ކ. މާލެ
|
22 ޑިސެންބަރ 2022 | ބުރާސްފަތި 14:23
ސޯލާ ހަރުކުރުމަށް ލިންކް ރޯޑުގައި ބަންދުކުރެވޭ ސަރަހައްދު
ސޯލާ ހަރުކުރުމަށް ލިންކް ރޯޑުގައި ބަންދުކުރެވޭ ސަރަހައްދު
އެންވަރަންމަންޓް މިނިސްޓްރީ
ސޯލާ ހަރުކުރުމުގެ މަސައްކަތް
ސޯލާ ހަރުކުރަން ހުޅުމާލެއިން މާލެ ދަތުރުކުރާ މަގުގެ އެއް ލޭނު ވަކި ގަޑިތަކެއްގައި ބަންދުކުރަނީ
ހެނދުނު 09:30 އިން 11:30 އަށް ބަންދުކުރާނެ
މެންދުރު 13:30 އިން 04:30 އަށް ބަންދުކުރާނެ
މަސައްކަތް ފަށާނީ 25 ޑިސެމްބަރުގައި އަދި ނިންމާނީ 5 ފެބްރުއަރީގައި

ސޯލާ ހަރުކުރަން ލިންކް ރޯޑުގެ ހުޅުމާލެއިން މާލެ ދަތުރުކުރާ މަގުގެ އެއް ލޭނު ވަކި ގަޑިތަކެއްގައި ބަންދުކުރަން ނިންމައިފިއެވެ.

އެންވަޔަރމަންޓް މިނިސްޓްރީން ބުނީ ވޯލްޑް ބޭންކުގެ އެހީގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއިން ތައިލޭންޑުގެ އެންސިސް ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ ހުޅުމާލޭގައި 5.6 މެގަވޮޓުގެ ސޯލާރ ހަކަތައިގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ތެރެއިން މާލެ-ހުޅުމާލެ ލިންކް ރޯޑުގެ މޫދާވީ ފަޅީގެ ސްޓްރަކްޗަރ ހަރުކުރުމުގެ މަސައްކަތްކުރުމަށް ލިންކް ރޯޑުގެ ހުޅުމާލެއިން މާލެ ދަތުރުކުރާ މަގުގެ އެއް ލޭނު ކަނޑައެޅިފައިވާ ވަކި ވަގުތުތަކެއްގައި ބަންދުކުރާގޮތަށްވަނީ ހަމަޖެހިފައިވާ ކަމަށެވެ. މިގޮތުން ބަންދުކުރަން ހަމަޖެހިފައިވަނީ ހުކުރު ދުވަސްފިޔަވައި ކޮންމެ ދުވަހަކު ވަކި ގަޑިތަކެއްގައެވެ.

މަގު ބަންދުކުރާ ގަޑިތައް:

ހެނދުނު: 09:30 އިން 11:30 އަށް

މެންދުރު: 13:30 އިން 04:30 އަށް

އެންވަޔަރމަންޓް މިނިސްޓްރީން ބުނީ މިމަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ 25 ޑިސެމްބަރ 2022 ވާ އާދީއްތަ ދުވަހު ކަމަށެވެ. އަދި މަސައްކަތް ނިންމާލެވޭނެކަމަށް އަންދާޒާކުރެވެނީ 05 ފެބްރުއަރީ 2023 ވާ އާދީއްތަ ދުވަހު ކަމަށެވެ. މަގު ބަންދުކުރުމުގެ ތަރުތީބު އަދި ގަޑިތަށް ކަނޑައެޅިފައިވަނީ ކަމާއިގުޅޭ އެއްމެހައި ސަރުކާރުގެ އިދާރާތަކާއި މަޝްވަރާކުރުމަށް ފަހުގައި ކަމަށާއި، މި ގަޑިތަކުގައި ލިންކް ރޯޑްގައި އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން ސަމާލުކަންދިނުމަށް ކަމާއި ގުޅޭ އެއްމެހައި އިދާރާތަކުން އިލްތިމާސްކޮށްފައިވެއެވެ.

5 މެގަވޮޓްގެ ސޯލަރ ޕީވީގެ ނިޒާމް ހުޅުލެ އަދި ހުޅުމާލޭ ގުޅުވައިދޭ ލިންކް ރޯޑްގައި ޤާއިމްކުރާ ސްޓަރަކްޗަރ ޑިޒައިންކޮށްފައި ވަނީ ތިމާވެއްޓާއި ރައްޓެހިގޮތަކަށް އަދި އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ޕޭވްމެންޓް ބޭނުންކުރެވޭ ގޮތަށެވެ. އެންސިސް ކުންފުންނާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާ ދެމެދު ކުރެވުނު އެއްބަސްވުމުގެ ދަށުން ސޯލަރ ޕީވީގެ ނިޒާމް ޤާއިމްކޮށްފައިވާ ސްޓަރކްޗާއަށް އެއްވެސް ގެއްލުމެއްވެއްޖެ ހާލަތެއްގައި ސްޓަރަކަޗަރ މަރާމާތްކޮށް ބެލެހެއްޓުމަކީ އެއްބަސްވުމުގެ ދަށުން ސޯލަރ ހަކަތައިގެ ނިޒާމު ޤާއިމުކުރާ ކުންފުނީގެ ޒިންމާއެކެވެ.

ވާރލްޑް ބޭންކުގެ އެހީގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން ކުރިއަށްގެންދާ އެކްސެލެރޭޓިންގ ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުބަލް އެނަރޖީ (އެސްޕަޔަރ) މަޝްރޫޢޫގެ ދަށުން ހުޅުލެ އަދި ހުޅުމާލެ ގުޅުވައިދޭ ލިންކް ރޯޑް އަދި ހުޅުމާލޭގެ ބައެއް ހައުސިންގ ޔުނިޓްތަކުގެ ފުރާޅުގައި ގާއިމްކުރެވޭ 5 މެގަވޮޓްގެ ސޯލަރ ޕީވީ ނިޒާމުގެ މަޝްރޫއެވެ.

އެސްޕަޔަރގެ 2 ވަނަ ފިޔަވަހީގެ ދަށުން ގާއިމްކުރެވޭ 5 މެގަވޮޓް ސޯލަރ ޕީވީ ނިޒާމުން އެކަނިވެސް ތެލަށް ކުރާ ޚަރަދު ބޮޑުތަނުން ކުޑަވެގެން ދާނެކަމަށް އަންދާޒާކުރެވެއެވެ. އެގޮތުން މި ފިޔަވަހީގެ 5 މެގަވޮޓްގެ ސޯލާއިން އަހަރަކަށް އުފައްދާ 7.3 މިލިއަން ކަރަންޓް ޔުނިޓުން ދައުލަތުން ކަރަންޓް އުފެއްދުމަށްޓަކައި ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް 15 އާއި 20 މިލިއަން ދިވެހި ރުފިޔާގެ އަދަދެއް އަހަރަކު ސަލާމަތް ކުރެވޭނެ ކަމަށް އަންދާޒާ ކުރެވެއެވެ.

މި މަޝްރޫއެގެ އިމްޕްލިމެންޓޭޝަން އެގްރީމެންޓްތަކުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި އެންސިސް ކުންފުންޏާ އެކު ސޮއިކުރީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.

- ކޮމެންޓް