ދަރިވަރުން އަތްތެރި ދެ މަސައްކަތެއް ދަސްކުރުމަށް އެޑިޔުކޭޝަން މިނިސްޓަރު އިލްތިމާސްކުރައްވައިފި
18 މެއި 2023 | ބުރާސްފަތި 16:51މަދަރުސާއެއްގެ ގްރޭޑް އެކެއްގެ މަންހަޖަށް ގެންނަ ބަދަލު ފެންނަނީ އޭގެ 10 އަހަރު ފަހުން


މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ދެވަނަ ދަންފަޅީގެ ޖަލްސާގެ ތެރެއިން
ނަތީޖާއަށް ބަރޯސާނުވެ އަތްތެރި ދެ މަސައްކަތް ދަސްކުރުމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ އިލްތިމާސްކުރައްވައިފިއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށްގެންދިޔަ، މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ދެވަނަ ދަންފަޅީގެ ޖަލްސާގައި މިނިސްޓަރު ވިދާޅުވީ، ދަރިވަރުންގެ ކާމިޔާބީގެ ފަހަތުގައިވާ އެއް ބާރަކީ މިސަރުކާރުން ތައުލީމީ ދާއިރާ ކުރިއެރުވުމަށް ގެންގުޅޭ ސިޔާސަތުކަމަށެވެ. ހަމަ މިއާއެކު ތައުލީމީ ދާއިރާއަށް މި އައިސްފައިވާ ބަހާރު މޫސުމުގެ އެއް ސިއްރަކީ އިޖްތިމާއީ ހަމަޖެހުމާއި ހިމޭންކަން ކަމަށާއި، އެއް މިސްރާބަކަށް ތައުލީމީ އޮޑި ދުއްވުމަށް، ސިޔާސީ އަދި އިދާރީ ހަމަހިމޭންކަމަކީ ވަރަށް މުހިންމު ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ތައުލީމީ ދާއިރާއަކީ ކުއްލިކުއްލިއަށް ބަދަލު ގެނެސްގެން ނަތީޖާ ނެރެވޭނެ ދާއިރާއެއް ނޫންކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، މަދަރުސާއެއްގެ ގްރޭޑް އެކެއްގެ މަންހަޖަށް ގެންނަ ބަދަލު ފެންނަނީ އޭގެ 10 އަހަރު ފަހުން ކަމަށާއި، ގްރޭޑް އެކަކަށް ވަންނަ ދަރިވަރުން ސާނަވީ އިމްތިހާންތައް ނިންމުމުންކަމަށެވެ. އަދި ސިޔާސީ ހިމޭންކަމާއި އިޖްތިމާއީ ހަމަޖެހުމަކީ ގައުމެއްގެ ތަރައްގީގެ ސިއްރުކަމަށާއި، ތައުލީމީ ދާއިރާއަށް އައިސްފައިވާ ކުރިއެރުންތައްވެސް ދެމިއޮންނާނީ ސިޔާސަތު އަވަސް އަވަހަށް ބަދަލުނުވާނަމަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ފޮތްތެރި ތައުލީމަށް ބަރޯސާވުމަކީ ކުރަންވާވަރުގެ ކަމެއް ނޫންކަމަށެވެ. އެގޮތުން ހުސައިން ސަލާހުއްދީން ލިޔުއްވާފައިވާ، އައްޑުއަތޮޅު މީދޫ ދޮންބެއްޔާގެ ނަސޭހަތްޕުޅާ އެއްގޮތަށް އަމަލުކުރުމަށް މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ.
ދަރިވަރުން ކިތަންމެ ތަނަވަސް ބައެއް ކަމުގައި ވިޔަސް އަތުމަސައްކަތާ ދުރަށް ނުދިއުމަށް މިނިސްޓަރު އެދިވަޑައިގެންނެވިއެވެ. އަދި ވިދާޅުވީ ސާނަވީ އިމްތިހާނުން ކޮންމެފަދަ ނަތީޖާއެއް ލިބުނަސް އަތްތެރި ކޮންމެވެސް ދެ މަސައްކަތަކަށް ފަރިތަވާން ޖެހޭ ކަމަށެވެ.






