ކ. މާލެ
|
26 ސެޕްޓެންބަރ 2023 | އަންގާރަ 14:00
އުޑު ބޯމައްޗަށް ވެއްޓިދާނެތީ ބިރުން އުޅޭ ކުޑަ ކުޑަ އަސްދޫނި
އުޑު ބޯމައްޗަށް ވެއްޓިދާނެތީ ބިރުން އުޅޭ ކުޑަ ކުޑަ އަސްދޫނި
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
އުޑު ބޯމައްޗަށް ވެއްޓިދާނެތީ ބިރުން އުޅޭ ކުޑަ ކުޑަ އަސްދޫނި
 
ނިމިދިޔަ ވެރިކަމުގެ އަނިޔާވެރިކަމުގެ ވާހަކައަށް އެކަނި ވިސްނާލިޔަސް ބިރުން ފިއްކަނޑައިގެން ދާހާ ވާނެ
 
މިހާރުގެ ވެރިމީހާއަށް ހުތުރުވެގެން ނުގޮވާކަށް އެއްޗެއް ވެސް ނެތް
 
ނޫސްވެރިކަމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަން މި ޤައުމަށް އަބަދުވެސް ބޭނުންވޭ

ވަކި ކެންޑިޑޭޓަކަށް ވޯޓު ދޭން ބިރުން އުޅޭ މީހަކާ އަޅުގަނޑާ މަގުމަތިން ބައްދަލުވިއެވެ. ފުރަތަމަވެސް ފެނުމާއެކު އައިސް ސަލާމް ކޮށްލުމުގެ ބަދަލުގައި ބުނީ ވޯޓެއް ދޭންވާނެއެވެ.

އަޅުގަނޑު އެހިން ކާކަށްހެއްޔެވެ. ޖަވާބުގައި އޭނާ ބުނީ ތިން ނަންބަރަށެވެ. އޭނާގެ ގޮތް ބަލާލަން އަޅުގަނޑު ބުނީ އަޅުގަނޑު ދެނީ ހަތަރު ނަންބަރަށެވެ.

އެއާއެކު އޭނާ އަޅުގަނޑަށް ނަސޭހަތް ދޭން ފެށިއެވެ. ތިހެން ތިކަން ކުރަން ހެޔޮ ނުވާނެ ކަމަށް ބުންޏެވެ. ތީ ކަމުދާ ކަމެއް ނޫނޭ ވެސް ބުންޏެވެ. ތީ ވަރަށް ބޮޑު ގޯހެއް ކަމަށާއި، ތި އަޅަނީ ޅައެއްޗެއް ކަމަށްވެސް ބުންޏެވެ.

މި ގައުމުގެ ހައްގުގައި އަހަރެމެން އެންމެންގެ ހައްގުގައި ވެސް ތިޔަވަރުގެ ވިޔާނުދާ ކަމެއް ނުކުރާށޭވެސް ބުންޏެވެ. ތިހާ ވަރަކަށް ތިކަމާ ބިރުން ތިއުޅެނީ ކީއްވެތޯ އަޅުގަނޑު އޭނާއާއި ސުވާލުކުރީމެވެ.

ކޮންމެ މީހަކު ވެރިކަމަށް އަޔަސް މިހާރު މިއުޅޭ ގޮތަށް އުޅެވޭނެ ނޫން ހެއްޔޭ އަޅުގަނޑު ބުނީމެވެ. މިހާރުވެސް މިއޮތް މިނިވަންކަންވެސް އޮންނާނެ ނޫންހޭ، ބޭނުން ހިޔާލެއް ފާޅު ކުރެވޭނެ ނޫންހޭ، ނޫސްވެރިކަމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަން ދެން ގެއްލުވައެއް ނުލެވޭނެ ނޫންހޭ ވެސް ބުނީމެވެ.

ކޮންމެ ޕާޓީއެއްގައި އުޅުނަސް ކޮންމެ މީހަކަށް ތާއީދު ކުރިއަސް ކޮންމެ ހިޔާލެއް ފާޅުކުރިއަސް އެއްވެސް ތަފާތެއް ނެތި، ހައްގުތައް ކަށަވަރު ވާނެ ނޫންހެއްޔޭ ވެސް ބުނީމެވެ. ގޯތި ދިނުމުގައިވެސް ފްލެޓް ދިނުމުގައިވެސް ވަކި ކުލައަކަށް ބެލުމެއް ނޯންނާނެ ނޫންހެއްޔޭ ވެސް ބުނީމެވެ.

މިހާރުވެސް އެކަން އޮންނަނީ އެހެންނެއް ނޫންހެއްޔޭ، ދެން ކޮންމެ މީހަކު މި ގައުމަށް ވެރިކަމަށް އަޔަސް އެކަން ބަދަލު ނުވާނެ ނޫންހެއްޔޭ ވެސް އޭނާ ގާތު އަޅުގަނޑު ބުނީމެވެ.

ވާހަކަ މިހާ ހިސާބަށް ދިއުމާއެކު އޭނާ އަޅުގަނޑު ދެކެ ރުޅި އަތުވެއްޖެއެވެ. އެނާ އަޅުގަނޑާ ދިމާލަށް ބުނީ ކަލޭ ބުއްދި ފިލައި ދިޔައީ ހެއްޔެވެ. ކަލޭގެ ބޮލަކީ ހަމަ އެކަނި ފުނާ އަޅަން ހުންނަ އެއްޗެއް ހެއްޔެވެ. ވިސްނުމެއް ހިޔާލެއް ނެތީ ހެއްޔެވެ. ތިމަންނަ ހީކުރީ ތިޔައީ ވިސްނޭ މީހެއް ކަމަށެވެ. ތިޔަ ހީކުރަނީ ކޮންމެ މީހަކު ވެރިކަމަށް އަޔަސް މިކަންކަން ހަމަ މިހެން އޮންނާނެ ކަމަށް ހެއްޔެވެ.

މިހާރު މި ގައުމުގައި މި އޮތް ހަމަޖެހުމާއި ސުލްހަ މަސަލަސް ކަމަކީ ގައުމުގެ ވެރިއަކަށް ހުރި މީހާގެ ކެތްތެރިކަމާއި ހިކުމަތްތެރިކަމާއި ވިސްނުންތެރިކަމުގެ ސަބަބުން އޮތް ކަމެއް ކަން ހަމަ ނުވިސްނެނީ ހެއްޔެވެ.

މިހާރުގެ ވެރިމީހާއަށް ހުތުރުވެގެން ނުގޮވާކަށް އެއްޗެއް ވެސް ނެތެއް ނޫންހެއްޔެވެ. ނުބައިވެގެން ނާޅުވާ ތުހުމަތެއް ވެސް ނެތެއް ނޫންހެއްޔެވެ. ނޫސްތަކުގައި ވެސް ލިޔަނީ ލިޔާނެ އެއްޗެކެވެ. ހަދަނީ ހަދާނެ ދޮގެކެވެ.

އެކަމަކު ދުވަހަކުވެސް ނޫސްވެރިއެއްގެ މައްޗަށް ފިޔަވަޅު އަޅަނިކޮށް ދުށިން ހެއްޔެވެ. ސިޔާސީ މީހެއްގެ މައްޗަށް އަނިޔާވެރިވި ތަން ދުށިން ހެއްޔެވެ.

ގޯއްޗެއް ހޯދަން ފޯމު ލުމުން، ފްލެޓެއް ހޯދަން ފޯމު ލުމުން ވެރިކަން ކުރާ ޕާޓީއަށް ސޮއި ކުރަން ޖެހިއްޖެއޭ ކިޔައިގެން މީހަކު އުޅުނު އަޑު އެހިން ހެއްޔެވެ.

އޭނާ ވާހަކަ ދައްކައި ނިމެންދެން އަޅުގަނޑު ހަމަ ހުރީއެވެ. އޭނާ ވާހަކަ ހުއްޓައިލުމުން އަޅުގަނޑު އޭނާ ކައިރީގައި ބުނީމެވެ. ތިޔަ ވާހަކަ ހުއްޓާލަބަލާށެވެ. ތިޔަ ބުނާ މީހަކަށް ވޯޓު ނުދޭންވީ ސަބަބު ކިޔައިދީބަލާށެވެ. އޭނާ އަޅުގަނޑަށް ޖަވާބު ދިނެވެ. ސަބަބުތައް ބައިވަރެވެ. އަދަދު ނުކުރެވޭހާ ގިނައެވެ.

