ރަސްދޫގައި 100 ޓަނުގެ ފެން އުފެއްދޭ އާރު.އޯ ޕްލާންޓެއް ބަހައްޓައިފި
16 ޖޫން 2023 | ހުކުރު 13:14މި ޕްލާންޓާއެކު ރަސްދޫގެ ފެން އުފެއްދުމުގެ ޖުމްލަ ކެޕޭސިޓީ 160 ޓަނަށް ވަނީ އިތުރުކުރެވިފައި


ރަސްދޫގައި ބެހެއްޓި ފެން އުފައްދާ ޕްލާންޓް
އއ. ރަސްދޫގައި 100 ޓަނުގެ ފެން އުފެއްދޭ އާރު.އޯ ޕްލާންޓެއް ބަހައްޓައިފިއެވެ.
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން ބުނީ ރަސްދޫގެ އިތުރުވަމުންދާ ފެނުގެ ޑިމާންޑަށް ކޭޓަރ ކުރުމަށާއި، ރަސްދޫގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު، ފުރިހަމަ ޚިދުމަތެއް ދިނުމަށް އެރަށުގައި އިތުރު 100 ޓަނުގެ އާރު.އޯ ޕްލާންޓެއް ބަހައްޓާފައިވާ ކަމަށެވެ.
މި ޕްލާންޓާއެކު ރަސްދޫގެ ފެން އުފެއްދުމުގެ ޖުމްލަ ކެޕޭސިޓީ 160 ޓަނަށް އިތުރުކުރެވިފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ސްޓެލްކޯއިން ބުނީ މި ޕްލާންޓަކީ އެ ކުންފުނީގެ މުވައްޒަފުން އޭގެ ކޮމިޝަނިން ހުރިހާ މަސައްކަތެއްކޮށް އޮޕަރޭޝަނަށް ގެނައި ފުރަތަމަ ޕްލާންޓް ކަމަށެވެ.
މި މަސައްކަތްތަކަށް އިޝާރާތް ކުރައްވައި މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ މިއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ޝަރީފް ވަނީ މަސައްކަތުގައި އުޅުނު ވޯޓާރ، ސުވަރޭޖް އެންޑް ވޭސްޓް މެނޭޖްމަންޓު ޑިޕާޓްމަންޓުގެ މުވައްޒަފުންނާއި، ބައްދަލުކުރައްވާ އެ މުވައްޒަފުންގެ މަސައްކަތަށް ތަރުހީބުދެއްވާފައެވެ.
މީގެ އިތުރުން ޝަރީފް ވަނީ ސްޓެލްކޯއިން އަލަށް އެފަދަ ކަމެއްކޮށް، އެ ހޯއްދެވި ކާމިޔާބީއަށް އެ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާ، މަރުހަބާ ވިދާޅުވެފައެވެ.







