ސުނާމީގެ ވީރާނާކަމުން އަރައިގަންނަން އެންމެ ވަރުގަދަ ވަސީލަތަކަށްވީ ދިވެހިންގެ އެއްބައިވަންތަކަން: ރައީސް
ދިވެހިންގެ ތެރެއިންވެސް 82 މީހަކު މަރުވެ، 26 މީހަކު ވީނުވީއެއް ނޭނގި ގެއްލިފައިވޭ


ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު
ސުނާމީގެ ވީރާނާކަމުން އަރައިގަންނަން އެންމެ ވަރުގަދަ ވަސީލަތަކަށްވީ، ދިވެހިންގެ އެއްބައިވަންތަކަންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.
ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ރައީސް ވަނީ ތަހުނިޔާ ވިދާޅުވެފައެވެ.
ސުނާމީ ކާރިސާއަށް އަލިއަޅުވާލައްވައި ރައީސް ވިދާޅުވީ، ދުނިޔޭގެ ބައެއް ޤައުމުތަކަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބި، ދެ ލައްކައަށްވުރެ ގިނަ މީހުން މަރުވެ، އެތައް މިލިއަން ބަޔަކު ޙާލުގައި ޖެހުނު ހިތާމަވެރި ކާރިސާއެއް ކަމަށެވެ.
ދިވެހިންގެ ތެރެއިންވެސް 82 މީހަކު މަރުވެ، 26 މީހަކު ވީނުވީއެއް ނޭނގި ގެއްލިފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ކޮޅުފުށިން އެކަނިވެސް، ކުޑަކުދިންނާއި، އަންހެނުންނާއި، މުސްކުޅިން ހިމެނޭހެން، 16 މީހަކު މި ދުނިޔެ ދޫކުރި ކަމަށެވެ.
ރައީސް ވަނީ އެ ދުވަހުގެ ހަނދާންތައް އައު ކުރައްވާފައެވެ. އެގޮތުން ސުނާމީގެ ލޮނުގަނޑު ރަށުތެރެއަށް ބަންޑުންކޮށްލި އެ ވަގުތަކީ، ބިރުވެރިކަމާއި ނާމާންކަމުގެ ވަގުތުކޮޅެއްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، އެއީ، ހިތާމައާއި ކަރުނައިގެ ދުވަހެއް ކަމަށެވެ. އެއީ ރުއިމާއި ކެކުޅުމުގެ އަޑު ކެނޑިގެން ނުދިޔަ ދުވަހެއް ގޮތުގައި ރައީސް ސިފަ ކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ކޮޅުފުށީގެ ރައްޔިތުންނަށް ކުރާނެ އަސަރާއި، ލިބޭނެ ހިތްދަތިކަންވެސް އިހުސާސް ކުރެއްވޭކަމަށެވެ.
ރައީސް ވިދާޅުވީ ކަން ދިމާކުރި ގޮތުން، އެމަނިކުފާނަށްވެސް އެ ދުވަހު ހުންނެވުނީ ޢާއިލާއާ އެކުގައި ޅ ހިންނަވަރުގައި ކަމަށެވެ. އެގޮތުން ލޮނުގަނޑު ރަށުތެރެއަށް އަރައިގެން އައިސް، ގޭތެރެއަށް ވަދެ، އެ ރާޅު ފައިބައިގެން ދިޔައިރުގައި، މުޅި ރަށް އޮޔައިގެން ދިޔަގޮތް އެއީ، އެ ދުވަހު އެތާހުރި މީހަކަށް ނޫނީވިއްޔާ އިޙްސާސް ކުރެވޭނެ ކަންތައްތަކެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.
އެ ދުވަހަކީ އެތައް ބައެއްގެ ދިރިއުޅުން ބިމާ ހަމަކޮށްލި ހިތާމަވެރިވެސް ދުވަހެއްކަން ފާހަގަކުރައްވައި ރައީސް އިތުރަށް ވިދާޅުވީ، އެ ހިތާމައާއި ހިތްދަތިކަމުގެ މައްޗަށް ހިތްވަރާއި ސާބިތުކަން އެ ދުވަހު ލިބުނީ، މާތް ﷲގެ ދީލަތިވަންކަމާއި އޯގާވަންތަކަމާ މެދު އަޅުގަނޑުމެންގެ ހިތްތަކުގައި އޮތް، ވަރުގަދަ އީމާންތެރިކަމުން ކަމަށާއި، ހަމަ އެއާއެކު، އެ ވަރުގަދަ އީމާންތެރިކަމާއެކު، އަޅުގަނޑުމެންގެ މެދުގައި އޮތް އެއްބަނޑުއެއްބަފާ ކަމާއި އެކުވެރިކަން ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ސުނާމީގައި އެކި ގޮތްގޮތުން ލިބުނު ގެއްލުންތައް ފޫބެއްދުމުގައި ވެސް، އަދި ވީރާނާވެގެންދިޔަ ދިރިއުޅުން އަލުން ކޮޅަށްޖެހުމުގައި ވެސް، އެންމެ ވަރުގަދަ ވަސީލަތަކަށްވީ، ދިވެހިންގެ އެއްބައިވަންތަކަމެވެ. އެ ދުވަހު އަޅުގަނޑުމެން ސާބިތުކޮށްދިނީ، ޒަމާނުއްސުރެ ދިވެހިންގެ މެދުގައި އޮތް އެކުވެރިކަމާއި، ކުލުނާއި ލޯބީގެ ވަރުގަދަ ގުޅުމުން، ކިތަންމެ ބޮޑު ގޮންޖެހުމެއް ވެސް ހުރަސްކުރެވިދާނެކަން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ސުނާމީގެ ފުރަތަމަ ވަގުތުން ފެށިގެން ޢާންމު ރައްޔިތުންނަށް އެހީތެރިވުމުގައި، ސަލާމަތީ ޚިދުމަތްތަކާއި ދިފާޢީ ބާރުގެ ފަރާތުން އެ ދެއްކެވި ހިތްވަރާއި، ކުރި ބުރަ މަސައްކަތް، ދިވެހި ތާރީޚުގައި ތާއަބަދަށް ފެވިގެންދާނެ ކަމަށެވެ.
ރާއްޖޭގެ ވިޔަފާރިވެރިންނާއި ފުދުންތެރިން އަދި ހެޔޮއެދޭ ފަރާތްތަކުން ދެއްވި އެހީތެރިކަމާއި އެއްބާރުލުންވެސް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.
ސުނާމީ ފަދަ ކާރިސާތަކަކީ، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުން ކުރިމަތިވާ ތިމާވެށީގެ މައްސަލަތަކާ މެދު އަޅުގަނޑުމެން އިތުރަށް ސަމާލުވުމަށް ހަނދާންކޮށްދޭ ކަމެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން ދުނިޔޭގެ މޫސުމަށް އަންނަ ބޮޑެތި ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ވެސް ތިމާވެށީގެ ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާ ކަމަށާއި، އެ ގޮންޖެހުންތައް ހުރަސް ކުރުމަށްޓަކައި، ރާއްޖޭގެ މާޙައުލީ ނިޒާމު ރައްކާތެރިކުރުމަށް ޚާއްޞަ ސަމާލުކަމެއް މިއަދު ދޭން ޖެހިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ދިވެހިންގެ އެއްބައިވަންކަމުގެ ދުވަސް ފާހަގަކުރަނީ ސުނާމީ ކާރިސާގެ ދުވަހާ ގުޅުވައިގެން ނަމަވެސް، ރާއްޖެއަށް އިރުއަރައި އޮއްސޭ ކޮންމެ ދުވަހަކީ، ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހެއްކަމަށް ރައީސް ވިދާޅުވިއެވެ.
ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގެ ކުރިން ކޮޅުފުށީ ބަނދަރު ސަރަހައްދުގައި ބޭއްވި، ރަސްމިއްޔާތުގައި، ސުނާމީ ކާރިސާގައި ކޮޅުފުށިން ނިޔާވި މީހުންގެ ހަނދާނުގައި ހަދާފައިވާ، ސުނާމީ ކާރިސާގެ ހަނދާނީ ބިނާ ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައި ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ، އެމަނިކުފާނަށް އެންމެ ފުރަތަމަ ކުރައްވަންޖެހިވަޑައިގަންނަވާ ކަމެއްގެ ގޮތުގައި ވިސްނިވަޑައިގަތީ މުޖްތަމަޢުގައި ޞުލްޙަ ޤާއިމުކުރުމާއި، ދިވެހިން އެއްބައިވަންތަކޮށް، އެކުވެރިކަމާއެކު ހަމަޖެހިގެން ދިރިއުޅުމުގެ ފުރުޞަތު ހޯދައިދިނުން ކަމަށެވެ.
އަދި އެއްބައިވަންތަކަން ޤާއިމްކުރެވޭނީ، ޚިދުމަތް ދިނުމުގައި ރައްޔިތުންގެ މެދުގައި ތަފާތުނުކޮށް ހަމަހަމަކަން ޤާއިމުކޮށްގެން ކަމަށާއި، އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މިސަރުކާރުން ފެށި ކޮންމެ މަޝްރޫޢެއްގެ އަމާޒަކީވެސް، ވަކި ރަށެއް ތަފާތުނުކޮށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށް ދިނުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަރުކާރުން ހިންގަވަމުން ގެންދަވާ ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅޭ މައުލޫމާތުތައް ހިއްސާކުރައްވާފައެވެ.






