ކ. މާލެ
|
7 މެއި 2023 | އާދީއްތަ 07:17
އުރާވާގެ ކޯޗު ކޯޗު މެސީއީޖް ތައްޓާއެކު
އުރާވާގެ ކޯޗު ކޯޗު މެސީއީޖް ތައްޓާއެކު
ރޮއިޓާސް
އޭޝިއަން ޗެމްޕިއަންސް ލީގު
އުރާވާގެ ކޯޗާއި ސަޕޯޓަރުން ބުނަނީ "މިއީ އަލް ހިލާލް ކައިރިން ހިފި ބަދަލެއް" ކަމަށް
ސަޕޯޓަރުންގެ އިތުރުން އުރާވާގެ ކޯޗު މެސީއީޖް ސްކޯރްޒާ ވެސް އެ ކާމިޔާބީ ސިފަ ކުރީ ބަދަލު ހިފުމެއްގެ ގޮތުގައި

އޭއެފްސީ އޭޝިއަން ޗެމްޕިއަންސް ލީގު އުރާވާ އިން ކާމިޔާބު ކުރީ، 2019 ވަނަ އަހަރު ކުޅުނު ފައިނަލްގެ ބަދަލު ހިފުމެއްގެ ގޮތުގައި ކަމަށް އެ ކުލަބުގެ ގިނަ ސަޕޯޓަރުންތަކެއް ބުނެފި އެވެ.

ދެ ލެގުގެ އެގްރިގޭޓު 2-1 އިން ކުރި ހޯދައިގެން ޖަޕާންގެ އުރާވާ އިން ވަނީ މުބާރާތް ތިން ވަނަ ފަހަރަށް ކާމިޔާބުކޮށްފަ އެވެ. މީގެ ކުރިން، 2019 ވަނަ އަހަރުގެ ފައިނަލްގައި ވެސް އެ ޓީމު ވަނީ ވާދަކޮށްފަ އެވެ. ނަމަވެސް އެ އަހަރުގެ ފައިނަލްގައި އަލް ހިލާލް އަތުން ބަލިވީ އެގްރިގޭޓު 3-0 އިންނެވެ. މިއަހަރުގެ މުބާރާތް އުރާވާ އިން ކާމިޔާބު ކުރުމާއެކު އެ ކުލަބުގެ ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް އުފާ ފާޅުކުރަން ފަށައިފަ އެވެ.

ސަޕޯޓަރުންގެ ތެރެއިން ވާހަކަ ދައްކަމުން އުމުރުން 49 އަހަރުގެ ޓާކާހިރޯ ކަޖިނޯ ބުނީ، އަލް ހިލާލް އަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށާއި، މިއަހަރު ވެސް އުރާވާ މޮޅުވާނެ ކަމަށް އޭނާ އުންމީދު ނުކުރާ ކަމަށެވެ. އޭނާ ބުނީ ކުރިން ކުޅުނު މެޗުގައި ފަސް ދޮޅަށް ހާހަށްވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު ކަމަށާއިި، ނަމަވެސް ދެ ވަނަ ލެގު ކުޅެން ޖެހުނީ އަމިއްލަ ފަސްގަނޑުގައި ކަމަށެވެ. އޭނާ ބުނީ އެ ހުރިހާ ކަމަކާއެކު ޓީމުގެ ކުޅުންތެރިން ކުރި ބުރަ މަސައްކަތުން އެމީހުންނަށް ތަށި ލިބުނީ ކަމަށާއި، އެއީ ވަރަށް ފުރިހަމަ މޮޅެއް ކަމަށެވެ. މީގެ އިތުރުން އެ މޮޅާއެކު، 2019 ވަނަ އަހަރުގެ ފައިނަލް މަތިން ހަނދާން ނައްތާލެވޭނެ ކަމަށާއި، މި މޮޅަކީ އެ ބަލީގެ ބަދަލު ހިފުމެއް ކަމަށް ވެސް އޭނާ ބުންޏެވެ.

މީގެ އިތުރުން 29 އަހަރުގެ ޔޯ މައްސުމާރޫ ބުނީ، އުރާވާގެ 53 ހާހެއްހާ ސަޕޯޓަރުން ދަނޑަށް ވަދެ ޓީމަށް ހިތްވަރުދިނީ ކުރީގެ ހިތްދަތިކަމާއެކު ކަމަށެވެ. ނަމަވެސް، ލިބުނު މޮޅަކީ ކުޅުންތެރިންނެކޭ އެއް ފަދައިން ސަޕޯޓަރުންގެ ވެސް ހިތުގައި އެދިއެދި އޮތް މޮޅެއް ކަމަށާއި، އެންމެން ވެސް ބޭނުންވެ ތިބީ އަލް ހިލާލް ކައިރިން ބަދަލު ހިފުމަކަށް ކަމަށެވެ. އޭނާ ބުނީ މެޗުގައި ސަޕޯޓަރުން ވަނީ ޓީމު މޮޅުވުމަށް ވަރަށް ބޮޑަށް ހިތްވަރު ދީފައި ކަމަށާއި، މިއީ އޭނާގެ ޙަޔާތުގައި ވެސް އެންމެ އުފާވެރި އެއް ދުވަަހަށް ވާނެ ކަމަށެވެ.

ސަޕޯޓަރުންގެ އިތުރުން އުރާވާގެ ކޯޗު މެސީއީޖް ސްކޯރްޒާ ވެސް އެ ކާމިޔާބީ ސިފަ ކުރީ ބަދަލު ހިފުމެއްގެ ގޮތުގަ އެވެ. އޭނާ ބުނީ، މިއަދަކީ އެންމެނަށް ވެސް ވަރަށް އުފާވެރި ދުވަހެއް ކަމަށެވެ. ޚާއްސަކޮށް ގިނަ ދުވަސްތަކެއް ވަންދެން ކުރަމުން އައި ބުރަ މަސައްކަތުގެ ނަތީޖާ ރަނގަޅުވުމަކީ ލިބޭ ހިތްހަމަޖެހުމެެއް ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އޭނާ ބުނީ މިއީ ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށާއި، ލިބުނު މޮޅު ތަފްސީލުކޮށްދޭނެ ގޮތެއް ވެސް ނޭންގޭ ކަމަށެވެ. އަދި ސަޕޯޓަރުންނެކޭ އެއް ފަދައިން އޭނާ ވެސް ހުރީ ކުލަބު މޮޅުވުމުން، އެއީ ކުރީގެ މާޒީ ހަނދާން ނައްތާލަން ކުރެވުނު މުހިންމު ކަމެއްގެ ގޮތުގައި ދެކިގެން ކަމަށެވެ.

އުރާވާ އިން ވަނީ މީގެ ކުރިން 2007 ވަނަ އަހަރާއި 2017 ވަނަ އަހަރު ވެސް މުބާރާތް ކާމިޔާބުކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް