ކ. މާލެ
|
12 މެއި 2022 | ބުރާސްފަތި 22:26
އުތުރު ކޮރިއާގައި ކޮވިޑް-19 ފެތުރެން ފެށުމުން އެގައުމުގެ ސަރުކާރުން ވަނީ "ހިތާމަވެރި ގައުމީ ކުއްލި ހާލަތު" އިއުލާނުކޮށް މުޅި ގައުމުގެ ލޮކްޑައުންކޮށްފައި
އުތުރު ކޮރިއާގައި ކޮވިޑް-19 ފެތުރެން ފެށުމުން އެގައުމުގެ ސަރުކާރުން ވަނީ "ހިތާމަވެރި ގައުމީ ކުއްލި ހާލަތު" އިއުލާނުކޮށް މުޅި ގައުމުގެ ލޮކްޑައުންކޮށްފައި
ރޮއިޓާސް
އުތުރު ކޮރިއާއިން ކޮވިޑް-19ގެ ކޭސްތައް ފެނުން
ކޮވިޑްގެ ސަބަބުން އުތުރު ކޮރިއާއަށް ދިމާވެފައިވާ ކާބޯތަކެތީގެ ތަދުކަން އިތުރަށް ގޯސްވެދާނެކަމުގެ ބިރު
 
އެގައުމުގެ ސަރުކާރުން ވަނީ އެގައުމުގައި "ހިތާމަވެރި ގައުމީ ކުއްލި ހާލަތު" އިއުލާނުކޮށް، މުޅި ގައުމުގެ ލޮކްޑައުންކޮށްފައި
 
ބަލިމަޑުކަން ފެތުރެން ފެށުމުގެ ކުރިންވެސް އެގައުމުގެ އާބާދީގެ 40 އިންސައްތައަށްވުރެ ގިނަ މީހުން ބަނޑަށްޖެހި އެހީއަށް ބޭނުންވެފައިވާކަމަށް އަންދާޒާކޮށްފައިވޭ

އުތުރު ކޮރިއާގައި ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރެން ފެށުމުން އެގައުމުގައި ލޮކްޑައުން އިއުލާންކުރުމުން ގައުމަށް ކުރިމަތިވެފައިވާ ކާބޯތަކެތީގެ ތަދުކަމުގެ މައްސަލަ އިތުރަށް ގޯސްވެދާނެކަމުގެ ބިރު އެބައޮތްކަމަށް އެގައުމުގެ މަސްރަހު ދިރާސާކުރާ މާހިރުން މިވަނީ ފާހަގަކޮށްފައެވެ.

އުތުރު ކޮރިއާއިން ފުރަތަމަ ފަހަރަށް އެގައުމުގައި ކޮވިޑް-19 ވައިރަސް ފެތުރެމުންދާކަމަށް ރިޕޯޓުކޮށްފައެވެ. އެއާއެކު އެގައުމުގެ ސަރުކާރުން ވަނީ އެގައުމުގައި "ހިތާމަވެރި ގައުމީ ކުއްލި ހާލަތު" އިއުލާނުކޮށް، މުޅި ގައުމުގެ ލޮކްޑައުންކޮށްފައެވެ.

އުތުރު ކޮރިއާގައި ކޮވިޑް-19 ވައިރަސް ފެތުރެން ފަށާފައި މިވަނީ ބަލިމަޑުކަމުގެ ސަބަބުންނާއި މިދިޔަ އަހަރު އެގައުމަށް އެރި ޓައިފޫންގެ ސަބަބުން ކުރިމަތިވި ކަންތައްތަކާއެކު، ކާބޯތަކެތީގެ ސަޕްލައި މަދުވުމުގެ ބިރާ ކުރިމަތިވެފައިވަނިކޮށެވެ.

އެގޮތުން އުތުރު ކޮރިއާގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުން، ފެކްޓްރީތަކުގައި މަސައްކަތްކުރާ މީހުނުން ފެށިގެން އަމިއްލަ އޮފީސްތަކުގެ މަސައްކަތްތެރިންނާއި ސަރުކާރުގެ މުވައްޒަފުންނަށް ވަނީ އެގައުމުގެ ދަނޑުވެރިކަމުގެ މަސައްކަތްތަކުގައި މަސްއޫލުވެ އުޅުމަށް އަންގާފައެވެ. އަދި ގައުމުގައި ބޯފެން ލިބެން ހުންނަ ނިޒާމުތައް ރައްކާތެރިކޮށް، ދެމެހެއްޓެނެވި ގޮތެއްގައި ބޭނުންކުރެވޭނެ އިންތިޒާމު ގާއިމުކުރުމުގެ މަސައްކަތްކުރުމުގައި މަސްއޫލުވުމަށް ސަރުކާރުން ވަނީ އަންގާފައެވެ.

ބިންހިކުމާއި ފެންބޮޑުވުމުގެ މައްސަލަތަކަކީ މޫސުމީގޮތުން އުތުރު ކޮރިއާއަށް ކުރިމަތިވަމުން އަންނަތާ އެތައް އަހަރެއް ވެފައިވާ މައްސަލަތަކެކެވެ. ނަމަވެސް ބޮޑު ކާރިސާއަކާ އެގައުމުން ކުރިމަތިލާން ޖެހިއްޖެނަމަ، މިހާރު ނަޒުކު ފައްތަރެއްގައި އޮތް އެގައުމުގެ އިގުތިސާދަށް ވަރަށް ބޮޑު ލޮޅުމެއް އަންނާނެއެވެ.

ތަޖުރިބާކާރުން ފާހަގަކުރާގޮތުގައި. ބަލިމަޑުކަމުގެ ސަބަބުން ބައިނަލްއަގުވާމީ ވިޔަފާރީގެ މުއާމަލާތްތަކާއި ކާބޯތަކެތީގެ ޑޮނޭޝަންތައް މަދުވެފައި ވަނިކޮށް، އުމްރާނީ ވަސީލަތްތަކާއި ޒަމާނީ ސިއްހީ ވަސީލަތްތައް މަދު، ދަނޑުވެރިކަމުގެ މަސައްކަތަށް ވަރަށް ބޮޑަށް ބަރޯސާވާ އުތުރު ކޮރިއާގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވާން ފަށައިފިނަމަ އެގައުމުގެ ކާބޯތަކެތީގެ މައްސަލަ އިތުރަށް ގޯސްވުމަކީ މާދުރުގައިވާ ކަމެއް ނޫނެވެ.

އެގޮތުން ދެކުނު ކޮރިއާގެ ކްޔުންނަމް ޔުނިވަރސިޓީގައި އުތުރު ކޮރިއާގެ މަސްރަހު ދިރާސާކުރައްވާ ޕްރޮފެސަރެއް ކަމަށްވާ ލިމް އުލްޗުލް ވަނީ، އުތުރު ކޮރިއާގެ އިގުތިސާދަކީ ވަރަށް ބޮޑަށް އިންސާނީ ވަސީލަތްތަކަށް ބަރޯސާވާ އިގުތިސާދެއް ކަމަށާއި، އެކަމަށް ބުރޫއެރުމުން މިދަނޑިވަޅުގައި ޗައިނާގެ ފަރާތުން ވިޔަފާރިއާއި އެހީ ލިބުމަކީ ނާދިރުކަމެއްކަމަށް ފާހަގަކޮށްފައެވެ.

އުތުރު ކޮރިއާގައި ހަރަކާތްތެރިވަމުންދިޔަ އދ ގެ އެހީ ފޯރުކޮށްދޭ ޖަމްއިއްޔާތަކާއި އެހެނިހެން ރިލީފް ގްރޫޕްތަކުން ވަނީ އެގައުމުގެ ބޯޑަރު ބަންދުކުރުމުގެ މުއްދަތު އިތުރުކުރުމާގުޅިގެން އެގައުމުން ފައިބާފައެވެ. މީގެ ސަބަބުން އެގައުމުގެ ހަގީގީ ހާލަތު ދެނެގަންނަން ދަތިކަކަށް އެ ޖަމްއިއްޔާތަކުން ފާހަގަކުރެއެވެ.

2006 ވަނަ އަހަރު އުތުރު ކޮރިއާ ދޫކޮށް، ދެކުނު ކޮރިއާގެ ރައްޔިތުކަން ހޯދާފައިވާ މީހެއް ކަމަށްވާ ޖީ ސޮންގްހޯ ވަނީ އުތުރު ކޮރިއާގައި ސިއްހީ ވަސީލަތްތައް މަދުވުމުގެ ސަބަބުން އެގައުމުގައި ކޮވިޑް-19ގެ ކޭސްތައް އިންތިހާއަށް ފެތުރުމުގެ ބިރު އެބައޮތްކަމުގެ ކަންބޮޑުވުން ފާހަގަކޮށްފައެވެ. ސޮންގްހޯއަކީ އުތުރު ކޮރިއާގެ އާންމު ރައްޔިތުންގެ އިންސާނީ ހައްގުތަކަށް ވަކާލާތުކޮށް ކެމްޕެއިންކުރާ މީހެކެވެ.

އޭނާ ވަނީ ކޮވިޑް ފެތުރެން ފެށުމުން އޭގެ އަސަރު އެގައުމުގެ ދަނޑުވެރިކަމަށް ކޮށް، މިއަހަރު އެގައުމުގައި ކާބޯތަކެތި މަދުވުމުގެ ވަރަށް ސީރިއަސް މައްސަލައަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ވިދާޅުވެފައެވެ.

އުތުރު ކޮރިއާގެ ހަތިޔާރު އުފެއްދުމުގެ ޕްރޮގްރާމްތަކުގެ ސަބަބުން އެގައުމާ ދެކޮޅަށް ބައިނަލްއަގުވާމީ ގޮތުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، އެގައުމާއެކު ވިޔަފާރީގެ މުއާމަލާތްތައް ކުރުމަކީ ފަސޭހަކަމެއްނޫނެވެ. އަދި 2020 ވަނަ އަހަރު އުތުރު ކޮރިއާއިން ވަނީ ކޮވިޑް-19ން ރައްކާތެރިވުމުގެ ގޮތުން ގައުމުގެ ބޯޑަރު އެއްކޮށް ބަންދުކޮށްފައެވެ.

މިއަހަރުގެ ތެރޭގައި ގައުމުގެ ބޯޑަރު ހުޅުވާލައި ވިޔަފާރީގެ މުއާމަލާތްތައް އަލުން ފެށުމުން އެގައުމުގެ ހާލަތު ރަނގަޅުވެދާނެކަމުގެ އުންމީދުތައް އައުވިއެވެ. ނަމަވެސް ޗައިނާގައި ކޮވިޑް-19ގެ ކޮވިޑް ހާލަތު ގޯސްވެ އެގައުމުން ހަރުކަށިފިޔަވަޅުތަކެއް އަޅަން ފެށުމާއެކު އުތުރު ކޮރިއާއިން ވަނީ އަނެއްކާވެސް އެގައުމުގެ ބޯޑަރު ބަންދުކޮށްފައެވެ.

އުތުރު ކޮރިއާގެ ލީޑަރު ކިމް ޖޮންގް އުން މުޅި ގައުމު ލޮކްޑައުން ކުރެއްވުމާ ގުޅިގެން ދެކުނު ކޮރިއާގެ ސެޖޮންގް އިންސްޓިޓިއުޓްގެ ޑިރެކްޓަރު، ޗޮންގް ސޮންގް-ޗަންގް ވަނީ ޗައިނާ އެކޭ އެއްގޮތަށް ވައިރަސް ކޮންޓްރޯލް ކުރުމަށް ހަރުކަށި ބޮޑެތި ފިޔަވަޅުތައް އިއުލާނު ނުކޮށް، އުތުރު ކޮރިއާގައި މަސައްކަތްތައް ކުރިއަށް ގެންދެވޭނެގޮތަށް ފިޔަވަޅުތައް އެޅުން މާ ބުއްދިވެރިވާނެ ކަމަށް ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ، މިފަދަ ހަރުކަށި ފިޔަވަޅުތައް އެޅުމުން ކުރިއަށް އޮތް ދުވަސްތަކުގައި އުތުރު ކޮރިއާގެ ކާބޯތަކެތީގެ އުފެއްދުންތެރިކަމާއި ސަޕްލައިއަށް ވަރަށް ބޮޑަށް އަސަރުކުރުމުގެ އިތުރުން، މިހާރު ޗައިނާއިން ފެންނަމުން މިދާ ފަދަ މައްސަލަތައް އެގައުމުންވެސް ފެނުމުގެ ފުރުސަތު އެބައޮތްކަމަށެވެ.

އުތުރު ކޮރިއާގެ މޫސުމާބެހޭ އިދާރާއިން އެގައުމަށް އައިސްފައިވާ ހަނަފަސްކަމުގެ ދުވަސްތައް އިތުރަށް ދިގުލައިގެން ހިނގައިދާނެކަމަށް ލަފާކޮށް އިއުލާނުކޮށްފައިވަނިކޮށް، ބުރާސްފަތި ދުވަހު އެގައުމުގެ ސަރުކާރުން ވަނީ އަނެއްކާވެސް އެންމެން އެއްކޮށް، ހަނަފަސްކަމުގެ މިމައްސަލައާ ކުރިމަތިލުމަށް ރައްޔިތުންނަށް ގޮވާލާފައެވެ.

މިއަހަރުގެ މާޗު މަހު އދ އިން ވަނީ ކާބޯތަކެތީގެ އިމްޕޯޓަށާއި އެހީ ފޯރުކޮށްދޭ މީހުންނަށް އެގައުމުގެ ބޯޑަރު ހުޅުވާލުމަށް ގޮވާލަފައެވެ. އެޖަމްއިއްޔާއިން ވަނީ މިގޮތަށް ބޯޑަރު ބަންދުކޮށް، ވަކިވެގަނެގެން އޮތުމުގެ ސަބަބުން އެގައުމުގެ އާންމު ރައްޔިތުންގެ ގިނަ ބަޔަކަށް ބަނޑުހައިހޫނުކަމާ ކުރިމަތިލާން ޖެހިދާނެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ވޯލްޑް ފުޑް ޕްރޮގްރާމުން ވަނީ އުތުރު ކޮރިއާގައި ކޮވިޑް ބަލިމަޑުކަން ފެތުރެން ފެށުމުގެ ކުރިންވެސް އެގައުމުގެ 11 މިލިއަނެއްހާ މީހުން ނުވަތަ އެގައުމުގެ އާބާދީގެ 40 އިންސައްތައަށްވުރެ ގިނަ މީހުން ބަނޑަށްޖެހި އެހީއަށް ބޭނުންވެފައިވާކަމަށް އަންދާޒާކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް