ކ. މާލެ
|
17 އޯގަސްޓް 2023 | ބުރާސްފަތި 19:40
ގޯތި ލިބޭ މީހުންގެ ތެރެއިން ބައެއް މީހުން
ގޯތި ލިބޭ މީހުންގެ ތެރެއިން ބައެއް މީހުން
ބިންވެރިޔާ ސްކީމް
"ދެ ކުދިން މާލެ، އެކަމަކު 28 އަހަރު މާލޭގައި އުޅުނީ ކުއްޔަށް"
ގޯތި ލިބޭ މީހުންގެ ތެރޭގައި ގިނަ އަދަދަކަށް ޒުވާނުން ހިމެނޭ
މާލޭ މީހުންވެސް ކުއްޔަށް އުޅުމަކީ އެމީހުންނަށް ޖެހޭ އުނދަގުލެއް
އަމިއްލަ ގޯއްޗެއް ލިބުމަކީ މުޅި އާއިލާއަށް އޮތް އުފަލެއް

މާލޭ ސަރަހައްދަކީ މި ރާއްޖޭގެ އެންމެ ބައިބޯ އަދި އެންމެ މީހުން ގިނަ ސަރަހައްދެވެ. ޒަމާނުއްސުރެ ވެރިކަންކުރާ މާލެއިން ލިބެން ހުރި ވަސީލަތްތަކާއި ފުރުސަތުތައް ފެނި އަތޮޅު ތެރޭގައި ތިބި ކިރިޔާވެސް ފުދުންތެރި ބަޔަކުވިއްޔާ، އެ ބަޔަކު ބެލީ މާލެ އާދެވޭތޯއެވެ. ބައެއް މީހުން މާލެއަށް ހިޖުރަކުރީ ލޯބިވާ ދަރިންނަށް ތައުލީމީ މުސްތަގްބަލެއް ހޯދައިދިނުމަށެވެ. ބައެއް މީހުން މާލެއަށް ހިޖުރަކުރީ ސިއްހީ ފަރުވާގެ ބޭނުމަށް، ބަލި ހާލަތު ތަންދިން ގޮތުން، އިތުރު ގޮތެއް ނެތިގެންނެވެ. އަނެއްބައި މީހުން މާލެ އައީ މާލެއިން ލިބެން ހުރި ވަޒީފާއާއި ކުރިއެރުމުގެ ފުރުސަތުތައް، އެއާ ގާތަށްވެސް އުފަން ރަށުން ލިބެން ނެތުމުންނެވެ.

މި ނޫނަސް ތަފާތު އެތައް ސަބަބުތަކަށްޓަކައި މާލެއަށް އެތައް ބަޔަކު އައިއިރު، މާލޭގައި މިހާރު މީހުން ދިރިއުޅެމުން މިދަނީ ހިޖުރަވެރިންނާއި މާލޭގެ އަސްލު ރަށްވެހިން އެކުވެ، މަސްހުނިވެފައިވާ މާހައުލެއްގައެވެ. މާލެއަށް މީހުން ޖަމާވެ، އާބާދީ އިތުރުވެގެން އައިއިރު، އަތޮޅުތެރެއަށް ނިސްބަތްވާ ގިނަ މީހުން ފަދައިން، މާލޭގައި އަމިއްލަ އުފަން ރަށުގައި ކުލި ދައްކައިގެން އުޅޭ މާލޭ މީހުންވެސް ނިސްބަތުން މަދެއް ނޫނެވެ. އަދި ކުއްޔަށް ނޫޅޭ މީހުންގެ ތެރެއިން ގިނަ މީހުންނަކީވެސް ވަރަށް ކުދި ތަންތަންކޮޅުގައި، ގިނަ އާއިލާތައް އުޅެގެން ދިރިއުޅުން ފަރުޖައްސަމުންދާ މީހުންނެވެ. ގެއިން ކުލި ލިބިގެން ހިންދެމިލައިގެން އަރާމު ދިރިއުޅުމެއް އުޅެނީ މާލެއަށް ނިސްބަތްވާ ބައެއް މީހުންނެވެ. އެއީ މާލޭގެ އެންމެންގެ ހަގީގަތެއް ނޫނެވެ. އަމިއްލަ މަންމަ ނޫނީ ބައްޕަގެ ގޯއްޗެއް އޮތަސް، އެ ގޯތިތައް ބެހި ފޮތިކުރެވެމުން ދިޔަވަރަކަށް މާލޭ މީހުންނަށް ބޯހިޔާވަހިކަމުގެ ދަތިކަން އިންތިހާއަށް ކުރިމަތިވިއެވެ. މާލޭ ސަރަހައްދުން ގޯއްޗެއް ނުލިބޭތާ އެތައް ޒަމާނެއް ވެފައި ވުމާއެކު، އެއް ގޯއްޗެއްގައި އެތައް ގޭބިސީއެއް ފުނިޖެހިފައިވާ ދިރިއުޅުމެއްގައި "ގަނަތެޅެން" ގިނަ ބަޔަކަށް މަޖުބޫރުވިއެވެ.

ބައެއް ފަހަރު ފްލެޓްތަކަށް ކުރިމަތިލާން ފުރުސަތު ހުޅުވާލާއިރު، ޝަރުތު އޮންނަ ގޮތުން މާލޭގެ އެތައް ބަޔަކަށް އެ ފްލެޓްތަކަށް ކުރިމަތިލުމަށް ޝަރުތު ފުރިހަމައެއް ނުވެއެވެ. އަދި ހަމައެހެންމެ ޕޮއިންޓް ދިނުމުގެ އުސޫލުތައް އެކުލަވާލާފައި ވާގޮތުން، ގިނަ ކުދިންނާއެކު ދިރިއުޅުމުގެ ހާލަތު ދަށް މީހުންނަށް ކިރިޔަކިރިޔާ ފްލެޓެއް ލިބޭވަރު ވަނީއެވެ. އެހެންކަމުން ކިރިޔާވެސް ހިންދެމިލައިގެން އުޅޭ މީހެއްނަމަ، އެ މީހަކަށް އެފަދަ ފްލެޓް ސްކީމަކުންވެސް ކުރާނެ ރާހަތެއް ނެތެވެ.

ނަމަވެސް މި ސަރުކާރުން ގޯތި ދިންއިރު، މުސްކުޅިއެއް ހަރުމީހެއް ޒުވާނެއް ފަރަގުކުރުމެއް ނެތެވެ. ނަތީޖާއަކަށްވީ މާލޭ ރައްޔިތުންނަށް ކުރިން ނުލިބޭ، ގޯތި ލިބުމުގެ ފުރުސަތު މަގުފަހިވެގެން ދިއުމެވެ. ސަރުކާރުގެ "ބިންވެރިޔާ ސްކީމް"ގެ ދަށުން ގޯތި ލިބިގެން، ގުރުލުމަށް އައިސް ތިބި މީހުންގެ ތެރެއިން މީހުންނާ ވާހަކަދައްކާލާއިރު އޭގެތެރެއިން ގިނަ ބަޔަކު ތަކުރާރުކޮށްކުރާ ސުވާލެއް އޮތެވެ. "މި ދެން ހަމަ ގޯތި ލިބެނީތަ؟" މި ސުވާލެވެ. އަދިވެސް ގޯތި ކަނޑައި މާލޭ ސަރަހައްދުން ގޯތި ދީފާނެކަމާމެދު ހަމަ ސުވާލު އުފެދެނީއެވެ. އެފަދަ ސުވާލުތައް ކުރާ ޒުވާނުންގެ އަދަދު ގިނައެވެ. ޒުވާނުންނަކީ ކަންކަމާމެދު ވިސްނައި، ސަބަބުވެރިގޮތުގައި ސުވާލު އުފައްދާ ބައެކެވެ.

މިހާތަނަށް ފްލެޓް ސްކީމްތަކުގައިވެސް ޒުވާނުންނަށް ވަރަށް ފުރުސަތު ހަނިވެގެންދެއެވެ. ދިގު މުއްދަކަށް ޚިދުމަތްކޮށް، ގައުމަށްޓަކައި އެތައް ވަގުތެއް ޚަލާސްކުރާފަހުން ދޭ، ކުންްފުންޏަށް ޚާއްސަ ފްލެޓަކުން، ނޫނީ ކައިވެނިކޮށް ދަރިން ލިބި އެ ދަރިންގެ މުސްތަގުބަލަށްޓަކައި ހަނާވާތާ އެތައް ދުވަހެއް ފަހުން ނޫނީ ފްލެޓެއްގެ މިންވަރުވެސް ލިބެނީ މަދު ފަހަރަކުއެވެ. އެހެންކަމުން ޒުވާން އުމުރުގައި "ބިންވެރިޔަކަށް" ވުމަކީ ވެދާނެކަމަށް ހީކުރި ކަމެއް ނޫނެވެ. ރާއްޖެ އެމްވީއާ ވާހަކަދެއްކި ޒުވާނަކު ބުނީ، އޭނާއަށް ކުރިން ހީވެފައި އޮތް ގޮތުން އޭނާއަށް ފްލެޓެއްވެސް ލިބޭނީ މީހަކާ އިނދެ، ކުދިން ލިބި އެ ކުދިން ދިރިއުޅޭނެ ރަނގަޅު ތަނެއް ނެތި އެކަމާ މާޔޫސްވާފަހުން ކަމަށެވެ. ޒުވާން އުމުރުގައި އަމިއްލަ ގޯއްްޗެއް ލިބުން އޭނާ ސިފަކުރީ "ހުވަފެނެއް"ގެ ގޮތުގައެވެ. އަދިވެސް އެކަން ގަބޫލުނުކުރެވޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ފްލެޓް ލިބުނު ބައެއް ޒުވާނުންގެ ޝުއޫރުތައް ހުރި ގޮތް ބަލައިލީމެވެ. އޭގެ ތެރެއިން އެކަކީ އުމުރުން 20 އަހަރުގެ ހަސަން ނަބާހުއެވެ. އޭނާއާއި އޭނާގެ މަންމަ ގޯއްޗަށް ކުރިމަތިލީއިރު، އޭނާ ބުނާގޮތުން އޭނާގެ ދިރިއުޅުމުގެ ހާލަތު ގޯހެއް ނޫނެވެ. މީގެ ކުރިން ދިރިއުޅެމުން އައީ މަންމައާއި ކޮއްކޮއާއެކު، ދެ ކޮޓަރި އެޕާޓްމެންޓެއްގައެވެ. އެހެންނަމަވެސް ޒުވާން އުމުރުގައި މިފަދަ ކަމެއް ވުމުން އޭނާ ހުރީ ވަރަށް އުފަލުން ކަމަށް ނަބާހު ވަނީ ބުނެފައެވެ.

ހޯޕްފުލީ އިޓްސް ގޮނަ ޓަރން އައުޓް ގުޑް އިން ދަ ފިއުޗަރ. އަސްލު ހިއެއް ނުކުރަން މިހާ ޔަންގް އޭޖެއްގަ ގޯއްޗެއް ލިބޭނެ ކަމަކަށް. ވަރަށް އުފާވޭ މި ސަރުކާރުން އެކަމަށް މަގު ފަހިކޮށްދިނީތީ. ވަރަށް ރަނގަޅު ހަމަ.
ނަބާހު

ގޯތި ލިބުނު އެތައް ސަތޭކަ ޒުވާނުންގެ ތެރޭގައި އުމުރުން 32 އަަހަރުގެ ނަބީލާވެސް ހިމެނެއެވެ. އޭނާގެ 19 އަހަރުގެ ކޮއްކޮއާ ޖޮއިންވެގެން އޭނާއަށް ގޯތި ލިބުމުން ވަރަށް އުފަލުން ހުރިކަމަށް ނަބީލާ ވަނީ ބުނެފައެވެ. ހުޅުމާލޭގައި ދިރިއުޅެމުން އައި ނަބީލާ ފްލެޓަކަށް ކުރިމަތިލި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. އެހެންނަމަވެސް ޝަރުތު ހަމަވެގެން އޭނާއަށް ގޯއްޗެއް ލިބުނު މިއީ ފުރަތަމަ ފަހަރެވެ.

މަންމަގެ ތަނެއްގަ ފްލެޓެއްގަ އުޅުނީ. ވަރަށް ގިނަ ފަހަރު ލެވިއްޖެ ފްލެޓަށްވެސް. މީގެ ކުރިއަކުން ނުލިބޭ އެއްވެސް ފަހަރަކު. މި ފަހަރު މި ލިބުނީ. ނަބީލާ
ނަބީލާ

ޒުވާން އުމުރުގައި މީހަކަށް ފްލެޓެއް ލިބުމުން އެ އުފާވެރިކަން އިހުސާސްކުރެވެނީ ހަމައެކަނި އޭނާއަކަށް ނޫނެވެ. އޭނާއާ އެއްވަރަށް ނުވަތަ އޭނާއަށްވުރެ ބޮޑަށް އުފާވާނެ ބަޔަކީ ހަމަގައިމުވެސް އޭނާގެ މައިންބަފައިންނެވެ. ތިމާގެ ދަރިންނަށް ބޯހިޔާވަހިކަން ކަށަވަރުވާނެ ކަމުގެ މަލަމަތި ފެނުމަކީވެސް މަންމައަކާއި ބައްޕައަކަށް އުފާވެރިކަން ގެނުވާނެ ކަމެކެވެ. އެފަދަ އެއް މަންމައަކީ ޒީނަތު އަބްދުލް މުހުސިނެވެ. އުމުރުން 46 އަހަރުގެ ޒީނަތުއަކީ ގދ. ގައްދޫއަށް އުފަން މީހެކެވެ. އެހެންނަމަވެސް އޭނާގެ ދެ ކުދިންނަކީ މާލެއަށް އުފަން މާލޭގެ ކުދިންނެވެ. މިހާތަނަށް ވެސް އޭނާ ދިރިއުޅެމުން އައީ މުޅިންވެސް ކުއްޔަށެވެ.

އުމުރުން 19 އަހަރު ހަގު ކުއްޖާއަށް. އަނެކަކު ކިޔަވަނީ. ބޭރުގަ ހުރީ. މިވަރު އުފަލެއް ލިބުމުން އެންމެންވެސް ތިބީ ވަރަށް އުފަލުން. މާލޭގަ އުޅޭތާ 28 އަހަރު ވެދާނެ.
ޒީނަތު

ގޯތި ލިބުނު މީހުންގެ ތެރެއިން ފާތުމަތު ޒަހާ ބުނާގޮތުން އޭނާއަކީ އަސްލު "ހުޅުލެ"އަށް ނިސްބަތްވާ މީހެކެވެ. އޭނާ ވަރަށް ކުޑައިރު މާލެ ގެނެސް، މިހާރު އޭނާއަކީ މާލޭ މީހެއް ކަަމަށް އޭނާ ވަނީ ބުނެފައެވެ. ޒަހާގެ މަންމައާއި ބައްޕަވެސް މާލެއެވެ. މަންމަގެ އާއިލާގެ ގެއިން ތަންކޮޅެއް އޭނާއަކަށް ނުލިބެއެވެ. ބައްޕަގެ ހަތަރު ކުދިން އެބަތިއްބެވެ. އެއް ގޯތި ހަތަރު ބަޔަށް ބަލާލިއިރު ލިބުނީ ވަރަށް ކުޑަ ތަންކޮޅެކެވެ. ފިރިމީހާއާއި ތިން ކުދިންނާއެކު އަމިއްލަ ގޯއްޗެއްގައި އުޅެވުމަކީ އޭނާ ބުނާގޮތުން އުފާވެރިކަމަކަށް ވާނެއެވެ.

މާމަ ކުދިންވެސް އެބަތިބި. ފްލެޓުގަ އުޅެނީ. އަދިވެސް ބޭނުން ދުވަސްކޮޅެއް ފަހުން އަނެއްކާވެސް މިހެން ގޯތި ބުރެއް ޖަހާލަން، ބޭނުންވެފަ ތިބި މީހުންނަށް ގޯތި ލިބެން. ބޭނުންވެފަ ތިބި އިތުރު މީހުންނަށް މިފަދަ އިތުރު ފުރުސަތެއް ވެސް ލިބެން.
ޒަހާ

ގޯތި ލިބުނު އެތައް ބައެއްގެ ޝުއޫރުތައް މިފަދައެވެ. އަދި ބައެއް މީހުން ތިބީ އަދިވެސް ގޯތި ލިބޭކަން ގަބޫލުކުރަން ވެސް ދަތިވެފައެވެ. މިއީ މާލޭގެ ރައްޔިތުން އެތައް ދުވަހެއް ވަންދެން ދެކެމުން އައި "ކަޅާއި ހުދުގެ ހުވަފެނެއް"ގައި ކުލަ ޖެހުމުގެ ފުރަތަމަ މަރުހަލާއެވެ. އެ އުންމީދުތައް ކުލަވުން އަދި ކުރިއަށް އޮތީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް