ކ. މާލެ
|
9 މެއި 2022 | ހޯމަ 11:04
ނައިޖީރިއާގެ ދަ އިންކްރެޑިބަލް ކިޑްސް ގްރޫޕުގައި ހިމެނޭ އަނުމް
ނައިޖީރިއާގެ ދަ އިންކްރެޑިބަލް ކިޑްސް ގްރޫޕުގައި ހިމެނޭ އަނުމް
ގޫގުލް
ނައިޖީރިއާގެ ދަ އިންކްރެޑިބަލް ކިޑްސް
ނައިޖީރިއާގެ "ދަ އިންކްރެޑިބަލް ކިޑްސް" ނަށަނީ ދިރިއުޅުން ބަދަލުކުރަން
 
އެ ގްރޫޕުގައި ހިމެނޭ ހުރިހާ ކުދިންނަކީ ވެސް ހާލުގައި ދިރިއުޅޭ އާއިލާތަކާއި މަގުމަތީގައި ދިރިއުޅޭ ކުދިން
 
"ދަ އިންކްރެޑިބަލް ކިޑްސް" އަކީ ހަ ކުދިންގެ ނަށާ ގްރޫޕެއް

އިންޓަނެޓުގެ ޒަރީއާއިން އެތައް ބަޔަކު ދުނިޔޭގެ މަގުބޫލުކަން ހޯދަމުން އަންނައިރު އެކަހަލަ ކަމެއް ވެދާނެ ކަމަށް ނައިޖީރިއާއަށް އުފަން ޖޮޝުއާ އަނުމް ދުވަހަކު ވެސް އުއްމީދެއް ނުކުރެއެވެ. ބައްޕަ ދޫކޮށްލާފައި ދިއުމުން އަނުމް އޭނާގެ ނުވަ ބެއިންނާއި މަންމައާއެކު ދިރިއުޅެމުން އައީ ވަރަށް ދަތި ހާލުގައެވެ. ގިނަ ފަހަރު ކާނެ އެއްޗެއް ވެސް ލިބެނީ ނަސީބުންނެވެ.

އަނުމްގެ އުމުރުން 15 އަހަރުވެފައިވާއިރު އޭނާ ކުޑައިރު ދިމާވި ހާދިސާއެއްގެ ސަބަބުން ވައަތް ބުރިކޮށްލަން ޖެހުނެވެ. ނަމަވެސް އޭގެ ސަބަބުން އޭނާ ފަހަތަކަށް ނުޖެހެއެވެ. އޭނާއަކީ އިންސްޓަގްރާމުގައި ދުވަހަކަށްފަހު ދުވަހެއް ފޮލޯވަރުން އިތުރުވަމުން އަންނަ ނަށާ ގްރޫޕެއް ކަމަށްވާ "ދަ އިންކްރެޑިބަލް ކިޑްސް" ގެ ހިއްސާއެކެވެ.

މި ގްރޫޕަށް ވަނުމުގެ ކުރިން އަހަރެން އުޅުނީ އަބަދު ޕާޓީކޮށް ފައިޓް ކުރުމުގައި. ސްކޫލަކަށް ވެސް ނުދަން. އެކަމަކު މި ގްރޫޕަށް ވަތް ފަހުން ސްކޫލަށްވެސް ދަން، ކިޔަވަން، ނަށަން. ކުރިން ކުރި އެއްވެސް ގޯސްކަމެއް ނުކުރަން
އަނުމް

"ދަ އިންކްރެޑިބަލް ކިޑްސް" ގެ އެންމެ މަޝްހޫރު އެއް ވީޑިއޯގައި ފެންނަނީ ވަރަށް ހިކިކޮށް ތިބި ހަ ކުދިން ނަށާ މަންޒަރެވެ. އެ ވީޑިއޯއަށް މިހާތަނަށް 55،000 އަށްވުރެ ގިނަ ވިއުސް ވަނީ ލިބިފައެވެ.

މި ގްރޫޕްގައި އިސްކޮށް ހަރަކާތްތެރިވަނީ އެންމެ ފަސް އަހަރުގެ އިމެނުއެލާ މައިކާ އެވެ. އެ ގްރޫޕުގެ ވީޑިއޯތަކުގައި ނައިޖީރިއާގެ މަޝްހޫރު ލަވަތަކަށް ތަފާތު ގޮތްތަކަށް ނަށައެވެ. އެ ގްރޫޕުގެ ނެށުމުގައި ގެންގުޅޭ ހަރަކާތްތަކުގެ ސަބަބުން ގިނަ ބަޔަކަށް އެ ގްރޫޕް ކަމުދެއެވެ.

ނަށަން އަހަންނަށް ވަރަށް ކަމުދޭ. އަހަރެން އެންމެ އުފާވަނީ ނަށާ ވަގުތު. އަހަންނަށް އެނގޭ ނެށުމުން އަހަންނަށް ދިރިއުޅުމުގައި ކުރިއަށް ދެވޭނެކަން. އެހެންވެ ނެށުމަށް އެހާ ލޯބިކުރަނީ
ފަސް އަހަރުގެ އިމެނުއެލާ މައިކާ

މި ގްރޫޕުގައި ހިމެނޭ ހުރިހާ ކުދިން ވެސް ދިރިއުޅެނީ ނައިޖީރިއާގެ އަބޫޖާ ސަރަހައްދުގައި މަލިކީ އިމެނުއެލް ކައިރީގައެވެ. އޭނާއަކީ ވެސް ނެށުންތެރިއެކެވެ. އަދި "ދަ އިންކްރެޑިބަލް ކިޑްސް" ގެ ފައުންޑަރ އެވެ.

އޭނާގެ ފަރާތުން ނަށަން ދަސް ކުރާ ގިނަ ކުދިންނަކީ އަނުމް ގޮތަށް ދަތި ހާލަތުގައި ދިރިއުޅޭ އާއިލާތަކުގެ ކުދިންނެވެ. އެ ކުދިންނަށް އޭނާގެ ގެއަކީ ރެފިއުޖީ ކޭމްޕެއް ފަދަ ތަނެކެވެ.

އިމެނުއެލް އެ ކުދިންނަށް ހަރަދުކޮށް ހަދަނީ ކުރަހައިގެންނެވެ. އޭނާގެ ކުރެހުންތައް ވިއްކައިގެން ލިބޭ ލާރިން ސްކޫލް ފީ ދައްކައި އެހެން ބައެއް ޒަރޫރީ ކަންކަން ފުރިހަމަ ކޮށްދެއެވެ.

އަހަރެން ރިހާސަލް ކުރާ ގަޑީގައި ބައެއް ކުދިންތައް އައިސް ތިބޭނެ ބަލަން. ބައެއް ކުދިން މަގުމަތީގައި ތިބޭ ނަށަން. އެހެންވެ އަހަރެން ނިންމީ އެކުދިން ގެނެސް ތަމްރީން ކުރަން. އެ ކުދިންގެ ކަންކަން އަހަރެން މި ބަލަހައްޓަނީ ކުރައިގެން އެ ލިބޭ އެއްޗަކުން. އަހަރުމެން މަޝްހޫރުވީ ޑޯން ޖެޒީ އެއް ދުވަހު ހަދިޔާއަކަށް އެއް މިލިއަން ނައިރާ ދިނުމުން
އިމެނުއެލް

ޑޯން ޖެޒީ އަކީ ނައިޖީރިއާގެ މިޔުޒިކް ޕްރޮޑިއުސަރެކެވެ. އޭނާ އެދުވަހު ދިން ހަދިޔާއާއެކު "ދަ އިންކްރެޑިބަލް ކިޑްސް" މަޝްހޫރުވާން ފެށިއެވެ. އެއާއެކު ތަފާތު އިވެންޓުތަކުގައި ނަށަން އެ ގްރޫޕަށް ދައުވަތުވެސް ލިބެން ފެށިއެވެ.

ޖޯޝުއާ އަނުމްގެ މަންމަ ވީރާ އަނޫ ބުނީ އޭނާގެ އުމުރުން ފަސް އަހަރުގައި އަނބުގަހަކުން ވެއްޓި ދިމާވި ހާދިސާއެއްގެ ސަބަބުން އޭނާގެ އަތް ބުރިކޮށްލަން ޖެހުމުން ވަރަށް ދެރަވި ކަމަށެވެ. އެއް އަތް ނެތުމުން އޭނާއަށް ދިރިއުޅުމުގައި ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށް ބުނެ މީހުން ވާހަކަ ދައްކާތީ ދެރަވި ކަމަށް ވެސް އޭނާ ބުންޏެވެ.

އަނުމްގެ މަންމައަށް އޭނާގެ ސްކޫލަށް ފީ ދައްކާނެ ލާރިއެއްވެސް ނުލިބެއެވެ. ނަމަވެސް ނަށައިގެން ލިބޭ ލާރިން މިހާރު އެކަން ވެސް ކުރެވޭތީ އުފާވާ ކަމަށް އޭނާ ބުންޏެވެ.

ވަރަށް ގިނަ މީހުން ކިޔާނެ ކުޑައިރު އަތް ބުރިކޮށްލަން ޖެހުނީމަ ބޮޑުވެގެން ކީއްހޭ ކުރެވޭނީ. އެހެންވެ އަބަދުވެސް ރަނގަޅު ގޮތެއްވޭތޯ ދުއާ ކުރިން. މިހާރު ބަލާ، މުޅި ދުނިޔެ އޭނާ ނަށާތަން އެބަ ބަލާ. އަހަރެން ވަރަށް އުފާވޭ އެހެންވެ
އަނުމްގެ މަންމަ ވީރާ

ނެށުމުގެ އިތުރުން ސްކޫލުން އައިސް މި ކުދިންތައް ކުޅުމުގައި ވަގުތު ހޭދަ ކުރެއެވެ. އެ ވަގުތަކީ އެކުދިންގެ ކޯޗު އިމެނުއެލް އަށް ކުރެހުމަށް ލިބޭ ވަގުތެވެ.

އެ ގްރޫޕް އެންމެ ބޮޑަށް ވިދާލާފައިވަނީ އަބުޖާ އާއި ލާގޯސްގައެވެ. ދުވަހަކަށްފަހު ދުވަހެއް އެ ގްރޫޕުގެ މަގުބޫލުކަން އިތުރުވަމުން އަންނައިރު އުއްމީދަކީ ނަންބަރުތައް އިތުރުވުން ކަމަށް އިމެނުއެލް ބުންޏެވެ.

އަދިވެސް ކުދިން ނަގަން އެބަވިސްނަން. އެކަމަކު މި ކުދިން ބޮޑުވަންދެން މި ހުންނަނީ. އަމިއްލަ ބްރޭންޑެއް އުފެދި އެ ބްރޭންޑް ބޮޑުވީމަ އިތުރު ކުދިން ނަގާނަން. ގްރޫޕަށް ނަގާނީ މަގުމަތީގައި ދިރިއުޅޭ ކުދިންނާއި ނަށާ ކުދިންނާއި ނަށަން ޝައުގުވެރިކަން ހުންނަ ކުދިން. އެކުދިންނަށް ދަސްކޮށްދީ ކްރޫގެ ތެރެއަށް ވެއްދޭނެ
އިމެނުއެލް

އިމެނުއެލް ބުނި ގޮތުގައި އެފަދަ ކުދިންނާ އޭނާ ބޮޑަށް ގުޅެނީ އެއީ އޭނާވެސް ބޮޑުވެގެން އައި ހާލު ކަމަށް ވާތީ ކަމަށެވެ. އޭނާ ވެސް ބޮޑުވެގެން އައީ ފަގީރު ހާލުގައި ކަމަށާއި ޖެހިގެން އަންނަ ދުވަހު ކާނެ އެއްޗެއް ލިބޭނެ ކަމުގެ ޔަގީންކަމެއް ނޯންނަ ކަމަށް އޭނާ ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް