ކ. މާލެ
|
3 އޯގަސްޓް 2022 | ބުދަ 14:50
އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ސްޕީކަރ ޓައިވާނަށް ވަޑައިގެން އެގައުމުގެ ރައީސްއާއެކު
އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ސްޕީކަރ ޓައިވާނަށް ވަޑައިގެން އެގައުމުގެ ރައީސްއާއެކު
ރޮއިޓާސް
ނެންސީ ޕެލޯސީގެ ދަތުރުފުޅު
ނެންސީ ޕެލޯސީގެ ދަތުރުފުޅު – އެމެރިކާއާއި ޗައިނާގެ ގުޅުން އިތުރަށް ހީނަރުވެ ނުރައްކަލަކަށް ހުށަހެޅިގެން ދިޔަ ދަތުރެއް
 
ޗައިނާއިން ވަނީ އެމެރިކާއަށް އަލިފާނާ ނުކުޅުމަށް ބުނެ އިންޒާރު ދީފައި
 
ނޭންސީގެ ޓައިވާން ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ވަނީ ފުރާވަޑައިގަންނަވާފައި
 
ޗައިނާއިން ވަނީ ޓައިވާންގެ ކަނޑުގެ ސަރަހައްދުގައި އަސްކަރީ އޮޕަރޭޝަނެއް ފަށާފައި

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ސްޕީކަރ ނެންސީ ޕެލޯސީ ޓައިވާނަށް ވަޑައިގަންނަވާފައިވަނީ އަންގާރަ ދުވަހުގެ ހަވީރުއެވެ. ނެންސީގެ މި ދަތުރުފުޅާއި ގުޅިގެން ޗައިނާއިން ވަނީ އެމެރިކާއާ އޮތް ގުޅުމަށް މިކަމުގެ ނޭދެވޭ އަސަރުކޮށް މައްސަލަ ހޫނުވެދާނެ ކަމަށް ވެސް ބުނެފައެވެ.

ނެންސީ ޓައިވާނަށް ވަޑައިގަތުމާއެކު މި ދަތުރުފުޅު ވެގެން ގޮސްފައިވަނީ އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ސްޕީކަރއެއް ވޭތުވެދިޔަ 25 އަހަރު ތެރޭގައި ޓައިވާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގެ ގޮތުގައި ވެފައެވެ. މި ދަތުރުފުޅު ވެގެން ގޮސްފައިވަނީ އެމެރިކާ އަދި ޗައިނާގެ ގުޅުން ހީނަރުވެފައިވާ އަދި އެމެރިކާގެ ސަރުކާރުން ވެސް މިކަމާއި ދެކޮޅު ހަދަނިކޮށް ކުރައްވާފައިވާ ދަތުރުފުޅެއްގެ ގޮތުގައެވެ.

އެމެރިކާގެ ކެލިފޯނިއާ ޑިމޮކްރެޓުން ވަނީ ހައުސް އޮފް ރެޕްރެޒެންޓޭޓިވްގެ ވަފުދެއް ހިމެނޭ ގޮތަށް އޭޝިއާގެ ބައެއް ގައުމުތަކަށް މި ހަފްތާގެ ތެރޭގައި ދަތުރުކުރެއްވުމަށް ނިންމަވާފައެވެ. މި ވަފުދުން ވަޑައިގަންނަވާނެ ގައުމުތަކުގެ ތެރޭގައި ސިންގަޕޫރު، މެލޭޝިއާ، ދެކުނު ކޮރެއާ އަދި ޖަޕާން ހިމެނެއެވެ. ޓައިވާނަށް ވަޑައިގަންނަވާނެކަމެއް ރަސްމީ އެޖެންޑާގައި ނުހިމެނުނު ނަމަވެސް ޓައިވާނަށް ވަޑައިގަތުމާއެކު، މިދިޔަ މަހުން ފެށިގެން ނެންސީ ވަޑައިގެންނެވުމުގެ ވާހަކަތަކާއެކު އެމެރިކާ އާއި ޗައިނާގެ ދެމެދު ވަނީ ނުތަނަވަސްކަން އިތުރުވެފައެވެ.

