"ޤައުމު ދުށް އަދަކީ ތޯ ނަޔާ ނުދެކޭ ފަދަ ރޯޝަން ޒަމާން ހާމަކޮށްދޭ ތެދު ހަގީގަތެކޭ، އުފަލުން މީ ބުނާ ނޫރަކުން އައި އަލިވެގެން"
މިއީ މަޝްހޫރު ހޯރަފުށީ މަރުހޫމް އާދަމް ސަލީމް ނުވަތަ ހޯރަފުށީ ސަލީމްބެގެ ފަށުވި، އެހާމެ މާނަފުން ޅެމެކެވެ. އެހާ ކުރިންވެސް ޤައުމާމެދު އެ ޅެންވެރިއާގެ ވިސްނުން މިގޮތައް ތިލަވެފައިވުމަކީ އިއްތިފާގެއް ނޫނެވެ. ޅެންވެރިންނާއި ދިރާސާ ކުރާމީހުން ދުރަށް ޖަހާ ހިސާބުގެ ޔަޤީންކަމެއްވެސް މެއެވެ.
އެއީ ދާދި އިހަކަށް ދުވަހެވެ. މީހުން ހަނދާން ނެތޭހާ ގިނަ އަހަރުތަކެއް އަދިއެއް ނުވެއެވެ. ގައުމަށް ވެރިވެފައި ވަނީ އަނިޔާއާއި ފަސާދައިގެ ކަޅު ވިލާތަކެވެ. ގޮށްމުށުގެ ބާރު ހިންގުމާއި ގާނޫނުގެ ބާރު ނުހިނގުމެވެ. ފާޅުގައި ރައްޔިތުންގެ މުދަލަށް ވަމުން ދިޔަ ބޮޑު ހިޔާނާތެވެ. ދުލުގައި އެޅުވިފައިވާ ތަޅާއި، ގަލަންތަކުގެ ހިފަހައްޓާފައިވާ ދެއްޔެވެ. ބަންދުކުރަމުން ދިޔަ ނޫސްތަކާއި، ހުއްޓުވަމުން ދިޔަ ޓީވީތަކެވެ. ސަރުކާރާމެދު ނުރުހި ފާޅުކުރި ޚިޔާލުން ހުރަގޭގައި ބިރުވެރިކަމުގައި ދުވަސްތައް ގުނަމުން ދިޔަ އާންމު ފަރުދުންނާއި ނޫސްވެރިންނާއި ސިޔާސީ ލީޑަރުންނެވެ. މަގުތަކަށް ވެރިކުރުވާފައިވާ ނާމާންކަމާއި، އެއްވެސް ފަރުދަކަށް އަމާންކަން ނެތް ކަމެވެ. އަނިޔާއިން މިންޖުކުރައްވާތޯ ކޮންމެ ހުކުރު ނަމާދަކަށް ފަހު ކުރަމުން ދިޔަ ދުޢާތަކާއި، ދުޢާއަށް ހިއްލި އަތް ތިރިނުކުރެވެނީސް އަޅުވަމުން ދިޔަ ބިޑިއެވެ. ޤައުމާއި ރައްޔިތުންނަށް ޓަކައި ހުވާ ކުރައްވައިގެންތިބި ފުލުހުންނަށް ލިބޭ މަތީ އޯދަރަށް ހިތާ ދެކޮޅަށް އެކަން ކުރަން ޖެހުމެވެ. ސަލާމަތަށް އެދި އެއް ބަޔަކު ގައުމުން ބޭރަށް އަރުވާލެވިގެން ތިބެން ޖެހިއްޖެއެވެ.
