ކ. މާލެ
|
8 މާރޗް 2022 | އަންގާރަ 12:46
ޖެންޑަރ މިނިސްޓަރު އާއިޝަތު މުޙައްމަދު ދީދީ
ޖެންޑަރ މިނިސްޓަރު އާއިޝަތު މުޙައްމަދު ދީދީ
ޖެންޑާ މިނިސްޓްރީ
އަންހެނުންގެ ދުވަސް
ދެމެހެއްޓެނިވި މާދަމާއެއް ބިނާކުރުމަށް އަންހެނުންގެ ފުރިހަމަ ބައިވެރިވުމާއި ހިއްސާ އޮންނަން ޖެހޭ: ޖެންޑަރ މިނިސްޓަރު
 
ރާއްޖޭގެ އަންހެނުންގެ ޙާލަތު ބަދަލުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭ
 
ބޮޑެތި ކާރިސާތަކާއި ކުރިމަތިވާ ހާލަތްތަކުގައި ނޭދެވޭ އަސަރުތައް ކުރާ އެއްބަޔަކީ އަންހެނުންނާއި އަންހެން ކުދިން
 
އަންހެނުންނަކީ އާބާދީގެ ދެބައިކުޅަ އެއްބައި

ދެމެހެއްޓެނިވި މާދަމާއެއް ނުވަތަ މުސްތަގުބަލެއް ބިނާކުރުމުގެ މަސައްކަތްތަކުގައި އަންހެނުންގެ ފުރިހަމަ ބައިވެރިވުމާއި ހިއްސާ އޮންނަން ޖެހޭ ކަމަށް ޖެންޑަރ މިނިސްޓަރު އާއިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ އަންހެންނުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައި ވިދާޅުވީ އަންހެނުންނަކީ އާބާދީގެ ދެބައިކުޅަ އެއްބައި ކަމަށާއި، މުޖުތަމައެއްގެ ވިސްނުމާއި، ޚިޔާލުތަކާއި، ހައްލުތަކާއި، ތަޖުރިބާތަކުގެ ދެބައިކުޅަ އެއްބައި ހިއްސާކުރާ ފަރާތްތައް ކަމަށެވެ. އެހެންކަމުން، ދެމެހެއްޓެނިވި މާދަމާއެއް ނުވަތަ މުސްތަގުބަލެއް ބިނާކުރުމަށް މަސައްކަތްކުރާއިރު، އެ މަސައްކަތްތަކުގައި އަންހެނުންގެ ފުރިހަމަ ބައިވެރިވުމާއި ހިއްސާ އޮންނަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގައި، އަދި ރާއްޖޭގައި ވެސް ދިމާވާ ބޮޑެތި ކާރިސާތަކާއި ކުރިމަތިވާ ހާލަތްތަކުގައި ނޭދެވޭ އަސަރުތައް ކުރާ އެއްބަޔަކީ އަންހެނުންނާއި އަންހެން ކުދިންކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ކޮވިޑް19 ގެ ހާލަތުގައި އެކި ދާއިރާތަކުން މިކަން ސާފުކޮށް ފެނިގެންދިޔަ ކަމަށެވެ.

