ކ. މާލެ
|
8 މާރޗް 2023 | ބުދަ 15:45
މަޑުއްވަރީ ޕޮލިސް އޮޕަރޭޝަން
މަޑުއްވަރީ ޕޮލިސް އޮޕަރޭޝަން
އަބުދުﷲ ނަސީރު އިބްރާހިމް
މަޑުއްވަރީ ހަރުކަށި ފިކުރުގެ މައްސަލަ
މަޑުއްވަރީ ހަރުކަށި ފިކުރުގެ މައްސަލަ: "ހެކީގެ ތެރޭގައި އައިއީޑީއެއް އުފައްދަން ބޭނުންކުރެވިދާނެ މައުލޫމާތާއި، އާލާތްތަކުގެ ފޮޓޯ"
 
އެއް ސީޑީން ފެނުނީ 9 ފޮޓޯ، ގޮވާތަކެތީގެ ބައިތަކެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ ތަކެތި ފެނިފައިވޭ
 
ހެކީގެގޮތުގައި ފެނުނު ދެވަނަ ސީޑީގައި ހުރީ 11 ޕީޑީއެފް ފައިލް
 
ހެކީގެ ގޮތުގައި ދެ ސީޑީ: އޭގައި ގޮވާތަކެތި އުފައްދާނެ ގޮތުގެ ތަފްސީލް މައުލޫމާތު އެބަހުރި

ރ. މަޑުއްވަރީގައި, ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފަތުރާ މައްސަލާގައި ފުލުހުންގެ ބެލުމުގެދަށަށް ގެންދިޔަ ހެކީގެ ތެރެއިން ފުލުހުން ހޯދާފައިވާ ދެ ސީޑީގައި، އައިއީޑީއެއް އުފައްދަން ބޭނުން ކުރެވިދާނެ އާލާތްތަކުގެ ފޮޓޯ އެބަހުރި ކަމަށް މި މައްސަލާގައި ހަރަކާތްތެރިވި ފޮރެންސިކް އެކްސްޕަރޓް ބުނެފިއެވެ.

ބުދަ ދުވަހު އޮތީ އެ މައްސަލައާ ގުޅިގެން ދައުވާކޮށްފައިވާ މީހުންގެ ތެރެއިން ހަސަން ރާޒީއާއި، އާދަމް ސުހައިލްގެ މައްޗަށް ކުރާ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމާއި، ޓެރަރިސްޓް ޖަމާއަތަކަށް ތައީދުކުރާކަން ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ދައުވާގެ އަޑުއެހުމެވެ. އެ އަޑުއެހުމުގައި ކުރިއަށް ގެންގޮސްފައިވަނީ ހެކިބަސް ނެގުމުގެ މަސައްކަތެވެ.

ބުދަ ދުވަހު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި މި މައްސަލައިގައި ފޮރެންސިކް ތަހުލީކުތަކާ ގުޅޭގޮތުން ވަނީ ހެކިބަސް ނަގާފައެވެ. މި މައްސަލައާ ގުޅުންހުރި ތަހުލީލުތަކާމެދު ހެކިބަސް ދެއްވާފައިވަނީ ފުލުހުންގެ ފިޒިކަލް އެވިޑެންސް ޑިޕާޓްމެންޓް ހިންގެވުމާއި ހަވާލުވެ ހުންނެވި މުހައްމަދު ސަލީމެވެ. އޭނާއަކީ މި މައްސަލައާ ގުޅިގެން ފުލުހުން ހޯދާފައިވާ ސީޑީގައިވާ މައުލޫމާތު ތަހުލީލުކުރި ފަރާތެވެ. ބުދަ ދުވަހުގެ ޝަރީއަތުގެ އަޑު އެހުމުގައި އޭނާ ވަނީ ފޮރެންސިކްގެ ތަހުލީލަށް ހޯދިފައިވާ ކަންކަމުގެ ތަފްސީލްތައް ހިއްސާކުރައްވާފައެވެ. ސަލީމަކީ މިފަދަ ގިނަ މައްސަލަތަކުގެ ތަހުލީލު ރިޕޯޓް ހެދުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވެވަޑައިގަންނަވާ ފަރާތަކަށް ވާއިރު، އޭނާއަކީ މާއްދީ ހެތްކާއި، ގޮވާތަކެތި، އަދި ބަޑި ބޭސް ޓްރޭސްކުރެވޭފަދަ ހެކި ތަހުލީލު ކުރުމުގައި ތަޖުރިބާ ހުރި ބޭފުޅެކެވެ.

ހެކީގެ ގޮތުގައި ދެ ސީޑީ: އޭގައި ގޮވާތަކެތި އުފައްދާނެ ގޮތުގެ ތަފްސީލް މައުލޫމާތު އެބަހުރި

ދައުލަތުގެ ފަރާތުން ޕްރޮސެކިއުޓަރ އިބްރާހީމް ޒިހުނީ ވަނީ ހެކިވެރިޔާއާއި ގިނަ ސުވާލުތަކެއް ކުރިމަތިކުރުވާފައެވެ. އެގޮތުން އޭނާ ތަހުލީލުކުރި ހެކިތަކުން ފެނިފައިވާ މައުލޫމާތުތަކާއި، އެ މައުލޫމާތުތަކުން ދެނެގަނެވޭ ކަންކަމާމެދު އޭނަ ވަނީ ސުވާލުކުރައްވާފައެވެ. ދައުލަތުން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ހެކިވެރިޔާ ވިދާޅުވީ، މި މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ މާއްދީ ހެކީގެ ތެރޭގައި ހިމެނެނީ ދެ ސީޑީ ކަމަށެވެ. އޭގެ ތެރެއިން އެއް ސީޑީގައި ހުރީ 9 ގަނޑު ފޮޓޯ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ފޮޓޯތަކުގެ ތެރޭގައި ހިމެނެނީ ހޮޅިކޮޅުތަކަކާއި، ވަޔަރ ކަނެކްޝަން ހުރި ހޮޅިކޮޅުގެ އިތުރުން ރަތް ޕައުޑަރ ހުރި ނޫކުލައިގެ ދަޅެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެ ފޮޓޯތަކަށް ބެލުމުން އެއީ ހޯމް މޭޑް އެކްސްޕްލޯސިވް ނުވަތަ ގޭގައި ގޮވާ އެއްޗެއް އުފެއްދުމަށް ބޭނުންކުރެވިދާނެ ތަކެތި ކަމަށް ބެލެވޭކަމަށް ހެކިވެރިޔާ ވިދާޅުވިއެވެ. އެގޮތުން އެ ފޮޓޯތަކުން ފެންނަ ތަކެއްޗަކީ އައިއީޑީއެއް ނުވަތަ އައިއީޑީގެ ބައިތަކެއްގެ ގޮތުގައި އުފެއްދި ދާނެ އެއްޗެހިތަކެއް ކަމަށް ގަބޫލު ކުރެވޭ ކަމަށް ސަލީމް ވިދާޅުވިއެވެ.

އަދި އާލާތްތައް ބޭނުންކޮށްގެން ގޮވާ އެއްޗެއް އުފެއްދުމުގެ އިލްމު ހުރި މީހަކަށް އެފަދަ އެއްޗެއް އުފެއްދުމުގެ ފުރުސަތު އޮތްކަން ހެކިވެރިޔާ ވަނީ ފާހަގަކުރައްވާފައެވެ. އެ ފޮޓޯތަކުން ފެނުނު ޕައުޑަރާމެދު އިތުރަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ، އެއީ ރެޑް ފޮސްފަރަސް ނުވަތަ އަލިފާން ދަނޑީގެ ކޮޅުގައި ހުންނަ ކަހަލަ ޕައުޑަރ ކަމަށެވެ. އަދި އެ ޕައުޑަރަކީ އެއަށް އިތުރު ޕްރެޝަރ ނުވަތަ ޗާރޖެއް ދީގެން ގޮއްވާލެވިދާނެ ފަދަ އެއްޗެއް ކަމަށްވެސް ހެކިވެރިޔާ ވިދާޅުވިއެވެ. އެއީ އެކްސްޕްލޯސިވް ނުވަތަ ގޮވާތަކެތީގެ ގޮތުގައި ބޭނުން ކުރެވިދާނެ އެއްޗެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ދައުލަތުން ވަނީ އެ ފޮޓޯ ހުރިގޮތަށް ބަލާއިރު، ގޮވާއެއް ތައްޔާރުކޮށްފައިވާ ކަމަށް ބެލެވޭތޯ ސުވާލުކޮށްފައެވެ. ޖަވާބުގައި ހެކިވެރިޔާ ވިދާޅުވީ ފެންނަން ހުރި ފޮޓޯތަކުން އެކަން ސާފުނުވާކަމަށެވެ. އެހެންނަމަވެސް ގޮވާ އެއްޗެއް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްފައި ހުރި ކަމަށާއި ފޮޓޯއިން ފެންނަ އާލާތްތައް ގޮއްވާލުމަށް އިތުރު އާލާތްތައް ނުވަތަ އިތުރު ޗާޖެއް ބޭނުންވާނެ ކަމަށް ހެކިވެރިޔާ ވިދާޅުވިއެވެ. އެހެންނަމަވެސް އެ ފޮޓޯތަކުން ފެންނަ ތަކެއްޗަކީ އެކި ބާރުމިނުގެ ގޮވާ އެއްޗެހި ހެދުމަށް ބޭނުން ކުރެވިދާނެ އެއްޗެހި ކަމަށް އޭނާ ވިދާޅުވިއެވެ.

ހެކީގެ ގޮތުގައި ފެނުނު ދެވަނަ ސީޑީގައި ހުރީ 11 ޕީޑީއެފް ފައިލް ކަމަށާއި އެއީ ގޮވާތަކެތި ތައްޔާރު ކުރާނެ ގޮތުގެ ތަފްސީލް މައުލޫމާތާއި ހަތިޔާރުގެ އާލާތަކުގެ މައުލޫމާތުގެ އިތުރުން އަސްކަރީ ބޭނުމަށް ބޭނުން ކުރެވިދާނެ ގޮވާތަކެތީގެ މައުލޫމާތު ހިމެނޭ ފައިލްތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެ މައުލޫމާތުގެ އަލީގައި އައިއީޑީ އެކްސްޕްލޯސިވް ހަދައި، އެތަކެތި ގޮއްވާލެވޭ ވަރަށް އެއްޗެހި ހުރި ކަމަށް ވެސް ހެކިވެރިޔާ ވިދާޅުވިއެވެ.

ހެކިވެރިޔާ އާއި ދިފާއީ ވަކީލުން ވެސް ވަނީ ގިނަ ސުވާލުތަކެއް ކުރިމަތިކުރުވާފައެވެ. އެގޮތުން ސީޑީގައި ހުރި އެއްޗެހި ނެގިފައި ވަނީ ކޯޗަކުންކަން ސާފުވޭތޯ އާއި ޗެއިން އޮފް ކަސްޓަޑީ ސާފުވޭތޯ ދިފާއުން ވަނީ ސުވާލުކުރައްވާފައެވެ. ޖަވާބުގައި ހެކިވެރިޔާ ވިދާޅުވީ ޗެއިން އޮފް ކަސްޓަޑީ ސާފުވާ ކަމަށެވެ. އެހެންނަމަވެސް ސީޑީގައި ހުރި މައުލޫމާތު ނަގާފައި ވަނީ ކޯޗަކުންތޯ ކުރި ސުވާލަށް ޖަވާބުދެއްވާފައެއް ނުވެއެވެ. ދިފާއުން ކުރި އިތުރު ސުވާލުތަކުގެ ތެރޭގައި ފޮޓޯ އިން ފެނުނު ތަކެއްޗަކީ ރާއްޖޭގައި އުފައްދާފައިވާ އެއްޗެހިކަން އެނގޭތޯ ސުވާލުކޮށްފައިވެއެވެ. ހެކިވެރިޔާ ވަނީ އެކަން ފޮޓޯތަކުން ސާފު ނުވާ ކަަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ދިފާއުން ވަނީ ފޮޓޯ އިން ފެންނަ ތަކެތި އައިއީޑީ އެއް ހެދުމަށް ނޫން އެހެން ބޭނުމެއްގައި ބޭނުން ކުރެވިދާނެތޯ ސުވާލުކުރައްވާފައެވެ. ހެކިވެރިޔާ ވަނީ އެތަކެތި އެހެންކަމަކަށް ބޭނުން ކުރުމުގެ ފުރުސަތު އޮތް ކަމަށް ވިދާޅުވެފައެވެ.