ކޯޓުތަކުގެ ފަނޑިޔާރުން ތިބެންޖެހެނީ ބިރުންނެވެ. މިނިވަން މުއައްސަސާތަކުގެ މީހުން ތިބެން ޖެހެނީ ހުމާއެވެ. މަގުމަތިން ފެންނާނީ ނާމާންކަމެވެ. ބިރުވެރި އަމަލުތަކެވެ. މާރާމާރީއާއި މީހުން މެރުމެވެ.

ކޯޓުތަކުގެ މީހުން ބިޒީވެގެން އުޅޭނީ ކޯޓު އަމުރު ނެރުމުގައެވެ. މުއްދަތު ޖެހުމުގައެވެ. މީހުންގެ މައްޗަށް ހުކުމް އިއްވުމުގައެވެ.

ފުލުހުން ބިޒީވެގެން އުޅެން ޖެހޭނީ ކޯޓު އަމުރުތައް ތަންފީޒު ކުރުމުގައެވެ. މީހުން ހައްޔަރު ކުރުމުގައެވެ. ގޭގެ ރޭޑްކޮށް ބަލާ ފާސް ކުރުމުގައެވެ. މީހުން ފްރޭމް ކުރުމުގައެވެ.

ވައްކަމާ ކޮރަޕްޝަންގެ ވާހަކަ އިހައް ދުރުގައި ބާއްވާށެވެ. އަނިޔާވެރިކަމުގެ ވާހަކައަށް އެކަނި ވިސްނާލިޔަސް ބިރުން ފިއްކަނޑައިގެން ދާހާ ވާނެއެވެ.

އޭރަކުން އަހަރެމެން އެކަކަށްވެސް ރައްކާތެރިކަމެއް ނޯންނާނެއެވެ. އެގޮތް ބޭނުން ނަމަ ތިޔަ ހުރި ގޮތުގައި ހުންނާށެވެ. އެހެން ނޫންނަމަ މަ މި ހުރިގޮތުގައި ހުންނާށެވެ.

ތިކަން ތިހެން ވާނީ ކިހިނެއްތޯ އަޅުގަނޑު އޭނާ އާއި ސުވާލުކުރީމެވެ. މިދޭތެރެއަކުން ރާއްޖޭގެ ކަންމޮށިވެގެންވާ ބޭފުޅަކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ އަޑު އަޅުގަނޑު އެހި ވާހަކަ އޭނާ ކައިރީގައި ބުނީމެވެ.

އޭގައި ނޫސްވެރިއަކު އެބޭފުޅާ ގާތު ތިޔަ ސުވާލުތައް ކުރިއެވެ. ތިޔަ ބުނާ ބައެއްގެ އަނިޔާވެރިކަމުގެ ވާހަކަ އޭނާ ދެއްކިއެވެ. އެހެން ވެއްޖެނަމަ ތާއިދު ކުރައްވާނީ ކޮން ދިމާލަކަށްތޯ އެ ނޫސްވެރިޔާ ސުވާލު ކުރިއެވެ.

ޖަވާބުގައި އެ ބޭފުޅާކު ބުނާތީ އަޅުގަނޑަށް އިވުނީ އެކަން އެހެން ނުހިނގާނެ ކަމަށެވެ. މިގައުމުގައި ފުލުހުންނާއި ސިފައިންނާއި މިނިވަން މުއައްސަސަތަކާ ބަރާބަރަށް ފަންކްޝަން ކުރާ ކަމަށެވެ. މި ގައުމު އޮތީ އަމާންކޮށް ކަމަށެވެ. ތިޔަ ބުނާ ޒާތުގެ ކަންކަން މި ގައުމުގައި ހިނގާނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އެ ބޭބޭފުޅުން އެހެން ވިދާޅުވާއިރު ތިޔަ ވާހަކަ ތިޔަ ދައްކަނީ ކީއްވެ ހެއްޔެވެ.

ޖަވާބުގައި އޭނާ ބުނީ އޭނާ ވެސް އެ ނޫސްވެރިންގެ ބައްދަލުވުން އަޑު އެހި ކަމަށެވެ. އެކަމަކު އޭނާ އަޅުގަނޑާ ކުރީ ސުވާލު ތަކެކެވެ.

ތިޔަ ބުނާ ބެފުޅަކު ޖަލަށް ލައިގެން ހަވާ ފަޓާސް ބަރިއެއްހެން ޝަރީއަތެއް ހިންގައިގެން ސާދަ ދުވަހުގެ ތެރޭގައި އެ ބޭފުޅެއްގެ މައްޗަށް ސާދަ އަހަރުގެ ޖަލު ހުކުމެއް އިއްވާ، އޭނާގެ މައްޗަށް އަނިޔާވެރިވެ އާންމު ރައްޔިތުން އެ ބޭފުޅަކު މިނިވަންކުރަން ގޮވާލައި މަގުމައްޗަށް ނިކުތްއިރު މި ގައުމުގައި ފުލުހުންގެ ހިދުމަތާ ސިފައިންގެ ހިދުމަތާ ކޯޓުތަކާ މިނިވަން މުއައްސަސާތައް ނެތްތޯއެވެ.

އަނިޔާވެރިކަން އާންމުވެ ދަންވަރު ގޭގެއަށް ވަދެ މީހުން ފްރޭމްކޮށް ތަންތަނުގައި ހުޅުޖަހާ އަންދާ، ހިޔާލު ތަފާތުވާ މީހުން ބަންދުކޮށް ޖަލަށްލައި ހުކުމްކޮށް މަރާ ހަދަމުން ގެންދިޔައިރު އެ ވިދާޅުވާ މުއައްސަސާތަކާ ސަލާމަތީ ހިދުމަތާ މި ގައުމުގައި ނެތްތޯއެވެ.

ރައްޔިތުންގެ މަޖިލީސް ބަންދުކޮށް މެންބަރުން ހައްޔަރުކޮށް އެމީހުންގެ މައްޗަށް ހުކުމްތައް ޖަހަމުން ދިޔައިރު އެ ވިދާޅުވާ މުއައްސަސާތައް މި ގައުމުގައި ނެތްތޯއެވެ. ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައި ފަނޑިޔާރުން ހައްޔަރުކޮށް ދަމާ ކޫތާފައި ގެންގޮސް ޖަލަށް ލައި ހެދި އިރު ތިޔަ ބުނާ ޑިމޮކްރަސީ މި ގައުމުގައި ނެތް ހެއްޔެވެ.

ވިޔަފާރިވެރިން ހައްޔަރުކޮށް ވިޔަފާރިތައް ބަނގުރޫޓުކޮށް އެކައުންޓްތައް ފްރީޒްކޮށް، އެޑްމިޓްކޮށްފައި އޮންނަ މީހާގެ މައްޗަށް ހުކުމް އިއްވަމުން ދިޔައިރު ތިޔަ ވިދާޅުވާ ބެސްޓް ޕްރެކްޓިސްއާއި ޑިމޮކްރަސީ މިގައުމުގައި ނެތްތޯއެވެ.

ރޭގަނޑު ގަޑީގައި މަޖިލީސް ހުޅުވައިގެން ގާނޫނު އަސާސީއަށް ބަދަލު ގެނެސް، މި ރާއްޖޭގެ ބިން ނުވަދިހަ އަހަރަށް ބޭރުގެ ފަރާތްތަކަށް މިލްކް ކުރެވޭނެ ގޮތް ހަދައި، އެކަންކަން ތަންފީޒް ކުރުމަށް ތައްޔާރުވަމުން ދިޔައިރު މިގައުމުގައި ގާނޫނު ހަދާ މަޖިލީހެއް ނެތްތޯއެވެ.

ކޯޓު ތަކުގެ ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ނެރުމުން އެ ފަނޑިޔާރުން ހިފާ ހައްޔަރުކޮށް، ދެން ތިބި މީހުންނަށް ބިރު ދައްކާ ހަދަމުން ދިޔައިރު މި ގައުމުގައި ޝަރުއީ ނިޒާމު ނެތްތޯއެވެ.

ވިއްކިހާ ފަޅު ރަށެއްގެ ފައިސާ އަމިއްލަފުޅު އެކައުންޓަށް އަޅާ އެ ފައިސާ ބަހައިގެން ނާޖާއިޒް އެތައް ކަމެއް މީސްމީހުން ލައްވާ ކުރުވައި ހަދަމުން ދިޔައިރު އެންޓި ކަރަޕްޝަން ކޮމިޝަނާއި މިނިވަން މުއައްސަސާތައް މި ގައުމުގައި ނެތްތޯއެވެ.

މި ހުރިހާ ވާހަކައެއް ދެއްކުމަށްފަހު އޭނާ އަޅުގަނޑު ކައިރީގައި ބުނީ އޭނާ އަކީ އުޑު ބޯމައްޗަށް ވެއްޓިދާނެތީ ބިރުން އުޅޭ ކުޑަކުޑަ "ޑަކްލިންގ" އެއް ނޫން ކަމަށެވެ. ނަމަވެސް ގިނި ދުން މީހާ ރަތް މަލަށް ބިރުގަންނާނެކަން އެއީ ހަގީގަތެއް ނޫން ހެއްޔެވެ.

ގިނީގެ ހޫނު ލިބުމުން އެ ގިނިން ފިހުމުން އެ ފިހުނު މީހާ އެ ގިނި ހުރި ކުލައިގައި ހުރި ކޮންމެ އެއްޗެއް ފެނުނަސް އެއަށް ބިރު ގަންނާނެ ނޫންހެއްޔެވެ. އަނިޔާވެރިކަމުގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު އެ އަނިޔާ ކުރުމުގައި އުޅުނު ކޮންމެ މީހަކު ފެނުނަސް ބިރު ގަންނާނެ ނޫންހެއްޔެވެ. އެއިން ކޮންމެ މީހަކަށް ވޯޓު ދޭން ޖެހިލުންވާނެ ނޫންހެއްޔެވެ. އެއީ ހަމަ އެއްބައެއް ނޫންހެއްޔެވެ.

ގަބޫލު ކުރާށެވެ. އަހަރެންނަކީ އުޑު ބޯމައްޗަށް ވެއްޓިދާނެތީ ބިރުން އުޅޭ ކުޑަކުޑަ އަސްދޫންޏެއް ނޫނެވެ. އެކަމަކު އަހަރެންނަކީ އަނިޔާވެރިކަން މި ގައުމަށް އަނބުރާ އައިސްފާނެތީ ބިރުން އުޅޭ ދިވެއްސެކެވެ. ކަލޭ ވޯޓު ލާނެ މީހެއް އިނގޭނެ ކަލެއަށެވެ. އެކަމަކު މަ މި ދެއްކި ވާހަކައާއި ދޭތެރޭގައި ވިސްނާލާށެވެ.

ހިތްހަމަނުޖެހިގެން ހިނގައިގަތުމުން އަޅުގަނޑު އޭނާއަށް ގޮވާލީމެވެ. އަދި އޭނާ ގާތު އަޅުގަނޑު ބުނީ އަޅުގަނޑު ވެސް މިހުރީ ކަލޭ ތިޔަހުރިހެންނެވެ. އަނިޔާވެރިކަމާއި ދެކޮޅަށެވެ.

އުޑު ބޯމައްޗަށް ވެއްޓިދާނެތީ ބިރުން ނޫޅުނަސް އަނިޔާވެރިކަން އަލުން މި ގައުމަށް އައިސްދާނެތީ އަޅުގަނޑުވެސް މިހުރީ ބިރުންނެވެ.

އެކަން ވިޔަ ނުދޭން އަޅުގަނޑުވެސް މިހުރީ އަތުކުރި އޮޅައިގެންނެވެ. ކުރެވުނުހާ މަސައްކަތެއް ކުރާށެވެ. ވެވުނުހާ ގުރުބާނީއެއް ވާށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
50%
0%
50%
0%
0%
ކޮމެންޓް