އެގޮތުން 2020 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ދިމާވި އިގްތިސާދީ ހީނަރުކަމުގެ ނޭދެވޭ އަސަރުތައް އެންމެ ބޮޑަށް ފެނިގެންދިޔައީ ގިނައިން އަންހެނުން ހަރަކާތްތެރިވާ އިންފޯރމަލް ސެކްޓަރއިން ކަމަށާއި، ކޮވިޑް19 ލޮކްޑައުންއަށް ފަހު ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ މައްސަލަތައް ރިޕޯޓުކުރާ މިންވަރު އިތުރުވެގެން ދިޔަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ޖެންޑަރ މިނިސްޓަރު ވިދާޅުވީ މިނިސްޓްރީއަށް ހުށަހެޅިފައިވާ ގިނަ މައްސަލަތަކަކީ އަންހެނުންނަށް ކުރާ އަނިޔާގެ މައްސަލަތައް ކަމަށާއި، ނިޒާމުތައް މިހާރު ހުރި ގޮތުން، މިފަދަ ކޮންމެ ލޮޅުމެއްގައި ވެސް އޭގެ ނޭދެވޭ އަސަރުތައް އަންހެނުންނާއި އަންހެން ކުދިންނަށް ކުރިމަތިވާ ކަމަށެވެ. އަދި ދުނިޔެއަށް ކުރިމަތިވެފައިވާ މޫސުމީ ބަދަލުތަކަކީވެސް މިފަދަ ކަމަކަށް ވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދިވެހިރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވަ ނޭދެވޭ އަސަރުތަކުގެ ބިރު އެންމެ ބޮޑަށް ކުރިމަތިކުރާނެ ޤައުމެއް. އަޅުގަނޑުމެންގެ ރަށްރަށުގައި އުދަ އެރުމާއި، ބޯކޮށް ވިއްސާރަވެ ފެން ބޮޑުވުމުގެ ހާދިސާތައް ވަނީ އިތުރުވެފައި. މިފަދަ ހާލަތްތަކުގައި، ކުދިން ސްކޫލަށް ފޮނުވުމާއި، ސިއްހީ ޚިދުމަތްތައް ހޯދުމުގައި ދަތިތައް ކުރިމަތިވެ، ދިމާވާ ގޮންޖެހުންތަކާއި އެންމެ ގާތުން ކުރިމަތިލާން ޖެހެނީ އަޅާލުމާއި ކުދިން ބެލުމުގެ ޒިންމާ އުފުލަމުންދާ އަންހެނުންނަށް. މޫސުމީ ބަދަލުތަކާއި ގުޅޭ މައްސަލަތަކަކީ ދިގުދެމިގެންދާ އަސަރުތަކެއް އިޖްތިމާޢި ތަރައްޤީއަށާއި، އިޤްތިސާދަށާއި އަދި އެހެނިހެން ދާއިރާތަކަށް ވެސް ކުރާނެ މައްސަލައެއް. އެހެންކަމުން، އަޅުގަނޑުމެންގެ ދޮންވެލި ބިމާއި، ޖަޒީރާ ރަށްތަކާއި، ނޫ ކަނޑުތަކާއި، ފަޅުތަކާއި، ދިވެހިރާއްޖޭގެ ގުދުރަތީ ވަސީލަތްތައް ހިމާޔަތްކޮށް، ކުރިއަށް އޮތް ޖީލުތަކަށް މި އަމާނާތް ފޯރުކޮށްދިނުމަށް، ސިޔާސަތު އެކުލަވާލުމުގައާއި، ކަންކަން ރޭވުމުގައި ބަދަލުތަކެއް ގެންނަން އެބަ ޖެހޭ. މި ބަދަލަކީ ކަންކަން ރާވާ، ނިންމާ އަދި ތަންފީޒުކުރާ މަރުހަލާތަކުގައި ދެޖިންސުގެ މައުނަވީ ބައިވެރިވުމާއި، ދެޖިންސުގެ ޚިޔާލާއި، ފިކުރާއި ތަޖުރިބާ ހިމަނައިގެން ގެނެވޭ ބަދަލަކަށް ވާންޖެހޭ.
ޖެންޑަރ މިނިސްޓަރު އާއިޝަތު މުޙައްމަދު ދީދީ

ދެމެހެއްޓެނިވި މާދަމާއަކަށް އަންހެނުންގެ ބައިވެރިވުމާއި އަންހެނުންގެ ހިއްސާ އިތުރުކުރަން އެބަ ޖެހޭކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ 2030 ވަނަ އަހަރަށް ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށާއި، ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދަތަކަށް ރިޕޯޓުކުރުމުގައި ރާއްޖޭގެ އަންހެނުންގެ ޙާލަތު ބަދަލުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އެގޮތުން 2016 ވަނަ އަހަރު ތަސްދީގުކުރެވުނު ޖެންޑަރ އީކުއަލިޓީ ގާނޫނުގެ ދަށުން 2019 ވަނަ އަހަރު އެކުލަވާލެވުނު ނެޝަނަލް ޕޮލިސީ އޮން ޖެންޑަރ ފުރިހަމައަށް ތަންފީޒުކުރުމަށް ގައުމީ ފެންވަރުގައި މަސައްކަތްކުރާނެ އެކްޝަން ޕްލޭންއެއް ފާސްކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޔޫ.އެން.ޑީ.ޕީ އަދި އޮސްޓްރޭލިއާގެ ސަރުކާރުގެ އެހީތެރިކަމާއި ފަންނީ ލަފާއާއެކު، 2021 ވަނަ އަހަރު އެކުލަވާލެވުނު ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން، މިދިޔަ ފެބުރުވަރީ މަހުގެ 22 ގައި ވަޒީރުންގެ މަޖިލީހުން ފާސްކުރެވިގެން ދިޔުމަކީ ރާއްޖޭގައި މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށް އެޅިގެންދިޔަ އެންމެ މުހިންމު އެއް ފިޔަވަޅު ކަމަށެވެ. އަދި މި އެކްޝަން ޕްލޭން ތަންފީޒުކުރުމަށް އެކުލަވާލި ސްޓިއަރިންގ ކޮމިޓީގައި އިސްކޮށް ހުންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށް ނިންމެވި ނިންމެވުމަކީ ވެސް މި ސަރުކާރުން އަންހެނުން ބާރުވެރިކުރުމަށް އަދި ޚާއްސަކޮށް އެމަނިކުފާނު، އަންހެނުން ކުރިއެރުވުމަށް ދެއްވާ އަޙައްމިއްޔަތުކަން ފާހަގަކުރެވިގެން ދިޔަ ކަމެއް ކަމުގައި ޖެންޑަރ މިނިސްޓަރު ވިދާޅުވިއެވެ.

ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން ދިވެހިރާއްޖޭގެ ހުރިހާ ހިސާބެއްގައި ހަލުވިކޮށް ތަންފީޒުކުރުމަށްޓަކައި، ސިޓީ އަދި ރަށު ކައުންސިލުތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ދައުރު ވަރަށްވެސް މުހިންމު. 2021 ވަނަ އަހަރު، %33 ކޯޓާއާއެކު ކުރިއަށްގެންދެވުނު ތާރީޚީ ލޯކަލް ކައުންސިލް އިންތިޚާބުން %39 ގޮނޑި އަންހެނުންވަނީ ކާމިޔާބުކޮށްފައި. މިއީ ދިވެހިރާއްޖޭގެ ރަށްތަކުގައި ކަންކަން ނިންމާ ފެންވަރުގައި މިހާ ގިނައިން އަންހެނުން ތަމްސީލުވެގެންދާ ފުރަތަމަ ދައުރު. ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނުގެ ދަށުން، ރަށުގެ ތަރައްޤީގެ ޕްލޭންތައް އެކުލަވާލުމުގައާއި، ރަށުގެ އަންހެނުންނާ ގުޅޭ މަޢުލޫމާތުތައް އެއްކޮށް، އަންހެނުންގެ ޙާލަތު ދެނެގަނެ، އަންހެނުން އެކި ދާއިރާތަކުން ބާރުވެރިކުރުމަށް މަސައްކަތްކުރުމަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ލާޒިމުކުރޭ. އަދި ރަށުގައި ހިނގާ މުހިންމު ތަރައްޤީގެ މަޝްރޫޢުތަކުގައި މިފަރާތްތަކުގެ ބައިވެރިވުން އަދި ހޯދައި، އެ ފުރުސަތުތައް ފަހިކުރުމަށް ރަށު ކައުންސިލުތަކަށްވެސް ޒިންމާތަކެއް ހަވާލުކުރެވިފައިވޭ.
ޖެންޑަރ މިނިސްޓަރު އާއިޝަތު މުޙައްމަދު ދީދީ

ޖެންޑަރ އީކުއަލިޓީ ގާނޫނަށް އިޝާރަތް ކުރައްވައި މިނިސްޓަރު ވިދާޅުވީ ކައުންސިލުތަކަށް ޒިންމާތައް ހަވާލުކުރުމަށް 2021 ޑިސެންބަރުގައި ގަވާއިދެއް ގެޒެޓުކުރެވި، މި އަހަރުގެ ޖޫން މަހުން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށެވެ. އަދި މި މަސައްކަތްތައް އެންމެ ފުރިހަމަ ގޮތުގައި ރޭވުމަށް ކޮންމެ އަތޮޅެއްގައި ހުންނަ މިނިސްޓްރީގެ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކުގެ ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭނަށް އަހުލުވެރިކުރުމަށް ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންދެވި މާރިޗު މަހުގެ ތެރޭގައި އަތޮޅު ފެންވަރުގައި ރަށު ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ގުޅިގެން އަމަލީ ސިފައެއްގައި އެކްޝަން ޕްލޭން ތަންފީޒުކުރުމަށް ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ޖެންޑަރ އީކުއަލިޓީ ގާނޫނުގެ ދަށުން މިންތީގެ ހަމަހަމަކަން ގާއިމުކުރުމުގައި އެކިއެކި ދާއިރާތަކުގެ ޒިންމާތައް އެބަހުރި ކަމަށެވެ. މި މަސައްކަތްތަކަކީ ހަމައެކަނި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ހާސިލުކުރެވޭނެ ކަންކަމެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން، އެކި ދާއިރާތަކުން މި ޕްލޭން ތަންފީޒުކުރުމަށް ހިނގާނެ ޚަރަދު އަންދާޒާކުރުމަށް ''އެކްޝަން ޕްލޭންގެ ކޯސްޓް'' ކުރުމުގެ މަސައްކަތްތަކެއް ކުރެވޭނެ ކަމަށެވެ. އަދި މި ކޯސްޓިންގގެ ސަބަބުން 2023 ވަނަ އަހަރުގެ ބަޖެޓް އެކުލަވާލާއިރު އެކްޝަން ޕްލޭން ތަންފީޒުކުރުމަށް ހުރިހާ ދާއިރާއަކުންވެސް އަންދާޒާކޮށް ބަޖެޓް ކުރުމަށް ފަސޭހަވާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން ހަލުވިކަމާއެކު ތަންފީޒު ކުރެވި ދިވެހި އަންހެނުން މިހާރަށް ވުރެ ބާރުވެރިވެ މިހާރަށްވުރެ އިގްތިސާދީ ގޮތުން ފުދުންތެރިވެ ކަންކަން ނިންމާ ފެންވަރުގައި ބަސް ކިޔާ އަދި ގުދުރަތީ ކާރިސާ ނުވަތަ މޫސުމީ ބަދަލުތައް ފަދަ ކަންކަމުން އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލުތަކެއް ލިބިގެން ދިޔުމަށް އުންމީދު ކުރައްވާކަމުގައިވެސް ޖެންޑަރ މިނިސްޓަރު ވިދާޅުވިއެވެ.

އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޔޫ.އެން.ވިމެން އިން މިއަހަރުގެ ޝިއާރު ކަމުގައި ކަނޑައަޅާފައިވަނީ ''ދެމެހެއްޓެނިވި މާދަމާއަކަށް، މިންތީގެ ހަމަހަމަކަން މިއަދު'' މިއެވެ.

މި ދުވަހުގެ މަގުސަދަކީ، އަންހެނުންނަށް ލިބިފައިވާ ހައްގުތައް ކަށަވަރުކުރުމަށާއި އަންހެނުންގެ ހާލަތު ރަނގަޅު ކުރުމަށް އެކި ދާއިރާތަކުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކޮށް، ރާއްޖޭގައި އަންހެނުން ބާރުވެރި ކުރުމަށާއި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް އެކި ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަންކޮށް، އެ މަސައްކަތްތައް އިތުރަށް ރަނގަޅުކުރުމަށް އަޑުތައް އިއްވައިދިނުން ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ. އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ކަންކަމުން އަރައިގަތުމާއި، މިފަދަ ބަދަލުތަކަށް އެޑެޕްޓްވުމަށްޓަކައި، އަންހެނުން އަދާކުރަމުންދާ ދައުރާއި، އަންހެނުންގެ ތަޖުރިބާރަތައް ދެނެގަނެ، ފާހަގަކުރުމަކީ މުހިންމު ކަމެއް ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް