ރަސްކަމުގެ ތަޚުތާ ރަސްގެފާނު ޗާލްސް ހަވާލުވެވަޑައިގަތުމުން ރައީސް ތަހުނިޔާ ވިދާޅުވެއްޖެ
6 މެއި 2023 | ހޮނިހިރު 14:53ރައީސް ވަނީ، ޗާލްސް ރަސްކަމާ ރަސްމީކޮށް ހަވާލުވެވަޑައިގަތުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައި


ރައީސްގެ ދެކަނބަލުން ރަސްގެފާނު ޗާލްސްއާ ބައްދަލުކުރައްވަނީ
އިނގިރޭސިވިލާތުގެ ރަސްކަމުގެ ތަޚުތުގައި ރަސްގެފާނު ޗާލްސް ތިންވަނަ، ރަސްމީކޮށް ވެޑުވުމުން ރައީސް އިބްރާހީމް މުހައްމަދު ސާލިހު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ރަސްގެފާނު ޗާލްސް އިނގިރޭސި ތަޚުތުގައި ވެޑުވުމުގެ ދަރުބާރު އޮތީ ވެސްޓްމިންސްޓަރ އެބީގައި، ޝާހީ ޢިއްޒަތުގައި ބޭއްވި ކުލަގަދަ ދަރުބާރެއްގައެވެ.
އެމަނިކުފާނު ވަނީ ޗާލްސް ރަސްކަމާ ރަސްމީކޮށް ހަވާލުވެވަޑައިގަތުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަހުމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސްގެ ޓްވީޓުގައި ވަނީ، ރާއްޖޭގެ އެންމެހައި ރައްޔިތުންގެ ނަމުގައި ރަސްގެފާނު ޗާލްސްއަށް މަރުހަބާ ވިދާޅުވާކަމަށެވެ. އަދި އެ އުފަލުގައި ބައިވެރިވާއިރު، އިނގިރޭސިވިލާތާއި ކޮމަންވެލްތާއި ރާއްޖެއާމެދު އޮތް ގުޅުން ވަރުގަދަވާނެކަމަށް އުންމީދުކުރައްވާކަަމަށް ވަނީ ވިދާޅުވެފައެވެ.
ރަސްގެފާނު ޗާލްސްއަށް އިނގިރޭސިވިލާތުގެ އިތުރުން، ކޮމަންވެލްތުގެ 14 ސަރަހައްދެއްގެ ރަސްކަން ލިބިވަޑައިގެންފައިވެއެވެ. އެ މަގާމު ޗާލްސްއަށް ލިބިވަޑައިގެންފައިވަނީ މަންމާފުޅު، ރާނީ އެލިޒަބަތު ދެވަނަ އަވަހާރަވުމުންނެވެ. ރާނީ އަވަހާރަވެފައިވަނީ 2022 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 8 ވަނަ ދުވަހުއެވެ.





