ކ. މާލެ
|
25 ޖުލައި 2022 | ހޯމަ 19:07
މަންކީ ޕޮކްސް ޖެހުމުން ހުންނަ ގޮތް
މަންކީ ޕޮކްސް ޖެހުމުން ހުންނަ ގޮތް
އޮންލީ މައި ހެލްތް
މަންކީ ޕޮކްސް
މަންކީ ޕޮކްސް: ބަލި ޖެހެނީ ކިހިނެއް؟ އަލާމާތްތަކަކީ ކޮބާ؟ އަދި އެ ފެތުރެނީ ކިހިނެއް؟
 
ބަލި ގިނައިން ފެތުރެނީ ޔޫރަޕްގެ ގައުމުތަކުގެތެރޭގައި
 
ހެލްތު އިމަރޖެންސީއެއްގެގޮތުގައި ވަނީ ކަނޑައަޅާފައި

އާންމު އަލާމާތްތަކުގެ ތެރޭގައި; ހުންގަދަވުން، ބޮލުގައި ރިހުން، މަސްގުޅަކެއުން، ބުރަކަށީގައި ރިހުން، ކަރު ދުޅަވުން އަދި ވަރުބަލިވުމެވެ. ގައިން ބިހި ނަގާނީ މި އަލާމާތްތައް ފެންނަތާ ދުވަސްކޮޅެއް ފަހުންނެވެ. ފުރަތަމަ ފެންނާނީ މޫނުންނެވެ. އަދި އޭގެ ފަހުން ހަށިގަނޑުގެ އެހެން ތަންނަށް ފެތުރެއެވެ.

އާންމު ގޮތެއްގައި މަންކީ ޕޮކްސްއަކީ ބަލިޖެހިފައި ހުރި މީހެއްގެ ފަރާތުން އެހެން މީހަކަށް ބަލި ފެތުރުމުގެ ފުރުސަތު ކުޑަ ވައިރަހެކެވެ. އަދި ބަލި އާންމުގޮތެއްގައި ޖެހެނީ އެ ބަލި ޖެހިފައިވާ ޖަނަވާރެއްގެ ފަރާތުންނެވެ. މި ޖަނަވާރުތައް އާންމުގޮތެއްގައި ފެންނަނީ ހުޅަނގު މެދުތެރޭ އެފްރިކާއިންނެވެ.

އެހެންނަމަވެސް ރާމާމަކުނުގެ ފަރާތުން ފެންނަ މި ބަލި، ގައިގޯޅިވުމުންނާއި، ޖިންސީ ގުޅުމުގެ ޒަރީއާއިންވެސް އެއް އިންސާނެއްގެ ގައިން އަނެއް އިންސާނެއްގެ ގަޔަށް ފެތުރެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ހޮނިހިރު ދުވަހު ވަނީ، މަންކީ ޕޮކްސްއަކީ ދުނިޔޭގެ ސިއްހީ އިމަރޖެންސީއެއްގެ ގޮތުގައި ކަނޑައަޅާފައެވެ. ސިއްހީ އިމަރޖެންސީއެއްގެގޮތުގައި ކަނޑައަޅާފައިވަނީ މިކަމަށް ދޭ އިޖާބަ އިތުރުކުރުމާއި، ބޭނުންވާ ފަންޑު އަދި ވެކްސިން ލިބޭނެ ގޮތް ހެދުމަށްޓަކައެވެ.

މިބަލި އެންމެ ގިނައިން މިހާރު ފެންނަނީ ޔޫރަޕްގެ ގައުމުތަކުންނެވެ. އެގޮތުން އިނގިރޭސީ ވިލާތުގައި މިހާތަނަށް 2208 މީހުން ބަލިޖެހިފައިވާއިރު މީގެ ތެރެއިން 2115 މީހުންނަކީ އިންގްލެންޑުން ފެނިފައިވާ މީހުންނެވެ.

މުޅި ދުނިޔޭގައި މިހާތަނަށް 15،000ށްވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ވަނީ ބުނެފައެވެ. މިއަހަރު ފެށުނު ފަހުން، މަންކީ ޕޮކްސްކަން ޔަގީންނުވާ 72 ކޭހެއް ފެނިފައިވާއިރު، ޖުމްލަ 5 މީހަކު މިހާތަނަށް ވަނީ މި ބަލީގައި މަރުވެފައެވެ.

އެންމެ ގިނައިން ކޭސްތައް ފެނުނު ގައުމުތަކުގެ ތެރޭގައި; ސްޕެއިން (3125)، ޖަރުމަނު (2191)، ޔޫކޭ (2137)، އެމެރިކާ (2102)، ފްރާންސް (1453)، ނެދަރލެންޑްސް (656)، ކެނެޑާ (604)، ޕޯޗުގަލް (515)، ބްރެޒިލް (384)، އަދި އިޓަލީ (374) ހިމެނެއެވެ.

ބަލި ފެތުރެނީ ކިހިނެއް؟

ޔޫކޭ ހެލްތު ސެކިއުރިޓީ އެޖެންސީ (ޔޫކޭއެސްއެސްއޭ)ގެ ޗީފް މެޑިކަލް އެޑްވައިޒަރު ޑރ. ސޫސާން ހޮޕްކިންސް ވަނީ، ކޮމިއުނިޓީ ސްޕްރެޑެއްގެގޮތުގައި މަންކީ ޕޮކްސް ފެތުރެމުން އަންނަކަމުގެ އިންޒާރު ދެއްވާފައެވެ. އަދި ބަލިޖެހިފައިވާ މީހުންގެ 98 އިންސައްތަ މީހުންނަކީ އެއްޖިއްސުން ގުޅުންހިންގާ މީހުންކަން ވަނީ ދެނެގަނެވިފައެވެ.

އަދި ކުރިން ބަލި ނުފެންނަ ސަރަހައްދުތަކުން ބަލި ފެންނަމުން ދަނީ ކްލޯސް ކޮންޓެކްޓް ވެފައި ހުރުމުގެ ސަބަބުން ކަމަށް ޑރ. ސޫސާން ވަނީ ވިދާޅުވެފައެވެ. އަދި ބަލީގެ އެއްވެސް އަލާމާތެއް ފެންނަނަމަ ވަގުތުން ސިއްހީ އެހީތެރިކަން ހޯދުމަށް ވަނީ އެދިފައެވެ.

މަންކީ ޕޮކްސްއަށް ޚާއްސަ ވެކްސިނެއް ނެތްނަމަވެސް، ސްމޯލް ޕޮކްސްއަށް ބޭނުންކުރާ ވެކްސިން މަންކީޕޮކްސްއާ ދެކޮޅަށް ބޭނުންކުރެވެއެވެ. ނަމަވެސް އިނގިރޭސިވިލާތްފަދަ ގައުމުތަކުގައި 1971 ވަނަ އަހަރުން ފެށިގެން ގަވާއިދުން މި ވެކްސިން ޖަހަމުން އައިސްފައެއްނުވެއެވެ.

މީގެ ކުރިން ފެނިފައިވާ ބައެއް އަލާމާތްތަކަށް ބަލާއިރު، ކުޑަކުދިންގެ ފަރާތުން ފެންނަ އަލާމާތްތައް ބޮޑެވެ. އެހެންކަމުން ވައިރަސް ފެތުރުނަނުދީ ކޮންޓްރޯލްކުރުމަށް އިދާރާތަކުން ވަނީ މަސައްކަތް ފަށާފައެވެ.

ކޮވިޑް-19އާ އެއްފަދަ އެއްޗަކަށް މަންކީ ޕޮކްސް ވެދާނެތަ؟

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބުނެފައިވަނީ ކޮވިޑް-19އާ މަންކީ ޕޮކްސްއާ ތަފާތުކަމަށެވެ. ބަލި ފެތުރޭ ގޮތާއި ބަލީގެ ބާވަތާއި އަދި އެކަމުގައި އޮތް ނުރައްކާވެސް ތަފާތެވެ. މަންކީ ޕޮކްސް ފެތުރެނީ ކްލޯޒް ކޮންޓެކްޓުންގެ ތެރެއިންނެވެ.

އެ ޖަމްއިއްޔާއިން ބުނެފައިވަނީ އައުޓްބްރޭކް ކޮންޓްރޯލްކޮށް މަސައްކަތްތަކެއް ކުރުމަށް ދޮރު ހުޅުވިފައިވާކަމަށާއި، ވަކިން ޚާއްސަކޮށް ބަލި ފެތުރޭކަމަށް ބޮޑަށް ބެލެވޭ ގްރޫޕްތަކުގެ މެދުގައި ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް މަސައްކަތްތަކެއް ކުރެވިދާނެކަމަށެވެ.

އަދި މި ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް އެންމެން އެކީގައި މަސައްކަތްކުރަންޖެހޭކަމަށާއި، މިކަމުގައި ހުރި ނުރައްކަލާއި އަދި ފިޔަވަޅުތައް އަޅައިގެން އެންމެން އެކީގައި މަސައްކަތްކޮށް، ނުރައްކާ ކުޑަކުރެވިދާނެ ކަމަށެވެ.

މަންކީ ޕޮކްސް ޖެހެނީ ކިހިނެއް؟

އެންއެޗްއެސްއިން ބުނާގޮތުން، މަންކީ ޕޮކްސް ޖެހޭނީ އެ ބަލި ޖެހިފައިވާ ޖަނަވާރެއް ދަތް އެޅުމުން، ނުވަތަ ބަލިޖެހިފައިވާ ޖަނަވާރެއްގެ ލޭގައި އަތްލުމުން، ނުވަތަ ހަށިގަނޑުން ނުކުންނަ ދިޔައެއް، ނުވަތަ ފާރުގަނޑެއް ނުވަތަ އެފަދަ ތަނެއްގައި އަތްލެވިގެން ކަމަށެވެ.

އަދި ބަލިޖެހިފައިވާ މީހެއްގެ ފަރާތުން އެހެން މީހަކަށް ބަލި ޖެހުމަކީ އާންމުކަމެއް ނޫންކަމަށާއި، ނަމަވެސް ގައިގޯޅިވުމާއި، ޖިންސީ ގުޅުމުންނާއި، ބަލިޖެހިފައިވާ މީހަކު ލާ ހެދުމުގައި އަތްލުމުންނާއި، ނިދާ އެނދާއި ތުވާލި ފަދަ ތަކެތި ބޭނުން ކުރުން، އަދި ބަލިޖެހިފައިވާ މީހަކު ގެންގުޅޭ ސާމާނުގައި އަތްލެވިގެންވެސް ބަލި ޖެހިދާނެކަމަށެވެ.

މީގެ އިތުރުން ހަށިގަނޑުގައި ނަގާފައި ހުންނަ ބިހިތަކާއި ފާރުކޮޅާއި އަދި އެމީހުން ކެއްސައި އަދި ކިނބިހިއެޅުމުންވެސް ކައިރީގައި ހުންނަ މީހަކަށް ބަލިޖެހުމުގެ ފުރުސަތު ބޮޑުކަމަށެވެ. އަދި ބަލިޖެހިފައިވާ ޖަނަވާރެއްގެ މަސް ރަނގަޅަށް ނުކައްކައި ކެއުމުންވެސް ބަލި ޖެހިދާނެ ކަމަށެވެ.

މަންކީ ޕޮކްސް ޖެހުމުން ހުންނަ ގޮތް - އޮންލީ މައި ހެލްތް

އާންމުގޮތެއްގައި މި ބަލި ފެތުރެނީ މީދަލުގެ އާއިލާގައި ހިމެނޭ ޖަނަވާރުންނެވެ. މީގެތެރޭގައި މީދާ، ހިކަނދި އަދި މުގޮށި މީދާވެސް ހިމެނެއެވެ. އެންމެ ގިނައިން މި ބަލި ފެނިފައިވަނީ ހުޅަނގު އަދި އެފްރިކާގެ މެދުތެރޭގެ ގައުމުތަކުންނެވެ.

އަދި ބަލި ފެނިފައިވާ ސަރަހައްދަކަށް ދަތުރުކޮށްފިނަމަ، ރަނގަޅަށް ސައިބޯނި ލައިގެން އަތް ދޮވުމާއި، ހޭންޑް ސެނިޓައިޒަރ ބޭނުންކުރުމާއި، ރަނގަޅަށް ކައްކާފައި ހުރި މަސް ކެއުން މުހިންމުކަމަށް ބުނެފައިވެއެވެ.

އަދި ބަލިން ރައްކާތެރިވެ ތިބުމަށް، ވަލު ޖަނަވާރާއި މަގުމަތީގައި އުޅޭ ޖަނަވާރު ކައިރިއަށް ނުދިއުމާއި، ވަކިން ޚާއްސަކޮށް މަރުވެފައި ނުވަތަ ބަލިކަމަށް ފެންނަ ޖަނަވާރުންނާ ކައިރިނުވުމަށް ވަނީ އެދިފައެވެ.

ބަލީގެ އަލާމާތްތައް އެނގޭނީ ކިހިނެއް؟

އާންމު ގޮތެއްގައި ބަލި ޖެހުމުން ހަށިގަނޑުން އޭގެ އަސަރު ނުވަތަ އަލާމާތްތައް ފެންނަން 21 ދުވަސް ނަގައެވެ. އާންމުކޮށް ފެންނާނެ އަލާމާތްތަކުގެ ތެރޭގައި; ގަދައަށް ހުން އައުމާއި، ބޮލުގައި ރިއްސުން، މަސްގުޅަކެއުން، ބުރަކަށީގައި ރިއްސުން، ކަރު ދުޅަވުން، ހީކެރުވުން އަދި ވަރުބަލިވުން ހިމެނެއެވެ.

ފުރަތަމަ އަލާމާތް ފެންނަ ދުވަހުން ފެށިގެން އެއް ދުވަހާ ފަސް ދުވަހާ ދެމެދު ބިހި ނަގާނެއެވެ. ފުރަތަމަ ބިހި ނަގާނީ މޫނުމަތިންނެވެ. އަދި އޭގެ ފަހުން ހަށިގަނޑުގެ އެހެން ތަންތަނަށް ފެތުރެއެވެ. މަންކީ ޕޮކްސްއަކީ ބައެއް ފަހަރު ޗިކަން ޕޮކްސް ކަމަށް ހީވެދާނެއެވެ. ސަބަބަކީ މަންކީ ޕޮކްސް ޖެހިގެން ގައިން ނަގާ ބިހި ފުރަތަމަ ހުންނާނީ ޗިކަން ޕޮކްސް ބިއްސެއް ގޮތަށެވެ.

އަލާމާތްތައް ފިލަން 2-4 ހަފްތާ ނަގައެވެ. އަދި ބައެއް ފަރާތްތަކަށް ހޮސްޕިޓަލުން ސިއްހީ އިތުރު ފަރުވާ ދޭންޖެހެއެވެ. މީގެ އިތުރުން ޖިންސީ ގުނަވަނާއި، އަނގަ އަދި ފުރަގަސް ފަރާތުގައި ބިހި ނަގާކަމަށް، 16 ގައުމެއްގެ ކްލިނިކަލްގައި މަސައްކަތް ކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ. އަދި މިއީވެސް ބަލީގެ އަލާމާތެއްގެގޮތުގައި ވަނީ ބެލެވިފައެވެ.

މަންކީޕޮކްސް ޖެހިފައިވާ މީހެއް - ރޮއިޓާސް

ޗެލްސީ އެންޑް ވެސްޓްމިންސްޓާ ހޮސްޕިޓަލް އެންއެޗްއެސް ފައުންޑޭޝަން ޓްރަސްޓްގެ ތަޖުރިބާކާރުންވެސް ހިމެނޭހެން އެކުލަވާލާފައިވާ ދިރާސާގެ ބައެއް ހޯދުންތަކަށް ބަލާއިރު، މަންކީޕޮކްސްއަށް ޕޮޒިޓިވްވި ޕޭޝަންޓުންގެ 4 ބައިކުޅަ 1 ބައި މީހުންނަކީ އެޗްއައިވީއަށް ޕޮޒިޓިވް ޕޭޝަންޓުންނެވެ. އަދި 4 ބައިކުޅަ 1 ބައި މީހުންނަކީ ޖިންސީ ގުޅުމުން ޖެހޭ އެހެން ބަލިތައް ހުރި މީހުންނެވެ.

ޑރ. ރޫތު ބައިރަން ވިދާޅުވީ ،ބަލި ދެނެގަތުމުގައި ކުށްހީއެއް ކުރެވުމަކީ ބައްޔަށް އެކަށީގެންވާ ފަރުވާ ދިނުމަށާއި، އިތުރު ބަޔަކަށް ބަލި ފެތުރިގެން ދިޔަނުދީ ކޮންޓްރޯލް ކުރުމަށް ހުރަސް އެޅުމުގެ ފުރުސަތު އޮތްކަމެއްކަމަށެވެ.

މަންކީ ޕޮކްސް ޖެހިފައިވާ މީހަކާ ބައްދަލުވެއްޖެނަމަ ދެން ހަދާނީ ކިހިނެއް؟

މަންކީ ޕޮކްސް ޖެހިފައިވާ މީހަކާ ބައްދަލުވެއްޖެނަމަ 21 ދުވަސް ވަންދެން އެކަހެރިވާންޖެހެއެވެ. ޔޫކޭއެސްއެސްއޭއިންވެސް ބުނެފައިވަނީ، ރައްކާތެރިކަމުގެ ފިޔަވަޅެއް ނެތި އުޅުމުގެ ތެރޭގައި ބަލިޖެހިފައިވާ މީހަކާއި ބައްދަލުވެއްޖެނަމަ، 21 ދުވަސް (3 ހަފުތާ) ވަންދެން އެކަހެރިވާން ޖެހޭނެކަމަށެވެ.

އަދި ދަތުރު ނުކުރުމާއި ކޮންޓެކްޓް ޓްރޭސިންގ ހެދުމަށް މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން، ދިފާއީ ނިޒާމް ބަލިކަށި މީހުންނާއި، މާބަނޑު މީހުންނާއި އަދި 12 އަހަރުން ދަށުގެ ކުޑަކުދިންނާ ބައްދަލުނުވުމަށް ވަނީ އަންގާފައެވެ.

މަންކީޕޮކްސްއަކީ ސްމޯލްޕޮކްސް ޖައްސާ ވައިރަސްއާ އެއް އާއިލާގެ ވައިރަސްއަކުން ޖެހޭ ބައްޔެކެވެ. ސްމޯލްޕޮކްސް ނައްތާލުމަށް ޖެހި ވެކްސިނުން، މަންކީޕޮކްސްއިން ރައްކާތެރިކަން ލިބެއެވެ. މިހާތަނަށް ދިރާސާތައް ދައްކާގޮތުން ސްމޯލްޕޮކްސް ވެކްސިންގެ ސަބަބުން މަންކީޕޮކްސް ބަލިން 85 އިންސައްތަ ރައްކާތެރިކަންލިބެއެވެ.

1980 ވަނަ އަހަރު ދުނިޔެއިން ސްމޯލްޕޮކްސް ނައްތާލެވުމާއެކު، އޭގެ ވެކްސިން ޖެހުން ހުއްޓާލުމަށްފަހު، މިވީ އަހަރުތަކުގެ ތެރޭގައި މަންކީޕޮކްސްގެ ކޭސްތައް (ޚާއްސަކޮށް މިދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި މިބަލި އުޅޭ ގައުމުތަކުގައި) އިތުރުވެފައިވެއެވެ.

ބަލީގެ އަލާމާތްތައް ނުފެނި ބަލި ޖެހޭ މީހުންގެ ފުށުން މަންކީޕޮކްސް ފެތުރޭކަން އަދި ދެނެގަނެވިފައިނުވާކަމަށް ޑަބްލިޔުއެޗްއޯގެ އޮފިޝަލުން ވަނީ ބުނެފައެވެ. މަންކީޕޮކްސްއާ ގުޅިގެން ޑަބްލިޔުއެޗްއޯގެ ހެލްތު އިމަރޖެންސީ ޕްރޮގްރާމްގެ ޓެކްނިކަލް ހެޑް ރޮސަމުންޑް ލުވިސް ވިދާޅުވީ، އަލާމާތްތައް ނުފެނި ބަލި ފެތުރޭކަމާމެދު މިހާތަނަށް އެއްވެސް އެއްޗެއް އަދި ބުނަން ނޭނގޭކަމަށެވެ. ނަމަވެސް މާޒީގައި ފެނިފައިވާ ކޭސްތަކަށް ބަލާއިރު މަންކީޕޮކްސް ފެތުރިފައިވާ މައިގަނޑު ގޮތަކީ އެއީ ނޫންކަމަށާއި، ނަމަވެސް އެކަން ބަލަމުންދާކަމަށް ރޮސަމުންޑް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
14%
14%
29%
43%
0%
0%
ކޮމެންޓް