ކ. މާލެ
|
29 އޭޕްރިލް 2022 | ހުކުރު 09:24
ޑަބްލިއުޓީއެމް ލެޓިން އެމެރިކާ ފެއަރގައި ރާއްޖޭގެ ސްޓޭންޑް
ޑަބްލިއުޓީއެމް ލެޓިން އެމެރިކާ ފެއަރގައި ރާއްޖޭގެ ސްޓޭންޑް
އެމްއެމްޕީއާރްސީ
ޑަބްލިއުޓީއެމް ލެޓިން އެމެރިކާ ފެއަރ
ޑަބްލިއުޓީއެމް ލެޓިން އެމެރިކާ ފެއަރގައި ރާއްޖޭގެ ސްޓޭންޑަށް 1,500 އަށްވުރެ ގިނަ މީހުން ޒިޔާރަތްކޮށްފި
 
ފެއަރގެ ފުރަތަމަ ދެ ދުވަހު 10،725 މީހުން މި ފެއަރއަށް ޒިޔާރަތްކޮށްފައިވޭ
 
40 ޤައުމަކުން 565 އަށްވުރެ ގިނަ އެގްޒިބިޓަރުން މިއަހަރުގެ ފެއަރގައި ބައިވެރިވި
 
މި ފެއަރ ކުރިއަށްދިޔައީ އޭޕްރިލް މަހުގެ 5 ވަނަ ދުވަހުން ފެށިގެން 7 ވަނަ ދުވަހާ ހަމައަށް

ކާމިޔާބު ނެޓްވޯކިން ސެޝަންތަކާއި، ގިނަ ބައްދަލުވުންތަކަކާއެކު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި އިންޑަސްޓްރީ ޕާޓްނަރުން ޑަބްލިއުޓީއެމް ލެޓިން އެމެރިކާ ހަރަކާތް ނިންމާލިއިރު 1,500 އަށްވުރެ ގިނަ ފަރާތްތަކުން ދިވެހިރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކޮށްފިއެވެ.

މި ފެއަރ ކުރިއަށް ދިޔައީ އޭޕްރިލް މަހުގެ 5 ވަނަ ދުވަހުން ފެށިގެން 7 ވަނަ ދުވަހާއި ހަމައަށް ބްރެޒިލްގެ ސައު ޕައުލޯގައެވެ. މިފެއަރ އަކީ ލެޓިން އެމެރިކާގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް ދުނިޔޭގެ ފަތުރުވެރިކަމާ ގުޅުން ހުރި އެކި ޚިދުމަތްތައްދޭ ފަރާތްތަކާއި، އިންފްލުއެންސަރުންނާއި، ޕްރޮފެޝަނަލް ފަރާތްތައް އެއްތަނަކުން ބައްދަލުކޮށް، މަޝްވަރާކޮށް، ޕާޓްނަރޝިޕް ޤާޢިމްކޮށް، ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ފުރުސަތު ފަހިކޮށްދޭ ހަރަކާތެކެވެ. 40 ޤައުމަކުން 565 އަށްވުރެ ގިނަ އެގްޒިބިޓަރުން މިއަހަރުގެ ފެއަރގައި ބައިވެރިވިއެވެ.

އެމްއެމްޕީއާރުސީއާއެކު މި ހަރަކާތުގައި މިއަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 11 އިންޑަސްޓްރީ ޕާޓްނަރުން ބައިވެރިވިއެވެ. އެއީ ކުޑަ ވިލިނގިލި ރިޒޯޓް މޯލްޑިވްސް، ރިޒޯޓް ލައިފް ޓްރެވަލް، ޕަޓީނާ މޯލްޑިވްސް، ސަން ސިޔާމް ރިޒޯޓްސް، ޓްރެވަލް ކަނެކްޝަން މޯލްޑިވްސް، އިންޓުއަރ މޯލްޑިވްސް، ޝެރަޓަން މޯލްޑިވްސް ފުލްމޫން ރިޒޯޓް އެންޑް ސްޕާ، ރެއޯލޯ ޓްރެވަލް، ލިލީ ހޮޓެލްސް، ކޮންސްޓަންސް މޫފުށި ރިޒޯޓް މޯލްޑިވްސް އަދި ލެޓްސް ގޯ މޯލްޑިވްސް އެވެ. 

މިފެއަރގައި ރާއްޖޭގެ ސްޓޭންޑަށް ވަނީ 1500 ފަރާތުން ޒިޔާރަތްކޮށް ރާއްޖެއާ ބެހޭ މައުލޫމާތު ހޯދާފައެވެ. އަދި ރާއްޖެއިން ބައިވެރިވި ފަރާތްތަކާއި ބޭރުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާ ދެމެދު ވަނީ 25 ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައެވެ. މުޅި ފެއަރ އަށް ބަލާނަމަ ފެއަރގެ ފުރަތަމަ ދެ ދުވަހު 10،725 ފަރާތުން ޒިޔާރަތްކޮށްފައިވާކަމަށް އިންތިޒާމްކުރި ފަރާތުން ބުނެފައިވެއެވެ. މިއީ 2019 ވަނަ އަހަރާއި އަޅާކިޔާއިރު 7.8 އިންސައްތަ އިތުރުވުމެކެވެ.

މިފެއަރގައި ބައިވެރިވުމުގެ މަޤުސަދަކީ ރާއްޖޭގެ އެންމެ ފަހުގެ މައުލޫމާތާއި އަޕްޑޭޓްތައް ދުނިޔޭގެ އެންމެ މުހިންމު އެއް ޓްރެވަލް ޓްރޭޑް ޝޯވްއަށް ޒިޔާރަތްކުރާ ފަރާތްތަކާ ހިއްސާކުރުމެވެ. އަދި ރާއްޖެއަކީ ލެޓިން އެމެރިކާ ޤައުމުތަކުގެ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި އަދި އެކަށީގެންވާ އެއް މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުމެވެ. މި ހަރަކާތުގެ ތެރެއިން ރާއްޖެއަކީ ގުދުރަތީ ގޮތުން ވަކިވަކި ރަށްތަކެއްގެ ގޮތުގައި އުފެދިފައިވާ ގައުމެއްކަމުން، މިއީ ދަތުރުވެރިން ބޭނުންވާ ގައިދުރުކަން ދަމަހައްޓަން ފަސޭހަ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރިއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތައް ކަމަށްވާ ރިޒޯޓު، ހޮޓެލް، ގެސްޓްހައުސް، އަދި ލިވަބޯޑުތަކުގައި އަޅާފައިވާ ކޮވިޑް-19ގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި، މި ތަންތަނުން ލިބޭ ތަފާތު ތަޖުރިބާތައް މި ހަރަކާތުގެ ތެރެއިން މާކެޓްކުރިއެވެ. މީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ފަހުގެ މައުލޫމާތާއި، ޓްރެވަލް ގައިޑްލައިންތައް މިހަރަކާތުގެ ޒަރިއްޔާއިން ލެޓިން އެމެރިކާ، ހާއްސަކޮށް ބްރެޒިލްގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާ ހިއްސާކުރިއެވެ. ޑަބްލިއުޓީއެމް ލެޓިން އެމެރިކާ ހަރަކާތުގައި ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރި ފަރާތްތަކުގެ މެދުގައި ހާއްސަ ގުރުއަތެއް ނަގާ، ނަސީބުވެރި އެއް ފަރާތަކަށް ރާއްޖޭގައި ހިލޭ ޗުއްޓީ ހޭދަކުރުމުގެ ފުރުސަތުވެސް ދީފައިވެއެވެ. މި ފުރުސަތު ސްޕޮންސާކޮށްފައިވަނީ ކޮންސްޓަންސް މޫފުށި ރިޒޯޓް މޯލްޑިވްސްއިންނެވެ.

