ޔޫޓިލިޓީ ނޫން އެހެން މީޓަރުތަކުގެ މައުލޫމާތު މިމަހުގެ 06 ގެ ކުރިން ހިއްސާކޮށްދިނުމަށް އެދިއްޖެ
2 އެޕްރީލު 2023 | އާދީއްތަ 16:49އާއްމު ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވޭ


ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު
ގޭބިސީގައި ޔޫޓިލިޓީ މީޓަރު ނޫން އެހެނިހެން ބޭނުންތަކަށް ބޭނުންކުރާ މީޓަރުތަކުގެ މައުލޫމާތު މިމަހުގެ 06 ގެ ކުރިން ހިއްސާކޮށްދިނުމަށް އެދިއްޖެއެވެ.
ވެމްކޯ ބިލާއި ސްޓެލްކޯގެ ބިލު އެއްކޮށްލަން ނިންމާފައިވާތީ އެ ކުންފުނިން ވަނީ ގޭބިސީތަކުގެ މައުލޫމާތު އަޕްޑޭޓްކުރުމަށް އިލްތިމާސްކޮށްފަ އެވެ. އެގޮތުން އާއްމު ގޭބިސީ ކަރަންޓް މީޓަރުތަކުގެ ތެރޭގައި ލިފްޓް ނުވަތަ މެއިންޓަނަންސް މީޓަރެއް ހުންނަ ނަމަ އެފަރާތްތަކުން "ޔޫޓިލިޓީ މީޓަރު އެކްސްކުލޫޝަން ފޯމް" ފުރިހަމަކޮށް، އެކޯޕަރޭޝަނަށް ހުށަހަޅަން ވަނީ އެދިފައެވެ. އަދި ކޮމާޝަލް ރެޒިޑެންޝަލް ކޮމްޕްލެކްސްތައް ބަލަހައްޓާ ފަރާތްތަކުން "ޕްރައިމަރީ މީޓަރު އައިޑެންޓިފިކޭޝަން އެންޑް ގްރޫޕިން ފޯމް" ފުރިހަމަކޮށް ހުށަހެޅުމަށް ވެސް އެދިފައެވެ.
މިހާރު ކުރެވެމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރު ޔޫސުފް ސިރާޖު ވިދާޅުވީ ގޭބިސީތަކުގެ މައުލޫމާތު އަޕްޑޭޓްކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށާއި، ކަސްޓަމަރުން ފޯމް ހުށަހަޅާތާ 5 ދުވަހުގެ ތެރޭގައި ޖަވާބުދޭނެ ކަމަށެވެ. އަދި މައްސަލައެއް ދިމާނުވާ ސާފު ބިލެއް ލިބިގެންދާނީ އެމައުލޫމާތުތައް އަޕްޑޭޓްވުމުން ކަމަށް ސިރާޖު ވިދާޅުވިއެވެ.
ސިރާޖް ވިދާޅުވީ މާލޭގެ ގާތްގަނޑަކަށް 50،000 މީޓަރުގެ މައުލޫމާތު ހޯދާއިރު، މި މަސައްކަތް ކުރުމުގައި އާއްމު ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. އެހެންކަމުން އެގެއެއްގައި ލިފްޓް މީޓަރު ނުވަތަ ބޫސްޓަރ ޕަންޕް މީޓަރު ހުރިނަމަ އެމައުލޫމާތު ހިއްސާކޮށްދިނުމަށް ސިރާޖު އެދިފައިވެއެވެ.
ވިޔަފާރިތަކަށް އިޝާރާތްކުރައްވައި ސިރާޖު ވިދާޅުވީ މާލެ ސަރަހައްދުގައި 1400 ވަރަކަށް ކޮމާޝަލް ކަސްޓަމަރ އެބަތިބި ކަމަށާއި، މީޓަރުތައް ޗެކް ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ކަސްޓަމަރުންނާއެކު ކަމަށެވެ. އަދި އަލަށް ޚިދުމަތް ހޯދާ ފަރާތްތަކަށް ވެސް ހަމަ އުސޫލުގެ ތެރެއިން ޚިދުމަތްދޭނެ ކަމަށް ސިރާޖް ވިދާޅުވިއެވެ.
އޭޕްރީލް މަހުން ފެށިގެން ކުނި ބިލު ހިމެނިގެންދާނީ ކަރަންޓު ބިލުގެ ތެރޭގައެވެ. ކަރަންޓު މީޓަރުގެ ހިނގާ ކޮންމެ ގެއެއްގެ ކަރަންޓު ބިލުގެ ތެރޭގައި ކުނި ބިލު ހިމެނޭނެއެވެ. ކުނީގެ ބިލަށް މަހަކަށް ނަގާނީ 150 ރުފިޔާއެވެ. އެއީ ދުވާލަކަށް 4.93 ރުފިޔާގެ ރޭޓުންނެވެ.







