ކ. މާލެ
|
9 އޮކްޓޯބަރ 2022 | އާދީއްތަ 16:35
ނައިބު ރައީސް ރ އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި، އާދީއްތަ ދުވަހު ވަނީ މާލެ ވަޑައިގަންނަވާފައި
ނައިބު ރައީސް ރ އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި، އާދީއްތަ ދުވަހު ވަނީ މާލެ ވަޑައިގަންނަވާފައި
ރައީސް އޮފީސް
ނައިބު ރައީސް
ނައިބު ރައީސް، ރ އަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެވަޑައިގެންފި
 
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި، އެތަނުގެ ތަރައްގީއަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ހޮސްޕިޓަލުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވި
 
ރަށްރަށުގެ ތަރައްގީއަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރައްވައި މަޝްވަރާކުރެއްވި
 
އިނގުރައިދޫ، އިންނަމާދޫ، މާކުރަތު، އަދި ދުވާފަރަށް ވަޑައިގެން އެރަށްރަށުގެ ކައުންސިލްތަކާއި އަދި އ.ތ.މ ކޮމިޓީތަކާ ބައްދަލުކުރައްވާފައިވޭ

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް ކުރެއްވި ދެ ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަަށްފަހު މިއަދު މެންދުރުފަހު މާލެވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ރ އަތޮޅަށް ކުރެއްވި މިދަތުރުފުޅުގައި, މީހުންދިރިއުޅޭ ރަށްރަށުގެ ތެރެއިން ވަޑައިގެންނެވީ އެއަތޮޅު އިނގުރައިދޫ، އިންނަމާދޫ، މާކުރަތު، އަދި ދުވާފަރަށެވެ. މިރަށްރަށަށް ވަޑައިގެން އެރަށްރަށުގެ ކައުންސިލްތަކާއި އ.ތ.މ ކޮމިޓީތަކާއި ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްގީއަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރައްވައި މަޝްވަރާކުރެއްވިއެވެ.

އެގޮތުން ރ އިނގުރައިދޫ ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައި، އެރަށުގެ ތަރައްގީގެ މުހިންމު މަޝްރޫއުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު އިނގުރައިދޫއަށް ވަޑައިގެންނެވުމުން ރަށުގެ ރައްޔިތުން ދެންނެވި ހޫނު މަރުހަބާއަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ސަރުކާރުން އަދި (ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ) ރަށްރަށުގެ ހާލަތު ގާތުން ބައްލަވައި އެރަށެއްގެ ރައްޔިތުން އެންމެ އެދޭގޮތަށް އެރަށެއްގެ ތަރައްގީގެ ކަންކަން ކުރިއަށްގެންދަވަން ޚާއްސަ އިސްކަމެއް ދެއްވާކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގެ ބައިވެރިން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން ބައެއް ކަންކަމަކީ މިހާރު އެކި މަރުހަލާގައި ކުރިއަށްދާ މަޝްރޫއުތައްކަން ފާހަގަކުރައްވައި، އެ މަޝްރޫއުތަކުގެ ފަހުގެ މައުލޫމާތު އެމަނިކުފާނު ހިއްސާކުރެއްވިއެވެ. މީގެ އިތުރުން ބައްދަލުވުމުގެ ބައިވެރިން ފާހަގަކުރެއްވި ކަންކަމާ ގުޅޭގޮތުން ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވާނެކަމަށް ވިދާޅުވިއެވެ.

ރ. އިންނަމާދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި ނައިބު ރައީސް ވިދާޅުވީ، ސަރުކާރުން (ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ) ކަންކަން ކުރައްވަނީ ރައްޔިތުންގެ އަޑުއައްސަވައިގެން ރައްޔިތުން އެންމެ ބޭނުންވާ ކަންކަމަށް އިސްކަމެއް ދެއްވައިގެންކަން ފާހަގަކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ ބައްދަލުކުރެއްވުމުގެ ބައިވެރިން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވާނެކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން، ކުދިންނަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އިންނަމާދޫ ސިއްހީ މަރުކަޒަށް ޒިޔާރަތްކުރައްވައި، އެތަނުގެ ހާލަތު ބައްލަވާލައްވައި، މުވައްޒަފުންނާ މަޝްވަރާކުރައްވާފައެވެ.