މިއީ އެމްއެމްޕީއާރުސީއިން ލެޓިން އެމެރިކާ، ޚާއްސަކޮށް ބްރެޒިލް މާކެޓަށް ގެންގުޅޭ މާކެޓިން ސްޓްރެޓަޖީގެ ދަށުން ބައިވެރިވި ހަރަކާތެކެވެ. މި ސްޓްރެޓަޖީގެ ބޭނުމަކީ މި މާކެޓުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމުގެ މަޤްސަދުގައި ސޯޝަލް އާއި ޑިޖިޓަލް މީޑިއާ ކެމްޕެއިންތައް ހިންގާ، މި މާކެޓްގައި ބާއްވާ ފަތުރުވެރިކަމުގެ ބޮޑު، ކުޑަ ފެއަރތަކާއި އެގްޒިބިޝަންތަކުގައި ރާއްޖެ އިޝްތިހާރުކުރުމެވެ. ލެޓިން އެމެރިކާގެ ބްރެޒިލް ފަދަ ގައުމުތަކަކީ ރާއްޖެއަށް މުހިންމު މާކެޓްތަކެކެވެ. މިއަހަރުގެ ފެބްރުައަރީ މަހުގެ ނިޔަލަށް ބްރެޒިލުންވަނީ ދިވެހިރާއްޖެއަށް 4،130 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިމާކެޓުތަކުގައި ރާއްޖޭގެ މަޤުބޫލުކަން ދަމަހައްޓާ އިތުރުކުރުމަށް އެމްއެމްޕީއާރުސީއިން ދަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. މިގޮތުން މިއަހަރު ކުރިޔަށް ރޭވިފައިވާ ހަރަކާތްތަކުގެ ތެރޭގައި ޑިޖިޓަލް އަދި ސޯޝަލް މީޑިއާ ކެމްޕެއިންތަކާއި، ވެބިނާތަކާއި، އިންފްލުއެންސަރ އަދި މީޑިއާ ފެމިލިއަރައިޒޭޝަން ދަތުރުތައް ހިމެނެއެވެ. މި ހަރަކާތްތަކަކީ ރަޝިއާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ހަލުވިކަމާއެކު ބަދަލުވަމުންދާ ދުނިޔޭގެ ޖިއޯޕޮލިޓިކަލް ހާލަތަށް ބިނާކޮށް، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދަށް ކޮށްފާނެ ނޭދެވޭ އަސަރު ކުޑަކުރުމުގެ ގޮތުން އެމްއެމްޕީއާރުސީއިން އެކުލަވާލައިފައިވާ ޝޯޓް-ޓާރމް ސްޓްރެޓަޖީގެ ދަށުން މުހިންމު މާކެޓްތަކުގައި ހިންގާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ހަަރަކާތެކެވެ.

ދިވެހިރާއްޖޭގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިދިނުމުގެ ގޮތުން 4 މާޗް 2022 ވަނަ ދުވަހުން ފެށިގެން ކޮވިޑް-19ގެ ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައިވާ ފަތުރުވެރިން ރާއްޖެ އަންނައިރު، ޕީސީއާރު ޓެސްޓް ހަދަން ނުޖެހޭ ގޮތަށް މިހާރު ވަނީ އުސޫލު ބަދަލުކޮށްފައެވެ. މީގެ އިތުރުން، ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖޭގައި އިއުލާނުކޮށްފައިވާ އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ 14 މާޗް 2022 ވަނަ ދުވަހުން ފެށިގެން އުވާލާފައެވެ. ދިވެހިރާއްޖޭގައި ކޮވިޑް-19އިން ރައްކާތެރިވުމަށް އަޅާފައިވާ މިފިޔަވަޅުތަކަށް ލުއި ދިނުންވެފައިވަނީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އިތުރު ފަސޭހައަކަށެވެ.

ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ޒިންމާ އުފުލާ ކުންފުނީގެ ހައިސިއްޔަތުން އެމްއެމްޕީއާރްސީއިން ވޭތުވެދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، އިންޑަސްޓްރީގެ ޕާޓްނަރުންނާއެކު 22 މާކެޓެއްގައި 260 ހަރަކާތް ވަނީ ހިންގާފައެވެ. މީގެތެރޭގައި ފެއަރތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން، އެކި ޤައުމުތަކުގައި ރޯޑްޝޯތައް ވެސް ވަނީ ބާއްވާފައެވެ. އަދި ވެބިނާތަކާއި، ފެމިލަރައިޒޭޝަން ދަތުރުތަކުގެ އިތުރުން މާކެޓިން ކެމްޕެއިންތައް ވަނީ ހިންގާފައެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ރާއްޖެއަކީ ފަތުރުވެރިންގެ އިތުބާރު ލިބިފައިވާ މަންޒިލެއްކަމަށް ހެކިވާ އެންމެ އަލިގަދަ ނިޝާނަކަށް ވެގެންދިޔައީ، 'ވޯލްޑް ޓްރެވަލް އެވޯރޑްސް' (ޑަބްލިއުޓީއޭ) 2021ގައި 'ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން' ގެ ލަގަބު ޖެހިޖެހިގެން ދެވަނަ އަހަރަށް ރާއްޖެއަށް ކާމިޔާބު ކުރެވުނުކަމެވެ. މީގެ އިތުރުންވެސް ދިވެހިރާއްޖެއިން ވަނީ ޑަބްލިއުޓީއޭ 2021ގައި އެތައް ޚާއްސަ އެވޯޑްތަކެއް ޙާސިލްކޮށްފައެވެ. 13 މާޗްއިން ފެށިގެން ރާއްޖޭގައި އަޅާފައިވާ މީގެ ދެ އަހަރު ކުރިން އިއުލާން ކުރި ސިއްޙީ ކުުއްލި ނުރައްކަލުގެ ހާލަތު ވަނީ އުވާލާފައެވެ. ދަތުރުފަތުރުކުރުމަށް އެޅިފައިވާ ފިޔަވަޅުތަކާއި ކޮވިޑްގެ އިތުރު ފިޔަވަޅުތަކަށް ލުއިދިނުމާއި ގުޅިގެން ރާއްޖެއަށް ދަތުރުކުރުމަށް ފަތުރުވެރިންނަށް އިތުުރު ފަސޭހަތަކެއް ލިބިގެންދިޔައެވެ.

ކުރިޔަށް މިދާ އަހަރަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚުގައި ވަރަށް ޚާއްސަ އަހަރެކެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ޚާއްސަ ހަރަކާތްތައް މިދިޔަ އަހަރު ފަށައިގަތީ ކުލަގަދަ ހަރަކާތްތަަކަކާ އެކުގައެވެ. އެމްއެމްޕީއާރްސީގެ ފަރާތުން ރާއްޖޭގެ ޓޫރިޒަމްގެ ރަން ޔޫބީލް ފާހަގަކުރުމަށް އެތައް ހަރަކާތްތަކެއް ތާވަލް ކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޔާމީނަށް ކުރި 11 އަހަރުގެ ޖަލު ޙުކުމް ބާތިލު، ނަމަވެސް ދަށު ކޯޓުން އަލުން މައްސަލަ ބަލަންޖެހޭނެ
ރިޝްވަތު ޤަބޫލުކުރިކަމަށް ޔާމީނަށް ކުރި ޙުކުމްވެސް ބާތިލު، މައްސަލަ އަލުން ބަލަން ހައިކޯޓުން އަންގައިފި
ޔޫސުފް ނައީމަށް ކުރި ޙުކުމް ބާތިލް، ކްރިމިނަލް ކޯޓުން އަލުން މައްސަލަ ބަލަން އަންގައިފި
އެމްއެމްޕީއާރްސީގެ ފައިސާ ލޯންޑަރކުރިކަމުގެ ތުހުމަތުވެސް ބައްސާމަށް ކުރެވޭ، އެ މައްސަލަ އޮތީ އޭސީސީގައި: ޕީޖީ އޮފީސް
އެމްއެމްޕީއާރްސީގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލައެއް ބަލަނީ
މި ސަރުކާރުގެ ފުރަތަމަ ސަވާދީއްތަ ދަތުރު ބޮޑު ސްކޭމަކަށް
ޗައިނާއިން ފާހަގަކުރާ ''އިޔަރ އޮފް ދަ ޑްރެގަން'' އަށް މަރުހަބާ ކިޔައި އެމްއެމްޕީއާރްސީން ބޭނުންކޮށްފައިވާ ބަހުރުވައަށް އާންމުގެ ފާޑުކިޔުން
ޔާމީނުގެ ޤުރުބާނީއާއެކު ވެރިކަމަށް އައިސް، ޔާމީނުގެ ޙައްޤު ހޯދަން ދިޔައިރު ބައިވެރިނުވުމުން ބަހުގެ ހޫނު ހަމަލާތަކެއް