އިނގިރޭސި ވިލާތައް ވަޑައިގެން ޗާގޯސް މައްސަލައި ގައި ހަނު ހުންނެވުމަށް ފަހު، ރަސްގެފާނާ އެކު ކޮރިޑޯ ގައި ނެންގެވި ފޮޓޯ ފުޅާ އެކު، މުއިއްޒު އިނގިރޭސިވިލާތައް ކުރެެއްވި ދަތުރުފުޅު ނިންމަވާލައްވައިފި އެވެ.
ރައީސް އޮފީހުން ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް ގައި ހުކުރު ދުވަހުގެ ރޭ ކޮށްފައިވާ ޕޯސްޓެއް ގައި ރައީސް ޑރ. މުޢިއްޒު އިނގިރޭސިވިލާތައް ކުރެއްވީ "ކާމިޔާބު ދަތުރުފުޅެއް" ކަމަށް ބުނެފައި ވާއިރު، މި ދަތުރުފުޅުގައި ގިނަ ބަޔަކު އުއްމީދު ކޮށްގެން ތިބީ، ރިޔާސީ ކެމްޕޭން ގައި "ގެއްލުނު" ޗާގޯސް ކަނޑުގެ ބައި ރާއްޖެ އަށް ހޯއްދަވާނެ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަ ފުޅާ ގުޅޭ ގޮތުން އިނގިރޭސި ވިލާތުގެ ކަމާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރައްވާނެ ކަމަށެވެ.
އެހެން ނަމަވެސް މި ދަތުރުފުޅުގައި ރައީސް މުއިއްޒު އާ ބައްދަލުވެވަޑައިގެންނެވި އިނގިރޭސި ސަރުކާރުގެ އެންމެ އިސް އޮފިޝަލު، ޚާރިޖީ ވަޒީރު ޑޭވިޑް ލެމީ އާ އެކު އޮތް ބައްދަލުވުމުގައި ވެސް އެފަދަ މަޝްވަރާ އެއް ކުރެވުނު ކަން ދިވެހި ސަރުކާރަކުން ވެސް އަދި އިނގިރޭސި ސަރުކާރަކުން ވެސް ހާމަ ކޮށްފައެއް ނުވެއެވެ.
މި ދަތުރުފުޅުގެ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ހިމެނެނީ އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނަ އާ އެކު ބޭއްވުނު ބައްދަލުވުމާއި، "ފްރޮމް މޯލްޑިވްސް" ނަމުގައި މަސްވެރިކަމުގެ އުފެއްދުންތައް ޕްރޮމޯޓު ކުރަން ރާއްޖެ އިން ތައްޔާރު ކުރި ބްރޭންޑް ތަޢާރަފު ކުރުމާއި، އަދި މޯލްޑިވްސް-ޔޫކޭ ބިޒްނަސް ފޯރަމް ބޭއްވުމެެވެ.
ދިވެހި ސަރުކާރުގެ އެންމެ އިސްވެރިޔެއްގެ ގޮތުން އިނގިރޭސި ވިލާތައް ކުރެއްވި ރަސްމީ ދަތުރުފުޅެއް ނިންމަވާލެއްވި އިރު އިނގިރޭސި ސަރުކާރުގެ އެންމެ އިސްވެރިޔާ ސަރ ކީ ސްޓާމަރ އާ ރައީސް މުއިއްޒު ބައްދަލު ނުވާކަން ފާހަގަ ކުރެވެއެވެ.
މޯލްޑިވްސް-ޔޫކޭ ބިޒްނަސް ފޯރަމް ޝަރަފްވެރި ކޮށްދެއްވީ ވެސް ރައީސް މުއިއްޒު އެވެ. މި ފޯރަމްގައި މުހިންމު އިންވެސްޓްމަންޓް ފުރުޞަތުތައް ހުށަހެޅުނު ކަމަށް ރައީސް އޮފީހުން ބުނެފައިވާއިރު އެ ފޯރަމް އިން އެދެވޭ ނަތީޖާ އެއް ނުުކުތް ކަމެއް ބުނެފައެއް ނުވެއެވެ.
މީގެ އިތުރުން، ރައީސް ވަނީ އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލިހަށް ޒިޔާރަތް ކުރައްވާފައެވެ. މަޝްވަރާ ތަކުގައި މައިގަނޑު މައުޟޫއު ތަކުގެ ގޮތުގައި ރައީސް އޮފީހުން ފާހަގަ ކޮށްފައި ވަނީ، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރު ހަގީގަތެއް ނޫން ކަމަށް ވިދާޅުވި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މައްސަލަ އާއި، ތަޢުލީމީ ދާއިރާ އާއި، އަދި ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން އެއްބާރުލުން އިތުރުކުރުމެވެ.