ކ. މާލެ
|
14 ފެބްރުއަރީ 2023 | އަންގާރަ 10:04
މާބާގް ވައިރަސް ވަނީ އެފްރިކާއިން ފެނިފައި --
މާބާގް ވައިރަސް ވަނީ އެފްރިކާއިން ފެނިފައި --
ޑަބްލިޔު.އެޗް.އޯ
މާބާގް ވައިރަސް
އެބޯލާ ފަދަ ނުރައްކާ ބައްޔެއް، ފަރުވާއެއް އަދި ނުހޯދޭ
 
މި ވައިރަސް މީގެ 19 އަހަރު ކުރިން ވެސް ފެނިފައިވޭ

އެބޯލާ ވައިރަހާ އެއްވަރަށް ނުރައްކާތެރިކަން ބޮޑު، މިހާތަނަށް ފަރުވާއެއް ހޯދިފައިނުވާ ވައިރަހެއްކަމަށްވާ މާބާގް ވައިރަސް އެފްރިކާގެ އިކުއިޓޯރިއަލް ގިނީއިން ފެނިފައިވާކަމަށް ހޯމަ ދުވަހު އެ ގައުމުގެ އޮފިޝަލުން ހާމަކޮށްފިއެވެ.

އެންމެ ފުރަތަމަ މި ބަލި ފެނުނީ ކެމަރޫން އާއި ގަބޮންގެ ބޯޑަރުގައި އޮންނަ ކިއެންޓެމް ޕްރޮވިންސްއަށް ޖަނާޒާއަކަށް ދިޔަ ބައެއްގެ ގައިންނެވެ. އެކަމުގެ ސަބަބުން އެ ތަނުގައި ލޯކަލް ލޮކްޑައުންއެއް އިއުލާންކޮށް ކެމަރޫންގެ ބޯޑަރަށް އެރުމުގައި ފިޔަވަޅުތަކެއް ވަނީ އަޅައިފައެވެ. އެފްރިކާގެ އިކުއިޓޯރިއަލް ގިނީއިން ފެނިފައިވާ މި ވައިރަހުގައި މިހާރު ނުވަ މީހުންނަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ)އިން ހާމަކޮށްފައިވާ ގޮތުގައި ސެނެގާލްގެ އިންސްޓިޓިއުޓް ޕަސްޗާ ލެބޯޓްރީއަށް ފޮނުވި 08 ސާމްޕަލްގެ ތެރެއިން އެއް ސާމްޕަލް މާބާގް ވައިރަހަށް ވަނީ ޕޮޒިޓިވްވެފައެވެ. އެހެން ސާމްޕަލްތަކުގެ ނަތީޖާ އެނގިފައިނުވާއިރު، އެބޯލާ، ލާސާ، ޔެލޯ ފީވާ އަދި ޑެންގޫއަށް އެ ސާމްޕަލްތައް ވަނީ ނެގެޓިވްވެފައެވެ.

މިހާތަނަށް އިކުއެޓޯރިއަލް ގިނީގައި މާބާގް ވައިރަހަށް ޝައްކުކުރެވޭ 25 މީހަކު ފެނިފައިވާއިރު، އޭގެ ތެރޭގައި 9 މީހަކު ވަނީ މަރުވެފައެވެ. އެމީހުންގެ އަލާމާތްތަކުގެ ތެރޭގައި ނޭފަތުން ލޭއައުން، ހުމުގެ އަސަރު، ވަރުބަލިވުން، ހުޅުތަކުގައި ރިހުން އަދި ހޮޑުލާއިރު ލޭގެ އަސަރު ހުރުމާއި ބޭރަށްހިންގުން ހިމެނެއެވެ.

މާބަރގް ވައިރަސްގެ ސަބަބުން ޖެހޭ ބަލި ފެށެނީ ކުއްލިއަކަށް ކަމަށާއި، ހޫނުގަދަވުމާއި، ބޮލުގައި ރިއްސުމާއި، މި ނޫނަސް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވާކަމަށް ރިޕޯޓްތައް ބުނެއެވެ. ޑައިރެކްޓް ކޮންޓެކްޓްވެއްޖެނަމަ ގައިންގަޔަށް ބަލިއެރުމުގެ ފުރުސަތު ވެސް މި ބަލީގައި އެބައޮތްކަމަށް ރިޕޯޓްތައް ބުނެއެވެ.

މާބާގް ވައިރަހަށް ފަރުވާ ދިނުމަށް ފާސްކޮށްފައިވާ ވެކްސިނެއް ނުވަތަ އެންޓިވައިރަލް ފަރުވާއެއް ނެތެވެ. ނަމަވެސް ނަމަވެސް ސަޕޯޓިވް ކެއާގެ ގޮތުގައި އަނގައިން ނުވަތަ ލޭހޮޅިތަކަށް ފްލޫޑް ދީގެން ރީހައިޑްރޭޝަން ދިނުމާއި، ވަކި އަލާމާތްތަކަށް ފަރުވާ ދިނުމުން، ސަލާމަތްްވުމުގެ ފުރުސަތު ބޮޑެވެ. މި ބައްޔަށް ފަރުވާ ހޯދުމަށް ޓަކައި އިމިއުން ތެރަޕީތަކާއި ޑްރަގް ތެރަޕީ ތަކާއި ވެކްސިންގެ ފޭސް އެކެއް ދަނީ އިވެލުއޭޓް ކުރެވެމުންނެވެ.

ޑަބްލިއުއެޗްއޯއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ބަލީގެ އަލާމާތްތައް ފެންނަ މީހުން ކޮންޓެކްޓް ޓްރޭސްކޮށް، އައިސޮލޭޓްކޮށް، މެޑިކަލް ކެއާ ފޯރުކޮށްދިނުމަށް އެޑްވާންސް ޓީމުތައް ވަނީ ހަރަކާތްތެރިވެފައިވާކަމަށެވެ.

އިކުއެޓޯރިއަލް ގިނީގެ ހެލްތު މިނިސްޓްރީން ބުނީ ކިއެންޓެމް ޕްރޮވިންސާއި އަވަށްޓެރި ވެލެންޒާސް ޕްރޮވިންސްގެ މޮންގޯމޯ ޑިސްޓްރިކްޓަށް ހެލްތު އެލާޓް އިއުލާންކޮށްފައިވާ ކަމަށެވެ. މާބާގް ޖެހިފައިވާ ސަރަހައްދުގެ ލޮކްޑައުންތައް އިތުރުކޮށް، 4،300 އަށް ވުރެ ގިނަ މީހުން ވަނީ ކަރަންޓީނުކޮށްފަ އެވެ.

މިދިޔަ 10 އަހަރު ތެރޭގައި މާބާގްގެ ފެނިފައިވަނީ މަދު ކޭސްތަކެއް ކަމަަށްވާއިރު މި ފަހަރަކީ 2012ގެ ފަހުން އެންމެ ގިނަ ކޭސްތައް ފެންނަމުންދާ ފަހަރެވެ. 2012ވަނަ އަހަރު ޔުގާންޑާއިން ވަނީ 18 ކޭސް ފެނިފައެވެ. މި ވައިރަހުގެ އެންމެ ބޮޑު ބަލިމަޑުކަން 2004 އަދި 2005ވަނަ އަހަރު ފެތުރުނުއިރު ބަލި ޖެހުނު 252 މީހުންގެ ތެރެއިން 227 މީހުން އެ ފަހަރު މަރުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް