީ މުއިއްޒުގެ މިވާހަކަފުޅު އިތުރަށް ތަފްސީލުކޮށްދެއްވާފައެވެ. އެގޮތުން ކަނޑުގެ ލޮނުގަނޑު އުފުލި، ރާއްޖެ އަޑިއަށް ހިނގައިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ޑރ. މުއިއްޒު ވިދާޅުވި ބަހުގެ މުރާދަކީ އެއީ ނޫން ކަމަށާއި، ކަނޑުގެ ލޮނުގަނޑު އުފުލުމާމެދު ޑރ. މުއިއްޒު ދެއްކެވި ވާހަކަފުޅު މާނަކުރަނީ ރަނގަޅަށް ނޫންކަމަށް ފިރުޒުލް ވިދާޅުވިއެވެ. މޫސުމީ ބަދަލުތަކުގެ އަސަރު ރާއްޖެއަށް ކުރާކަން ޑރ. މުއިއްޒުވެސް ގަބޫލުކުރައްވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ރާއްޖެ އަޑިއަށް ދާނެކަމަށް ގަބޫލުނުކުރައްވާ ކަމަށް މުއިއްޒު ވިދާޅުވިނަމަވެސް، އެއީ ތިމާވެށީގެ މައްސަލަތަކާއެކުވެސް، ރާއްޖެ ފާއިތުވި ތަނުގައި ގައުމެއްގެގޮތުގައި އަދި ދައުލަތެއްގެ ގޮތުގައި ދެމި އޮތް ގޮތަށް އޮންނާނެކަމުގެ ޔަގީންކަން ދެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅެއް ކަމަށް ފިރުޒުލް ވިދާޅުވިއެވެ. ހަމަ އެހެންމެ، އެއީ ރާއްޖެ ނެތިދާނެކަމުގެ ބިރުގައި ބޭރުގެ އިންވެސްޓަރުން ނާންނާނެ ކަމަށް ބުނާތީ ވާހަކަފުޅުދެއްކެވި ގޮތް ކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ. އެހެންކަމުން އެ ވާހަކަފުޅުތައް މާނަކުރަނީ ރަނގަޅަށް ނޫންކަމަށް ފިރުޒުލް ވަނީ ވިދާޅުވެފައެވެ.

ކުރިން ދެއްކެވި ވާހަކަތައް ކެންސަލްވި ނަމަވެސް ތަރުޖަމާނު ދެއްކެވި ވާހަކަފުޅުގައި ރާއްޖެ ނެތިދާނެކަމުގެ ބިރުގައި ބޭރުގެ އިންވެސްޓަރުން ނާންނާނެ ކަމަށް ބުނާތީ ވާހަކަފުޅުދެއްކެވި ގޮތް ކަމަށްވެސް ފިރުޒުލް ވިދާޅުވުމުން އަނެއްކާވެސް ސުވާލު އުފެދެއެވެ. މިހުރިހާ ދުވަހު ސަރުކާރުތަކުން ގެންގުޅުނު ސިޔާސަތު ހަމައެގޮތުގައި މޫސުމީ ބަދަލުތަކާއި ގުޅޭގޮތުން މުއިއްޒު ގެންގުޅެދާނެތޯއެވެ. އިންވެސްޓަރުން ނައިސްދާނެތީ ބިރު ހީފުޅުވެގެން ކަނޑުގެ ލޮނުގަނޑު ނުއުފުލޭކަމަށް ވިދާޅުވިނަމަވެސް ފެންނަން އޮތީ އެހެން ކަމެކެވެ.

- ކޮމެންޓް