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ސްޕީކަރ ޓައިވާނަށް ވަޑައިގެން އެގައުމުގެ ރައީސްއާއެކު - ރޮއިޓާސް

ޓައިވާނަށް ވަޑައިގަންނަވާ ނެންސީ އަދި ވަފުދުން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ އެމެރިކާއިން ހުއްޓުމެއް ނެތި ޓައިވާންގެ ދެގޮތެއް ނުވާ ޑިމޮކްރަސީއަށް ދެމުންދާ އެއްބާރުލުމަށް ތައުރީފް ކުރައްވާފައެވެ. ބެއިޖިންއަށް މީގެ ކުރިން ވެސް ފާޑުވިދާޅުވަމުން ގެންދަވާ ނެންސީ ވަނީ އެމެރިކާއިން ޓައިވާނަށް އެއްބާރުލުން ދިނުމަށް ވެސް ގޮވާލާފައެވެ.

ޗައިނާއިން ވަނީ ނެންސީގެ މި ދަތުފުޅާއި ގުޅިގެން އެކަމުގެ ނުރުހުން ފާޅުކޮށްފައެވެ. ނެންސީ ޓައިވާނަށް ވަޑައިގަތުމާއެކު ޗައިނާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ދަތުރާއި ގުޅިގެން އެމެރިކާ އާއި ޗައިނާގެ ސިޔާސީ ބިންގަލަށް އެކަމުގެ ނުރަނގަޅު އެތައް އަސަރެއް ކުރާނެ ކަމަށެވެ. އަދި މިއީ ޗައިނާގެ އިސްތިގުލާލާއި ސަރަހައްދީ މިނިވަންކަމަށް އެމެރިކާއިން އަރައިގަތުން ކަމަށް ވެސް ވަނީ ބުނެފައެވެ.

ޗައިނާގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމަނާކު ވިދާޅުވެފައިވަނީ ޗައިނާގެ ފައުޖު އޮތީ ހައި އެލަރޓްގައި ކަމަށާއި، ގައުމުގެ ސަލަމާއި ރައްކާތެރިކަމާއި އިސްތިގުލާލު ނެގެހެއްޓުމަށްޓަކައި އަދި ހާލަތާއި ގުޅިގެން ކޮންމެ ވަގުތަކުވެސް ޓާގެޓްކުރެވިފައިވާ އަސްކަރީ އޮޕަރޭޝަންތަކެއް ފަށަން ތައްޔާރަށް އޮތް ކަމަށެވެ. މީގެ އިތުރުން އަސްކަރިއްޔާއިން އޮތީ ޓައިވާންގެ މިނިވަންކަމަށް ގޮވާލާ އެ ސްކީމް ހިންގުމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ދެކޮޅަށް ބޭރުގެ ބާރުތަކުން ވަންނަ ވަނުން ހުއްޓުވުމަށް ތައްޔާރަށް ކަމަށެވެ.

ނެންސީގެ ދަތުރުފުޅުގެ ކުރިން އެމެރިކާގެ އޮފިޝަލުން ވަނީ ޓައިވާން-ޗައިނާގެ މައްސަލައިގައި ޗައިނާއިން އަސްކަރީ ގޮތުން ގޮތް ނިންމުމަށް މަސައްކަތްކޮށްފާނެކަމުގެ ކަންބޮޑުވުން ވެސް ފާޅުކޮށްފައެވެ. ނިމިގެންދިޔަ ހަފްތާގައި ޗައިނާގެ ޑިފެންސް މިނިސްޓްރީން ވަނީ އެމެރިކާއިން އެމީހުންގެ އަމިއްލަ މަގެއް ހިޔާރުކުރަން ނިންމައިފި ނަމަ ޗައިނާގެ އަސްކަރިއްޔާއިން މަޑުން ނުތިބޭނެކަމަށް ބުނެ އިންޒާރު ދީފައެވެ.

ޓައިވާނާއި ޔޫކްރެއިންގެ މައްސަލަައިގައި ބައިޑަން އާއި ޝީ ވާހަކަފުޅުދައްކަވަނީ - ރޮއިޓާރސް

ދެގައުމުގެ ގުޅުން އިތުރަށް ހޫނުވެފައިވަނީ ނިމިގެންދިޔަ ހަފްތާގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ޗައިނާގެ ރައީސް ޝީ ޖިން ޕިން، ދެބޭފުޅުން ކުރެއްވި ދިގު ފޯނުކޯލަށް ފަހުގައެވެ. ޓައިވާން މައްސަލައާއި އިގްތިޞާދީ ސިޔާސަތުތަކާއި އިންސާނީ ހައްގުގެ މައްސަލަތަކާއި ހެދި އެމެރިކާ އާއި ޗައިނާގެ ގުޅުމަށް ބުރޫއަރާފައިވާއިރު މިއީ ދެ ލީޑަރުން ވާހަކަފުޅު ދެއްކެވި ފަސް ވަނަ ފަހަރެވެ. މިފަހަރުގެ ވާހަކަތައް ބުރާސްފަތި ދުވަހު ކުރިޔަށްގެންދިޔައިރު ޗައިނާގެ ރައީސް ޝީ ވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑަންއަށް އަލިފާނާ ނުކުޅުމަށް ވިދާޅުވެ އިންޒާރު ދެއްވާފައެވެ. އެއީ ޓައިވާންގެ މައްސަލައިގައެވެ.

ޗައިނާގެ ސްޓޭޓް މީޑިޔާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޝީ ވަނީ ބައިޑަން އަރިހުގައި އެމެރިކާއިން ޗައިނާގެ ވަން ޗައިނާ ޕޮލިސީއަށް އިހުތިރާމް ކުރަންޖެހޭނެކަމަށް ވިދާޅުވެފައެވެ. އަދި ޓައިވާންގެ މިނިވަންކަމަށް ޗައިނާއިން ދެކޮޅު ހަދާކަމަށާއި އެކަމުގައި ބޭރުގެ އެއްވެސް ނުފޫޒެއް އޮތުމަށް ޗައިނާ ދެކޮޅުކަން ޝީ ވަނީ ހާމަކުރައްވާފައެވެ.

"އަލިފާނާ ކުޅޭނަމަ އަނދައިގެންދާނީ. އަހަރުމެން އުންމީދުކުރަން އެމެރިކާއަށް މިކަން ސާފުކަމަށް." ޝީ ބައިޑަން އަރިހު ވިދާޅުވިކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ނެންސީގެ ދަތުރުފުޅާއި ގުޅިގެން ޗައިނާއިން ރުޅިއައިސްގެން އުޅެނީ ކީއްވެ؟

ޗައިނާގެ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީން ދައުވާ ކުރާގޮތުގައި އަމިއްލަ ވެރިކަމެއް ގާއިމްކޮށްގެން އުޅޭ ޓައިވާނަކީ ޗައިނާގެ ބައެކެވެ. ނަމަވެސް މިހާތަނަށް ވެސް ޗައިނާއިން ޓައިވާންގައި މަރުކަޒީ ބާރެއް ހިންގާފައިނުވެއެވެ. އަދި ޗައިނާގެ މެއިންލޭންޑާއި އެއްކޮށްފައިވެސް ނުވެއެވެ.

ގަރުނުތަކެއް ވަންދެން ޗައިނާއިން މަސައްކަތްކޮށްފައިވަނީ ޓައިވާން ބައިނަލްއަގުވާމީ ދުނިޔެއާއި އެކަހެރިކޮށްފައި ބޭއްވުމަށެވެ. އަދި ބައިނަލްއަގުވާމީ ގޮތުން ޓައިވާނަށް ސިޔާސީ ގޮތުން ނަމަވެސް އަދި އެހެން ގޮތަކުން ނަމަވެސް އެހީތެރިކަމެއް ލިބޭނަމަ ޗައިނާއިން އަންނަނީ އެކަން ހުއްޓުވާ އެކަންކަމައި ދެކޮޅު ހަދަމުންނެވެ.

ބައިނަލްއަގުވާމީ ދުނިޔެއާއި ގުޅުން ބާއްވަން ޓައިވާނަށް ލިބޭ ކޮންމެ ފުރުސަތަކަށް ޗައިނާއިން ވަނީ މީގެ ކުރިން ހުރަސް އަޅާފައެވެ. އަދި ޗައިނާއިން ވަނީ ޓައިވާންގެ އިސް އޮފިޝަލަކު އަދި ބޭރުގެ އިސް އޮފިޝަލަކުވެސް ކުރާ ދަތުރުތައް ހުއްޓުވުމަށް މަސައްކަތް ކޮށްފައެވެ.

1995 ގައި އެއިރުގެ ޓައިވާންގެ ރައީސް ލީ ޓެންގ-ހުއި އެމެރިކާއަށް ދަތުރުފުޅެއް ކުރެއްވުމާއި ގުޅިގެން އެ ދުވަސްވަރު ޓައިވާންގައި ކާރިސާއެއް ވެސް ހިނގާފައިވެއެވެ. އެ ދަތުރުފުޅާއި ގުޅިގެން ޗައިނާއިން ރުޅި އައިސްގެ ޗައިނާއިން ވަނީ ޓައިވާންގެ ކަނޑުގެ ސަރަހައްދަށް މިސައިލް ހަމަލާތަކެއް ވެސް ދީފައެވެ. އަދި މި ކާރިސާ ނިމުމަކަށް އައީ އެމެރިކާއިން ހަނގުރާމަ މަތީގެ ދެ ބޯޓެއް ފޮނުވާ ޓައިވާނާ އެއްކޮޅަށް ތިބިކަމަށް ދެއްކުމުންނެވެ.

ފާއިތުވެދިޔަ އަހަރުތަކުގައި އެމެރިކާގެ އެކި ފަންތީގެ ވަފުދުތައް ވަނީ ޓައިވާނަށް ދަތުރުކޮށްފައެވެ. މީގެ ތެރޭގައި ގާނޫނު ހަދާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މެންބަރުންނާއި ސަރުކާރުގެ އޮފިޝަލުން ހިމެނެއެވެ. އަދި މިކަމާއި ގުޅިގެން ޗައިނާގެ ރުޅިގަނޑު އިތުރަށް ބޮޑުވެ، ޓައިވާނުން ކަނޑައަޅާފައިވާ އެ ގައުމުގެ ވައިގެ ސަރަހައްދަށް ހަނގުރާމަ މަތީގެ މަތިންދާބޯޓު ފޮނުވާފައިވެއެވެ.

އަދި މިފަހަރު ނެންސީގެ މި ދަތުފުޅާއި ގުޅިގެން ޗައިނާ ވަނީ އިތުރަށް ރުޅިގަދަވެފައެވެ. 21 ސެންޗަރީ ޗައިނާ ސެންޓަރުގެ ޗެއަރ ސުސާން އެލް ޝިރކް ވިދާޅުވެފައިވަނީ ނެންސީ އަކީ ރައީސާއި ނައިބް ރައީސަށްފަހު އެމެރިކާގެ ވެރިކަމާއި ހަވާލުވާނެ ލީޑަރު ކަމަށާއި، މި މައްސަލަ ޗައިނާއިން ސީރިއަސް މައްސަލައެއްގެ ގޮތުގައި ނަގާނެ ކަމަށެވެ. މީގެ އިތުރުން އެމެރިކާގެ ސިޔާސީ ކަންކަމުގައި ނެންސީއަކީ މުހިންމު ފަރާތަކަށް ވެފައި އެހެން ފަރާތްތަކާއި ތަފާތުކަމަށް ވިދާޅުވެފައިވެއެވެ.

ނެންސީއަކީ ޗައިނާގެ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީގެ ފާޑުކިއުންތައް އެންމެ ބޮޑަށް އަމާޒުވާ އެއްފަރާތެވެ.

ނެންސީގެ ދަތުރުފުޅާއެކު އެމެރިކާ-ޗައިނާގެ ނުތަނަވަސްކަން އިތުރުވަނީ ކީއްވެ؟

ޗައިނާއިން ދެކޭގޮތުގައި ނެންސީގެ ދަތުރުފުޅަކީ ޒަމާނުއްސުރެ އެމެރިކާ-ޗައިނާއާއި ދެމެދުވެފައިވާ އެއްބަސްވުމާއި ސީރިއަސް ނޯޓެއްގައި ހިލާފުވެފައިވާ ކަމަށެވެ. 1979 ގައި އެމެރިކާއިން ވަނީ ޓައިވާނާއި އޮތް ޑިޕްލޮމެޓިކް ގުޅުންތައް ޗައިނާއަށް ބަދަލުކޮށްފައެވެ. ނަމަވެސް މެދުމިނެއްގައި ކަންކަން ދަމަހައްޓާފައިވެއެވެ. އެމެރިކާއިން ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އަކީ ޗައިނާގެ ސަރުކާރު ކަމުގައި ބަލައިގަނެފައިވާ އިރު، ޓައިވާނުގެ ސަރުކާރާއެކު ވެސް ނުރަސްމީ ގުޅުންތަކެއް އަންނަނީ ބާއްވަމުންނެވެ.

އެމެރިކާއިން ވަނީ މީގެ ކުރިން ޓައިވާނަށް ދިފާއީ ހަތިޔާރު ވެސް ފޯރުކޯށްދީފައެވެ. އަދި މިކަން ކޮށްފައިވަނީ އެތައް ގަރުނެއްވީ ޓައިވާން ރިލޭޝަން ގާނޫނުގެ ދަށުންނެވެ. ނަމަވެސް ޗައިނާއިން ޓައިވާނަށް އަރައި އެގައުމު ހިފަން މަސައްކަތް ކޮށްފިނަމަ އެމެރިކާއިން ޓައިވާނާ އެއްކޮޅަން އަރާނެކަމާމެދު އެމެރިކާއިން ވަކި އެއްޗެއް ނުބުނެއެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ އެމެރިކާއިން 1979 ވަނަ އަހަރު ޗައިނާއާއެކު އެއްބަސްވި ޗައިނާ-ޔޫއެސް ޖޮއިން ކޮމިނިކޭ ގައިވެސް ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ސަރުކާރަކީ މުޅި ޗައިނާގެ މައި ސަރުކާރުކަމަށް އެމެރިކާއިން ގަބޫލުކުރާކަމަށް އެއްބަސްވެފައިވާނެ ކަން ފާހަގަކޮށްފައެވެ. އަދި އެމެރިކާއިން ޓައިވާނާއެކު ގުޅުންތައް ބާއްވާނީ މިކަމަށް ރިއާޔަތްކޮށް ކަމަށްވެސް އެއްބަސްވެފައިވާނެ ކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

އެމެރިކާ އަދި ޗައިނާގެ ގުޅުން ވަނީ އިތުރަށް ހީނަރުވެފައި - ރޮއިޓާސް

އެމެރިކާގެ ކޮންގްރެސް އަކީ އެގައުމުގެ ސަރުކާރުގެ ބައެއް ކަމަށާއި ވަން-ޗައިނާ ސިޔާސަތަކީ ކޮންގްރެސުންވެސް ގަބޫލުކުރަން ޖެހޭނެ ސިޔާސަތެއް ކަމަށާއި މައި ސަރުކާރުގެ ނުރުހުމުގައި ޓައިވާނާއެކު ރަސްމީ މަޝްވަރާތައް ކޮށްގެން ނުވާނެ ކަމަށް ވެސް ޗައިނާގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ. އެމެރިކާގެ ކޮންގްރެސްގެ މެމްބަރަކު ޓައިވާނަށް ވަޑައިގަތުމަކީ ޗައިނާއިން ރުހޭ ކަމެއް ނޫން ކަމަށާއި އެކަމަށް ޗައިނާ ސަރުކާރުން އެއްބަސްނުވާކަމަށް ފާހަގަކޮށް މިނިސްޓްރީން ވަނީ ޕެލޯސީގެ މިދަތުރުފުޅަކީ އެމެރިކާގެ ސަރުކާރަށް ހުއްޓުވެން ޖެހޭނެ ދަތުރުފުޅެއް ކަމަށް ބުނެފައެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގައި 2018 ވަނަ އަހަރު ފާސްކުރި ޓައިވާން ޓްރެވެލް އެކްޓާއެކު އެމެރިކާގެ އޮފިޝަލުންނާއި ގާނޫނު ހަދާ މަޖިލީހުގެ ބޭފުޅުން ވަނީ މިހާތަނަށް 20 ފަހަރެއްގެ މަތިން ޓައިވާނަށް ދަތުރުކޮށްފައެވެ.

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ސްޕީކަރ ނޭންސީ ޕެލޯސީ - ރޮއިޓާސް

ދާދިފަހުން ދެގައުމުގެ ރައީސުން ކުރެއްވި ފޯން ކޯލަށްފަހު ދެ ރައީސުންގެ ވާހަކަފުޅާ ގުޅޭގޮތުން ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޓައިވާން މައްސަލައިގައި އެމެރިކާއިން ގެންގުޅޭ ސިޔާސަތު ބަދަލުނުވާކަމަށް ޝީ އަރިހު ބައިޑަން ވިދާޅުވިކަމަށެވެ. އެގޮތުން ޓައިވާން އަކީ ޗައިނާގެ ބައެއްގެ ގޮތުގައި ޗައިނާއިން ދެކޭ ދެކުމާއި އެމެރިކާ ދެކޮޅުކަމަށާއި ޓައިވާނުގެ ސަލާމަތާއި އަމާންކަމަށް ހުރަސްއެޅޭ ކަމެއް ކުރުމަށް ދެކޮޅުކަން ބައިޑަން ހާމަކުރައްވާފައިވާކަމަށެވެ.

އެމެރިކާގެ ހައުސްއޮފް ރެޕްރެސެންޓޭޓިވްގެ ސްޕީކަރއެއް މީގެ ކުރިން ޓައިވާނަށް ވަޑައިގެންނެވިތަ؟

ނެންސީގެ ދަތުރުފުޅަކީ މިހާތަނަށް އެމެރިކާގެ ހައުސް ސްޕީކަރއެއް ޓައިވާނަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެއް ނޫނެވެ. 1997 އަހަރު ނިއުޓް ގިންގްރިޗް ވަނީ ޗައިނާ އާއި ޝަންހާއީއަށް ދަތުރުފުޅެއް ކުރައްވާ ޖެހިގެން އައި ދުވަހު ޓައިވާނަށް ވަޑައިގެންފައެވެ. އަދި އެކަމާއި ގުޅިގެން ޗައިނާއިން ފާޑުވެސް ކިޔާފައިވެއެވެ.

އޭގެ 25 އަހަރު ފަހުން މިއަދު ޗައިނާއަކީ ބާރުގަދަ ގައުމެއްގެ ގޮތުގައި ދުނިޔެ ބަލައިގަނެފައިވާ އަދި ޗައިނާގެ ރައީސް ޝީގެ ޒައާމަތުގައި އެގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރޫ އަރާނެ އެއްވެސް ފުރުސަތެއް ނުދެއްވާނެކަމުގެ ޔަގީން ވަނީ ދީފައެވެ.

ނެންސީގެ ދަތުރުފުޅު ކުރެއްވި ވަގުތާއި ހާލަތު!

ނެންސީގެ ދަތުރުފުޅަކީ ޗައިނާއަށް ނާޒުކު ދަނޑިވަޅެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ. މީގެ ކުރިން އެޕްރީލް މަހުގެ ތެރޭގައި ނެންސީ އިސްވެ ހުންނައިވައިގެން ހައުސްގެ ވަފުދެއް ޓައިވާނަށް ދިއުމަށް ރޭވެވިއެވެ. ނަމަވެސް ދަތުރުފުޅު ފަސްކުރެއްވީ ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.

އޮގަސްޓް 1 ވަނަ ދުވަހަކީ ޗައިނާގެ އަސްކަރިއްޔާގެ އަހަރީ ދުވަހެވެ. އަދި މިވީ ދުވަސްތަކުގެ ތެރޭގައި ޗައިނާގެ ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އެންމެ ބާރުގަދަ ލީޑަރު ޝީ މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަކީ ވެރިކަމުގެ 3 ވަނަ ދައުރަކަށް ވަޑައިގެންނެވުމުގެ މަސައްކަތެވެ.

ޗައިނާ އިން ވަނީ އަސްކަރީ އޮޕަރޭޝަނެއް ފަށާފައި - ރޮއިޓާސް

އޮގަސްޓް މަހުގެ ތެރޭގައި ޗައިނާގެ ލީޑަރުން ބެއިދައިހޭގައި ހޫނު މޫސުމުގެ ކޮންކްލޭވް ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ. މި ބައްދަލުވުމުގެ ތެރެއިން އެގައުމުން ކުރިއަށް ގެންދާނެ ކަންކަތަކާއި ކުރާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރާނެއެވެ. މިއީ ސިއްރު ބައްދަލުވުންތަކެކެވެ.

ޗައިނާއިން މިކަމުގައި އަމަލުކުރާނީ ކިހިނެއް؟

ނެންސީގެ ދަތުރުފުޅާއެކު ޗައިނާއިން ވަނީ ޓައިވާންގެ ކަނޑުގެ ސަރަހައްދުގައި އަސްކަރީ އޮޕަރޭޝަނެއް ފަށާފައެވެ. ޓައިވާން ވަށައިގެން ކުރިއަށް ގެންދާ މި އޮޕަރޭޝަން 4 ދުވަހަކަށް ދެމިގެންދާނެކަމަށް މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.

މީޑިއާތަކުގައި ވަނީ އެއްގަމާއި ކަނޑުގެ އަސްކަރީ އޮޕަރޭޝަންތަކުގެ އިތުރުން ލައިވް ވަޒަން ބޭނުންކޮށްގެން އެކްސަސައިޒްތައް ވެސް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. ޓައިވާނަށް ވަޑައިގެން ނޭންސީ ދައްކަވާފައިވާ ވާހަކަފުޅުތަކާމެދު ޗައިނާއިން ހިތްހަމަ ނުޖެހިފައިވާ އިރު، ޗައިނާއިން ގަބޫލުކުރާ ގޮތުގައި އެމެރިކާގެ ސަރުކާރަށް ނޭންސީގެ ދަތުރުފުޅު ހުއްޓުވޭނެއެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ޗައިނާގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސްމަން ޒާއޯ ލިޖިއަން ވިދާޅުވެފައިވަނީ، އަދިވެސް އެއްފަހަރު އެމެރިކާއަށް ހަނދާންކޮށްދެއްވަން ބޭނުންފުޅުވަނީ; ޗައިނާގެ ރައްޔިތުންނާއި ޗައިނާގެ މިނިވަންކަމުގެ ދިފާއުގައި ޗައިނާގެ އަސްކަރިއްޔާ އޮތީ ތައްޔާރަށްކަމަށާއި، އެފަދަ ކަމެއް ހިނގައިފިނަމަ ޗައިނާގެ އަސްކަރިއްޔާ މަޑުން ނޯންނާނެކަންކަމަށެވެ. އަދި ޗައިނާ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމާއި ޗައިނާގެ އަމިއްލަވަންތަކަމުގެ ދިފާއުގައި ވަރުގަދަ ފިޔަވަޅުތަކެއް ޗައިނާއިން އަޅާނެކަމަށް ސްޕޯކްސްމަން ވިދާޅުވިއެވެ.

ނޭންސީ ވަނީ ޓައިވާނަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ވަޑައިގަންނަވާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް