މިއަދު މި ރާއްޖެއިން ފެންނަމުންދާ މަންޒަރުތަކަށް ބަލާއިރު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބާއްވަން ސަރުކާރާއި ސަރުކާރު ހިންގާ ޕާޓީގެ ރައީސް އަބްދުﷲ ޔާމީން ފެކްޝަނާއި އިލެކްޝަންސް ކޮމިޝަނުން ނޫޅެއޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ.
އިލެކްޝަންސް ކޮމިޝަނުން އެންމެ ފުރަތަމަ އިއުލާންކުރީ ޖެނުއަރީ 14 ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށެވެ. ނަމަވެސް ޕީޕީއެމްގެ ޔާމީން ފެކްޝަނަށް ތައްޔާރުނުވެވޭތީ ސިވިލް ކޯޓުން ވަނީ ކައުންސިލް އިންތިޚާބު ދެ މަހަށް ފަސްކުރަން ހުކުމް އިއްވައިފައެވެ. އިންތިޚާބު ދެ މަހަށް ފަސްކުރުމުގެ ހުކުމް އިއްވުމާއެކު އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިޚާބަށް ކުރިމަތިލި ހުރިހާ ކެންޑިޑޭޓުންގެ ފޯމްތައް ބާތިލްކޮށްފައެވެ. އަލުން ކުރިމަތިލާން އަންގައި އޭޕްރީލް މަހުގެ އަށް ވަނަ ދުވަހު އިންތިޚާބު ބާއްވަން އިއުލާން ކުރިއެވެ. ނަމަވެސް އެ ދުވަހު ވެސް އިންތިޚާބު ބޭއްވޭ ގޮތެއް ނުވިއެވެ. ކުރިން އިންތިޚާބު ފަސްކުރީ ކޯޓުން އަންގައިގެންނެވެ. މިފަހަރު މިވަނީ އެޑިއުކޭޝަން މިނިސްޓްރީން އަންގައިގެން އިންތިޚާބު ފަސްކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާ ވިދާޅުވީ ކައުންސިލް އިންތިޚާބު ބާއްވަން މިހާރު ނިންމާފައި ވަނީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ކަމަށެވެ. އެ ދުވަހަށް އިންތިޚާބު ފަސްކުރީ އެޑިއުކޭޝަން މިނިސްޓްރީގެ އެދުމުގެ މަތިން ކަމަށް އަމްޖަދު ވިދާޅުވިއެވެ.
މިނިވަން މުއައްސަސާއަކުން ބާއްވާ އިންތިޚާބެއް، ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ ވަޒީރަކަށް ފަސްކުރެވިދާނެތޯއެވެ. އެ ވަޒީރުގެ ބެލުމުގެ ދަށުން ހިންގާ ވުޒާރާއަށް ފަސްކުރެވިދާނެތޯއެވެ. އޭޕްރީލް އަށް ވަނަ ދުވަހު އިންތިޚާބު ނުބޭއްވޭނެ ސަބަބެއް ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ދައްކަނީ އަޖައިބު އަންތަރީސްވާފަދަ ބަހަނާއެކެވެ. ސްކޫލް ކުދިންގެ ޓެސްޓުތައް އޮތުމުން އެ ދުވަހު ސްކޫލްގެ ކްލާސްރޫމްތައް ދެވެން ނެތް ކަމަށް އެޑިއުކޭޝަނުން ބުނާތީއެވެ. އިންތިޚާބުގެ ކަންތައްތަކުގައި ގިނަ ޓީޗަރުންނާއި ޕްރިންސިޕަލުން އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާތީއެވެ.
އޭޕްރީލް އަށް ވަނަ ދުވަހަކީ ހޮނިހިރު ދުވަހެކެވެ. އެއީ ސްކޫލް ކުދިންނަށްވެސް ބަންދު ދުވަހެކެވެ. އެދުވަހު ޓެސްޓުތައް ބާއްވަން ނިންމާފައި އޮތްނަމަ އެ ޓެސްޓެއް ޖެހިގެން އަންނަ އާދީއްތަ ދުވަހަށް ފަސް ނުކުރެވެނީތޯއެވެ. އެހެންކަމުން މިއީ އެއްވެސް ތާކުންތާކު ނުޖެހޭ ވާހަކައެއްކަން ހާމަކަންބޮޑުކޮށް މިއަދު މިދަނީ އެނގި ހާމަވަމުންނެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ އެންގުމަށް އޭޕްރީލް 15 ވަނަ ދުވަހަށް އިންތިޚާބު ފަސްކުރި އިރު، އެ ދުވަހު ވެސް އިންތިޚާބު ބޭއްވޭނެ ކަމާ މެދު މިހާރު މިވަނީ ސުވާލު އުފެދެން ފަށައިފައެވެ.
ކައުންސިލްތަކުގެ އިންތިހާބު އޭޕްރީލް މަހު ބޭއްވުމުގެ ކުރިން، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު އިސްލާހުކޮށް، ކައުންސިލަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ޕީޕީއެމްގެ ޔާމީނު ފެކްޝަނުން ވަނީ ފަށާފައެވެ.
ގާނޫނު އަސާސީ ވަރަށް ސާފެވެ. ފަހުން ހަދާ ގާނޫނެއްގެ ސަބަބުން ކުރިން އަމަލުކުރަމުން އައި ގާނޫނެއްގެ ދަށުން ކުރަން ފަށާފައި އޮތް ކަމެއް އަލަށް ހަދާ ގާނޫނުގެ ތެރެއަށް ނުފެއްތޭނެ ކަމަށް ގާނޫނު އަސާސީގައި ވަނީ ބަޔާންކޮށްފައެވެ. އެހެންކަމުން ކައުންސިލަރުކަމަށް ކުރިމަތިލުމުގެ ޝަރުތު ބަދަލުކުރިޔަސް މިހާރު މި އޮތް ގާނޫނުގައި ހުރި ޝަރުތުތަކާ އެކު ކޮށްފައިވާ އިއުލާނާ އެއްގޮތަށް ބާއްވަން އުޅޭ އިންތިޚާބު ބޭއްވެން ޖެހޭނެއެވެ. ނަމަވެސް ޔާމީނު ފެކްޝަނުގެ ވިސްނުން ހުރީ އެގޮތަށް ނޫންކަން ފެންނަމުންދާ މަންޒަރުތަކުން ސާފުކޮށް އެނގެއެވެ.
ޖެނުއަރީ 14 ވަނަ ދުވަހު އިންތިޚާބު ބާއްވަން އިއުލާން ކުރުމާ އެކު އެންމެ ފުރަތަމަ ޕްރައިމަރީއެއް ބާއްވައި ކެންޑިޑޭޓުން ހޮވީ އެމްޑީޕީންނެވެ. އެއަށްފަހު އެ ޕާޓީން ވަނީ އަދާލަތު ޕާޓީއާ ކޯލިޝަން ހަދައިގެން ދެ ޕާޓީގެ ކެންޑިޑޭޓުން ކަނޑައަޅައިފައެވެ. ނަމަވެސް ސަރުކާރާއި އިލެކްޝަންސް ކޮމިޝަންގެ އަމަލުތައް ހުރިގޮތުން އަދާލަތުން ވަނީ އިންތިޚާބު ބޮއިކޮޓްކޮށްފައެވެ.
އެމްޑީޕީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް ހުއްޓުމެއް ނެތި ކެމްޕޭން ކުރަމުންނެވެ. ކެންޑިޑޭޓުން މާލެ ގެނެސް ހަރުގޭގައި ކެމްޕޭން ޖަލްސާތައް އަންނަނީ ބާއްވަމުންނެވެ. ކެމްޕޭން ދުވަހެއް ދުވަހަކަށް ވަރުގަދަ ވަމުން އަންނަ މަންޒަރު ދަނީ ފެންނަމުންނެވެ. އެކަމަކު ސަރުކާރު ހިންގާ ޕީޕީއެމްގެ ޔާމީނު ފެކްޝަނުން ޕްރައިމަރީ ބޭއްވި އަދި ކިރިޔާއެވެ. ޕްރައިމަރީ ބޭއްވީ މަދު ދާއިރާތަކެއްގައެވެ. ޕްރައިމަރީއަކާ ނުލައި ގިނަ ބަޔަކަށް ވަނީ ޓިކެޓު ހަވާލުކޮށްފައެވެ.
ރައީސް މައުމޫން ފެކްޝަނުން ބުނަނީ ޔާމީނު ފެކްޝަނަށް ތާއީދެއް ނެތް ކަމަށެވެ. އެމްޑީޕީން ވެސް ބުނަނީ ހަމަ އެހެންނެވެ. ޔާމޫން ފެކްޝަނަށް ތާއީދު ނެތް ކަމަށެވެ.
އެ ވާހަކަތައް ޔާމީނު ފެކްޝަނުން ގަބޫލުކުރާހެން ހީވާން ފަށައިފިއެވެ. ސަރުކާރަށް ތާއީދު ނެތުމުން މަޖިލީހުގެ މެޖޯރިޓީ ނާޖާއިޒު ގޮތުގައި ބޭނުންކޮށްގެން އިންތިޚާބު ގަނޑުބަޑުކޮށްލަން އުޅޭހެން ހީވާން ފަށައިފިއެވެ.
މި މަންޒަރުތަކަށް ބަލާއިރު، ރިޔާސީ އިންތިޚާބު ވެސް އިންސާފުވެރިކަމާ އެކު ބޭއްވިދާނެ ކަމުގެ ސުވާލު ރައްޔިތުން މިއަދު އުފައްދަން ފަށައިފިއެވެ.