ކ. މާލެ
|
11 ސެޕްޓެންބަރ 2023 | ހޯމަ 13:22
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު
ރައީސް އޮފީސް
ރައީސް ޞާލިޙު
"އިރުކޮޅަކުން ބަލާލިއިރު، އިބޫ އެބައޮތް އެތާނގަ ހަމަ، ގޮނޑުދޮށުގައި ހަމަ ރީއްޗަށް އޮށޯވެލައިގެން"
 
ފަސްޓްލޭޑީ އަކީ ފިރިކަލުންނަށް އިތުރުބާރުކުރައްވާ، ފިރިކަލުންނަށް އޯގާތެރި، އެހާމެ ހިތްތިރި، މަޑުމައިތިރި އަދި ދިމާވާ ކޮންމެ ދަނޑިވަޅެއްގައިވެސް އެންމެ ގާތުން ރައީސް އަރިހުގައި ހުންނަވާ ބޭފުޅެއް

ރާއްޖޭގެ ތާރީޚަށް ބަލާއިރު، ރައީސުންގެ އަނބިއަނބިކަނބަލުން ފެންނަނީ ވެރިކަމުގެ ކޮއިލުތެރޭގައި ވަރަށް ނުފޫޒުގަދަ، ކަންކަމުގައި އަތްގަދަކުރައްވާ ބޭފުޅުންގެ ގޮތުގަ އެވެ. ބައެއް ފަހަރު، އެ ކަނބަލުން އަރިހަށް ރައްޔިތުން ގޮސް، އާދޭސް ދަންނަވާ، ކުޑަ ކަކޫ ޖަހަން ޖެހޭފަދަ ބޭފުޅުންގެ ގޮތުގަ އެވެ. އެހެންނަމަވެސް، ރާއްޖޭގެ މިހާރުގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ފާހަގަ ކުރެވެނީ، ރައީސުންގެ އަނބިއަނބިކަނބަލުންނާ ޚިލާފަށް ސިޔާސީ ގޮތުން މާބޮޑެތި ނުފޫޒުތަކެއް ހޯއްދަވަން ބޭނުންފުޅު ނުވާ ބޭކަނބަލެއްގެ ގޮތުގަ އެވެ. އެކަމަނާގެ ފިރިކަލުން ރައީސް އިބްރާހީމް މުހައްމަދު ސާލިޙު ފަދަ ހުލްޤުހެޔޮ، ހިތްތިރި ބޭކަނބަލެއްގެ ގޮތުގަ އެވެ.

Advertisement

ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން، ފަސްޓްލޭޑީ ފަޒްނާ އަހުމަދު ވިދާޅުވީ، އެކަމަނާގެ ދުވަސް ފައްޓަވަނީ ދަމު ނަމާދުން ކަމަށެވެ. އެގޮތުން، ފަތިހު ހޭފުޅުލައްވަނީ 3:55 ގައިކަމަށެވެ. އަދި ރައީސްއަށްވުރެ ކުރިން ހޭފުޅުލެއްވުމަށް މަސައްކަތްކުރައްވާ ކަމަށް ވެސް ފަސްޓްލޭޑީ ވިދާޅުވިއެވެ. ހޭފުޅުލައްވައިގެން ދަމު ނަމާދު ކުރެއްވުމަށްފަހު، ފަތިސް ނަމާދު ބަންގި ގޮވުމާއި ހަމައަށް ޤުރުއާން ކިޔަވާ ވިދާޅުވަން އިންނަވާކަމަށް ވިދާޅުވިއެވެ. ދެން، ފަތިސް ނަމާދު ކުރެއްވުމަށްފަހު، 6 ޖަހާއިރު ޖިމަށް ވަޑައިގަންނަވައެވެ. ފަސްޓްލޭޑީ އިތުރަށް ވިދާޅުވީ ޖިމަށް ވަޑައިގަންނަވަނީ ހަފްތާއަކު ތިން ދުވަހުކަމަށާއި، އަނެއް ތިން ދުވަހު ގޭގައި ކަސްރަތު ކުރައްވާކަމަށެވެ. އަދި ބައެއް ދުވަސްދުވަހު ދުވެވަޑައިގެންނެވުމަށް ބޭރަށް ވަޑައިގަންނަވާކަމަށެވެ. ކަސްރަތުކޮށް ނިމި، އެނބުރިވަޑައިގެން، ނުވަޔަކާ އެގާރަ އާއި ދެމެދު އެކިއެކި އާންމު ފަރާތްތަކާއި ބައްދަލުކުރައްވައެވެ. ދެން އެ ކަމަނާގެ މަންމާފުޅާ އެކު ވަގުތު ހޭދަކުރައްވައެވެ. އެނބުރި ގެއަށް ވަޑައިގެން މެންދުރުގެ ފަރިއްކޮޅަށްފަހު، މާ ބޮޑު މަސައްކަތެއް އެ ވަގުތު ނޯންނަކަމަށް ފަސްޓްލޭޑީ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު - ޓްވީޓަރ

އެހެންކަމުން، ރޭގަނޑުގެ ވަގުތެއްގައި ތަނަކަށް ވަޑައިގަންނަވަންޖެހޭނަމަ، މެންދުރުފަހުގެ ވަގުތުގައި އަވަހާރަފުޅުލައްޕަވާކަމަށް ފަސްޓްލޭޑީ ވިދާޅުވިއެވެ. ފަސްޓްލޭޑީގެ އަމިއްލަފުޅު ހަޔާތްޕުޅުގެ ވާހަކަފުޅުތަކަށް އަލިއަޅުއްވާލައްވާއިރު، ކޮވިޑް19 ގެ ދެވަނަ ރާޅާއިއެކު އެ ކަމަނާވަނީ ފެސިލިޓީއަކަށް ވަޑައިގެން މަސައްކަތްޕުޅުކުރައްވާފައެވެ. އެކަމާއި ބެހޭގޮތުން އެ ކަމަނާ ވިދާޅުވީ، އެ ކަމަނާއަކީ އެންމެ ކުރީންސުރެން، ވޮލެންޓިއާ މަސައްކަތްތަކުގައި އުޅުއްވާ ބޭފުޅެއްކަމަށެވެ. އެގޮތުން، ގާލްގައިޑް އެސޯސިއޭޝަންނުން ލިބުނު ފުރުސަތެއްގައި، ކޮވިޑް19 ގައި ރައްޔިތުނަށް ޚިދުމަތްކުރައްވަން ފެސިލިޓިއަކަށް ވަޑައިގެނެވީކަމަށެވެ. މީގެއިތުރުން، އާންމު ދިރިއުޅުއްވުމުގެ ކަންކަމަށް އަލިއަޅުއްވާލައްވާ ފަސްޓްލޭޑީ ވިދާޅުވީ، ކޮފީއަށްވުރެން ގިނައިން ކަޅު ސައި ހިއްޕަވާކަމަށެވެ.

ރައީސް ސާލިޙު އަދި ފަސްޓްލޭޑީގެ އަމިއްލަފުޅު ހަޔާތްޕުޅުގެ ވާހަކަތަކަށް އަލިއަޅުއްވާލައްވާ ފަސްޓްލޭޑީ ވިދާޅުވީ، ފުރަތަމަ ރައީސް ސާލިޙު އާއި ދިމާވެވަޑައިގެންނެވީ އެކަމަނާގެ ގެކޮޅުންކަމަށެވެ. އެއީ އެ ދުވަސްވަރު ރައީސް ސާލިހްގެ ދައްތާފުޅުމެން ތިއްބަވަމުން ގެންދެވީ އެ ކަމާނާގެ ގެކޮޅުގައިކަމުން، ރައީސް ސާލިހް ވެސް ފުރަތަމަ ވަޑައިގަތީ އެ ކަމަނާގެ ގެކޮޅަށްކަމަށެވެ. އެހެންނަމަވެސް އެ ދުވަހުގެ މާ ބޮޑު ހަނދުމަފުޅެއްނެތްކަމަށްވެސް އެ ކަމަނާ ވިދާޅުވިއެވެ. ދެން ރައީސް ސާލިހް އަދި ފަސްޓްލޭޑީ ދިމާވެވަޑައިގެންނެވީ، ސްކޫލް ޗުއްޓީގައި ހިންނަވަރަށް ވަޑައިގެން ދަތުރުފުޅެއްގައިކަމަށާއި، އޭރު ދެބޭފުޅުންގެވެސް އުމުރުފުޅު ވަރަށް ހަގުކަމަށް ފަސްޓްލޭޑީ ވިދާޅުވިއެވެ. އެ ދުވަސްވަރަށްފަހު، ވަރަށް ގިނަ ދުވަސްތަކެއްވަންދެން ނުފެނިވަޑައިގެން ހުންނަވާ، މާ ފަހުން އަނެއްކާވެސް ބައްދަލުވެވަޑައިގެން ދެ ބޭފުޅުން ކައިވެންޏަކާއި ހަމައަށް ވަޑައިގެންނެވީ ކަމަށެވެ. އަދި ކައިވެނި ކުރެއްވީ އިންޑިއާގައި ކަމަށާއި، ހަނީމޫނަށް ވަކި ތަނަކަށް ވަޑަނުގަންނަވާކަމަށް ވެސް ފަސްޓްލޭޑީ ފާހަގަކުރެއްވިއެވެ. ރައީސް ސާލިހް އަދި ފަސްޓްލޭޑީގެ ކައިވެންޏަށް 30 އަހަރުވެއްޖެއެވެ. ރައީސް ސާލިހް އަދި ފަސްޓްލޭޑީގެ އަމިއްލަފުޅު ހަޔާތްޕުޅުގެ ވާހަކަތަކަށް އަލިއަޅުއްވާލައްވާ، އެ ކަމަނާ ވިދާޅުވީ، ރައީސް ސާލިހް ދެއްވެވި ގަލަމެއް އެކަމަނާގެ އަތްޕުޅުގައި އޮންނަކަމާއި، އެއީ ވަރަށް ފޮރުވައިގެން ގެންގުޅުއްވާ ގަލަމެއްކަމަށެވެ. ދެ ބޭފުޅުންގެވެސް މާޒީ ހަނދުމަފުޅު އައުކޮށްދެއްވާ ލަވައެއްގެ ގޮތުގައި ވިދާޅުވީ، ތޭރަވާގެ "ރޯށޭވީ ހިތާމައިން" މި ލަވައެވެ. މީގެއިތުރުން، ދެ ބޭފުޅުންނަކީވެސް ވަރަށް ކަސްރަތުކުރައްވާ ދެ ބޭފުޅުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު - ޓްވީޓަރ

އެހެންނަމަވެސް، ދެ ބޭފުޅުން އެކުގައި ދުވެވަޑައިގެންފިނަމަ، ރައީސް ސާލިހް އަށް ވުރެ ދުރަށް އެ ކަމަނާއަށް ދުވެވަޑައިގެންނެވޭނެކަމަށް ފަސްޓްލޭޑީ ވިދާޅުވިއެވެ. އޭގެއިތުރުން، ރައީސް ސާލިހްގެ ބައެއް ސިފަފުޅުތަކަށް އަލިއަޅުއްވާލައްވާ ފަރސްޓްލޭޑީ ވިދާޅުވީ، އެއްވެސް ވަރަކަށް ރައީސް ސާލިޙުގެ މިޒާޖަށް ބަދަލު ނާންނަކަމަށެވެ. އެގޮތުން ރައީސް ސާލިހަކީ ވަރަށް ސެންޓު ޖައްސަވާ ބޭފުޅެއްކަމަށްވެސް އެ ކަމަނާ ވިދާޅުވިއެވެ. "އިބޫ އަކީ ވަރަށް ސެންޓު ޖަހާ މީހެއް. މުޅި ގޭގަ ސެންޓުވަސް ދުވާނެ" ކަމަށެވެ. ފަޒްނާ ވަނީ ރައީސް ސާލިޙާއެކު ވަޑައިގެންނެވި ދަތުރުފުޅެއްގެ ހަނދުމަފުޅު އައު ކުރައްވައި އެ ވާހަކަފުޅު ވެސް ޕްރޮގްރާމްގައި ހިއްސާ ކުރައްވާފައެވެ. "އެއްފަހަރު ދިޔައީ ދަތުރެއް، ހަނދާންވާގޮތުން، ކޮށްދިއްޕަރަށް. އޭރަކު ރައީސް ކަމަކު ނޫން ހުންނެވީ. ދެން އަޅުގަނޑުމެން އެންމެން ގޮސްވެސް އެތާނގަވެސް އިށީދެލާނެ ތަނެއްވެސް ނުފެނިގެން، ގަލާ އެއްޗެހި. ދެން މޫދަށް އެރެންވެސް އޮތީ، ވަރަށް ކުޑަކުޑަ ތަންކޮޅެއް. އިރުކޮޅަކުން ބަލާލިއިރު، އިބޫ އެބައޮތް އެތާނގަ ހަމަ، ގޮނޑުދޮށުގައި ހަމަ ރީއްޗަށް އޮށޯވެލައިގެން. ހިއެއްނުވޭ ދެން ދުވަހަކުވެސް ތެދުވާނެހެނެއް." ނެވެ. އަދި މިހާރުވެސް މެންދުރުގެ ފަރިއްކޮޅަށް ވަޑައިގެން، އެނބުރި އޮފީހަށް ވަޑައިގަތުމުގެ ކުރިން ބައި ގަޑިއެއްހާއިރުވަންދެން، ސިޓިންގ ރޫމްގައި އިށީނދެވަޑައިގެން އަރާމްކުރައްވަކަމަށްވެސް ފަރސްޓްލޭޑީ ވިދާޅުވިއެވެ.

މީގެއިތުރުން، މީހުންނާއި ބަހައްޓަވާ ގާތްކަމަށްވެސް ބަދަލެއް ނާންކަމަށާއި، މިހާރުވެސް ގޭގައި އުޅޭ އެންމެންނާވެސް ކުރިއެކޭ އެއްފަދައިން ވާހަކަފުޅު ދައްކަވާކަމަށް ފަސްޓްލޭޑީ ވިދާޅުވިއެވެ. ރައީސް ސާލިހްގެ ހިތްތިރިކަމަށް އަލިއަޅުއްވާލައްވާ ފަސްޓްލޭޑީ ވިދާޅުވީ، ރައީސް ސާލިހްގެ ކިބައިގައި ދެއްކުންތެރިކަމެއް ނެތްކަމަށާއި އެއީ އެކަމަނާ ވަރަށް ގަޔާވެވަޑައިގަންނަވާ ސިފަފުޅެއް ކަމަށެވެ. އިންސާނަކަށްވީތީވެ އިހުސާސްތަކެއް އެމަނިކުފާނުގެ ހުންނާވެނެކަމަށާއި، އެމަނިކުފާނަށް އަވަހާރަފުޅުލައްޕަވަން އުނދަގުފުޅުވެވަޑައިގަންނަވާ ރޭރޭވެސް ހުންނަވާކަމަށް ފަސްޓްލޭޑީ ވިދާޅުވިއެވެ. އެގޮތުން، އެފަދަ ރޭރޭގައި، ބޮކި ދިއްލައިގެން އަވަހާރަފުޅުލެއްޕެވުމާއި، އެކަމަނާގެ އަތްޕުޅުގައި ހިފަހައްޓަވައިގެން އަވަހާރަފުޅުލައްޕަވާކަމަށް ފަސްޓްލޭޑީ ވިދާޅުވިއެވެ. މީގެއިތުރުން، ރިޟްވާންގެ ރިޕޯޓް ކިޔުއްވި ރޭގައި، އަވަހާރަފުޅުލެއްޕެވުމުގެ ތެރެއިން، "މަންމާއޭ ތިމަންނަ ސަލާމަތްކުރާށޭ ކިޔައިގެން" ވާހަކަފުޅުދެއްކެވިކަމަށް ފަސްޓްލޭޑީ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު - ޓްވީޓަރ

އެހެންނަމަވެސް، މި ހުރިހާ ކަމެއްގެ މައްޗަށް ކެތްތެރިކަމާއި، އިހުސާންތެރިކަން އިސްކުރައްވާކަން ފަސްޓްލޭޑީ ފާހަގަކުރެއްވިއެވެ. ރައީސް ސާލިހް އަކީ ފޮޓޯއެއް ނަންގަވަން، ކަންކަން ދައްކަވަން އުޅުއްވާ ބޭފުޅެއްނޫނަކަމަށްވެސް ފަސްޓްލޭޑީ ހާމަކުރެއްވިއެވެ. މީގެ އިތުރުން ފަސްޓްލޭޑީ ވިދާޅުވީ، ރައީސް ސާލިހް ވަގުތު ނުދެއްވައިގެން މައްސަލަ ނުޖެހޭކަމަށާއި އަބަދުވެސް ކަމެއް ދިމާވެއްޖެނަމަ ވަގުތު ހޯއްދަވައިގެން އެ ކަމެއް ކޮށްދެއްވަން ހުންނަވާކަމަށެވެ. ރައީސް ސާލިހްގެ މަސްއޫލިއްޔަތުތައް އެނގިވަޑައިގަންނަވާކަމަށާއި، ރައީސް ސާލިހްގެ އަމަލުފުޅުތަކާއިމެދު އެއްވެސް ޝަކުވާއެއް ނެތްކަމަށާއި، އެކަމަނާ އެކަންކަން ގަބޫލުފުޅުކުރައްވާކަމަށް ފަސްޓްލޭޑީ ވިދާޅުވިއެވެ.

"ދެން ހުވާ ކުރައްވާފަވެސް، ފަހުންވެސް ވަރަށް ގިނައިން އަޅުގަނޑު ކައީރީގަ ވިދާޅުވާނެ، ފަޒޫ އޭ، ތިމަންނަ މިހިރީ ވަރަށް ބޮޑު ވައުދުތަކެއް މީހުންނަށް ވެގެންނޭ އައިސް. އެހެންމަ ތިމަންނަ މިހާރު އުޅެންޖެހޭނީ، އެ ވައުދުތަށް ފުއްދާށޭ. ތިމަންނަ ޖެހޭނޭ ރައްޔިތުންނަށް ތިމަންނަ ވީ ވައުދުތަށް ފުއްދަން. ދެން ވަރަށް ބޮޑު މެސެޖެއް ދެއްތޯ އެ ދެއްވީވެސް. އަޅުގަނޑުވެސް ޖެހޭނެތާ އެކަން ގަބޫލުކުރަން." ރައީސް ސާލިހް ސިފަކުރައްވާ ފަރސްޓްލޭޑީ ވިދާޅުވީ، ސާލިޙަކީ ކެތްތެރިކަން އިސްކުރައްވާ ތެދުވެރި މީހެއް ކަމަށެވެ. "އަޅުގަނޑު ހަމަ އިބޫ ސިފަކުރާނީ، ފުރަތަމަ ކަމަކަށް ކެތްތެރިކަން އިސްކުރާ މީހެއްގެ ގޮތުގައި އިނގޭތޯ. އޯގާތެރި މީހެއްގެ ގޮތުގަ. ތެދުވެރި މީހެއްގެ ގޮތުގަ. ދެން އަނެއްކާ ދެއްކުންތެރި މީހެއް ނޫން ގޮތުގަ." ކަމަށެވެ. ފަސްޓްލޭޑީ އަކީ ފިރިކަލުންނަށް އިތުރުބާރުކުރައްވާ، ފިރިކަލުންނަށް އޯގާތެރި، އެހާމެ ހިތްތިރި، މަޑުމައިތިރި އަދި ދިމާވާ ކޮންމެ ދަނޑިވަޅެއްގައިވެސް އެންމެ ގާތުން ރައީސް ސާލިހްގެ އަރިހުގައި ހުންނަވާ ބޭފުޅެކެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
5%
68%
5%
9%
5%
7%
ކޮމެންޓް