ރައީސް ގެނެސްދެއްވީ ކޮންކްރީޓް ތަރައްޤީ އެކަންޏެއް ނޫން: ހަނަފީ
31 އޯގަސްޓު 2023 | ބުރާސްފަތި 06:11މީގެ ކުރިން ޑިގްރީ ހާސިލްކުރުމަށް އުފުލަން ޖެހުނު ތަކުލީފުތައް މިއަދުގެ ޒުވާނުން އުފުލަން ނުޖެހޭ


އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު އަހުމަދު ހުސައިން ވާހަކަފުޅުދައްކަވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ގެނެސްދެއްވީ ކޮންކުރީޓް ތަރައްޤީ އެކަނި ނޫން ކަމަށާއި، ހިލޭ ޑިގްރީއާއެކު މުސްތަޤުބަލަށް 17،000ށް ވުރެ ގިނަ ބްރިޖުތައް އަޅުއްވައިދެއްވާފައިވާ ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހުގެ ރޭ ތިނަދޫ ސިޓީގައި ކުރިއަށް ގެންދިޔަ އުފާވެރި އަމާންރާއްޖެ ޖަލްސާގައި ހަނަފީ ވިދާޅުވީ ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން 17000ށް ވުރެ ގިނަ ދަރިވަރުން ޑިގްރީ ހާސިލްކޮށްފައިވާ ކަމަށެވެ.
މީގެ ކުރިން ޑިގްރީ ހާސިލްކުރުމަށް އުފުލަން ޖެހުނު ތަކުލީފުތައް މިއަދުގެ ޒުވާނުން އުފުލަން ނުޖެހޭ ކަމަށް ހަނަފީ ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައީސް ސާލިހު ގެންނަވަނީ ހަމައެކަނި ކޮންކްރީޓް ތަރައްގީ ނޫން ކަމަށެވެ.
ކޮވިޑް-19ގެ ހާލަތަށް އިޝާރާތް ކުރައްވައި ހަނަފީ ވިދާޅުވީ މުޅި ދުނިޔެ އިނދަޖެހިގެން ދިޔަ ނަމަވެސް ރާއްޖެ ކޮޅަށް ޖެއްސީ ރައީސް ސާލިހު ކަމަށެވެ. އަދި ރައްޔިތުންނަށް އެއްވެސް އުނދަގުލެއް އިހުސާސެއް ނުވެ ތަރައްގީގެ މަޝްރޫއުތައް މަޑުނުޖެހި ކުރިއަށް ގެންދިޔަ ލީޑަރަކީ ރައީސް ސާލިހު ކަމަށް ހަނަފީ ވިދާޅުވިއެވެ.
މީގެ އިތުރުން ހަނަފީ ވިދާޅުވީ ރާއްޖެއަށް އުފާވެރިކަން ކަށަވަރުކޮށްދިނީ ރައީސް ސާލިހު ކަމަށެވެ.
އިމިގްރޭޝަންގެ އޮފީހެއް ތިނަދޫ ސިޓީގައި އިފުތިތާޙުކޮށް ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ދޭން ފެށުމަށާއި ގުޅިގެން އެކަމަށް އިޝާރާތް ކުރައްވައި ހަނަފީ ވިދާޅުވީ މީގެ ކުރިން ޕާސްޕޯޓު ހެއްދުމަށް މާލެއަށް އަންނަން މަޖުބޫރު ވިނަމަވެސް މިއަދު އެކަމުން ރައްޔިތުން ސަލާމަތްވެފައިވާ ކަމަށެވެ. ހުވަދުއަތޮޅުގެ ރައްޔިތުން މިއަދު މިފަދަ ޚިދުމަތެއް ހޯދުމަށް އަތުން ބޮޑު ހަރަދެއް ކުރަން ނުޖެހޭނެ ކަމަށާއި، އާރްޓީއެލް ފެރީގައި ތިނަދޫއަށް ގޮސް ޚިދުމަތް ހޯދޭނެކަން ހަނަފީ ފާހަގަކުރެއްވިއެވެ.
ހަނަފީ ވިދާޅުވީ ރައީސްގެ މަގުސަދަކީ ލާމަރުކަޒީގެ ގޮތުން ގުޅާލައި، ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް ވީހާވެސް ކުޑަކުރުން ކަމަށެވެ. އަދި އެ އަމާޒަަށް ކަންކަން ކުރަމުން ގެންދަވާކަން މިއަދު ހާމަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.









