ރައީސް، މަޑުއްވަރީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްދެއްވައިފި
24 އޯގަސްޓު 2023 | ބުރާސްފަތި 13:50ބަނދަރާއި ނެރު ފުންކޮށް، 582 މީޓަރުގެ އެއްގަމުތޮށިލައި، 135 މީޓަރުގެ ރިވެޓްމަންޓް ޖަހާފައިވޭ


މަޑުއްވަރީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ނިމުން ރައީސް އިބްރާހިމް މުހައްމަދު ސާލިހު ފާހަގަކޮށްދެއްވަނީ
ރ. މަޑުއްވަރީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ނިމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ފާހަގަކޮށްދެއްވައިފިއެވެ.
ރައީސް މި މަޝްރޫއުގެ ނިމުން ފާހަގަކޮށްދެއްވާފައި ވަނީ އެމަނިކުފާނު ރ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައެވެ.
މަޑުއްވަރިއަށް ބުދަ ދުވަހު ވަޑައިގެން ރައީސް ވަނީ އެރަށު ބަނދަރު ހުޅުއްވައިދެއްވާފައެވެ.
މަޑުއްވަރީ ބަނދަރުގެ މަސައްކަތް ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އާ ހަވާލުކޮށްގެންނެވެ. މި މަޝްރޫއުގެ ދަށުން ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ބަނދަރާއި ނެރު ފުންކުރުމާއި، 582 މީޓަރުގެ އެއްގަމުތޮށި ލުމާއި، 135 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި އަދި ބަނދަރާގުޅޭ އެހެން މަސައްކަތްތައް ހިމެނެއެވެ.
އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ގާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި އުމްރާނީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް ހިންގާފައެވެ. އަދި ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ މަގު ފަހިކޮށްދިނުމަށްޓަކައި ރާއްޖޭގެ ރަށްރަށުގެ ތަރައްގީއަށް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.









