ކ. މާލެ
|
13 މެއި 2023 | ހޮނިހިރު 14:41
ވެލާނާ އިންޓަަރނޭޝަނަލް އެއަރޕޯޓަށް ފަތުރުވެރިން ފައިބަނީ
ވެލާނާ އިންޓަަރނޭޝަނަލް އެއަރޕޯޓަށް ފަތުރުވެރިން ފައިބަނީ
ވެލާނާ އެއާޕޯޓް
ފަތުރުވެރިން އަންނަ މިންވަރު
މިއަހަރު 1.9 މިލިއަން ފަތުރުވެރިން އަންނާނެކަމަށް ލަފާކޮށްފި
 
2023 ވަނަ އަހަރުގެ ބަޖެޓުގައި ލަފާކޮށްފައިވާ ބެޑްނައިޓްސްތަކަށްވުރެ 3.3 އިންސައްތަ އިތުރު
 
2023 ވަނަ އަހަރު 14 މިލިއަން ބެޑްނައިޓްސް ލިބޭނެ

މިއަހަރު ރާއްޖެއަށް 1.9 މިލިއަން ފަތުރުވެރިން އަންނާނެކަމަށް ލަފާކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ 2022 ވަނަ އަހަރު ރާއްޖެއަށް އަންނާކަމަށް ލަފާކުރި 1.63 މިލިއަން ފަތުރުވެރިންނާއި، ރާއްޖޭގައި ހޭދަކުރާ މުއްދަތު ކަމުގައިވާ 10.4 މިލިއަނަށްވުރެ، އަންދާޒާތައް އިތުރުވެފައިވާ ކަމަށެވެ. 2022 ވަނަ އަހަރު 1.67 މިލިއަން ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، އަދި 12.3 މިލިއަން ބެޑްނައިޓްސް ހިމެނޭ ކަމަށެވެ.

މިހާރު ހުރި އަންދާޒާތަކަށް ބަލާއިރު، 2023 ވަނަ އަހަރު 14 މިލިއަން ބެޑްނައިޓްސް ލިބޭނޭކަމަށް ބެލެވޭއިރު، މިއީ މިދިޔަ އަހަރަށްވުރެ 1.7 މިލިއަން އިތުރު އަދަދެކެވެ. މިއަހަރު 1.9 މިލިއަން ފަތުރުވެރިން އަންނާނެކަމަށް ލަފާކޮށްފައިވާއިރު، މީގެ ކުރިން އަންދާޒާކުރީ 1.81 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ 2021 ވަނަ އަހަރު ކާމިޔާބުކަމާއެކު ކޮވިޑް ވެކްސިން ތައާރަފް ކުރުމާއެކު ދަތުރުފަތުރުގެ ހުރަސްތަކަށް މަޑުމަޑުން ލުއި ދިނުމާއި، ބައެއް ގައުމުތަކުގެ ބޯޑަރުތައް އަލުން ހުޅުވުމުން ފަތުރުވެރިން އައި މިންވަރު ވަރަށް ބޮޑަށް އިތުރުވި ކަމަށެވެ.

މީގެ އިތުރުން ގިނަ އެއަރ ޓްރެފިކް ރޫޓްތައް އަލުން ފެށުމާއި، ޑިމާންޑް އިތުރުކުރުމާއި، 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ ރަންވޭ ހުޅުވުމަކީ، ފަތުރުވެރިން އަންނަ މިންވަރު އިތުރުވުމާއި ގާތްގަނޑަކަށް ހުރިހާ މާކެޓަކުން ފަތުރުވެރިން ގިނަވުމުގައި މުހިންމު ދައުރެއް އަދާކުރި ކަންކަން ކަމަށެވެ.

މީގެ އިތުރުން ރަޝިޔާ-ޔޫކްރޭން ހަނގުރާމައާއި، ޖިއޮޕޮލިޓިކަލް ނުތަނަވަސްކަމާއި، ދުނިޔޭގެ ތެލުގެ އަގު ބޮޑުވުމާއި، އިންފްލޭޝަން މައްޗަށްދިއުމާއި، ޗައިނާއިން ދަތުރުކުރުމުގައި އެޅި ހުރަސްތަކުގެ ސަބަބުން ތަފާތު ގޮންޖެހުންތަކެއް ކުރިމަތިވިނަމަވެސް، 2021 ވަނަ އަހަރާ އަޅައިބަލާއިރު ފަތުރުވެރިކަމުގެ ދާއިރާއިން 26.7 އިންސައްތަ އިތުރުވެ، ކޮވިޑްގެ ކުރިން 2019ގައި ހުރި މިންވަރާ ގާތަށް 98.4ށް ކުރިއަރާފައިވާ ކަމަށެވެ. މި ނަތީޖާއަކީ މީގެ ކުރިން 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު 2023 ވަނަ އަހަރުގެ ބަޖެޓަށް އެރައިވަލްސް ލަފާކުރި އަދަދަށްވުރެ 2.5 ޕަސެންޓް އިތުރު ނަތީޖާއެއްކަމަށް ބުނެފައިވެއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ 2019 ވަނަ އަހަރާ އަޅާބަލާއިރު ފަތުރުވެރިކަމުގެ ބެޑްނައިޓްސް 14.7 އިންސައްތަ އިތުރުވެ ޕްރީ ޕެންޑެމިކް ލެވެލް ފަހަނައަޅައި ގޮސްފައިވާއިރު، ދުނިޔޭގެ އިގްތިސާދު ހީކުރި ވަރަށްވުރެ އަވަހަށް ރަނގަޅުވެ، އެ ދުވަސްވަރު އެވްރެޖްކޮށް ފަތުރުވެރިއަކު 7.3 ދުވަސް ހޭދަކޮށްފައިވާ ކަމަށެވެ. މިއީވެސް 2023 ވަނަ އަހަރުގެ ބަޖެޓުގައި ލަފާކޮށްފައިވާ ބެޑްނައިޓްސްތަކަށްވުރެ 3.3 އިންސައްތަ އިތުރު އަދަދެކެވެ.

މީގެ އިތުރުން 2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޖުމްލަ ރާއްޖެ އައިސްފައިވާ މީހުންގެ އަދަދަކީ 523،928 ކަމަށާއި މިއީ 2019 ވަނަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 8.5 އިންސައްތައިގެ އިތުރުވުމެއް ކަމަށާއި 2022 ވަނަ އަހަރާ އަޅައިބަލާއިރު 21.4 އިންސައްތައިގެ ބޮޑު ކުރިއެރުމެއް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އެގޮތުން 2023 ވަނަ އަހަރުގެ މި މުއްދަތުގައި ދުވާލަކު އެވްރެޖްކޮށް ރާއްޖެއަށް އަންނަ މީހުންގެ އަދަދު އިތުރުވެ 5،821.4ގައި ހުރިއިރު، ކޮވިޑްގެ ކުރިން ހުރި ލެވެލް 8.5 އިންސައްތަ ފަހަނައަޅައި ގޮސްފައިވެއެވެ.

މީގެ އިތުރުން މި މުއްދަތުގައި ބެޑްނައިޓްސްގެ އަދަދު 3.9 މިލިއަނަށް އަރާފައިވާއިރު، މިއީ 2022 ވަނަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 14.9 އިންސައްތަ އިތުރު އަދަދެއް ކަމަށާއި ޕްރީ ޕެންޑެމިކް ލެވެލްއާ އަޅައިބަލާއިރު 28.8 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ.

ފަތުރުވެރިކަމުގެ މަންޒިލްތަކުން ވާދަވެރިކަން އިތުރުވެ، ޗައިނާއިން އަންނަ ފަތުރުވެރިން އިތުރުވުމުން، އެވްރެޖްކޮށް 7.2 ދުވަހަށް ދަށްވާނެކަމަށް ބެލެވުނުނަމަވެސް، ކޮވިޑް-19ގެ ކުރިން ހުރި މިންވަރަށްވުރެ 6.3 ދުވަހަށް އެވްރެޖްކޮށް ތިބޭނެ ކަމަށް ލަފާކުރެވެއެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުން 2023 ވަނަ އަހަރު މައްޗަށް ދާނެކަމަށް ލަފާކުރެވޭއިރު، ޕްރީ ޕެންޑެމިކް ލެވެލް ފަހަނައަޅައި ގޮސް، 2023 ވަނަ އަހަރަށް އަންނަ މީހުންނާއި ބެޑްނައިޓްސް، ތިން ހާލަތުގައިވެސް މައްޗަށް ދާނެކަމަށް ވަނީ އަންދާޒާކުރެވިފައެެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް