ސިޔާސީ ވަކި ކަމެއް ހާސިލުކުރުމަށް އަޑީގައި ވަކި ގައުމެއް ނުވަތަ ބައެއް އޮވެގެން، ފަންޑު ލިބިގެން އަދި އެކަމުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކާއި ބޭނުންކުރާ ފަރާތްތައް ހިމެނޭ ގޮތަށް ކުރިއަށް ގެންދާ އިންޑިއާ އައުޓް ކެމްޕޭން އެކި ސިފަ ސިފައިގައި ކުރިއަށް ގެންދާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. މިކަން މިހާތަނަށް ސަރުކާރުން ރަސްމީ ސިފައެއްގައި ހުއްޓުވާފައި ނެތެވެ. ސިދާ ޤާނޫނު އަސާސީ ހިލާފުކަމެއް ނަމަވެސް މިނިވަންކަމާއެކު އަޑު އުފުލުމުގެ ފުރުސަތު ދިނުމަށް ސަރުކާރުން ހުރަސް ނާޅައެވެ.
ސަބަބަކީ ނިމިގެންދިޔަ 5 އަހަރުގެ ވެރިކަމުގައި ހުދު މުހުތާރު ވެރިއެއް ހުންނަވައި، އެމަނިކުފާނު ބޭނުންފުޅު ނުވާ ކަންކަމުގެ ވާހަކަ ނުދެއްކޭގޮތަށް ދިވެހި ރައްޔިތުންގެ އަނގަމަތީގައި ގާނޫނީ ޓޭޕް އަޅުއްވައިގެން މިނިވަންކަން ހަނިކުރެއްވި ކުރުމާއި މި ސަރުކާރު ދެކޮޅުވާތީއެވެ. އެއިރު އެ ހައްޤު ހަނިކުރެއްވި ވެރިޔަކީ މިއަދު އެ މިނިވަންކަން އަނބުރާ ލިބިވަޑައިގަތުމުން އެކަމުގެ ބޭނުން ނަހަމަގޮތުގައި އެންމެ ގިނައިން ހިއްޕަވަމުން ގެންދަވާ ވެރިއާއެވެ. އެއީ އެމްއެމްޕީއާރުސީގެ ވައްކަމުގެ ވާހަކަ ފޮރުއްވުމަށް ގާނޫނަށް ބަދަލު ގެންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ.
ނަމަވެސް އެމަނިކުފާނަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ގެއްލި ވަޑައިގެންނެވި އެއްޗެއްގެ ބޮޑުކަމުން ވަކި ގައުމަކާއި ދެކޮޅަށް ނަފްރަތު އުފައްދާ ގައުމީ ހަމަޖެހުން ނަގާލަން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރައްވަމުންނެވެ. ސީދާ ނުސީދާކޮށް އިންޑިއާ ރައްޔިތުންނަށް އިންޒާރު ދިނުމައި ބިރު ދެއްކުމުގެ ކަންކަމަކީ މިހާރު ފެންނަން އޮތް ކަންތަކެވެ. މިނިވަން ގައުމެއްގައި ދިރިއުޅެ މަސައްކަތް ކުރާ އެހެން ގައުމެއްގެ ބަޔަކަށް ނުރައްކާވާ ހިސާބަށް މިކަންކަން ގޮސްފިއެވެ. ސީދާ ޓެރަރިޒަމްގެ އަމަލެކޭ ވެސް ދެންނެވިދާނެއެވެ.
އެންމެފަހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެކިއެކި ޝިޢާރުތަކުގެ ދަށުން ވަކިވަކި ޤައުމުތަކާ މެދު ނަފުރަތު އުފެއްދުމަށް ރާވައިގެން ހިންގާ ހަރަކާތްތައް ހުއްޓުވުމަށް ޤަރާރެއް ނެރުއްވާފައެވެ. އިންޑިއާ އައުޓްގެ އަޑު ކެނޑި ޔާމީނަށް ވެރިކަން ގެއްލިދާނެކަމުގެ ބިރުން އެންމެ ފަހުން އެއިރު ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރެއްވި ޔާމީންއާއި އިދިކޮޅުން ދެން ވިދާޅުވާން ފެށި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭގޮތަށް ގާނޫނާ ހިލާފަށް ނެރެފައިވާ ގަރާރެއް ކަމަށެވެ.
ނަމަވެސް ޤާނޫނު އަސާސީއާ ޚިލާފުކަމަށް ބުނެވޭނީ، ވަކި ކަމެއް ވަކި ގޮތަކަށް ކުރަން ބަޔާންކޮށްފައި އޮވެ، އެއާ ޚިލާފުވުމުންނެވެ. ރައީސުލްޖުމްހޫރިއްޔާއަށް ޤަރާރު ނެރުއްވޭނީ ވަކި ކަންކަމަކާ ގުޅިގެން ކަމަށް ޤަނޫނު އަސާސީގައި ބަޔާންކޮށް އެކަން ހަނިކޮށްފައި ނުވެއެވެ. 21 އެޕްރީލްގެ ޤަރާރު ޤާނޫނާ ޚިލާފުކަމަށް ދައްކާ ވަހަކައަކީ ތާކުންތާކު ޖެހޭ ވާހަކައެއް ނޫނެވެ. އެއީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަ މީހަކަށް ޤާނޫނުއަސާސީން ލިބިދީފައިވާ ބާރާ އެއްގޮތަށް ނެރެފައިވާ ޤަރާރެކެވެ.
މި ޤަރާރަކީ ދިވެހިރާއްޖޭގެ ޤަނޫނުއަސާސީއާ ޚިލާފު ޤަރާރެއް ނޫންކަމުން، މި ޤަރާރުގެ ސަބަބުން، ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ އެއްވެސް ޙައްޤަކަށް ހުރަސް ނާޅައެވެ. ޤާނޫނީ ހުދޫދުގެ ތެރެއިން އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަންވެސް ރައްޔިތުންނަށް އަދިވެސް އެބައޮތެވެ. އިންޑިއާ އައުޓްގެ ނަމުގައި ނަފްރަތު އުފެއްދުމުގެ ފުރުސަތު ނެތީއެވެ.
ޤާނޫނު އަސާސީގެ 119 ވަނަ މާއްދާގައި، ރައީސުލްޖުމްހޫރިއްޔާ ކޮށްގެންނުވާނެ ކަންކަން ސާފުކޮށް ބަޔާންކޮށްފައިވެއެވެ. ދިވެހިރާއްޖެއާއި ދެކުނު އޭޝިޔާ ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށްޓަކައި މިފަދަ ޤަރާރެއް ނެރުމަކީ ޤާނޫނު އަސާސީއާ ޚިލާފުކަމެއް ކަމަށް ބުނުމުގެ ޖާގައެއްނެތެވެ. މިއީ ޤާނޫނު އަސާސީ އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރެކެވެ. ޤަރާރުގައި ބަޔާންކޮށްފައިވާ އަމުރު ސިޓީފުޅަކުން އެންގުން، އަނގަބަހުން އެންގުން ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އެންގުމަކީ އެ މަޤާމުގައި ހުންނަ މީހަކަށް އިޚްތިޔާރު ލިބިގެންވާ ކަމެކެވެ.
ޤާނޫނު އަސާސީ އިން ރައްޔިތުންނަށް ލިބިދީފައިވާ އެއްވެސް ޙައްޤަކަށް މި ޤަރާރުން ހުރަހެއްނާޅައެވެ. އެހެންނަމަވެސް ރައްޔިތުންނަށް ލިބިދީފައިވާ ޙައްޤުތަކުގެ ނާޖާއިޒް ފައިދާ ނަގައި، އެ ޙައްޤުތަކުގެ ސްކޯޕް އަމިއްލައަށް މާނަކޮށް، ޤައުމުގެ މަސްލަހަތަށް ބެލުމެއްނެތި އަމިއްލަ ފައިދާއަށް ބޭނުންކުރުމުގެ ޖާގަ އެއްވެސް އަމިއްލަ ފަރުދަކަށް ނުދެވޭނެއެވެ. އެފަދަ ކަމަކަށް ޖާގަ ދީފިނަމަ އެއަށްވުރެ ގިނަ ބައެއްގެ ޙައްޤުތައް ގެއްލިގެންދެއެވެ.
ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ރާއްޖެއަށް އެއްވެސް ކަހަލަ ގެއްލުމެއް ލިބިދާނެފަދަ ހަރަކާތްތައް ރާވައި ހިންގުން މަނާކުރުމަކީ، އަދި އެކަންކަން ހުއްޓުމުވުމަކީ ތަންފީޒީ އިދާރާތަކުގެ މައްޗަށް ލާޒިމްކުރާ ކަމެކެވެ. އިދިކޮޅުގެ ހަރަކާތައް މިހާރު ހުރީ އެ މަގުގައެވެ. އިންޑިއާ އައުޓް ހަރަކާތަކީ ގަސްތުގައި ތަނުގެ މަސްލަހަތު ނަގައިލައި، ހަމަނުޖެހުން އުފައްދައި، އެއްވެސް އަސާސެއްނެތް ވާހަކަތަކެއް ފަތުރައިގެން ރައްޔިތުންގެ ހިތުގައި ނަފްރަތާއި ބިރުވެރިކަން އަށަގެންނެވުމަށް ކުރަމުންދާ ކަމެކެވެ.
ޚިޔާލުފާޅުކުރުމުގެ ނަމުގައި އިދިކޮޅު ފަރާތްތަކުން ހިންގަމުންދާ ކެމްޕޭން މިހާތަނަށްވެސް ސަރުކާރުން ނުހުއްޓުވައި އޮތީ އެ ޙައްޤު އެންމެ ފުޅާދާއިރާއެއްގައި ފަހިކޮށްދިނުމަށެވެ. އެހެންނަމަވެސް އެ ހަރަކާތްތައް ފުޅާވެ، މުޅި ރާއްޖޭގައި ރާވައިގެން ހިންގާ ހަރަކާތަކަށް ބަދަލުވާން ފެށުމުން އެކަމާ ދެކޮޅަށް ފިޔަވަޅު އަޅަން ސަރުކާރަށް މަޖުބޫރުވެއެވެ. ދިވެހިރާއްޖެއާއި އިންޑިޔާއަކީ ޒަމާނުއްސުރެ ދެޤައުމުގެ ރައްޔިތުންވެސް އެއް ޤައުމު އަނެއް ޤައުމުގައި ގިނަ އަދަދަކަށް ދިރިއުޅެމުންދާ ރައްޔިތުން ތިބި ތަނެކެވެ. އެހެންކަމުން ޤައުމުގެ މަސްލަހަތަށް ވިސްނައިލުމެއްނެތި އިދިކޮޅުން ހިންގާ މިފަދަ އަމަލެއްގެ ސަބަބުން އެއްޤައުމު އަނެއް ޤައުމަކަށް އޮންނަ އިތުބާރު ގެއްލި، ދެ ޤައުމުގައި ދިރިއުޅޭ އަނެއްޤައުމުގެ ރައްޔިތުންނަށް އެކި ކަހަލަ ދަތިތައް ކުރިމަތިވެ، ދާޚިލީ ހަމަނުޖެހުމަކަށް ދިއުމުގެ ފުރުސަތު އޮތް އެއްވެސް ކަމަކަށް ޖާގަ ދީގެން ނުވާނެއެވެ. ސަރުކާރަކުން އިސްކުރަންޖެހޭނީ ދިވެހިރައްޔިތުންނާއި ރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކެއްގެ ރައްކާތެރިކަން ކަށަވަރުކުރުމެވެ.
ޤައުމުގެ ހަމަޖެހުން ނަގައިލުމުގެ ބޭނުމުގައި އާންމު ރައްޔިތުންނަށް ނުރަނގަޅު މައުލޫމާތުދީ، ފޯލްސް ނެރެޓިވްއެއް ފެތުރުމަކީ މުޅި ޤައުމަށް އެތައް ގޮތަކުން ދަތިތަކާއި ނުރައްކާތެރިކަމަށް ހުށަހެޅިދާނެ ކަންކަމެވެ. ހަގީގަތެއްނެތް ކަންކަން ގަބޫލު ކުރެވި، ސިވިލް އަންރެސްޓްއަކާ ހަމައަށް ގޮސްދާނެ ފަދަ ހަރަކާތްތަކަށް އެއްވެސް ޤައުމެއްގެ ސަލާމަތީ މަޖިލީހުން ފުރުސަތެއް ނުދޭނެއެވެ.
ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ޚާރިޖީ ގުޅުންތަކާބެހޭ ބައިނަލްއަޤްވާމީ މުއާހަދާތަކުގެ ބޭނުމަކީ އެކިއެކި ބޭނުންތަކަށް ރާއްޖެއަށް ޒިޔާރަތްކުރާ ބޭރުގެ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމެވެ. އެހެންކަމުން ވަކި ޤައުމަކަށް ނިސްބަތްވާ ރައްޔިތުންނާ ދެކޮޅަށް އެއްވެސް ކަހަލަ ހަރަތަކާތެއް ހިންގުމުގެ، ނުވަތަ ކުރިމަތިލުމެއް ހިންގާފާނެ ފަދަ ކަމަކަށް ފުރުސަތުދީގެން ނުވާނެއެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިރާއްޖެއަށް އޮތް އިތުބާރު ގެއްލި ޤައުމުގެ އަގު ވެއްޓިގެން ގޮސްދާނެއެވެ.
އިދިކޮޅުން ހިންގާ ހަރަކާތްތަކަކީ ރާއްޖެއިން ބައިވެރިވެފައިވާ މިފަދަ މުއާހަދާތަކާ ކަނޑައެޅިގެން ޚިލާފު ކަންކަމެވެ. ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތައް ކަމުގައިވާ ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް (1961) އާއި، ވިއެނާ ކޮންވެންޝަން އޮން ކޮންސިއުލަރ ރިލޭޝަންސް (1963) ގެ ދަށުން، ރާއްޖޭގައި ޤާއިމުކޮށްފައިވާ ބޭރުގެ ޑިޕްލޮމެޓިކް މިޝަންތަކާއި އެ ތަންތަނުގައި މަސައްކަތްކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ހޯސްޓް ނޭޝަންގެ ހައިސިއްޔަތުން ދިވެހި ދައުލަތުގެ ޒިންމާއެކެވެ.
އަދި އިންޓަރނޭޝަނަލް ކޮންވެންޝަން އޮން ދަ އެލިމިނޭޝަން އޮފް އޯލް ފޯމްސް އޮފް ރޭޝަލް ޑިސްކްރިމިނޭޝަން (1966) ގެ ދަށުން، ވަކި ނަސްލަކަށް ނުވަތަ ނަސަބަކަށް ނިސްބަތްވީތީ ކުރާ ތަފާތުކުރުން ހުއްޓުވުމަކީ ޤައުމުތަކުގެ މައްޗަށް އޮންނަ ޒިންމާއެއް ކަމުގައި ވީ ހިނދު، އަދި އިންޓަރނޭޝަނަލް ކޮވަނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (1967) އާއި، އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަންގެ އެކިއެކި މުޢާހަދާތަކާއި، ނަސްލީ ތަފާތުކުރުން ހުއްޓުވުމަށް ގޮވައިލައި އ.ދ. އިން ފާސްކޮށްފައިވާ އެކިއެކި ޤަރާރުތަކަށް ބަލާއިރު، ވަކި ނަސްލަކަށް ނުވަތަ ނަސަބަކަށް ނިސްބަތްވީތީ ދަތިކުރުން، ނުވަތަ ފުރައްސާރަކުރުން، ނުވަތަ ތަފާތުކުރުމަކީ މަނާކަމެކެވެ.
އެހެންވީމަ ހަގީގަތުގައި ޤާނޫނުއަސާސީ އާއި ޤާނޫނުތަކާ ޚިލާފުވަނީ ކޮށް ބައެއްކަން ވަރަށް ސާފެވެ. މީގެ ކުރީ ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެ އޮތީ ވަރަށް ބޮޑަށް ބާކީވެފައެވެ. އެކަން ބަދަލު ކުރުމަށް މި ސަރުކާރުން ވަރަށް ބުރަ މަސައްކަތްތަކެއް ކޮށް، ރާއްޖެއަށް އަލުން އިތުބާރު ހޯދާފައިވެއެވެ. އިދިކޮޅުގެ މި އަމަލުތަކަކީ މި ސަރުކާރުގެ ކާމިޔާބު ޚާރިޖީ ސިޔާސަތު ހަޖަމުނުވާތީ އެކަމަށް ހުރަސް އެޅުމަށް ސީދާ ރާވައިގެން ކުރާ ކަމެކެވެ.
އިދިކޮޅުގެ ހަރަކާތްތަކުގެ ސަބަބުން އެހެން ޤައުމުތަކާއެކު އޮންނަ ދޭދޭ ގުޅުންތަކަށް ބުރޫއަރައެވެ. މިކަމުގެ ސަބަބުން ކުރިން ރާއްޖެ ވެއްޓިފައި އޮތް އެކަހެރި ކަމުގެ ތެރެއަށް އަލުން އަނބުރާ ދިއުމުގެ ފުރުސަތު ބޮޑެވެ. ބޭރުގެ އިންވެސްޓަރުންގެ ކުރިމަތީގައި ރާއްޖޭގެ އަގުވެއްޓި އިމޭޖް ހުތުރުވެއެވެ. މިފަދަ ކަންކަމުގެ ސަބަބުން އިންޑިއާ ނޫން އެހެން ޤައުމުތަކުންވެސް ރާއްޖެއާ ބަދަހި ގުޅުމެއް ބާއްވަން ފަސްޖެހޭ ގޮތްވާނެއެވެ. މިކަމުންވެސް އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވާނީ ދިވެހި ރައްޔިތުންނަށެވެ. ރައްޔިތުންގެ ހެވާއި ލާބަ އިސްކުރާ ބަޔަކު މިފަދަ ކަންކަމަށް ހިތްވަރެއްނުދޭނެއެވެ. މިއީ ޔާމީންގެ އަމިއްލަ އެދުމަށް ކުރަމުން އަންނަ ކަމެކެވެ.
ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ޤައުމެއްކަމުން ރާއްޖެއަށް ޒިޔާރަތްކުރާ އެހެން ޤައުމުތަކުގެ މެހެމާނުންނަށް މިފަދަ މަންޒަރުތައް ފެނުމަކީ އެމީހުންގެ ހިތުގައި ބިރުވެރިކަން އުފެދޭނެކަމެކެވެ. މިއީ ރާއްޖޭގެ އިޤްތިޞާދު ހަމައަކަށް އެޅުވުމަށް ސަރުކާރުން ކުރަމުންދާ ހަރުދަނާ މަސައްކަތްތަކަށް ސީދާ ހުރަސްއެޅުމެވެ.
ރާއްޖެއަކީ ސުލްހަވެރި އަމާން މާހައުލެއްކަމަށް މުޅި ދުނިޔެއަށް މަޝްހޫރު ޤައުމެކެވެ. އިދިކޮޅު ފަރާތްތަކުން ހިންގާ މިފަދަ ދަށު ދަރަޖައިގެ އަމަލުތަކުން ރާއްޖޭގެ މި ބްރޭންޑް ގެއްލުމުގެ ފުރުސަތު އޮންނާނެއެވެ.
ޤައުމުގެ ސަލާމަތާއި ހަމަޖެހުމާ އެއްވަރަށް ސަރަހައްދީ ސަލާމަތާއި ހަމަޖެހުންވެސް މުހިންމެވެ. ޚާއްޞަކޮށް އެކި ބޭނުންތަކަށް ދިވެހިން އަބަދު ދަތުރުކުރަންޖެހޭ ޤައުމުތަކާ ދެކޮޅަށް ނަފްރަތު އުފެދޭ ފަދަ ހަރަކާތްތައް ހިންގުމުގެ ސަބަބުން އެކި ކަހަލަ ދަތިކުރުމުގެ ފިޔަވަޅު ރާއްޖެއާމެދު އައުން ގާތެވެ. އަދި ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އެއްބަޔަކު އަނެއް ބަޔަކާމެދު ނަފްރަތު އުފެދުމަކީ ނުރައްކާތެރިކަން ބޮޑުކަމެކެވެ.