ކ. މާލެ
|
9 ޖުލައި 2023 | އާދީއްތަ 10:28
ރުއްގަނޑެއް
ރުއްގަނޑެއް
ޕްލާންޓްސްނެޕް
ރިޕޯޓް
ދިވެހިންގެ ޤައުމީ ގަސް، ތަރައްގީއާ ނުގުޅެނީތަ؟
 
ކަދުރު ރުއްތައް އިންދާތީ އާއްމުން ސުވާލު އުފައްދާ
 
ބައެއް ރަށްތަކުން ބޭނުންވަނީ ތަރައްގީކުރާ މަގުތަކުގައި ކަދުރު ރުއް އިންދަން

ދިވެހިރާއްޖޭގެ ޤައުމީ ގަސް ކަމަށްވާ ދިވެހި ރުކަކީ ޒަމާނުއްސުރެ ދިވެހިންގެ އާއްމު ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅިފައިވާ ގަހެކެވެ. އާންމުދަނީ ހޯދުމަށާއި ކައިބޮއި ހެދުމަށް ރުކުގެ އެކި ބައިތަކުގެ ބޭނުން ކުރެއެވެ. އެގޮތުން މިހާރުވެސް، ކައިބޮއި ހެދުމަށް ކާއްޓާއި ކުރުނބާ، ގަބުޅި ފަދަ ބައިތައް ބޭނުންކުރާއިރު އާންމުދަނީ ހޯދުމަށް ރުކުގެ ފަނާއި ކާށީގެ ބޮނބި ފަދަ ބައިތައް ބޭނުންކުރެއެވެ. މި ބޭނުންތަކުގެ އިތުރުން ވެސް ދިވެހި ޖަޒީރާ ރަށްތަކުގެ މަލަމަތި ރީތިކޮށްލަނީ ވެސް ދިވެހިންގެ މި ޤައުމީ ގަސްތަކުންނެވެ.

ކަނޑުމަގުން ދަތުރުކުރާއިރު ރަށެއްގެ މަލަމަތިން އެންމެ ކުރިން ލޮލުގައި އަޅައިގަންނާނީ އެ ރަށެއްގައި އުސްކޮށް ހެދިފައި ހުންނަ ރީތީ ފެހި ރުއްތަކެވެ. އެއީ މީހުން ދިރިއުޅޭ ރަށަކަށްވިޔަސް ފަޅު ރަށަކަށްވިޔަސް ރުއްގަނޑެއް އޮންނާނެއެވެ. ނަމަވެސް މިމަންޒަރު ބަދަލުވާތަން މިހާރު ދަނީ ފެންނަމުންނެވެ. ދިވެހި ގަސް ރަށްތަކުން ގެއްލިގެންދަނީއޭ ބުނުން ދޮގަކަށް ނުވާނެއެވެ.

ޒަމާނަށް އަންނަ ބަދަލުތަކާއެކު ރަށްތައް ވެސް ތަރައްގީކުރަން ޖެހެއެވެ. މަގުތައް ހަދާ ނަލަ ވެސް ކުރަން ޖެހެއެވެ. ނަމަވެސް މި ތަރައްގީއާއެކު ދިވެހި ރުއްތައް ގެއްލެމުންދާކަމީ ހިތާމަ ކުރަން ޖެހޭ ކަމެކެވެ. މިހާރު ކޮންމެ ރަށަކުންހެން ބޭނުންވަނީ އެ ރަށުގެ ތާރު އަޅާފައި އޮންނަ ޒަމާނީ މަގުގައި ދިވެހި ޤައުމީ ގަހުގެ ބަދަލުގައި ކަދުރު ރުއް އިންދާށެވެ. ދިވެހި ރުއް ބާވެއްޖެއެވެ. ރާއްޖޭގެ އައު "ޓްރެންޑަކީ" ކަދުރު ރުއް ކަމަށްވާތީއެވެ. ވެރިކަން ކުރާ މާލޭގެ ވެސް މަލަމަތިން ފެންނަ ހުރީ ކަދުރު ރުއްތައް ކަމަށްވާތީއެވެ.

ރާއްޖޭގެ ރަށްތަކުގައި ކަދުރު ރުއްތައް އިންދުމަށް އެތަކެތި ހޯދަން އިއުލާން ކުރާތީ އެކަމާ ނުރުހުން ފާޅުކުރާ މީހުންގެ އަދަދު ވެސް މަދެއް ނޫނެވެ. ޓްވިޓަރ ގައި ޚިޔާލު ފާޅު ކުރި މީހަކު އުފެއްދި ސުވާލަކީ "ރާއްޖޭގައި ރުއް ނެތީތަ ހަމަ؟" އެވެ. އެހެން މީހަކު ވަނީ ރާއްޖޭގެ ސިޔާސީ ފަރާތްތަކުގެ ހިތުގައި ދިވެހި ރުކަށް ނަފުރަތު އުފެދިފައިވަނީތޯ ދުވާލު އުފައްދާފައެވެ.

މި ސުވާލުތައް އުފެދެނީ ރާއްޖޭގެ ކޮންމެ ރަށަކުން ވެސް ފަސޭހަ ކަމާއެކު ރުއްތައް ލިބެން ހުންނައިރު އެ ރުއްތައް ނަގާލައި، އޭގެ ބަދަލުގައި އަގުބޮޑުކޮށް ރާއްޖެއިން ބޭރުން ރުއްތަކެއް ގެނެސް އެ އިންދަން ބޭނުންވާތީއެވެ. "ރާއްޖެޓީވީ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖެއިން ބޭރުން، ޔޫއޭއީން ކަދުރު ރުކެއް ގެންނަ ނަމަ ރުކަކަށް 6000 ރުފިޔާ ޚަރަދުވާނެއެވެ. މިއީ ރާއްޖެއަށް ގެނައުމުގެ ހަރަދާއެކު ދާނެ ވަރެވެެ. އެހެންކަމުން ބޮޑު ޚަރަދުކޮށްފައި ކަދުރު ރުއްތައް ގެނައުމުގެ ބަދަލުގައި ދިވެހިން ޤައުމީ ގަހުގެ ގޮތުގައި ކަނޑައަޅާފައިވާ ރުއްތަކުން މަގުތައް ޒީނަތްތެރިކުރުން ބަޖެޓަށް ވެސް ލުއި ވާނެއެވެ.

މަގުމަތީގައި ދިވެހި ރުއް ހުރުމުން އެއިން އާއްމުންނަށް ނުރައްކާވެދާނެ ކަމަށް ބަހުސް ކުރެވިދާނެއެވެ. ތެދެކެވެ، ރުކަކުން ކާއްޓެއް ވެއްޓި ނުވަތަ ފަނެއް ވެއްޓި މީހަކަށް އަނިޔާއެއް ވުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމަކު ރަށާއި ސިޓީ ކައުންސިލްތަކުން ރުއްތައް ބަލަހައްޓާނަމަ މިކަން ވެސް ހައްލުކުރެވިދާނެއެވެ. ދިވެހި ރުކެއް ބެލެހެއްޓުމަށްދާ ޚަރަދަށްވުރެ ކަދުރު ރުކެއް ރާއްޖެއަށް ގެންނަން ދާ ޚަރަދު މާ ބޮޑުވާނެއެވެ. އަދި އެ ރުއްތައް ބެލެހެއްޓުމަށް ވެސް ޚަރަދު ކުރަން ޖެހޭނެއެވެ.

ދިވެހި ރުކަކީ ރާއްޖޭގެ 'ޤައުމީ ގަސް' ކަމަށް ހަމައެކަނި ފޮތެއްގައި ލިޔެފައި ބޭއްވުމުގެ ބަދަލުގައި އެގޮތަށް އަމަލު ކުރަން ވެސް އެބަޖެހެއެވެ. އެ ރުކަށް އެ ދަރަޖަ ދޭން އެބަ ޖެހެއެވެ. ރަށްރަށުގައި ރުއްތައް އިންދައި، އާލާކުރުމަށް ބާރުއަޅަން ޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް