ކ. މާލެ
|
8 ސެޕްޓެންބަރ 2022 | ބުރާސްފަތި 10:45
ޔާމީނާއި ޔޫސުފް ނައީމްގެ މައްޗަށް ރިޝްވަތުގެ ދައުވާ ކުރަނީ އާރަށް ކުއްޔަށް ދިނުމުން ރިޝްވަތުގެ ގޮތުގައި ޔާމީނަށް ޔޫސުފް ނައީމް އެއް މިލިއަން ޑޮލަރު ދެއްވި ކަމަށް ބުނެ
ޔާމީނާއި ޔޫސުފް ނައީމްގެ މައްޗަށް ރިޝްވަތުގެ ދައުވާ ކުރަނީ އާރަށް ކުއްޔަށް ދިނުމުން ރިޝްވަތުގެ ގޮތުގައި ޔާމީނަށް ޔޫސުފް ނައީމް އެއް މިލިއަން ޑޮލަރު ދެއްވި ކަމަށް ބުނެ
ރާއްޖެއެމްވީ
ރައީސް ޔާމީން ހިންގެވި އާރަށުގެ ހިޔާނާތް
ރައީސް ޔާމީން ހިންގެވި އާރަށުގެ ހިޔާނާތް – ޔާމީނަށް އެއް މިލިއަން ޑޮލަރު ދިން ކަމަށް ޔޫސުފް ނައީމް ވިދާޅުވި ކަމަށް ޒިޔަތު ހެކިބަސް ދިނުން
 
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެއް މިލިއަން ޑޮލަރު ލިބުނުކަމަށް ޒިޔަތު ބުނެފައިވޭ
 
ވ.އާރަށް މުއާމަލާތްތަކުގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމް އިސްކޮށް އުޅުނުކަމަށް ހެކިބަސްދީފައިވޭ
 
ދައުލަތުން ބުނިގޮތުގައި އެޗް.އެސް.ބީ.ސީގައި ހުޅުވާފައިވާ ޔާމީންގެ އެކައުންޓަކަށް ޔޫސުފް ނައީމް ދިން ޗެކް ޖަމާކުރިއިރު، ޗެކާއެކު ފޮނުވި ސިޓީގައި ވަނީ އެއީ "ޕޮލިޓިކަލް ކެމްޕެއިނަށް" ދިން ފައިސާ ކަމަށް

ދިވެހިރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑުއެއް ހިޔާނާތުގެ މައްސަލަކަމަށްވާ އެމް.އެމް.ޕީ.އާރު.ސީގެ ކޮރަޕްޝަން މައްސަލައާ ގުޅުންހުރި ވ.އާރަށް ވިއްކުމުގައި ހިންގި ހިޔާނާތުގެ މައްސަލާގައި ރައީސް ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމަށް ކުރާ ރިޝްވަތު ހިފުމާއި މަނީލޯންޑަރިންގެ ދައުވާތައް ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިންގެ ތެރޭގައި ހިމެނޭ އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހެކިބަސްދެމުން ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެއް މިލިއަން ޑޮލަރު ދިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމް ބުނެފައިވާކަމަށް ވަނީ ބުނެފައެވެ.  

ކްރިމިނަލް ކޯޓުގައި ހެކިބަސް ދެމުން، ޒިޔަތު ބުނެފައިވަނީ އާރަށުގެ ކަންތަކުގައި ރައީސް ޔާމީން ވިދާޅުވެގެން ޔޫސުފް ނައީމް ކިޔާ މީހަކު ކޮމިއުނިކޭޓް ކުރާނެ ކަމަށް އޭރުގެ ނައިބު ރައީސް އަހުމަދު އަދީބު ބުނެފައިވާކަމަށެވެ. އަދި އެރަށުގެ ކަންތައްތަކުގައި ޔޫސުފް ނައިމްއާ މުއާމަލާތް ކުރެވުނުކަމަށްވެސް ބުނެފައިވެއެވެ. އެރަށުގެ އަގުގެ ގޮތުގައި ފުރަތަމަ ފަސް މިލިއަން ޑޮލަރު ކަނޑައެޅީ އަދީބާ މަޝްވަރާ ކުރުމަށްފަހު ކަމަށްވެސް ޒިޔަތު ބުނެފައިވެއެވެ. 

ޒިޔަތު ހެކިބަސްދެމުން އާރަށުގެ އަގު ފަސްމިލިއަންއަށް ކަނޑައެޅިފަހުން އެއަގު ކުޑަކުރަން ޔާމީން އެންގިކަމަށް އަދީބު ބުނުމުން އެ ރަށުގެ އަގު ދެ މިލިއަން ޑޮލަރަށް ދަށްކުރިކަމަށް ބުނެފައިވެއެވެ. ފުރަތަމަ ތިން މިލިއަނަށް ކުޑަކޮށްފައިވަނިކޮށް އެގްރިމެންޓް ސޮއިކުރުމުގެ މަރުހަލާގައި އެއަށް ވުރެ ކުޑަކޮށްފައި ދެ މިލިއަނަށް ރަށުގެ އަގު ނިންމީ ޔާމިން ބުނެގެން އަދީބު އެގޮތަށް އެންގުމުންކަމަށް ޒިޔަތު ކްރިމިނަލް ކޯޓުގައި ހެކިބަސްދެމުން ބުނެފައިވެއެވެ. އާރަށުގެ އެ އެއްބަސްވުމުގައި ސޮއިކުރީ ސެޕްޓެމްބަރު 9، 2015 ގައިކަމަށާއި އެއީ އެމްއެމްޕީއާރުސީ މީޓިން ރޫމުގައި ކަމަށާއި އެ ބައްދަލުވުމުގައި ޔޫސުފް ނައީމާއި އަދީބާއި ޒިޔަތު ވެސް ތިބި ކަމަށް ޒިޔަތު ބުނެފައިވެއެވެ. 

ޒިޔަތު ހެކިބަސްދެމުން އިތުރަށް ފާހަގަކުރި ކަންތައްތަކަށް ބަލާއިރު, ވ.އާރަށުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު، އެއްބަސްވުމުގައި ސޮއިކުރުމުން ޔާމީނަށް އެއް މިލިއަން ޑޮލަރު ލިބޭނެ ކަމަށް ޔޫސުފް ނައީމް ބުނެފައިވާކަމަށް ޒިޔަތު ބުނެފައިވެއެވެ. އަދި ވ.އާރަށް ދީފައިވަނީ ޔޫސުފް ނައީމުގެ ހިއްސާ އޮތް ކުންފުންޏަކަށް ކަމަށްވެސް ޒިޔަތު ބުނެފައިވެއެވެ. ވ.އާރަށުގެ އެގްރިމެންޓް ކަންތައް ނިމުމުން ރައީސް ޔާމީން ހިތްހަމަޖެހޭނެ ކަމަށް ޔޫސުފް ނައިމް ބުނިކަމަށާއި އެއީ އެ މުޢާމަލާތާ ގުޅިގެން އެއް މިލިއަން ޑޮލަރު ރައީސް ޔާމީނަށް ދީފައިވާނެތީކަމަށް ޔޫސުފް ނައީމް ބުނެފައިވާކަމަށްވެސް ޒިޔަތު ބުނެފައިވެއެވެ. 

ޔާމީނާއި ޔޫސުފް ނައީމްގެ މައްޗަށް ރިޝްވަތުގެ ދައުވާ ކުރަނީ އާރަށް ކުއްޔަށް ދިނުމުން ރިޝްވަތުގެ ގޮތުގައި ޔާމީނަށް ޔޫސުފް ނައީމް އެއް މިލިއަން ޑޮލަރު ދެއްވި ކަމަށް ބުނެ އެވެ. އަދި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ މަނީ ލޯންޑްރިންގެ ދައުވާއެއް ވެސް ޔާމީންގެ މައްޗަށް ދައުލަތުން ކުރެ އެވެ. 

ޔާމީނާ ދެކޮޅަށް މީގެ ކުރިން ދައުލަތުން ދައުވާކުރި ގއ. ވޮޑަމުލާ ކުއްޔަށް ދިނުމުން އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބުނު އެއް މިލިޔަން ޑޮލަރު އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށް، އެ ފައިސާ ދެ ފަހަރެއްގެ މަތިން ނަގައި ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި މައްސަލައެއްގައި ހެކިބަސްދެމުން ޒިޔަތު ފާހަގަކޮށްފައިވަނީ އެމްއެމްޕީއާރުސީ އަށް ލިބުނު ފައިސާ އަމިއްލަ ކުންފުނިތަކުގެ އެކައުންޓްތަކަށް ޖަމާކުރުމާއި، ގާނޫނުތަކާއި އުސޫލުތަކާ ޚިލާފަށް އަމަލުކުރަންޖެހުނީ ރައީސް އަބްދުﷲ ޔާމީން އަންގައިގެންކަމާއި، އަދި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަންގާ ގޮތަށް ކަންތައް ކުރުމަށް ޔާމިން އެންގިކަމަށެވެ. މީގެ އިތުރުން އެމްއެމްޕީއާރުސީން ކުއްޔަށް ދޫކުރި ހުރިހާ ރަށްތަކާއި ފަޅުތަކުގެ މައުލޫމާތު ޔާމީނަށް އެނގޭނެކަމަށާއި ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކުރުމުގެ އެއްބަސްވުންތަކާ މެދު ގޮތް ނިންމަވަނީ ޔާމީން ކަމަށާއި އެކަން ބައެއް ފަހަރު އެނގެނީ އަދީބުގެ ފަރާތުން ކަމަށް ވެސް ޒިޔަތު ބުނެފައިވެއެވެ.

ދަޢުވާކުރެވިފައި މައްސަލާގައި ކަންހިނގާފައިވާ ގޮތް

މިމައްސަލައިގައި ދަޢުވާކުރަމުން ޝަރީއަތުގައި ދައުލަތުން ކުރިން ފާހަގަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމް ހިއްސާ އޮތް ކުންފުނީގެ ހިއްސާތައް 2015 ވަނަ އަހަރު ސެޕްޓެމްބަރ މަހު އެހެން ކުންފުންޏަކަށް އޭނާ ވިއްކާލުމާއެކު ޖެހިގެން އައި ދުވަހު އެ ކުންފުންޏަށް އާރަށް ދިނުމަށް އެމްއެމްޕީއާރުސީން ނިންމާ އެރަށް އެކުންފުޏަށް ހަވާލުކޮށްފައިވާކަމަށެވެ. އަދި އެކުންފުނީގެ ފަރާތުން 1 (އެކެއް) މިލިއަން ޑޮލަރ އެމް.އެމް.ޕީ.އާރު.ސީ.އަށް ދެއްކުމަށް ޗެކެއް ހަވާލުކުރިއިރު، އިތުރު 1 (އެކެއް) މިލިއަން ޑޮލަރު ހިމެނޭ ޗެކެއް ޔޫސުފް ނައީމަށްވެސް އެދުވަހު ހަވާލުކޮށްފައިވާކަން ލިޔުންތަކުން އެނގޭކަމަށް ދައުލަތުން ބުނެފައިވެއެވެ. އޭގެ 3 ދުވަސް ފަހުން އެ ޗެކް ޔޫސުފް ނައީމުގެ އެކައުންޓަށް ޖަމާކުރުމަށްފަހު، އޭގެ 2 ދުވަސް ފަހުން ޔޫސުފް ނައީމުގެ އެ އެކައުންޓުން ރައީސް ޔާމީނަށް 1 (އެކެއް) މިލިއަން ޑޮލަރގެ ޗެކެއް ދޫކޮށްފައިވާކަމަށާއި އަދި އޭގެ 2 ދުވަސް ފަހުން ޔާމީންގެ އެކައުންޓަށް ޔޫސުފް ނައީމް ދިން 1 (އެކެއް) މިލިއަން ޑޮލަރުގެ ޗެކް ޖަމާކޮށްފައިވާ ކަމަށް ދައުލަތުން ބުނެފައިވެއެވެ. ދައުލަތުން ބުނިގޮތުގައި އެޗް.އެސް.ބީ.ސީގައި ހުޅުވާފައިވާ ޔާމީންގެ އެކައުންޓަކަށް ޔޫސުފް ނައީމް ދިން ޗެކް ޖަމާކުރިއިރު، ޗެކާއެކު ފޮނުވި ސިޓީގައި ވަނީ އެއީ "ޕޮލިޓިކަލް ކެމްޕެއިނަށް" ދިން ފައިސާ ކަމަށެވެ. އަދި އެ ފައިސާ އާއި އިތުރު ފައިސާތަކެއް އެއްކުރުމަށް ފަހު، ޔާމީންގެ އެހެން އެކައުންޓްތަކަކަށް ފައިސާ ޖަމާކުރިކުރުމަކީ މަނީ ލޯންޑަރިންގެ އަމަލެއްކަމަށް ދައުލަތުން ބުނެފައިވެއެވެ.

ނޯޓް: މަތީގައިވާ ވީޑިއޯ އަކީ، ވ. އާރަށު ޚިޔާނާތާ ގުޅިގެން، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތުގެ ހެކިބަސްނެގުމަށް، ސެޕްޓެމްބަރ މަހުގެ 6 ވަނަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގެ ވީޑިއޯއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
50%
0%
0%
50%
0%
0%
ކޮމެންޓް