ގިނަ ޕާޓީތަކެއްގެ ތާއީދާއެކު 2013 ވަނަ އަހަރު ފެށުނު ރިޔާސީ ދައުރުގެ އިރު މެދު ނުޖެހެނީސް ވެރިކަންކުރާ ކޯލިޝަންގެ ބައިވެރިން އެކި ތުހުމަތުތަކުގައި އަދި ފުރޭމްކުރެވިގެން ހުރަގެތަކުގައި ބަންދުކުރެވުނެވެ. ސިޔާސީ ދެކޮޅުވެރިކަމުގައި ހޫރާލި އަތުން އަމިއްލަ އާއިލާވެސް އިސްތިސްނާވެގެންނުގޮސް، ވެރިކަން ލިބުމުގައި މަދަދުގާރެއްގެ ގޮތުގައިވި އެއްބަފާ ބޭބެ މުސްކުޅި ދުވަހު ޖަލުގައި ބަންދުކެރެވުނެވެ. އާއިލީ އެކި ބޭފުޅުން ޖަލުގައި ބަންދުކުރެވުނެވެ. ދެ ނައިބު ރައީސުން ވަކިކުރެވުނެވެ. އެއް ނައިބަކު އަނިޔާއަށް ބިރުން ގައުމު ދޫކުރައްވައި ފިއްލަވައިވަޑައިގަންނަވަން ޖެހުނެވެ. ފުލުހުންގެ އެންމެ އިސް ބައެއް ފަރާތްތަކާއި ޑިފެންސް މިނިސްޓަރާއި ކޯލިޝަންގެ އެކި ބައިވެރިން ޖަލަށް ލެވުނެވެ. އިތުބާރު ގެއްލުވާލެވުނު ސިޔާސީ މަސްރަހުގައި ދެމި އޮތީ ދެކޮޅުވެރިކަމާއި ހަމަނުޖެހުމެވެ. ގައުމުގެ ހިމޭންކަން ގެއްލުނު ދުވަސްތަކެވެ. ހެޔޮ ހަސީލަތާއި މަޝްވަރާގެ ރިވެތި އާދަ ނެތި ދިޔުމުން ގައުމަކަށް ކުރިމަތިވާނެ އެންމެހައި ދެރަގޮތްތައް އެ ދުވަހު ގައުމަށް މެދުވެރިވިއެވެ.
ހެޔޮ ހަސީލަތް އިރުޝާދާ އަދި ވިޔަނުވާ ފަދަ އިހުސާނާ މާތް ހެޔޮ ނަސީބާއި ނަސްރާ މި ލިބިގެން
ގައުމު އެއްކުރާނޭ ލީޑާރަކަށް ބޭނުން ޖެހުނު ހިނދު، ސިޔާސީ ހިކުމަތާއި ރޭވުންތެރިކަން އިސްކުރައްވައި، އެ އިރުގެ އިދިކޮޅު ޖަމާއަތްތައް ސިޔާސީ ގޮތުން އެއް މިސްރާބުކޮށް "އެކުވެރި އިދިކޮޅު ހަރަކާތުގެ" އޮޑީގައި ގައުމު އަމާން ބަނދަރަކަށް ހޭރިޔާކޮށް ގެނެސްދެއްވީ ޅ. ހިންނަވަރު ނޫރާނީއާގޭ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. މީގެ 4 އަހަރު ކުރިން ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ރައްޔިތުންނަށް ލިބިގެން ދިޔަ އުފާވެރި ހަބަރަކީ އަނިޔާވެރި ދައުރެއްގެ ނިމުން ގެނުވައި، އިބްރާހީމް މުޙައްމަދު ޞާލިޙް އިންތިހާބު ކާމިޔާބުކުރެއްވި ހަބަރެވެ. އަލިވެގެން އައީ ނޫރާނީ ފަތިހެކެވެ.
އެއަށްފަހު ގައުމު ދުށް އަދަކީ ތޯއެވެ؟ އެއިރު ދުށް ބިރުވެރިކަމެއް ނެތެވެ. ސިޔާސީ ގޮތުން ހިޔާލުތަފާތުވެގެން ބަންދުކުރެވިފައިވާ އާންމު ފަރުދަކު ނެތެވެ. ސިޔާސީ ވާދަވެރިކަމުގައި ހުރަގެއަށް ލެވިފައިވާ އިދިކޮޅު ލީޑަރަކު ނެތެވެ. ބަންދުކުރެވިފައިވާ ނޫސްވެރިއެއް، ހިފެހެއްޓިފައިވާ ގަލަމެއް ނެތެވެ. ގަލަންތަކުގެ ދެލިން މިނިވަން ނޫސްވެރިކަމުގެ ސަފްހާތައް ދަނީ ފުރަމުންނެވެ. އެބައެއްގެ އިން އެބަޔަކު ދަމާލާނެ ވަރަކަށް ދަމާލަން ދޫ ދީގެންނެވެ. މިއަދުގެ ދައުލަތަކީ ސިއްރުވެރި ދައުލަތެއް ނޫނެވެ. ސަރުކާރުން ކުރަމުންދާ އެއްވެސް ހަރަދަކީ މިއަދު ސިއްރެއް ނޫނެވެ. ދައުލަތުގެ ހަރަދުބަރަދާއި ހިސާބުކިތާބު އާންމުކުރެވި، އެ ކަންކަމާ ގުޅޭ ގޮތުން ނޫސްތަކާއި މީސްމީޑިޔާގައި ތަންމިނަށް ދަނީ ލިޔެވެމުންނެވެ. ރައީސް އޮފީހުގެ ތަރުޖަމާނުގެ "ނޯ ކޮމެންޓްސް" ނިމުމަކަށް އަތުވެއްޖެއެވެ. އިދިކޮޅު ހިޔާލު ފާޅުކުރުމަކީ ބިރުވެރިކަމެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް އަތުވެއްޖެއެވެ. މިނިވަން ހިޔާލުފާޅުކުރުމާ ދެކޮޅުވެރި ދައުރަކަށް ފަހު، ތަފާތު ހިޔާލާތާ އެކު ގައުމު ކުރިއަށް ގެންގޮސްދޭ ދައުރެއް ފެނިއްޖެއެވެ. ފަރުދީ ގޮތުންނާއި ޖަމާއަތް އެކުވެ ސިޔާސީ ހަރަކާތް ހިންގުމަކީ ސަރުކާރުން ކަށަވަރުކޮށްދޭ ހައްގަކަށް ވެއްޖެއެވެ. މިއަދުގެ ދޭހުން ހާމަކޮށްދޭ، އުފަލުން ބުނާ ތެދު ހަގީގަތަކީ މިއެވެ.
ދިވެހި ރާއްޖޭގެ ސިޔާސީ ދުޅަހެޔޮކަމަށް އެންމެ ބޮޑަށް ބޭނުންވެފައިވަނީ އިތުބާރެވެ. ތަފާތު ހިޔާލާ އަދި ސިޔާސީ ޕާޓީތަކާއި ލީޑަރުންގެ މެދުގައި އޮންނަން ޖެހޭ ސިޔާސީ އިތުބާރެވެ. ގައުމުގެ ހަމަޖެހުމާއި ސަރުކާރެއްގެ ހަމަޖެހުން ބިނާވާ އެއް އަސްލަކީ ސިޔާސީ ވާދަވެރިކަމަކީ ގުޅަކުޅޭ ފަސްގަނޑަށް އެއްވެ ބަނޑުމުސާރައަށް ބެއްދުން ނޫންކަމަށް ވުމެވެ. އިދިކޮޅު ޕާޓީތަކުގެ ދައުރު އޮތުމާއި، ސަރުކާރުގައި ހިމެނޭ ތަފާތު ބިންގާތަކުގެ ސިޔާސީ ޕާޓީތައް އެކުލަވައިގެން ގައުމީ ވިސްނުމަކުން ކުރިއަށް ދިއުމެވެ. ވަކިވަކި ޕާޓީތަކާއި ސިޔާސީ ދެކޮޅުވެރިކަމަށް ވުރެ ގައުމު ބޮޑެވެ. ގައުމުގެ ސުލްހަމަސަލަސްކަން މާ މުހިންމެވެ. ކުރިއަރައިދާ އިގްތިސާދަކާއި ދެމެހެއްޓެނިވި ޑިމޮކްރެޓިކް ނިޒާމެއްގައި ގައުމު ދެކެމުން މި ދާ ނަޔާ ދައުރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ސިޔާސީ އިތުބާރު ދެމެހެއްޓެވިއެވެ. އާ ގާނޫނު އަސާސީއަށް ފަހު އިންތިހާބުވި ސަރުކާރުތަކުގެ ތެރެއިން ކޯލިޝަނެއް ދެމެހެއްޓެވި ހަމައެކަނި ދައުރަކީ މި ދެކޭ ދައުރެވެ. ސިޔާސީ ސުލްހަމަސަލަސް ދުވަސްތަކެއް ހޯއްދަވައިދެއްވީ އެ ދެމެހެއްޓެވި ސިޔާސީ އިތުބާރުންނެވެ. ހެޔޮ ހަސީލަތާއި އިރުޝާދުންނެވެ.
ދަތިތަކާއި މޮޅި އުނދަގޫ ހުރިހާ ނެތިފިލައިގެން ދާނޭގޮތުގައި ފަތިހަކަށް އަދު މި އަލިކޮށްފިއޭ ދެން
ވެދިޔަ ތަނުގައި ދިވެހި ރާއްޖޭގެ ތަރައްގީ އޮތީ އެއް ސަރަހައްދަކަށް މީޒާން ކުރެވިފައެވެ. މާލެއާއި މާލެ ވަށައިގެން ތަރައްގީގެ މަޝްރޫއުތައް ހިންގަމުން ދިޔައިރު ދަތިތަކާއި އުނދަގޫ ހާލަތު ތަހަމައްލު ކުރަމުން ދިޔަ އަތޮޅުތަކުގެ އާދޭހަށްވަނީ އަޅާނުލެވިއެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ރިޔާސީ ދައުރު ފެއްޓެވި އިރު ދިވެހި ރާއްޖޭގެ 70 އިންސައްތަ ރަށުގައި ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމެއް ނެތެވެ. "ތަރައްގީގެ ވާހަކަ ދައްކަން ފަށަން ޖެހޭނީ ގައިން ތާހިރުވެ ތިބެ" ކަމުގައި ވިދާޅުވެ މުޅި ރާއްޖޭގެ ސާފު ބޯފެނާއި ނަރުދަމާގެ ހިދުމަތުގެ ބިޔަ ބޮޑު މަޝްރޫއު ފެއްޓެވިއެވެ. މިހާތަނަށް 141 ފެނާއި ނަރުދަމާގެ މަޝްރޫޢު ކޮންޓްރެކްޓް ކުރެވި، 11 މަޝްރޫޢު މުޅިން ނިންމާ، 130 މަޝްރޫޢުގެ މަސައްކަތް މިހާރުވެސް އެދަނީއެވެ. ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމްގެ ނިޒާމަކީ ރަށްރަށުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ފުރިހަމަވެގެންދާ އަސާސީ ތަރައްގީގެ އެންމެ ބޮޑު ހިތްހަމަޖެހެމެވެ. އަދި ރަށްރަށުގެ އިގްތިސާދީ މަސައްކަތްތަކަށް ފަހިކޮށްދެވުނު ޚިދުމަތެކެވެ.
މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ފެނާ ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތުގެ އިތުރުން އަސާސީ ޚިދުމަތްތަކުގެ ގިނަ މަޝްރޫއުތަކެއް ސަރުކާރުން ދަނީ އަތޮޅުތަކުގައި ހިންގަމުންނެވެ. މޫސުން ގޯސް ދުވަސްވަރެއް ނަމަ ފަޅުތެރެ ގަދަވެ އޮޑިއަށް ލިބިދާނެ ގެއްލުމަކަށް މޮޅިވެރިކަމާއެކު ހޭލާ ތިބި ރަށްރަށުގެ ރައްޔިތުންނަށް ސަރުކާރުން ދަނީ ލަފާފުރުމުގެ ފަސޭހަކަން ގެނެސްދެމުންނެވެ. އާ ބަނދަރުތައް ހެދުމާއި ފަޅުފުންކުރުމާއި ބަނދަރުތައް މަރާމާތުކުރުމުގެ އެންމެ ގިނަ މަޝްރޫއު ހިންގަމުން ދަނީ މޮޅިތަކާއި އުނދަގޫ ނެތިފިލައިގެން ދާނޭގޮތުގައި އަލިވިލުނު ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ މި ނަޔާ ރިޔާސީ ދައުރުގައެވެ. ސަރަހައްދީ ސިއްހީ ފަރުވާގެ ޚިދުމަތް ޓާޝަރީ ފެންވަރަށް ގެނައުމާއި އިގްތިސާދާއި ރަށްފުށުގެ ދިރިއުޅުމާއި ޚިދުމަތްތައް ގުޅިގެންދާނެ ގޮތުން ގާއިމުކުރެވޭ ޖީބަށް ލުއިވި ގައުމީ ފެރީ ނިޒާމެވެ. ރަށު މެދުގައި ރައްޔިތުންނަށް އެތަކެއް ދައްޗާ އުނދަގޫ ފޯރުވަމުން ދިޔަ ގެދަބުޅި އިންޖީނުގެތަކުގެ ބަދަލުގައި ޒަމާނީ އިންޖީނުގެތައް ބިނާކުރުމާއި ލާމަރުކަޒީ ބާރުވެރިކަން އިތުރުކުރުމެވެ. އަތޮޅު އަދި ރަށު ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވައި ސަރަހައްދީ އަދި ރަށު ތަރައްގީގެ ނޫރާނީ ފަތިހަކަށް އަލިކަން ގެނެސްދެމުން ދަނީ މި ނަޔާ ރިޔާސީ ދައުރުގައެވެ.
ސަރުކާރުން ރަށްރަށުގައި ހިންގަމުންދާ ތަރައްގީގެ މަޝްރޫއުތައް އެއީ އާދައިގެ ކުޑަ ކަމެއްގެ ގޮތުގައި ދެކޭ ބަޔަކުވެސް އެބަ ތިއްބެވެ. އެމީހުން ބުނެއެވެ. "ތަރައްގީ އޭ ކިޔާފައި ތިޔަ އަޅަނީ ސެޕްޓިކް ޓޭންކާއި ހޮޅިއެވެ. އަސާސީ ޚިދުމަތެވެ. ތިޔައީ ބިޔަ ބޮޑު ތަރައްގީގެ މަޝްރޫއުތަކެއް ނޫނެވެ". އާނއެކެވެ. އަސާސީ ޚިދުމަތެވެ. ފާއިތުވެ ދިޔަ ދައުރުތަކުގައި ރަށްރަށުގެ އަސާސީ ޚިދުމަތްތައް ފުރިހަމަކޮށްދެވިފައި ވީ ނަމަ، މިއަދު އަސާސީ ހިދުމަތްތައް ފުރިހަމަކުރުމަށް މި ހޭދަ ދައުލަތުން ކުރާކަށް ނުޖެހުނީހެވެ. ތަރައްގީގެ އެހެނިހެން މަޝްރޫއުތަކަށް ހޭދަކުރެވުނީހެވެ. މި ދައުރުގެ ނަޔާކަމަކީ ހުރިހާ ރަށެއްގެ އަސާސީ ހިދުމަތްތައް ފުރިހަމަކުރެވި، ކުރިއަށް އޮތް އަހަރުތަކުގައި ރަށްރަށުގެ ތަރައްގީގެ އެހެނިހެން މަޝްރޫއުތަކަށް ހޭދަކުރާނެ މަގުތަނަވަސްވުމެވެ.
ނިކަން ފިކުރުކޮށް ވިސްނާލަމާ ބަހީއެވެ. ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ދައުރުން ފާއިތުވި އަހަރަތަކުން ދެ އަހަރަކީ ދުނިޔެ ދުށް އިގްތިސާދީ އެންމެ ބޮޑު އެއް ދަތިތަކުގެ ދުވަސްވަރެވެ. ދުނިޔެއަށް ކުރިމަތިވި ކޯވިޑް-19ގެ އާލަމީ ވަބާގެ ރާޅުތައް ދިވެހި ރާއްޖެއަށް އަރައިގެން ދިޔައީ ސުނާމީގައި ލިބުނު ގެއްލުމަށް ވުރެ ބޮޑު އިގްތިސާދީ ދަތިކަމެއް ގައުމަށް ގެނުވާފައެވެ. އިގްތިސާދީ ރޭވުންތެރިކަމާއެކު ސަރުކާރުން މަސައްކަތް ނުކުރި ނަމަ، ބޮޑުތަދުގެ ދަތިކަން ފަދަ ތަދުކަމެއް ނައިސް ނުދާނެ ބިރުވެރިކަން ގެނުވާފައެވެ. ދިވެހި ރާއްޖެއާ އެންމެ އަވަށްޓެރި ސްރީ ލަންކާގެ ހާލަތުން އެ ގައުމު ދުށް އަދު ބުނެދެއެވެ.
މި ގައުމު ދުށް އަދަކީތޯއެވެ. ކޯވިޑް-19ގެ އިގްތިސާދީ ދަތިން ދިވެހި ރާއްޖެ އަރައިގަތުމަށް ރޭވުންތެރިކަމާ އެކު އިގްތިސާދީ ސިޔާސަތު ހިންގުނެވެ. އިނދަޖެހެމުން ދިޔަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެމުން ދިޔައެވެ. އަމިއްލަ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ވަޒީފާތައް ގެއްލެމުން ދިޔަ މުވައްޒަފުންނަށް ސަރުކާރުން އިންކަމް ސަޕޯރޓް އެލަވަންސް ފޯރުކޮށްދިނެވެ. ސަރުކާރު އަދި ދައުލަތުގެ އެއްވެސް މުވައްޒަފެއްގެ މުސާރައިން އިގްތިސާދީ އެންމެ ބޮޑު ދަތީގައިވެސް އެންމެ ރުފިޔާއެއްވެސް އުނިކޮށްފައި ނުވެއެވެ.
ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަނެ، އިގްތިސާދީ ގޮތުން ގައުމު އަލުން ކޮޅަށް ޖެހުމަށް ވެކްސިންގެ ކާމިޔާބު ޕްރޮގްރާމެއް މުޅި ރާއްޖޭގައި ހިންގުނެވެ. ދިވެހި ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ދުނިޔެއަށް އިސްތިހާރުކުރުމުގެ ކާމިޔާބު ހަރަކާތްތަކެއް ހިންގުނެވެ. ދުނިޔޭގެ ބޯޑަރުތައް ބަންދުވެ، ހުއްޓުމަކަށް އައިސް އޮތުމަށްފަހު ސުމަކުން އަލުން ފެށި ފަތުރުވެރިކަމުގައި މި އަހަރުގެ ނިޔަލަށް 1.3 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެ ކަމުގައި އަންދާޒާކުރެވެއެވެ. ކޯވިޑް-19އަށް ފަހު ބާލީ ފަދަ ދުނިޔޭގެ މަގްބޫލް އެތައް މަންޒިލެއްގެ ފަތުރުވެރިކަމަށް އަދިވެސް ދިރުން ނާދެއެވެ. ކޯވިޑް-19ގެ ދަތިން އަރައިގަނެ، ދިވެހި ރާއްޖޭގެ އިގްތިސާދު އަލުން ކޮޅަށް ނަގައި ފަރުދުންނަށް ނަފާވާނެ ހެޔޮ ބަދަލުތަކެއް ފެނިގެން ދިޔައެވެ. މިނިމަމް ވޭޖާއި ސާވިސް ޗާޖުގެ ގާނޫނު ތަންފީޒުކުރެވި، ދިވެހި ރާއްޖޭގެ އެންމެ ބޮޑު ސިނާއަތުކަމުގައިވާ ފަތުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މުވައްޒަފުންގެ މުސާރަތަކަށް އެދެވޭ ރަނގަޅު ބަދދަލެއް ގެނެވުނެވެ. ތައުލީމީ ދާއިރާއަށް އުފާވެރި ދުވަސްތަކެއް ގެނެވުނެވެ. ޓީޗަރުންނާއި ޕްރިންސިޕަލުންގެ މުސާރަތައް ދެގުނަކުރެވިގެން ދިޔައެވެ. ދެން ބޮޑު ކުރާނީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ކަމަށާއި އެކަމާގުޅޭ ނިންމުންތައް މިއަހަރު ނިންމާނެކަމުގެ ހަބަރެވެ.
ހަގީގަތުގައިވެސް އަލިވެގެން އައީ ކުރިން ނުދެކޭ ފަދަ ރޯޝަން ޒަމާނަކަށެވެ. ދަތިތަކާއި އުނދަގޫތައް ފިލައިގެންދާނޭ ގޮތުން އަލިކުރި ނަޔާ ފަތިހަކަށެވެ. ސަލީމްބެ އެވިދާޅުވި "ތެދު ޙަޤީގަތް" ރަމްޒުކޮށްދޭން މީގެ އެތަކެއް އަހަރާ ތަފާތުކޮށް މިހާރުއޮތް، ސަލީމްބެގެ އުފަން ރަށް ހއ ހޯރަފުށި އެކަނިވެސް މިސާލަކަށް ފުދެއެވެ.
"ހާމަކޮށްދޭ ތެދު ހަގީގަތެކޭ، އުފަލުން މީ ބުނާނޫރަކުން އައި އަލިވެގެން"