"ސުޕަރ ސްކިލްސް"ގެ ނަމުގައި ކުރިއަށްގެންދިޔަ 19 ވަނަ ގިނިސް ވޯލްޑް ރެކޯޑް ދުވަހުގެ މުނާސަބަތުގައި އާ ރެކޯޑްތައް ހެދުމުގައިވެސް ގިނަ ބަޔަކު ޝާމިލުވި

ކޮންމެ އަހަރަކުވެސް ނޮވެމްބަރު މަހުން ދުވަހެއްގައި ގިނިސް ވޯލްޑް ރެކޯޑް ދުވަސް ފާހަގަ ކުރާއިރު، މި އަހަރުގެ ގިނިސް ވޯލްޑް ރެކޯޑް ދުވަސް ދިމާވީ ނޮވެމްބަރު 10 ވަނަ ދުވަހާ
ދުނިޔޭގެ ރެކޯޑް ފޮތުން ޖާގައެއް ލިބުމަކީ ހަމަ ޔަގީނުންވެސް ފަޚުރަކަށް ނޫނީ ނުވާނެއެވެ. އިންސާނުންނަށް ކެރި ކުޅާދާނަވެގެންވާ ކަންކަމުގެ ތެރެއިން އެންމެ އާދަޔާ ޚިލާފު ހުނަރުދައްކާ މީހުންގެ އަގު ވަޒަންކުރުމުގެ ގޮތުން ގިނިސްއިން ދުނިޔޭގެ ރެކޯޑް ފޮތުގައި އެމީހުންގެ ނަންތައް ޝާއިއު ކުރަމުން ދާއިރު، ބައިނަލްއަގުވާމީ ފެންވަރުގައި ގިނިސް ވޯލްޑް ރެކޯޑް ދުވަހެއްވެސް ފާހަގަ ކުރެއެވެ. ކޮންމެ އަހަރަކުވެސް ނޮވެމްބަރު މަހުން ދުވަހެއްގައި ގިނިސް ވޯލްޑް ރެކޯޑް ދުވަސް ފާހަގަކުރާއިރު، މި އަހަރުގެ ގިނިސް ވޯލްޑް ރެކޯޑް ދުވަސް ދިމާވީ ނޮވެމްބަރު 10 ވަނަ ދުވަހާއެވެ.
ގިނިސް ވޯލްޑް ރެކޯޑް ދުވަހާ ދިމާކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަފާތު އެކި ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އާދަޔާ ޚިލާފު، އެކި ހުނަރުތައް ދައްކާލުމުގައި ގިނަ ބަޔަކު ދިޔައީ ހަރަކާތްތެރި ވަމުންނެވެ. އެގޮތުން މިނެޓެއްގެ ތެރޭގައި، އެއް އަތާ އަނެއް އަތް ބަދަލު ކުރަމުން، އަތް މައްޗަށް އެކޮޅުކޮޅުން ކޮޅަށް ތެދުވޭ އެންމެ ގިނަ އަދަދު ޖެހުމާއި، ސްކޭޓްބޯޑު ދުއްވަމުން އެނބުރޭ ޕަޒްލްތައް އެންމެ ގިނަ އަދަދަކަށް ރޭވުން ކަހަލަ އެތައް ކަމެއް ވަނީ ފެނިފައެވެ.
"ސުޕަރ ސްކިލްސް"ގެ ނަމުގައި ކުރިއަށް ގެންދިޔަ 19 ވަނަ ގިނިސް ވޯލްޑް ރެކޯޑް ދުވަހުގެ މުނާސަބަތުގައި އާ ރެކޯޑްތައް ހެދުމުގައިވެސް ގިނަ ބަޔަކު ޝާމިލުވިއެވެ.
އިނގިރޭސިވިލާތަށް ބަލާއިރު ސްކޭޓްބޯޑް ޕާކު ތެރޭގައި ސްކޭޓް ކުރަމުން ދިޔަ އިނގިރޭސި ދަރިވަރު އަދި ސްޕީޑް ކިއުބިންގް ޗެމްޕިއަން ޖޯޖް ސްކޯލީ ވަނީ، ރޮޓޭޓިންގް ޕަޒްލް ކިއުބްގެ 500 ޕަޒްލް ރާވާފައެވެ.
ޖަޕާނުގައި، ޖޫންޖީ ނަކަސޯނޭ ވަނީ ދެއަތް ހަށިގަނޑުގެ ހުރަހަށް ދެމެން އޮތް އެންމެ ދުރަކަށް ދަމައި، ކަނާތުގެ އިނގިލިތަކުގެ އެންމެ ކުރިން ފެށިގެން މޭމަތި ހުރަސްކޮށް، ވާތުގެ އިނގިލިތަކުގެ އެންމެ ކުރިއާ ހިސާބަށް 3 ބާސްކެޓް ބޯޅަ، ވައްޓާނުލައި އަނބުރަމުން އަނބުރަމުން ބެލެންސްކޮށްފައެވެ. އެގޮތަށް، އެއްކޮޅުން އަނެއް ކޮޅަށް އޭނާ ވަނީ 56 ފަހަރެއްގެ މަތިން ބޯޅަތައް ހުރަސްކޮށްފައެވެ.
ގިނިސް ވޯލްޑް ރެކޯޑްސްގެ އެޑިޓަރ އިން ޗީފް، ކްރެއިގް ގްލެންޑޭ ވިދާޅުވީ، ގިނިސް ވޯލްޑް ރެކޯޑް ދުވަހަކީ ބައިނަލްއަގުވާމީ ފެންވަރުގެ ދުވަހެއް ކަމަށާއި، ގިނިސް ވޯލްޑް ރެކޯޑް ފޮތުގައި އެމީހެއްގެ ނަން ހިމެނުމުގެ ފުރުސަތު، ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރި، ކޮންމެ މީހަކަށްވެސް އެބަ އޮތް ކަމަށެވެ.
ދުބާއީގައި އައްމާރު އަހުމަދު އަލްޚުދިރީއާއި އަބްދުﷲ ސައީދު އަލްހައްތަވީ ދައްކާލީ، ގުޅިފައިވާ ހުނަރެކެވެ. ކުއަޑް ބައިކެއްގެ ކުރީ ފުރޮޅު ހިއްލައިގެން އެކަކު ހުނަރުތައް ދައްކަމުން ދިޔައިރު، އަނެކަކު އިނީ އޭގެ މަތީގައި އިށީނދެލައިގެންނެވެ. ހަމަ އިނީކީއެއް ނޫނެވެ. އެއް ފައިމަތީގައި ފުޓުބޯޅައެއް ބެލެންސްކޮށް، ބައުންސް ކުރަމުން ދިޔަ އެ ޒުވާނާ ވަނީ 70 ފަހަރު އެކަން ކޮށްފައެވެ. އަލްޚުދިރީ ވަނީ އެއް އަތުން ދަގަނޑެއްގައި އެލިގެން އޮވެ، 30 ސިކުންތު ތެރޭގައި 87 ފަހަރު ފުޓުބޯޅައެއްގައި ޖަހާފައެވެ.
މެކްސިކޯގެ ނިކޮލަސް މޮންޓީޒް ޑި އޯކާ ވަނީ 3 ޓައިޓްލްއެއް ކަށަވަރުކޮށްފައެވެ. މުޅިންވެސް އެކޮޅުކޮޅުން އެއް އަތް މައްޗަށް އޮވެގެން ހޯދި ޓައިޓްލްތަކެވެ.
ގިނިސް ވޯލްޑް ރެކޯޑްސްއިން ބުނާ ގޮތުގައި، އެ ހަރަކާތުގެ މައިގަނޑު މަގުސަދަކީ، ދުނިޔެއަކީ ދިރިއުޅުމަށްޓަކާ އަދަށް ވުރެ ޝައުގުވެރި، މަޖާ އަދި "ޕޮޒިޓިވް" ތަނަކަށް ހެދުމެވެ. އަދި އާދަޔާ ޚިލާފު ކަންކަމުގެ ތެރެއިން މީހުންނަށް ހިތްވަރު އާކޮށްދިނުމަކީވެސް އެ ހަރަކާތުގެ ޝިއާރެއްކަން ފާހަގަ ކުރެއެވެ. ދުނިޔޭގެ ފެންވަރުގައި ގިނިސް ވޯލްޑް ރެކޯޑް ދުވަހެއް އެންމެ ފުރަތަމަ ފާހަގަކޮށްފައިވަނީ 2004 ވަނަ އަހަރުއެވެ.