ކ. މާލެ
|
9 އޯގަސްޓް 2017 | ބުދަ 22:19
ރާއްޖެ ޓީވީގެ ސީއޯއޯ ހުސައިން ފިޔާޒް މޫސާ: އަންނާނެ ހުކުމެއްގެ އިންތިޒާރުގައި
ރާއްޖެ ޓީވީގެ ސީއޯއޯ ހުސައިން ފިޔާޒް މޫސާ: އަންނާނެ ހުކުމެއްގެ އިންތިޒާރުގައި
މުހައްމަދު ޝަރުހާން
ފިޔާޒްގެ ޝަރީއަތް
ފިޔާޒްގެ މައްސަލަ: ފުށުއަރާ ތިން ހެކިބަސް. އުއްމީދަކީ ޢަދްލުވެރި ހުކުމެއް
 
ސުޕްރީމް ކޯޓުން ކުރިން ކަޑައަޅާފައި ވަނީ ހެކިބަސްތަކުގައި ފުށުއަރާނަމަ މައްސަލައެއް ސާބިތު ނުވާނެ ކަމަށް
 
އެއް ހެއްކަކަށް ހުށަހަޅާފައި ވަނީ އަނިޔާ ލިބިގެން ދައުވާ ކުރާ މީހާ
 
ހެކިބަސްދިނީ މުޅިންވެސް ފުލުހުން. އެކި ފުލުހުންގެ ހެކިބަހުގައި މަންޒަރު ފެނުނު ގޮތް ތަފާތު

ޝަރުއީ ކޯޓަކުން ނިންމާ ނިންމުމަކީ ޢަދްލަށް ނިންމޭ ނިންމުމަކަށް ވާން ޖެހެއެވެ. ދެފަރާތުގެ ބަހާއި ދެފަރާތުން ހުށަހެޅި ހެކީންގެ ހެކިބަހަށް ރއާޔަތް ކޮށްގެން ނިންމޭ ނިންމުމަކަށް ވާން ޖެހެއެވެ. ނެގޭ ހެކިބަހަކީ ކިހާވަރެއްގެ ސައްޙަ ކަމެއް ހުރި އެއްޗެއްތޯ ބަލަން ޖެހެނީ ހަމަހަމަކަމާއެކު އިންސާފް ޤާއިމްކޮށް ދިނުމަށެވެ. ދީނުގައި އަންގަވަފައިވާ ގޮތަށް ޢަދްލަށް ހުކުމް ކުރުމަށެވެ.

ރާއްޖެ ޓީވީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ސީއޯއޯ ހުސައިން ފިޔާޒް ފުލހެއްގެ ގައިގާ އަތްލި ކަމަށް ބުނެ ދައުލަތުން ކުރެވޭ ދައުވާއަށް ބަލާއިރު މިމޭރުމުން ވިސްނާލަން ޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. ފިޔާޒްއާ ދެކޮޅަށް ހުށަހަޅާފައިވާ ހެކިންގެ ހެކިބަހުގައި ތަޢާރަޟްތަކެއް ހުރިކަމަށް ޝައްކެތް ނެތް މިންވަރަށް ގަބޫލު ކުރެވޭނޭ ޖާގަ އެބަ އޮތެވެ.

މިބަލާލަނީ ފިޔާޒްގެ މައްސަލައިގާ ފިޔާޒްއާ ދެކޮޅަށް ދީފައިވާ ހެކިންގެ ހެކިބަހުގައި ހުރި މިފަދަ ތަފާތު ތަކަށެވެ.

ފުރަތަމަ މި ބުނެލަނީ އެހާދިސާ ހިނގި ކަމަށް ބުނާ ސަރަހައްދެވެ. އެކަން ހިނގާފައި ވަނީ އަމީނީމަގުން އިސްކަންދަރު ކޮށި -2 އިން ހުޅަނގަށް މައި ޝޮޕްގެ އިރަށް އޮންނަ ސަރަހައްދުގައެވެ.