ރ. މާކުރަތު ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި އަދި މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރައްވައި، އެރަށުގެ ތަރައްގީގެ މުހިންމު މަޝްރޫއުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، މާކުރަތުގެ ތަރައްގޯއަށް ކުރިއަށްދާ މުހިންމު ބައެއް މަޝްރޫއުތައް ފާހަގަކުރައްވައި، އެ މަޝްރޫއުތަކާ ގުޅޭ ފަހުގެ މައުލޫމާތުތައް ހިއްސާކުރައްވާފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ރަށަށް ފައިދާހުރި ކަންކަމުގައި ހުރިހާ ފަރާތްތައް ގުޅިގެން އެކުވެރިކަމާއެކު ކުރިއަށްދިއުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވި ކަންކަމުގައި، ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވާނެކަމަށް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މާކުރަތު ސިއްހީ މަރުކަޒަށް ޒިޔާރަތްކުރައްވައި އެތަނުގެ ހާލަތު ބައްލަވާލައްވައި، ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ކުރިޔަށްދާގޮތް ބައްލަވާލައްވައި، މުވައްޒަފުންނާ މަޝްވަރާކުރައްވާފައެވެ.

އެއަށްފަހު އެމަނިކުފާނު ވަނީ ރ. ދުވާފަރު ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައި، އެރަށުގެ ތަރައްގީގެ މުހިންމު މަޝްރޫއުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، މިސަރުކާރަކީ ރައްޔިތުންނާ ވަރަށް ގާތުން މަސައްކަތްކުރާ ސަރުކާރެއްކަމާއި، އެގޮތުން ރައްޔިތުންގެ ކަންކަން ސަރުކާރުން ނިންމަމުންގެންދާނީ ރައްޔިތުން ބޭނުންވާ ގޮތްތައް ބައްލަވައިގެން ރައްޔިތުންގެ ޚިޔާލާއެކުގައި ކަމަށެވެ. މީގެ އިތުރުން ރަށްރަށުގެ ތަރައްގީއަށް ހިންގާ އެންމެބޮޑެތި މަޝްރޫއުތަކުން ފެށިގެން އެންމެ ކުދި ކަންކަންވެސް ދޫނުކޮށް، ސަރުކާރުން ފުރިހަމަކޮށްދެއްވަމުން ގެންދަވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމަށްފަހު ދުވާފަރުގެ މުައައްސަސާތަކުގެ އިސްވެރިންނާވެސް އެމަނިކުފާނު ވަނީ ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން މިއަދު ދުވާފަރު ސިއްހީ މަރުކަޒަށް ޒިޔާރަތްކުރައްވައި އެތަނުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި އެ މަރުކަޒުގެ ހާލަތު ބައްލަވާލެއްވިއެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅުގައި ވަނީ، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި އެތަނުގެ ތަރައްގީއަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ހޮސްޕިޓަލުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އެކި ޔުނިޓްތަކަށް ޒިޔާރަތްކުރައްވައި، މުވައްޒަފުންނާ ބައްދަލުކުރައްވައި، ބައެއް ބަލިމީހުންނަށް ޒިޔާރަތްކުރައްވައި އަދި، ހޮސްޕިޓަލް ބައްލަވާލައްވާފައެވެ. މީގެ އިތުރުން އެ ހޮސްޕިޓަލުގެ އެކްސްޓެންޝަން އިމާރާތަށް ޒިޔާތްކުރައްވައި، އެތަނުގެ މަސައްކަތްތައް ކުރިއަށްދާ ގޮތްވެސް އެމަނިކުފާނު ބައްލަވާލެއްވިއެވެ.

އެ ހޮސްޕިޓަލުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތަކީ އެ ހޮސްޕިޓަލުގެ ޚިދުމަތްތައް ޓާޝަރީ ފެންވަރަށް ގެންދިއުމަށް ކުރެވޭ މަސައްކަތުގެ ދަށުން ކުރެވޭ މަސައްކަތެކެވެ. މި އިމާރާތުގައި، އާ ޚިދުމަތްތައް ގާއިމުކުރުމާއެކު، މިހާރު ދެމުން އަންނަ ޚިދުމަތްތައް އިތުރަށް ފުޅާވެ ގިނަ ބަޔަކަށް އެއްފަހަރާ ޚިދުމަތް ދިނުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

މީގެ އިތުރުން އުނގޫފާރު ކައުންސިލާއި އ.ތ.މ. ކޮމެޓީ، އަދި މުއައްސަސާތަކުގެ ވެރިންނާ ނައިބު ރައީސް ބައްދަލުކުރައްވައި ރަށުގެ ތަރައްގީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. މި ބައްދަލުކުރެއްވުމަށްފަހު އެމަނިކުފާނު ވަނީ، އުނގޫފާރު ސްކޫލުގެ ބެލެނިވެރިންނާ ބައްދަލުކުރައްވައި އެ ބޭފުޅުންގެ ހުރި ކަންބޮޑުވުންތަކާއި، ސްކޫލާއި ގުޅިގެން ފާހަގަކުރެއްވި ކަންކަމުގައި މަޝްވަރާކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް