ކ. މާލެ
|
25 ޖުލައި 2023 | އަންގާރަ 19:11
ޕާޓީތަކުގެ ލީޑަރުން - އެއް ކެންޑިޑޭޓަކު ނެރުމުގެ މަޝްވަރާ އޮތީ ކުނި ޖެހިފައި
ޕާޓީތަކުގެ ލީޑަރުން - އެއް ކެންޑިޑޭޓަކު ނެރުމުގެ މަޝްވަރާ އޮތީ ކުނި ޖެހިފައި
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
ހުސް ކޮމަން ކެންޑިޑޭޓުން
 
ފިކުރު ތަފާތުކަމުންވެސް އެއް ކެންޑިޑޭޓަކު ނުނެރެވޭނެ
 
ކޮންމެ ބޭފުޅަކީވެސް އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ސިޔާސީ ގޮތުން ކޮންމެވެސް ހަސަދައެއް ފިލުވާލައްވާފައި ތިބި ބޭފުޅުން

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ވަރަށް ފޯރިގަދަވާނެކަމަށް ބެލެވެއެވެ. އާންމުގޮތެއްގައި އިންތިހާބެއް ފޯރިގަދަވަނީ، ވަކިން ހާއްސަކޮށް ރިޔާސީ އިންތިހާބު ފޯރިގަދަވެގެންދަނީ އެންމެ ސަބަބަކަށްޓަކައެވެ. އެއީ އެ އިންތިހާބުގައި ވާދަކުރާ ސިޔާސީ މީހުން ގިނަވުމުންނެވެ. ކެންޑިޑޭޓުން ގިނަވަރަކަށް ފޯރިގަދައެވެ. މަދުވި ވަރަކަށް ފޯރި ކުޑައެވެ. ނަމަވެސް މިހާތަނަށް އަދި ސިޔާސީ ޕާޓީތަކުން ކެންޑިޑޭޓެއް ނެރެ، ވާދަކުރާނެކަން ޔަގީންވެފައިވަނީ ވެރިކަންކުރާ އެމްޑީޕީއާއި ގުޅިފައިވާ ކޯލިޝަންގެ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހެވެ.

އިލެކްޝަންސް ކޮމިޝަންގެ މައުލޫމާތުތައް ދައްކާގޮތުން، 10 ވަރަކަށް ސިޔާސީ ޕާޓީ އެބައޮތެވެ. 2 ޕާޓީއެއް ފިޔަވައި އެހެން ހުރިހާ ޕާޓީތަކުން ކެންޑިޑޭޓުން ނެރޭ ވާހަކަ ދެއްކިއެވެ. ބައެއް ބޭފުޅުން ޖަލުގައި ތިއްބެވިއަސް، އެތަނުގައި ވެރިކަން ކުރަންވެސް ވެރިކަމަށް ގެންނަން ބޭނުންވެ، އެކަން ކުރަނީއެވެ. ދެން ތިބި ބަޔަކު ބަކެޓް ލިސްޓްގައި ޓިކް ޖަހާލަން ވާދަކުރަން ނިންމީއެވެ. 3000 ހަމަނުވިޔަސް ވާދަކުރަން ނިންމީއެވެ. ރިޔާސީ ނިޒާމް ބަދަލުކުރަންވެސް ކެންޑިޑޭޓަކު ނެރެނީއެވެ. މިހެން ކިޔަކިޔައި ތިއްބައި ރައީސް ސާލިހް އެ ގެންދަވަނީ ކެމްޕޭންވެސް ނިންމަވަމުންނެވެ. އިދިކޮޅު ޕާޓީތަކަށް އަދި އެކަމެއް ވެސް ނުފެށެއެވެ. ކުންޏެއް ޖެހިގެންނެވެ. ވެރިކަމާހެދި މޮޔަވެފައި ތިބި ބައެއްގެ މެދުގައި ކޮމަން ކެންޑިޑޭޓެއް ނެރެންވެގެންނެވެ.

ހަތުރުންނާއި މިތުރުން ގުޅިގެން ކެންޑިޑޭޓަކު ނެރޭ ވާހަކައެވެ. މިހާރު އުފެދޭ ސުވާލަކީ އެއީ ހަމަ ހަގީގަތެއް ހެއްޔެވެ؟ ތެލާއި ފެން އެއްކުރަނީ ހެއްޔެވެ؟ އެކަން ވެދާނެ ހެއްޔެވެ؟ ނޫނީ ތެލާއި ފެނާ އެއްކޮށްގެން އެއިން ސޯސްގަނޑެއް ހަދަން އުޅެނީހެއްޔެވެ. ކޮމަން ކެންޑިޑޭޓެއް ނެރޭނަމަ ޖެހޭނީ ވަރުގަދަ ސަރޖަންއެއް ހޯދާށެވެ. ކުރަން ޖެހޭނެ ކަމަކީ ހުރިހާ ފިކުރެއް އެއް ސިކުނޑިއަކަށް އަޅާފައި އެކަން ކުރާށެވެ. އެންމެން އެއްބަސްވެވޭ ގޮތަކަށެވެ. ނަމަވެސް އެފަދަ ސަރޖަންއެއް އަދި އުފަންވެސް ނުވެއެވެ. އަދި އެފަދަ އަޖައިބެސް ދުނިޔޭގެ އެއްވެސް ތަނެއްގައި ފެނިފައެއް ނުވެއެވެ. މަގުސަދަކީ ވެރިކަމެއް ފުރޮޅާލުންކަމުގައި ވާނަމަ، އެކަމަށް ބޭނުންވާ އާރުކާޓީން އެބަތިއްބެވެ. އެކުގައި 3 މަހަށްވުރެ ގިނައިން ކެތްނުކުރެވޭނެ މީހުން ގިނައީއެވެ.

މި އަހަރުގެ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި އެއް ކެންޑިޑޭޓަކު ނުވަތަ ކޮމަން ކެންޑިޑޭޓެއް ނެރެން ޖުމްހޫރީ ޕާޓީ (ޖޭޕީ)އާއި ދަ ޑިމޮކްރެޓްސް އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ވަނީ އެއްބަސްވެފައެއެވެ. ޕީޕީއެމުން އޮތީ ގޮތް ދޫކުރާކަށް ނޫނެވެ. އެމްއާރުއެމުން އެކަން ކުރަން ހިތަށްވެސް ނާރުވައެވެ. ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމާއި، ޑިމޮކްރެޓްސްގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އެމްއެންޕީ ފަރާތުން އެޕާޓީގެ ރައީސް މުހައްމަދު ނާޒިމްގެ ބައްދަލުކުރެއްވުމެއް ޖޭޕީގެ މައި އޮފީހުގައި ވަނީ ބާއްވާފައިވެއެވެ. ފެނުނީ ނުރުހުނަސް ވާހަކައެއް ދައްކާލުމުގެ ނިޔަތުގައި ކޮމަންކެންޑިޑޭޓެއް ނެރޭނެ ވާހަކައެވެ. ވަކި ހިސާބަކުން ނަޝީދާއި ނާޒިމް އެތަނުން ގެއްލިއްޖެއެވެ. ޕީޕިއެމާއި އެމްއާރުއެމުން ނެރުނީ ބަޔާނެކެވެ.

އެއް ކެންޑިޑޭޓަކު ނުނެރެވޭނެ ބައިވަރު ސަބަބު އެބަހުއްޓެވެ. ޖުމްހޫރީ ޕާޓީން ފަށަމާ ހިނގާށެވެ. ގާސިމް އިބްރާހިމް ވެރިކަމަށް ގެނައުމަށް ޖުމްހޫރީ ޕާޓީން ނިންމައި، 5 އަހަރުގެ ދައުރެއްގައި ގާސިމަށް ޖަލަށްދާން ނުޖެހި ހަމަޖެހިވަޑައިގެން ހުންނެވި މި ވެރިކަމާ ފެޔަށް ޖެހުނީ ސަބަބުތަކެއް ހުރީމައެވެ. ވެރިކަން ކުރުމަކީ ގާސިމްގެ ބަކެޓް ލިސްޓުގައި އޮތް ކަމެކެވެ. ވަޒީރުކަމާއި، މަޖިލީހުގެ މެންބަރުކަމާއި މިހެން ގޮސް ބޮޑެތި ބޮޑެތި އެތައް މަގާމެއް އަދާކުރައްވައިފިއެވެ. ދެން އޮތީ ރައީސުލްޖުމްހޫރިއްޔާކަމެވެ. ގާސިމް މިފަހަރު ހުންނެވީ އެކަން ދޫކޮށްލައްވާ ގޮތަކަށް ނޫނެވެ. ގާސިމުގެ ޓާގެޓަކީ އެއީއެވެ. ޖުމްހޫރީ ޕާޓީގެ އިސް ފަރާތްތަކުން ވެސް ބޭނުންވަނީ އެގޮތެވެ. އެހެންވީމާ ކޮމަން ކެންޑިޑޭޓް ނެރެން ކުރާ މަސައްކަތުން ޖޭޕީ ޖެހޭނީ އެއްފަރާތްވާށެވެ. ނޫނީ ކޮމަން ކެންޑިޑޭޓެއްގެ ގޮތުގައި ގާސިމް ނެރުމެވެ.

ދެން އޮތީ ނާޒިމެވެ. ނާޒިމްގެ ޓާގެޓަކީ ވެސް ވެރިކަމެވެ. މިހާރު އޮތް ސަރުކާރު ކަމުނުދާ ވާހަކައާއި، އެކަމުގައި އެކުލެވޭ ކޮރަޕްޝަނާއި ފަސާދައާއި ހުރިހާކަމަކުން ދިވެހިން މިންޖު ކުރުމަށެވެ. ނާޒިމްގެ އަމާޒު ހުރީ އަދި މާ ދުރަށެވެ. ކޯލިޝަނެއް ވެސް ބޭނުމެއްނުވެއެވެ. އެކަނި ނުކުމެ ބޭނުމީ ކާމިޔާބު ކުރާށެވެ. އެކުގައި ތިބި މީހުންވެސް ބޭނުންވަނީ އެގޮތެވެ. ތަންކޮޅެއްވެސް ދޫދޭކަށް ބޭނުން ނުވެއެވެ. ކޮމަން ކެންޑިޑޭޓެއް ނެރުމުގައި އެމްއެންޕީން އާނބަސް ބުނާނީ އެބުނާ ކޮމަން ކެންޑިޑޭޓަކީ ނާޒިމްކަމުގައި ވާނަމައެވެ. އެނޫން އެއްވެސް ޗޮއިސްއެއް ނެތެވެ.

ދެން އޮތީ އެމްއާރުއެމެވެ. ކޮމަން ކެންޑިޑޭޓެއްގެ ވާހަކަ ދައްކަދައްކައި ތިއްބައި ފާރިސް ކުށުގެ ރެކޯޑް ސާފުކޮށް ކެންޑިޑެންސީ ލެއްވުމަށް ހުރިހާ މަރުހަލާއެއް ފުރިހަމަކުރައްވައިފިއެވެ. ޕާޓީ މިހާރު އޮތް ހާލަތުގައި ޕާޓީގެ ފަރާތުން ކުރިމަތި ނުލެއްވިއްޖެނަމަ އަމިއްލަގޮތުން ވެސް ވާދަކުރައްވަން ތައްޔާރެވެ. ބައްޕާފުޅު ވެރިކަން ކުރެއްވި ބީދައިން، ފާރިސްއަކީ ވެސް އެ މަގުން ވެރިކަން ކުރައްވަން ބޭނުންފުޅުވާ ބޭފުޅެކެވެ. ބަޔަކަށް ބެއްލެވުމެއް ނެތެވެ. ވަގުތު އޮއްވައި ކޮށް ނިންމެވުމުގެ އުސޫލެވެ. އަދި ނުވިތާކަށް އެމްއާރުއެމުން ކޮމަން ކެންޑިޑޭޓަކާމެދު ގޮތެއް ނިންމާނެކަމާމެދު ވެސް މިހާރު ޝައްކެވެ.

ދެން އޮތީ ދަ ޑިމޮކްރެޓްސްއެވެ. ކުރީގެ ރައީސް ނަޝީދު ވިދާޅުވި އަޑު އެހީމެވެ. ވިދާޅުވީ ދެވަނަ ބުރަކަށް އިލްޔާސް ނުދާންވީ ސަބަބެއް ނެތެވެ. މިހާ ހިސާބުން ވެސް އެނގެނީ ކޮމަން ކެންޑިޑޭޓަކަށްވުރެ އެމަނިކުފާނުގެ ހުވަފެންފުޅުގައި ކުލަޖެއްސެވޭނެ މަގު ހޯއްދެވުމެވެ. އެއީ ބޮޑުވަޒީރުކަމެވެ. ނަޝީދު ރިޔާސީ ޕްރައިމަރީއަށް ކުރިމަތިނުލެއްވީ އަނެއްކާވެސް ޕްރައިމަރީއަކުން ބަލިވެދާނެތީ ކަމެއް ނުވަތަ ބޮޑުވަޒީރުކަމުގެ މަގާމް އަދި ހުސްކޮށް އޮތްކަމަށް ފެނިވަޑައިގަންނަވާތީ ކަމެއް ސާފެއް ނޫނެވެ. ކޮންމެއަކަސް އެއް މޭޒެއްގައި ތިބެ ކޮމަން ކެންޑިޑޭޓެއްގެ ވާހަކަ ދައްކައި، އިލްޔާސް ދެވަނަ ބުރަކަށް ދާ ވާހަކަ ދެކެވުނީމަ އިލްޔާސަކީ އެ ކޮމަން ކެންޑިޑޭޓްތޯ ވެސް ސުވާލު އުފެދެއެވެ. ނުވަތަ ކޮމަން ކެންޑިޑޭޓްގެ ވާހަކައަކީ ހިޔާލީ ފޮލާއެއްކަމަށް ވެސް ވެދާނެއެވެ.

ދެން އޮތީ ޕީޕީއެމެވެ. ހިލާ އެއްބަހެއް ނުވިއެވެ. ކޮމަން ކެންޑިޑޭޓަކީ ވެސް، ރިޔާސީ ކެންޑިޑޭޓަކީ ވެސް، ރައީސަކީ ވެސް، އަދި ބޮޑުވަޒީރަކީ ވެސް ޔާމީން ކަމަށް ގަބޫލުކުރަނީއެވެ. އެ ނޫން އެހެން ޗޮއިސްއެއް ޕީޕީއެމްގެ އާންމު މެންބަރުންނަކަށް ވެސް، އަދި ކޮމަން ކެންޑިޑޭޓް ނެރެންކުރާ މަޝްވަރާގައި ހިމެނޭ ޕާޓީތަކަށްވެސް ނެތް ވާހަކައެވެ. ޕީޕީއެމުން ބުނަނީ ޔާމީނަކީ ކޮމަން ކެންޑިޑޭޓް ނަމަ، އެގޮތަށް އެއްބަސްކަމަށެވެ. ނޫން ނަމަ ހޯހޯއެވެ. އެކަމެއް ނުވާނެއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސާލިހާ ވާދަކުރެއްވުމަށް ޕާޓީތަކުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ރުހިވަޑައިގަންނަވާނަމަ، އެބޭފުޅުން އެދިވަޑައިގަންނަވާގޮތަށް ކޮމަން ކެންޑިޑޭޓެއް ނެރެން ތައްޔާރުކަމަށް އެޕާޓީން ވަނީ ބުނެ ނިންމައި ސީލްކޮށްފައެވެ.

ކޮންމެއަކަށް މިއިން ކޮންމެ ޕާޓީއަކުން ވެސް ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބުގައި އެ ޕާޓީތަކުން ވާދަކުރާނެ ބޭބޭފުޅުން ވަނީ ކަނޑައެޅިފައެވެ. ޖޭޕީން ގާސިމް، އެމްއެންޕީން ނާޒިމް، އެމްއާރުއެމުން ފާރިސް، ޕީޕީއެމުން ޔާމީން އަދި ދަ ޑިމޮކްރެޓްސްއިން އިލްޔާސެވެ.

އެއް ކެންޑިޑޭޓެއް ނެރެވޭނެ އެއްގޮތެއް ވެސް ނެތްކަމަށް ބުނެވޭނީ އެކަކު އަނެކަކާމެދު އޮތް ހަސަދައިގެވެސް ބޮޑު ކަމުންނެވެ. ޔާމީން ޖަލަށްލީ ނަޝީދާއި، ގާސިމާއި، ނާޒިމާއި ފާރިސްކަމަށް ޕީޕީއެމުން ދެކެއެވެ. ގާސިމާއެކު މަސައްކަތް ކުރަން ނާޒިމާއި ނަޝީދާއި ޔާމީން ބޭނުންފުޅެއް ނުވެއެވެ. ނަޝީދުގެ ވެރިކަން ބަދަލުކުރުމުގެ އެއް މޭސްތެރިޔަކީ ގާސިމްކަމަށް ނަޝީދު ދެކެއެވެ. ނާޒިމް ގާސިމް ކައިރިން ވަކިވެވަޑައިގެންފައި ވަނީ އަމިއްލައަށް ސިޔާސީ މަސައްކަތް ކުރެއްވުމަށެވެ. އަލުން ގުޅިވަޑައިގަންނަވާކަށް ނޫނެވެ. ގާސިމަކީ ޔާމީނަށް ކަމުދާ ބޭފުޅެއް ނޫނެވެ. ބައިވަރު ސަބަބުތަކާހެދިއެވެ. ނާޒިމާއެކު ނަޝީދު މަސައްކަތެއް ނުކުރައްވާނެއެވެ. ވެރިކަން ފުރޮޅާލުމާއި، ދެން ހިނގައިދިޔަ ކަންތަކާ ހުރެއެވެ. ނާޒިމް ޔާމީނާ އެއްގަލަކަށް އަރާވަޑައެއްނުގަންނަވާނެއެވެ. ފްރޭމްކޮށް، ޖަލަށްލައި، މުޅި ދިރިއުޅުން އެފުށުން މިފުށަށް ޖަހާލީމައެވެ. ނަޝީދުގެ ޑިމާންޑަކީ ބަރުލަމާނީއެވެ. އެހެން އެއްވެސް ބަޔަކު އެކަމަށް އެއްބަހެއްނުވެއެވެ. މިހެން ގޮސް ހުސް ސަބަބެވެ.

ސަބަބުތައް ކިޔައިކިޔައި ވަރުބަލިވިޔަސް ކޮޅެއް ފެންނާކަށް ނެތެވެ. އެހެންވީމައި ނަފުރަތާއި އަދާވާތްތެރިކަމާއި ހިތްހަމަނުޖެހުމާއި އާރާއި ބާރަށްޓަކައި އެއް ކެންޑިޑޭޓަކާމެދު އެއްބަސްވެވޭނެ އެއްވެސް މަގެއް ފެންނާކަށް ނެތެވެ. ފެންނަން އޮތީ އެއް މޭޒެއްގެ ކައިރީގައި ތިބެފައި ގޮސް އަމިއްލަ ޖަގަހަތަކުގައި އެކަކު އަނެކަކަށް ހެއްދެވި ނެހެއްދެވިއަށް ގޮވާތަނެވެ.

ކޮމެންޓް