ހެކި 1

ހެކިވެރިޔާ ބުނާ ގޮތުންނަމަ އޭނާ ހުރީ އިސްކަންދަރު ކޮށި-2 އާ ދިމާލަށް އަމީނީ މަގުގެ މެދުގައެވެ. އިސްކަންދަރު ކޮށި-2 އާ ޖެހިގެން އޮތް ކޮށި ކައިރީ ހުސައިން ފިޔާޒް މޫސާ ހުއްޓައި އޭނާ (ހެކި 1) ގޮސް ހުސައިން ފިޔާޒް މޫސާ ގާތު އެތަން ދޫކޮށް ދާން ބުނުމުން ކޯޑްން ޓޭޕުން ބޭރަށް ނިކުންނަން ހިނގައިގަތް ކަމަށާއި އަދި ނުކުންނަން ދިޔައިރު ފިޔާޒް ގަދަ ހަދާފައި ނުވާ ކަމަށް އޭނާ ބުނެއެވެ.

އޭނާ ބުނާ ގޮތުންނަމަ މިމައްސަލައިގާ އަނިޔާ ލިބުނު ކަމަށް ބުނާ ކޯޕްރަލް މުހައްމަދު ސާހީން ހުރީ، އަމީނީ މަގުގައި ވެސްޓް ޕާރކް (މަގުގެ ހުޅަނގު) އާ ދިމާލަށް މޫނުވާގޮތަށް އެނބުރިގެން ކަމަށާއި ހުސައިން ފިޔާޒް މޫސާ އެވަގުތު ހުރީ މުހައްމަދު ސާހީންއާ ކުރިމަތިލައިގެން ކަޅުތުއްކަލާ ކޮށްޓާ ދިމާލަށެވެ. އޭގެ މާނައަކީ އަނިޔާ ލިބުނުކަމަށް ބުނާ މީހާ ހުރީ އޭނާއަށް ފުރަގަސްދީގެންކަން ހެކީގެ ބަހުން ސާފުކޮށް އެނގެއެވެ.  އެހެންކަމުން ހެކިވެރިޔާ ބުންޏަސް އޭނާ އެބުނާ ގޮތަށް މުހައްމަދު ސާހީން ހުރީ ވެސްޓް ޕާރކް އާ ދިމާލަށް (ހުޅަނގަށް) އެނބުރިގެން ކަމަށްވެފައި ފިޔާޒް ކަޅުތުއްކަލާ ކޮއްޓާ ދިމާލަށް އެނބުރި ހުރިނަމަ ދެމީހުން ކުރިމަތިލައިގެން ތިބޭނީ ކިހިނެއްތޯއެވެ. ހެކިވެރިޔާ އެބުނާ ގޮތަށް ދެމީހުން ތިބޭއިރު ދެމީހުން ތިބީ ކުރިމަތިލައިގެންނޭ އޭނާ ބުނިކަމުގައި ވިއަސް ދެމީހުން ތިބޭނީ ދެކޮޅަށް ބަލަހައްޓައިގެންނެވެ. އެހެނީ ކަޅުތުއްކަލާ ކޮއްޓަކީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ސިފައިންގެ ކޮއްޓެވެ. އެހެންކަމުން އެބަހުން އެނގޭ ހަގީގަތަކީ ފިޔާޒް އެނބުރިހުރި ދިމާލެއް ވެސް ހެކިވެރިޔާއަކަށް ނޭނގޭ ކަމެވެ.

ހެކިވެރިޔާ އިތުރަށް ބުނެފައިވަނީ ސާހީން ދިޔައީ ފިޔާޒްގެ ބުރަކަށީގައި ފަހަތުން އަތްލާފައި ކުރިއަށް ޖައްސަމުން ކަމަށެވެ. އެހެން ކަމަށްވާނަމަ އަމީނީމަގުން ހުޅަނގަށް ކުރިއަށް ހިނގާ މީހަކު ކަމަށް ވެއްޖިއްޔާ މޫނު ވެސް ހުންނާނީ ވިލިނގިއްޔާ ދިމާލަށް ހުޅަނގަށްވާ ގޮތަށެވެ.  އެހެން ނަމަވެސް ފިޔާޒް އެތަނުން ނުދާން ހެދި ގޮތަކީ ކޮބައިކަމާމެދު ސުވާލު ކުރުމުން ފިޔާޒް ދިޔައީ ފަހަތަށް ހިނގަމުން ކަމަށް ހެކިވެރިޔާ ވަނީ ބުނެފައެވެ. އެހެން އޭނާ ބުނާނަމަ ފިޔާޒްގެ މޫނު ހުންނާނީ އިރަށެވެ. އެހެން ކަމަށްވާނަމަ ފިޔާޒްގެ ބުރަކަށީގައި ސާހީން އަތްޖައްސާފައި ކުރިއަށް ޖައްސަމުން ދެވޭނެ ގޮތެއް ނޯންނާނެއެވެ. އަދި ކުރިން އޭނާ ބުނެފައިވާ ގޮތަށް ބުރަކަށީގައި އަތް ޖެއްސުމުގެ ބަދަލުގައި އޭނާގެ އަތް ޖެހޭނީ ފިޔާޒްގެ މޭމަތީގައެވެ. ފިޔާޒަށް ހިނގޭނީ ކުރިއަށް ހިނގުމުގެ ބަދަލުގައި ފަހަތަށެވެ.  މި ޕޮއިންޓަށް ބަލާއިރު އެއްވެސް ވަރަކަށް ހެކިވެރިޔާއަށް ފިޔާޒް ހުރި ގޮތާ އޭނާ ދިޔަ ގޮތާއި ގެންދިޔަ ގޮތް އަދި އަނިޔާ ލިބުނު ކަމަށް ބުނާ މީހާ ހުރިތަނެއް އަދި އޭނާ ކުރިއަށް ދިޔަ ގޮތް ނޭނގޭކަން ސާފުވެއެވެ.

ދެން އޮތީ ފިޔާޒް ސާހީންގައިގާ އަތްލުން ނުވަތަ ޖެހުމެވެ. ފިޔާޒް ސާހީންގެ ގައިގާ އަތްލީ ކިހިނެއްތޯ ސުވާލު ކުރުމުން ހެކިވެރިޔާ ބުނެފައި ވަނީ އޭރު ފިޔާޒް ހުރީ ގޮށްމުއް ކަވާފައި ކަމަށެވެ. އެހެން ނަމަވެސް ހަމަ އޭނާ އަނެއްކާ ވެސް ބުނެފައިވަނީ ޖެހީ އަތް ގޮށްމުށް ކަވާ ޒާތަށް ނޫންކަމަށެވެ. އަދި  ބޮޑަށް އޭނާއަށް ލަފާކުރެވޭގޮތުންނަމަ  ކޮށްޕާލާ ޒާތަށް ކަމަށެވެ. މީގެ އިތުރުން އޭނާ ހުރިތަނުން ހާދިސާ ރީތިކޮށް ފެންނަކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ.  އެކަމަކު ރީތިކޮށް ފެނުނު ކަމަށް ބުނާއިރު ސާހީން ގައިގާ ފިޔާޒް އަތްލީ ގޮށްމުށް ކަވަމުން ކަމަށް ނުވަތަ  ގޮށްމުށުން ނޫން ކަމަކަށް އަދި ކޮށްޕާލީ ކަމަށް ކަން އޭނާއަށް ޔަޤީނެއް ނުވެއެވެ.

ހެކިވެރިޔާ ބުނާ ގޮތުންނަމަ ހާދިސާ ހިނގި ހިސާބާ އޭނާ  ހުރިތަނުގެ ދުރުމިނަކީ ގާތްގަނޑަކަށް 50 ފޫޓެވެ. 50 ފޫޓަކީ އިމާރާތެއްނަމަ ގާތްގަނޑަކަށް 5 ފްލޯ އެވެ.  ހާދިސާ ހިނގީ ރޭގަނޑު 19:45 އެހާކަށްހާއިރު ކަމަށް ވެފައި، އެހިސާބަކީ އެހާ އަލިގަދަ ހިސާބަކަށް ނުވާއިރު، 50 ފޫޓް ދުރުމިނުން ހާދިސާ ސާފުކޮށް ނުފެންނަކަން ސާބިތުވަނީ އެރޭ ފިޔާޒް ކުރިމަތިލައިގެންހުރި ދިމާލުން އޭނާގެ ބުރަކަށީގައި ސާހީން އަތްޖައްސަމުން ކޯޑްން ޓޭޕުން ބޭރުކުރުމަށް މަސައްކަތް ކުރަމުން ދިޔަކަމަށް ބުނާ ބުނުމުންނެވެ. 50 ފޫޓް ދުރުން އެހާ އަލިގަދަ ނޫން ތަނެއްގައި ހާދިސާ ހިނގި ގޮތުގެ ހުރިހާ ތަފްސީލެއް ފެނުނުކަމަށް ބުނާ ބުނުމަކީ މުޖުތަމައުގެ ސަލާމަތް ބުއްދިހުރި މީހަކު ޤަބޫލު ކުރާނެ ކަމެއް ނޫނެވެ.

ހެކި 2

ފިޔާޒާ ދެކޮޅަށް ހެކިބަސްދޭ ދެވަނަ ހެކިވެރިޔާ ބުނީ ފިޔާޒް ހުރީ ސްޓޭޑިއަމް ކޮށި ކަންމަތީގައި ކަމަށެވެ. އެކަމަކު ފުރަތަމަ ހެކި ބުނެފައި ވަނީ ފިޔާޒް ހުރީ އެމްޕީއެލް ކޮށި ކައިރީގައި ކަމަށެވެ. މިހާ ހިސާބުން ވެސް ދެހެކިންގެ ހެކިބަސް ދިމާ އިދިކޮޅެވެ.  ދެހެކިންގެ ހެކިބަސް ފުށުއަރައެވެ.

އޭނާ ބުނާ ގޮތުގައި ހާދިސާ ހިނގީ އަމީނީމަގުގައި ހުންނަ މައިޝޮޕް ކައިރީގައި ކަމަށް ވެފައި އެތާކައިރީ ހުރި ދިއްގާ ގަސްކައިރިން ކޯޑްން ޓޭޕް ދަމައި މަގު ބަންދުކޮށްފައިވާއިރު އެތާގައި ޓޭޕްދަމާފައި ހުރިކަން ނޭނގޭ ކަމަށް އެހެކިވެރިޔާ ބުންޏެވެ. ދެހެކިވެރިން ބުނާ ބުނުން ދިމާ ނުވާ މިއީ އަނެއް ސަބަބެވެ.

އަނިޔާ ލިބުނު ކަމަށް ބުނާ ސާހީން ގައިގާ ފިޔާޒް ޖެހި ކަމަށް ބުނުމުން ޖެހީ ކިހިނެއްތޯ ސުވާލު ކުރުމުން ދެވަނަ ހެކިވެރިޔާ ބުނީ "ޖެހިއިރު އަތް ހުރިގޮތް ނޭގޭ ކަމަށާއި ބަޔާނުގައި އެކަން އިނިއްޔާ އެއީ ރަނގަޅު ގޮތްކަމަށް އަދި ނެތިއްޔާ ހަނދާން ނެތީ ކަމަށެވެ. އަދި ތަން އޮތީ އަނދިރިކޮށް" ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.  މީގެ އިތުރުން  ހާދިސާ ހިނގި ހިސާބާއި ހެކިވެރިޔާ ހުރިތަނާ ހުރި ދުރުމިނަކީ، ޝަރީޢަތް ކުރާ މާލަމުގެ އެއްކަނުން އަނެއްކަނާ ހިސާބު ކަމަށެވެ. އެގޮތުން ބަލާއިރު އެއީ ގާތްގަނޑަކަށް 10 ވަރަކަށް ފޫޓުގެ ދުރުމިނެވެ. އޭނާއަށް އަނދިރިކަމުން އެހާ ސާފުކޮށް ނުފެނުނު އިރު 50 ފޫޓް ދުރުގައި ހުރިކަމަށް ބުނާ ފުރަތަމަ ހެކިވެރިޔާއަށް އެހާ ސާފުކޮށް ފެންނާނެ ގޮތެއް ނޯންނާނެއެވެ.

ޝަރީޢަތުގެ މަޖިލީހުގައި ދޭ ހެކިބަހަކީ ސުޕްރީމް ކޯޓުގެ 2012/SC-A/01 ގެ ގަޟިއްޔާގައި ބުނެފައިވާ ފަދަ ހެކިބަހެއް ނޫނެވެ. އެޤަޟިއްޔާގައި ކަނޑައަޅާފައި ވަނީ ހެކިދޭ ކަމަކީ އޭނާގެ އަމިއްލަ ލޮލުން ދުށް ނުވަތަ އަޑު އެހި ނުވަތަ އޭނާގެ ފަސް ހިއްސުގެ ތެރެއިން ހިއްސަކަށް އެނގިފައިވާ ކަމަކާމެދު އިޤްރާރުވުން  ކަމަށެވެ. އެހެން ކަމަށްވާނަމަ މީނާގެ ހެކިބަހަކީ ޝަރީއަތައް ބަލައިގަނެވޭނެ ހެކިބަހެއް ނޫނެވެ. އަދި ސުޕްރީމް ކޯޓުގެ ނަމްބަރ 2013/SC-A/07 ޤަޟިއްޔާގައި ކަނޑައަޅުއްވާފައި ވަނީ ހެކިދޭ މީހާއަކީ ހެކިދޭ ކަމެއްގެ މައުލޫމާތު ރަނގަޅަށް ދަންނަ މީހަކަށް ވާންޖެހޭނެ ކަމަށެވެ. ދެވަނަ ހެކިވެރިޔާ ބުނެފައިވަނީ އޭނާއަށް އެހާ ރަނގަޅަށް ސާފު ނުވާ ކަމަށާއި އެހާ ރަނގަޅަށް ހަނދާން ނެތް ކަމަށެވެ. އެއީވެސް އޭނާގެ ހެކިބަސް ނުނެގޭނެ ކަމަށް ދަލީލު ކުރާ ސަބަބެކެވެ.

ދެމީހުންގެ ހެކިބަހުގައި ވެސް އެކަށީގެންވާ ވަރަށް ޝައްކު އުފެދެއެވެ. ޖިނާއީ ކުށެއް ސާބިތުވާކަން ބަލަން ޖެހޭ މިންގަނޑަކީ ޤާނޫން އަސާސީގެ 51 (އ) ގައިވާ މިންގަނޑު ކަމަށްވާ "އެކަށީގެންވާ މިންވަރެއްގެ ޝައްކެތް ނެތި" ޝަރީޢަތުގައި ކުށް ސާބިތުކުރުން ކަމަށް ވާއިރު، މި މިންގަނޑުން ބަލާއިރު ހެކިބަސްދިން ހެކިންގެ ބުނެވިދިޔަ މިންގަނޑަށް ފެތޭމިންވަރަށް ބުރަދަން ލިބޭ ހެކިބަހެއް ކަމަށް ބެލެވޭނެ ޖާގައެއް ނެތެވެ.

ސުޕްރީމް ކޯޓުގެ ނަމްބަރ 2013/SC-A/07 ޤަޟިއްޔާގައި ބުނެފައިވަނީ "ޖިނާއީ މައްސަލަ ސާބިތު ކުރުމަށްޓަކައި ހުށަހެޅޭ ހެކިތައް ވަޒަން ކުރާއިރު ހާސިލްވާ ބުރަދަނަށް ބަލައި ޝައްކު ފިލުވައި ޔަޤީންވާ މިންވަރަށް އިޤްތިނާޢު ވެވޭ ހެކީގެ މައްޗަށް މެނުވީ ކުށުގެ ޢަމަލެއް ސާބިތުވާ ކަމަށް ނުބެލެވޭނެ ކަމަށެވެ.  

އަދި ހަމަ އެހެންމެ ސުޕްރީމް ކޯޓުގެ ނަމްބަރ 2012/SC-A/01 ޤަޟިއްޔާގައި ހެކިންގެ ހެކިބަސް ވާން ޖެހޭނީ ޝަރުޢީ އަދި ޤާނޫނީ ގޮތުން ސައްޙަ ހެކިބަހަކަށް ކަމަށް ވެސް ބުނެފައިވެއެވެ.

ހެކި 3 އަދި އަނިޔާ ލިބުނުކަމަށް ބުނާ މީހާ

ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ 3 ވަނަ މީހާ އަކީ އަނިޔާ ލިބުނު ކަމަށް ބުނާ މީހާއެވެ.

އަނިޔާ ލިބުނު ފަރާތް ހާޒިރުކޮށް އޭނާ ބުނި ބުނުމަށް ކުށްް ސާބިތު ކުރުމުގައި ރިއާޔަތް ކޮށްފައި ވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަމްބަރު 2014/HC-A/28 ވަނަ ޤަޟިއްޔާއިން ކަނޑަ އަޅުއްވާފައިވާ އުސޫލާ ޚިލާފަށެވެ.

ދައުލަތުގެ ފަރާތުން ދައުވާ ކުރަނީ މައްސަލައިގެ އަނިޔާ ލިބޭ ފަރާތް ނުވަތަ ވިކްޓިމްގެ ފަރާތުން ކަމަށްވާއިރު އަނިޔާލިބުނު ފަރާތުން ބުނާ ބުނުމަކީ ހެކިބަހަކަށް ނުވާނެއެވެ. އޭގެ ބަދަލުގައި އަނިޔާ ލިބުނު ފަރާތުގެ ބަހަކީ މައްސަލައިގެ ދައުވާއެވެ. އެހެން ކަމަށްވާނަމަ ދައުވާ ސާބިތު ކުރުމަށްޓަކައި ހުށަހަޅަން ޖެހެނީ މުސްތަގިއްލު ހެކިންނެވެ.

އަނިޔާ ލިބުނު ފަރާތްތަކުން ބުނާ ބުނުމަކީ އެކަމުގެ މައްޗަށް ކުށް ސާބިތު ކުރެވޭނޭ ފަދަ ކާފީ ހެކިބަހެއް ނޫން ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަމްބަރު 2014/HC-A/28 ވަނަ ޤަޟިއްޔާއިން ވަނީ ކަނޑައަޅާފައެވެ.

ތިންވަނަ ހެކި ނުވަތަ އަނިޔާ ލިބުނު މީހާ ބުނާ ގޮތުގައި ފިޔާޒް ހުރީ ބަންދުކޮށްފައިވާ ހިސާބާ 100 ފޫޓު ދުރުގައެވެ. އެހެންނަމަވެސް ފިޔާޒް އެމްޕީއެލް ކަންމަތީގައި ހުރިނަމަވެސް އެތާ ކައިރިން ހުންނަ ދިއްގާގަސް ކައިރިން ކޯޑްން ޓޭޕް ދަމާފައި ހުރިތަނާ ހަމައަށް 100 ފޫޓެއް ނުހުންނާނެއެވެ. އަދި މައި ޝޮޕް (ހާދިސާ ހިނގިތަން ކައިރީ) ފިޔާޒް ހުރިނަމަވެސް އެހިސާބާ ކޯޑްން ކޮށް ޓޭޕް ދަމާފައި ހުރިތަނާ ދެމެދުވެސް 100 ފޫޓެއް ނުހުންނާނެއެވެ.

މީގެ އިތުރުން ތިންވަނަ ހެކިވެރިޔާ ބުނެފައިވަނީ ފިޔާޒްގެ ބުރަކަށީގައި އަތްލާ ކުރިއަށް ޖައްސަމުން ދިޔަ ކަމަށެވެ. އެހެންކަމަށް ވާނަމަ ފިޔާޒް ހުންނަން ޖެހޭނީ ހުޅަނގަށް ކުރިމަތިލައިގެންނެވެ. ނަމަވެސް ޝަރީއަތުގައި ހެކިބަސްދިން ފުރަތަމަ ހެކިވެރިޔާ ބުނެފައިވަނީ ފިޔާޒް ހުރީ އިރުމައްޗަށް ވާގޮތައް އަނިޔާ ލިބުނު މީހާ ނުވަތަ 3 ވަނަ ހެކިވެރިޔާއާ ކުރިމަތިލައިގެން ކަމަށެވެ.

ފިޔާޒްގެ ޢަމަލްތައް ހުރީ ކިހިނެއްތޯ ސުވާލު ކުރުމުން އަނިޔާ ލިބުނު މީހާ އަދި ތިންވަނަ ހެކިވެރިޔާ ބުނީ ނުނިކުންނަ ކަހަލަ ގޮތަކަށް ކަމަށާއި ފަހަތައް ބުރަވާ ކަހަލަ ގޮތަކަށް ކަމަށެވެ. އަދި ޖަހާފައިވާކަމަށްވެސް ބުނެފައިވަނީ ޖަހާކަހަލަ ގޮތަކަށް ކަމަށެވެ.

މި ބަސްތަކަށް ބަލާލުމުން އެނގޭ ޙަޤީގަތަކީ އޭނާއަށް މައްސަލައިގެ ޙަޤީގަތް ނޭގޭކަމެވެ. ކަހަލ ަގޮތަކަށް ހީވާ ގޮތަކަށް ކަމެއް ސާބިތެއް ނުކުރެވޭނެއެވެ. ޖެހިނަމަ ޖެހިގޮތް ސީދާ އެނގެން ޖެހެއެވެ. އަތްލިނަމަ އަތްލި ގޮތް ހީއެއް ނެތި އެނގެން ޖެހހެއެވެ. ނުނިކުންނަން ގަދަ ހެދިނަމަ ސީދާ އެގޮތް އެނގެން ޖެހޭނެއެވެ. އެހެންކަމުން ކަހަލަ ގޮތަކަށް ކަމަށް ބުނުމަކީ އޭނާއަށް އެއްވެސް ވަރަކަށް ކަމެއް ޔަޤީން ނުވާކަމެވެ. ކަށަވަރު ނުވާކަމެވެ. ޝަރީއަތުންވެސް ވަނީ އެކަން ފާހަގަ ކޮށްފައެވެ. އެހެންކަމުން އޭނާގެ ވާހަކަ ތަކަށް ރިއާޔަތް ކުރާއއިރު ދައުލަތަކަށް މައްސަަލައިގައި އުފެދިފައވާ ޝައްކުތައް ފިލުވައެއް ނުދެވުނެވެ.

މިބުނެލަ ދެވުނީ ފިޔާޒާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ މައްސަލައިގާ ހުރި ބޮޑެތި ފުށުއެރުން ތަކެވެ. މަންޒަރު ދުށްކަމަށް ބުނެ ހެކިބަސް ދިން މީހުންނާއި އަނިޔާލިބުނު ކަމަށް ބުނާ މީހާގެވެސް ވާހަކަ ތަކުގައި ބޮޑެތި ފުށުއެރުންތަކެއް ހުރިކަމެވެ. ގޮތް ނިންމަވާނީ ފަނޑިޔާރު މަނިކުފާނެވެ. އެނގޭ އެއްޗަކީ ޝައްކެއްގެ މައްޗަށް ބިނާކޮށް އިންސާފްވެރި ހުކުމެއް ނުކުރެވޭނެ ކަމެވެ. ނާއިންސާފުން ހުކުމް ކުރުމަކީ އިސްލާމްދީނުގައި ހުއްދަ ކަމެއް ނޫންކަމެވެ. އަދި އިންސާފަކީ ކޮންމެވެސް ދުވަހަކުން ލިބޭނެ އެއްޗެއް ކަމެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
67%
0%
33%
0%
0%
ކޮމެންޓް