ހެކިބަސް ނެގުމުގެ މަރުހަލާ ދިގުލައިގެން ދާތީ ދިފާއުގެ ކަންބޮޑުވުން

ބުދަ ދުވަހު މި މައްސަލަ އާއި ގުޅުން ހުރި އިތުރު ހެކިންގެ ހެކިބަސް ނެގުމަށް ވެސް ތާވަލް ކުރިއެވެ. އޭގެ ތެރޭގައި ސިއްރު ހެކިން ހިމެނުނު ނަމަވެސް އެ ހެކިން ހާޒިރު ނުކުރެވުނު ސީދާ ސަބަބެއް ދައުލަތުން ހާމައެއް ނުކުރައްވައެވެ. މައްސަލަ ބައްލަވާ ގާޒީ ވަނީ އެ ހެކިން ހާޒިރު ކުރެވޭނެ ދުވަހެއް އެނގިލައްވާތޯ ސުވާލުކުރައްވާފައެވެ. ނަމަވެސް ދައުލަތުން ސިއްރު ހެކިން ހާޒިރުކުރެވޭނެ ދުވަހެއް ހާމަ އެއް ނުކުރައްވައެވެ. އަދި މި މައްސަލައިގައި ހިމެނޭ އިތުރު ހެއްކެއްގެ ބަލި ހާލަތު ހުރި ގޮތުން ހާޒިރު ނުކުރެވި ވާކަން ޝަރީއަތުގައި ދައުލަތުން ވަނީ ހާމަކުރައްވާފައެވެ.

ބުދަ ދުވަހު ދައުވާ ލިބޭ، އާދަމް ސުހައިލް އާއި ހަސަން ރާޒީގެ ގެ ފަރާތުން ވަނީ ހެކިބަސް ނެގުމުގެ މަރުހަލާ އާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން އާދަމް ސުހައިލްގެ ވަކީލް ވަނީ ހެކި ބަސް ނެގުމުގެ މަރުހަލާ ދިގުލައިގެން ދިއުމުން އޭނާ އަށް ވަޒީފާ ލިބުމުގައި ވެސް ދަތިކަން ހުރި ކަމަށް ފާހަގަކުރައްވާފައެވެ. އަދި ރާޒީގެ ވަކީލް ވަނީ މަގްބޫލު އުޒުރެއް ނެތި ހެކިން ހާޒިރު ނުކުރެވިދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ބުދަ ދުވަހު ސިއްރު ހެކިން ހާޒިރުކުރުމަށް އެއް ފުރުސަތު ދެވުނު ކަމަށާއި، ހާޒިރު ކުރަން އެދި ހެކިން ހާޒިރު ނުކުރެވުނު ކަމަށް ނިންމާދިނުމަށް ދިފާއީ ވަކީލް އެދިލެއްވިއެވެ. ހަމައެހެންމެ މައްސަލަ ދިގުލައިގެން ނުދާނެ ގޮތަކަށް އަމަލުކޮށްދެއްވުމަށް ވެސް އެދިލެއްވިއެވެ.

މައްސަލަ ބައްލަވާ ގާޒީ ވަނީ އެކަންކަމަށް ޝަރީއަތުން ރިއާޔަތްކުރައްވާނެ ކަަމަށް ވިދާޅުވެފައެވެ. އަދި މި މައްސަަލަ އާއި ގުޅޭ އިތުރު އަޑު އެހުމެއް މި މަހުގައި ބޭއްވޭތޯ މަސައްކަތްކުރައްވާނެ ކަަމަށް ވެސް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް