ކ. މާލެ
|
14 މާރޗް 2023 | އަންގާރަ 13:14
ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓު
އަވަސް
ސަދޫހުގެ މައްޗަށް ކުރާ ދައުވާ
ސަދޫހު އަށް ކުރާ ދައުވާ: ޗެއިން އޮފް ކަސްޓަޑީ އާއި ދައުވާއާ މެދު ދިފާއުގެ ގިނަ ސުވާލުތަކެއް
ދެން އޮންނާނީ މި މައްސަލައިގެ ހުކުމްކުރުން
މި މައްސަލަ ބައްލަވަނީ ގާޒީ އާދަމް
ސަދޫހުގެ މައްޗަށް ކުރަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ދައުވާ

މަސްތުވާތަކެތީގެ ވިޔަފާރި ކުރިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފާއިވާ މ. ރަތްކޮކާގެ، އަހުމަދު ސަދޫހް ހުސެއިން، 35އ. ގެ މައްޗަށް ކުރާ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ދައުވާ އުފުލާފައިވާ ގޮތާ މެދު ދިފާއުން ގިނަ ސުވާލުތަކެއް އުފައްދައިފިއެވެ.

ބުދަ ދުވަހު ކުރިއަށް ގެންދިޔަ އަޑުއެހުމަކީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ސަދޫހުގެ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ރަބަރު ޕެކެޓްތަކެއް ފެނުނުކަމަށް ތުހުމަތުކުރާ މައްސަލައެކެވެ. އެ މައްސަލައިގައި ބުނެފައި ވަނީ އިންޓެލްޖެންސް އިން ލިބުނު މައުލޫމާތަކާއި ގުޅިގެން ސަދޫހު ދުއްވާފައި ދިޔަ ކާރު ހުއްޓުވާ، ޑީއައިޑީ ފުލުހުން އަންނަންދެން އޭނާ ބަހައްޓާފައި ހުއްޓާ އޭނާ އެއްލާލި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް ހުރި 3 ޕެކެޓް ފެނިފައިވާ ކަމަށެވެ. އެ 3 ޕެކެޓަކީ ސަދޫހުގެ ކުރިމަތީފަރާތު ޖީބުން ނަގާ އެއްލާލި ޕެކެޓްތަކެއް ކަމަށް މި މައްސަލައިގައި ހެކިބަސް ދިން ދެ ފުލުހުން ވަނީ ބުނެފައެވެ. އެ ދެ ފުލުހުން ބުނީ ސަދޫހު ބަލާ ފާސް ކުރީ 2019 ވަނަ އަހަރު ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ކާރެއްގައި ދިޔަ މީހެއްގެ އަތުގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެހި ހުރިކަމަށް އިންޓެލެޖެންސުން ދިން މައުލޫމާތަކާއި ގުޅިގެން ކަމަށެވެ.

އަންގާރަ ދުވަހު މި މައްސަލަ އާއި ގުޅިގެން ފޮރެންސިކް ރިޕޯޓް އެކުލަވާލި ފަރާތުގެ ހެކިބަސް ވަނީ ނަގާފައެވެ. މި މައްސަލައިގެ ފޮރެންސިކް ރިޕޯޓް އެކުލަވާލި ފާތިމަތު ޝިމްޒާ ހަސަން ހެކިބަސް ދެއްވަމުން ވިދާޅުވީ ސަދޫހު އެއްލާލި މަސްތުވާތަކެތި ކަމަށް ބެލެވޭ ރަބަރު ޕެކެޓުތައް ތަހުލީލު ކުރި ޗެއިން އޮފް ކަސްޓަޑީ އާއި ހެއްކަށް ބަަދަލު ގެންނަން މަސައްކަތް ކޮށްފައި ނުވާކަން ޔަގީން ކުރުމަށް ފަހުގައި ކަމަށެވެ. އަދި އެތަކެތި ތަހުލީލު ކުރި އިރު ތިން ޕެކެޓުގައި ހުރީ ކެނަބިނޯލް އާއި ޓެޓްރަހައިޑްރޯ ކެނަބިނޯލްކަން ދެނެގަނެވިފައިވާ ކަމަށް ވެސް ހެކިވެރިޔާ ވިދާޅުވިއެވެ. އަދި ޕެކެޓުގެ ބަރުދަން ނުހިމެނޭހެން އެތަކެތީގެ ބަރުދަނުގައި ހުރީ 2.2466 ގްރާމް ކަމަށް ވެސް ހެކިވެރިޔާ ވަނީ ބުނެފައެވެ. އެހެންނަމަވެސް އެތަކެތީގެ ބަރުދަން ޓެޓްރަހައިޑްރޯ ކެނަބިނޯލް ހިމެނޭހެން ވަކިން ބަޔާންކޮށްފައެއް ނުވެއެވެ.

ދައުލަތުގެ ވަކީލާއި ދިފާއީ ވަކީލާވެސް ވަނީ ވަނީ ފޮރެންސިކް ރިޕޯޓްގައި އެ ބަރުދަން ހިމަނާފައި ނުވަނީ ކީއްވެގެންތޯ ސުވާލުކޮށްފައެވެ. ޖަވާބުގައި ހެކިވެރިޔާ ވިދާޅުވީ އެތަކެތި ތަހުލީލުކޮށްފައި ވަނީ ޖީސީއެމްއެސް މެޝިން ބޭނުންކޮށްގެން ކަމަށެވެ. އަދި ތަކެތީގެ ބަރުދަން ވަކިން އެނގިފައި ނުވަނީ އޭގައި އިމްޕިއުރިޓީސް ހުރުމާއި، ކެނަބިސް ގަހުގެ ބައި ނުވަތަ (ރޫޓް/ސްޓެމް) އޭގައި ހިމެނޭތީ ކަމަށެވެ. ގާޒީ ވަނީ ހެކިވެރިޔާ އާއި ސުވާލުކޮށް އެ ބަރުދަން ނުބެލެނީ ކީއްވެގެންތޯ ސުވާލުކުރައްވާފައެވެ. ޖަވާބުގައި ހެކިވެރިޔާ ވަނީ އެގޮތަށް ގަހުގެ ބައިތަށް ހުރުމުން މެޝިނުން ބަރުދަން ދެނެ ނުގަނެވޭ ކަމަށް ވިދާޅުވެފައެވެ.

އަންގާރަ ދުވަހުގެ ޝަރީއަތުގައި ހެކިބަސް ނެގުން ނިންމާލުމަށް ފަހު މައްސަލައިގައި ފާހަގަކުރަން ބޭނުންވާ ކަންކަން ޙުލާސާކޮށް ބަޔާންކޮށްދިނުމަށް ދައުލަތާއި، ދައުވާ ލިބޭ ފަރާތަށް ވަނީ ދީފައެވެ. ދައުލަތުން ބުނީ މި މައްސަލައިގައި ސަދޫހު އެއްލާލި ޕެކެޓްތަކުގެ ތެރެއިން ފެނުނު މަސްތުވާތަކެއްޗަކީ ކެނަބިނޯލް އާއި ޓެޓްރަހައިޑްރޯ ކެނަބިނޯލްކަން ފޮރެންސިކް ހެކީގެ ހެކިބަހުން އެނގޭ ކަމަށެވެ. އެހެންކަމުން އެއީ މަސްތުވާތަކެތީގެ ދެ ބާވަތެއް އެއްކޮށްފައި ހުރުން ކަމަށް ބެލުމުގެ ފުރުސަތު އޮތް ކަމަށް ދައުލަތުގެ ވަކީލް ފާހަގަކުރެއްވިއެވެ. އެހެންކަމުން އެ މައްސަލައިގައި ސަދޫހުގެ މައްޗަށް މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅާ ދިނުމަށް ވަނީ އެދިފައެވެ. އަދި ދައުލަތުން ވަނީ މި މައްސަލައިގެ ބަންދާއި މެދު އާއްމުކޮށް އަމަލުކުރާ އުސޫލާއި ޚިލާފަށް އަމަލުކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން މި މައްސަލަ ފެންމަތިވި އިރު ވެސް އޭނާ ހުރީ ގޭބަންދުގައި ކަމަށް ވާއިރު އޭނާ ހައްޔަރުކުރުމުގެ ބަދަލުގައި ބަންދުގައި ބަހައްޓާފައިވާކަން ދައުލަތުން ފާހަގަކުރިއެވެ.

މި މައްސަލައިގައި ދިފާއުން ވަނީ ފުލުހުންގެ އަމަލުތަކާއި މެދު ގިނަ ސުވާލުތަކެއް އުފައްދަވާފައެވެ. އެގޮތުން ސަދޫހު ދުއްވާފައި ދިޔަ ކާރު ހުއްޓުވާފައި ވަނީ ފުލުހުން ދިން އިންޓެލިޖެންސް މައުލޫމާތުގެ އަލީގައި ކަމަށް ބުނާ އިރު އެ ކާރުގެ ނަމްބަރާއި އެ ކާރު ދުއްވަން ހުރީ ކާކުކަން އެނގެން ނެތް ކަމަށް ފާހަގަކޮށް އެކަމާާއި މެދު ވަނީ ސުވާލު އުފައްދާފައެވެ. އަދި މި މައްސަލައިގައި ޗެއިން އޮފް ކަސްޓަޑީ ރަނގަޅު ނޫން ކަމަށް ވެސް ދިފާއުން ތުހުމަތު ކުރެއެވެ. އެގޮތުން އިބްރާހިމް ޝަހުދު ކިޔާ ފުލުހެއް މައްސަލައިގެ އެވިޑެންސް ނަގާ ސީލްކުރި ކަމަށް ހެކިބަސް ދިން ނަމަވެސް އޭނާގެ ނަން ޗެއިން އޮފް ކަސްޓަޑީގައި ނުހިމެނޭކަން ވަނީ ފާހަގަކޮށްފައެވެ. އަދި ސަދޫހުގެ އަތުން މަސްތުވާތަކެތި ފެނުނު ކަމަށް ބުނާ އިރު އޭރު އޭނާ ހުރީ ގޭބަންދުގައި ނަމަވެސް އޭނާ ހައްޔަރުކޮށްފައި ނުވާ ކަމަށާއި އެއީ ފުލުހުން މިފަދަ މައްސަލަތަކުގައި އަމަލުކުރާ ގޮތް ނޫން ކަމަށް ވެސް ދިފާއުން ވަނީ ބުނެފައވެެ. އެހެންކަމުން މި މައްސަލައިގައި ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހުރި ކަމަށާއި މައްސަލަ ސާބިތުވާ ވަރަށް ހެކި ނެތް ކަމަށް ވެސް ދިފާއުން ބުނެއެވެ.

މި މައްސަލަ ބައްލަވާ ގާޒީ އާދަމް މުހައްމަދު ވިދާޅުވީ ދެން އޮންނާނީ މި މައްސަލައިގެ ހުކުމްކުރުން ކަމަށެވެ.

ސަދޫހް އަކީ ކަނޑުމަގުން ރާއްޖެ އެތެރެކުރަން މަސައްކަތް ކުރި 29 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ އެއްގައި އެންމެ އިސްކޮށް އުޅުނު ކަމަށް ފުލުހުން ތުހުމަތު ކުރާ މީހެކެވެ. 2016 ވަނަ އަހަރު ފެންމަތިވި އެ މައްސަލައިގައި ފުލުހުން އަތުލައިގަތް މަސްތުވާތަކެއްޗަކީ ޕާކިސްތާނުން އެތެރެކުރަން އުޅުނު ކަމަށް ބެލެވޭ 29 ކިލޯގެ ހެރޮއިންއެވެ. އެ މަސްތުވާތަކެތީގެ މަގުމަތީ އަގު 145 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެއީ އެހާތަނަށް ރާއްޖެ އަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެތިކަން ފާހަގަކޮށްލެވެއެވެ. އެ މައްސަލަ އާއި ގުޅިގެން ފުލުހުން ބުނެފައި ވަނީ  މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ މަޢުލޫމާތު ލިބިގެން ބަލަމުންދިޔައިރު އޭނާ ދެފަހަރެއްގެ މަތިން މި ޝިޕްމެންޓް އެތެރެކުރެވޭތޯ މަސައްކަތްކުރިކަން އެނގިފައިވާކަމަށެވެ.

އެ މައްސަލައިގައި ސަދޫހު ހިމެނޭހެން އިތުރު މީހެއްގެ މައްޗަށް ދައުވާ ކުރި ނަމަވެސް އެ ދައުވާ ސާބިތުވެފައެއް ނުވެއެވެ. އެހެންނަމަވެސް ސަހޫދަކީ ބަނގުރާ ބޭނުންކުރުމާއި، ބަނގުރާ ގެންގުޅުމުގެ މައްސަލަ އާއި، މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ގުރޫޕް ހަދައިގެން މާރާމާރީ ހިންގުމުގެ ކުށާއި، ބަރޮސް މޯލްޑިވްސް ރިޒޯޓަށް މާސްކު އަޅައިގެން އަރައި އެރިސޯޓުން ވައްކަން ކުރަން އުޅުނު ކަމުގެ ކުށުގެ ރެކޯޑް އޮތް މީހެކެވެ.

- ކޮމެންޓް