ކ. މާލެ
|
18 ފެބްރުއަރީ 2022 | ހުކުރު 15:20
ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެހުންނަވާ ކުރިޔަށްގެންދާ އިންޑިޔާ އައުޓް ކެމްޕެއިންގެ ތެރެއިން
ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެހުންނަވާ ކުރިޔަށްގެންދާ އިންޑިޔާ އައުޓް ކެމްޕެއިންގެ ތެރެއިން
ޕީޕީއެމް
އިންޑިޔާ އައުޓް ކެމްޕެއިންގެ ނުރަނގަޅު އަސަރުތައް
"އިންޑިޔާ އައުޓް" ކެމްޕެއިން: ފިޔާ އަލުވި ނުލިބުމަށްވުރެ ނުރައްކާތެރި ކަންތައްތަކެއް
 
އިގްތިޞާދީ ގޮތުންނާއި، ސިޔާސީ ގޮތުން އަދި ސަލާމަތީ ގޮތުން އަސަރުތައް ކުރޭ
 
ކެމްޕެއިންގެ ތެރެއިން އުފެދޭ ރުޅިވެރިކަމާއި ނަފުރަތުގެ ސަބަބުން ނޭދެވޭ އަސަރުތަކެއް އަންނަނީ ކުރަމުން

"އިންޑިޔާ އައުޓް" ގެ ނަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ ކުރިޔަށްގެންދަވާ ކެމްޕެއިނަކީ މިގައުމު އިންޑިޔާ ފަރާތުން މިންޖުކުރުމަށް ވަކިން ޚާއްސަކޮށް އިންޑިޔާ ފަރާތުން "މިނިވަން" ކުރުމަށް ކުރިޔަށްގެންދާ ކެމްޕެއިނެއް ކަމަށް ގެންދަވަނީ ވިދާޅުވަމުންނެވެ. ކެމްޕެއިންގެ ހަރަކާތްތައް ސޯޝަލް މީޑިޔާ އާއި ރާއްޖޭގެ އެކިރަށްތަކަށް ފުޅާކުރައްވަމުން ގެންދަވާއިރު ރައީސް ޔާމީން ގެންދަވަނީ ވަރަށް ފޯރިއާއެކު އިންޑިޔާ އާ ދެކޮޅަށް ބަސް ވިދާޅުވަމުންނެވެ. އިންޑިޔާ އައުޓް ކެމްޕެއިނަކީ ރާއްޖޭގައި ތިބި އިންޑިޔާގެ އަސްކަރީ ފަރާތްތައް މިގައުމުން ބޭލުވުމުގެ ނަމުގައި ކުރިޔަށްގެންދަވާ ކެމްޕެއިނެއްކަމަށް ރައީސް ޔާމީން ވިދާޅުވިޔަސް ކެމްޕެއިންގައި ދައްކަވަމުން ގެންދަވާ ވާހަކަތަކަށް ބަލާއިރު މިއީ އެއަށްވުރެ ބޮޑަށް ރައީސް ޔާމީންގެ އަމިއްލަ "ޒާތީ" މައްސަލައެއް އޮވެގެން ކުރިޔަށްގެންދާ ކަމެއްކަމަށް ދޭހަވާ ގޮތަށްވެސް ގެންދަވަނީ ވާހަކަދައްކަވަމުންނެވެ.

އޭގެ މައިގަނޑު އެއް ސަބަބެއްކަމަށް މިހާތަަނަށް ދައްކަވާފައި ހުރި ވާހަކަތަކުން ދޭހަވަނީ 2018 ވަނަ އަހަރު ރައްޔިތުން އެމަނިކުފާނަށް ނޫނެކޭ ބުނި ބުނުން އަދިވެސް ގަބޫލުފުޅުކުރައްވަން ދަތިވެ އެކަމުގައިވެސް އިންޑިޔާގެ އަތެއް އޮތްކަމަށް ގަބޫލުފުޅު ކުރެއްވުމެވެ. އިންތިޚާބްގައި ކުރިމަތިވެ ވަޑައިގެންނެވި ނާކާމިޔާބީ އަކީ އިންޑިޔާގެ ނުފޫޒުން ހިނގި ކަމެއްކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާއިރު އެމަނިކުފާނުގެ ވެރިކަމުގައި ނުކިއްސަރުކޮށް ކުރިޔަށްގެންދެވި ބައެއް ކަންކަމާ ދެކޮޅަށް އިންޑިޔާއިން ބަސް ބުނުމަކީވެސް އިންޑިޔާ އައުޓް ނަމުގައި މިހަރަކާތް އެމަނިކުފާނުގެ މޭސްތިރި ކަމުގައި ކުރިޔަށް ގެންދަވަން ބޭނުންފުޅުވާ ސަބަބެއްކަން އެއީ މިހާތަނަށް ވިދާޅުވެފައިވާ ވާހަތަކުން އެނގޭކަމެކެވެ. އެގޮތުން ސުޕްރީމް ކޯޓުން އެމަނިކުފާނު ހިތްޕުޅާނުވާ ޒާތުގެ ހުކުމެއް ނެރުމުގެ ސަބަބުން އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރެއްވުމުން އެކަމާއި ގުޅިގެން އިންޑިޔާއިން ސުވާލުކުރުމުން އެކަމާއި ހިތްހަމަޖެހިވަޑައިނުގެންނެވި ކަމަށް އިންޑިޔާ އައުޓް ކެމްޕެއިން ތެރޭގައި ވަނީ ވިދާޅުވެފައެވެ. ރައީސް ޔާމީން ކުރައްވާ ކަންތައްތަކާއި ދެކޮޅު ހަދާ ކޮންމެ މީހަކަށް އޮތް ހުކުމާއި އެމީހަކާމެދު ނުވަތަ އެބަޔަކާ މެދު ކަންކުރައްވާގޮތް އެއީ ދިވެހި ރައްޔިތުންނަށް އޮޅިގެންވާ ކަމެއް ނޫނެވެ. އިހަކަށްދުވަހު ދިވެހިން މިވަނީ އެކަން ތަޖުރިބާކޮށްފައެވެ. ނަމަވެސް އިންޑިޔާ ފަދަ ރާއްޖެއާ އަވަށްޓެރި ބޮޑު ޑިމޮކްރަސީ އަކާއި ރައީސް ޔާމީން މިޒާތަށް ދިމާކޮށްލެއްވުމަކީ ހަމަ ހަގީގަތުގައިވެސް އެމަނިކުފާނު ރައްޔިތުންދެކެ ވެވަޑައިގަންނަވާ ލޯތްބާއި އެވިދާޅުވާ ގައުމިއްޔަތުކަން ހުރި މިންވަރާއި މެދު ސުވާލު އުފައްދަން މަޖުބޫރު ކަމެކެވެ.

ބައެއް މީހުން ބުނާގޮތުން ރައީސް ޔާމީން "އިންޑިޔާ އައުޓް" ނަމުގައި ކެމްޕެއިން ހަރަކާތެއް ކުރިޔަށް ގެންދަވަން ފެއްޓެވީ މިސަރުކާރުން ކުރާ ގޯސްކަމެއް ނެތީމައެވެ. ނުވަތަ މައި އިދިކޮޅު ޕާޓީގެ ގޮތުގައި އޮވެ ސަރުކާރަށް ފާޑުކިޔޭނެ އޮއްޓަރު ހުރި ސަބަބެއް ފެނިވަޑައިނުގެންނެވީމައެވެ. އެމަނިކުފާނުގެ އަމިއްލަފުޅު ޒާތާވެސް ގުޅިފައިވާ މިމައްސަލަ ފެއްޓުމުގެ މައިގަނޑު ސަބަބަކީ އެއީއެވެ. 2023 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތުމަށް މިހާރުއްސުރެ ކުރައްސަވަމުން ގެންދަވާ މަންޒަރުގައި އިންޑިޔާ އައުޓް ނަމުގައި ކެމްޕެއިނެއް ހިންގަވަނީ އެކަމުގެ ސަބަބުން މިސަރުކާރާ ދެކޮޅު ހަރަކާތްތަކެއް ރައްޔިތުންގެ މެދުގައި ހިންގަވާ ރައްޔިތުން ތިބީ ސަރުކާރަށް ދެކޮޅަށްކަން ހާމަކުރެއްވުމަށެވެ. ނަމަވެސް އިންޑިޔާ ފަދަ ރާއްޖެއާ ޒަމާނުއްސުރެ ގާތްގުޅުމެއް އޮތް އެތައް ދާއިރާއަކުން އެހީތެރިކަން ފޯރުކޮށްދޭ އަދި ދިވެހިން އެތައް ގޮތަކުން ބަރޯސާވަމުން އަންނަ ގައުމަކާ ދެކޮޅަށް ކޮންމެ ސަބަބަކާހުރެވެސް ގައުމުގައި ވެރިކަން ކުރައްވާފައި ހުންނެވި ބޭފުޅަކު ނިކުންނެވުމުން ނިކުމެގެން ނުވާނެ އެތައް ކަމެއް ކުރިމަތިވުމުގެ ނިޝާންތައް އަންނަނީ ފެންނަމުންނެވެ. ޒިންމާދާރު ކަމެއްނެތި ވަކި ސިޔާސީ މަންފާއެއް ހާސިލުކުރުމަށް ކުރީގެ ރައީސަކު ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް ލިބިވަޑައިގަންނަވާ އިނާޔަތްތައް ނަންގަވައިގެން ހުންނަވާ ކުރައްވަމުން ގެންދަވާ ކަންތައްތަކުގެ ސަބަބުން އެކަމުގެ ނޭދެވޭ އަސަރު ކުރާނީ ތަސައްވަރުވެސް ކޮށްނުލެވޭ މިންވަރަށެވެ.

ދިވެހިން އެންމެ ގިނައިން ކޭންބުއިމަށް ބޭނުންކުރާ ބިސް، އަލުވި، ފިޔާ އަދި ހަނޑޫ، ފުށް، ހަކުރާއި މުގު އެއްވެސް ދަތިކަމެއްނެތި ފޯރުކޮށްދެމުން ދަނީ އިންޑިޔާއިންނެވެ. އިންޑިޔާގެ ރައްޔިތުން ނުރުހުނަސް، ސަރުކާރު ބަދަލުވިއަސް ބަދަލުނުވެ އޮންނަ ސިޔާސަތަކީ ރާއްޖެއާއި އިންޑިޔާގެ ގުޅުމެވެ. އެގުޅުމުގެ ސަބަބުން ދިވެހިންނަށް ޚާއްސަ އިނާޔަތްތަކެއް ލިބެނީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތްގުޅުމުގެ ސަބަބުންނެވެ. އެހެން އެއްވެސް ގައުމަކަށް އިންޑިޔާއިން ބޭރު ނުކުރާ ހިލަ އާއި ހިލަވެލި ރާއްޖެ އަށް ދެނީ ޚާއްސަ ކޯޓާއެއްގެ ދަށުންނެވެ. އެކޯޓާ އުވާލުމުން ހިލައާއި ހިލަވެލި ލިބުން އުނދަގޫވެ އިމާރާތްކުރުމުގެ އަގުތައް ބޮޑުވެގެން ދިވެހިން ވަނީ އެކަންވެސް ތަޖުރިބާ ކޮށްފައެވެ. ހަނޑޫ އަލުވި ފިޔާގެ ވާހަކަ ފާހަގަކުރީމާ އެތަކެތި އެހެން ގައުމުތަކުންވެސް އެތެރެކުރެވޭނޭ ބުނެއެވެ. ތެދެކެވެ. ހުޅުވާލެވިފައިވާ ދުނިޔެއެއްގައި އަދި ވަކިން ޚާއްސަކޮށް ރަނގަޅު ޚާރިޖީ ސިޔާސަތަކާއެކު ކުރިޔަށްދާ ގައުމަކަށް އެހެން ގައުމުތަކުންވެސް އެހީތެރިކަން ލިބޭނެއެވެ. އެތަކެތި ލިބޭނެއެވެ. ނަމަވެސް ކައިރި ގައުމަކުން އެތަކެތި ލިބޭ ފަސޭހަކަމާއި އަގުހެޔޮ ކަމާއެކު ނުލިބިދާނެއެވެ. ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތި ރާއްޖޭގައި އުފެއްދުމުގެ މަސައްކަތުގެ އަދި ވަރަށް ކުރީކޮޅު ތިބިއިރު އެކަން ހާސިލުވުމަށް އަދި ދުވަސްނަގާނެއެވެ. އެހެންކަމަށްވާއިރު މިއީވެސް ކުރިމަތިވާނެ ދައްޗެކެވެ.

ކާބޯތަކެތީގެ ވާހަކައަށްފަހު ދެން އޮތީ ދިވެހިންގެ ސިއްހީ ފަރުވާއެވެ. އާސަންދައިގެ ތަފާސްހިސާބުތައް ދައްކާގޮތުން ހަމައެކަނި ކޮވިޑް-19ގެ ލޮކްޑައުން ތެރޭގައި އިންޑިޔާއިން ދިން ފުރުސަތުގައި އެކަނިވެސް 15،000 ދިވެހިންނަށް އިންޑިޔާއިން ބޭސް ފަރުވާގެ ޚިދުމަތް ހޯދާފައިވެއެވެ. މިނޫންވެސް އެކި ބޭނުންތަކުގައި ދިވެހިން އިންޑިޔާއަށް އަބަދުވެސް އައިސް ގޮސް އުޅެއެވެ. އެތައް ހާސް ބަޔަކު އެތާންގައި ދިރިއުޅެއެވެ. އޭގެ ރައްދަކަށް އިންޑިޔާ ނޫން އެހެން ގައުމުތައްވެސް އޮތީއޭ ނޫންހޭ ބުނެއެވެ. ތެދެކެވެ. ދުނިޔޭގައި 190 އަށް ވުރެ ގިނަ ގައުމުއޮވެއެވެ. ނަމަވެސް ދިވެހިންގެ ގިނަ ބަޔަކު އިންޑިޔާއަށް ބޭސް ފަރުވާ ކުރުމަށް ދަނީ ސަބަބުތަކެއް އޭގައި އޮތީމައެވެ. މިފަދަ ކެމްޕެއިނެއްގެ ސަބަބުން އޭގެ ނުރަނގަޅު އަސަރުކޮށް މިފުރުސަތު ގެއްލޭނަމަ އެކަމުގެ އަސަރު ދިވެހިންގެ ދިރިއުޅުމަށް ނުކޮށްނުދާނެއެވެ.

މިއީ މިކެމްޕެއިންގެ ސަބަބުން ކުރާ ނޭދެވޭ ބައެއް އަސަރުތަކެވެ. މިކަންކަން މިއަށްވުރެ ބޮޑަށް ތިލަވެ ވިސްނާލަން މަޖުބޫރުުކުރުވަނީ "އިންޑިޔާ އައުޓް" ހަރަކާތުން ގައުމީ ސަލާމަތަށް ނުރައްކާވަމުންދާ މިންވަރު ދެނެގަތުމަށް ކަމާގުޅުން ހުރި އެކި އިދާރާތައް ކޮމިޓީއަށް ހާޒިރުކޮށް, އިންޑިއާ އައުޓް ހަރަކާތުގެ ސަބަބުން ނުކުމެދާނެ ނަތީޖާތައް ދެނެގަތުމާއި، އެކަމާގުޅޭ ދިރާސާތައް ހައްދަވަމުން ގެންދަވާ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީގެ ބައްދަލުވުންތަކުންނެވެ. އެކޮމިޓީއަށް އެކި ވުޒާރާތަކުގެ ބޭފުޅުން ހާޒިރުކޮށް އެވުޒާއަކަށް މިހަރަކާތުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ސާފުކުރައްވަމުން ގެންދަވާއިރު މިއީ އަދި ރައީސް ޔާމީނާ ހިސާބުން ފެށޭ އަދި އެމަނިކުފާނާ ހިސާބުން ނިމެން އޮތް ކަމެއް ނޫންކަން އެނގެއެވެ.

އިންޑިޔާ އައުޓް ކެމްޕެއިންގައި ރައީސް ޔާމީން ވަނީ ގޭގޭގައިވެސް އިންޑިޔާ އައުޓް ޖަހަންވީކަމަށް ވިދާޅުވެފައެވެ. އެއާއެކު ފެނުނީ އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން އެކަން ކުރި މަންޒަރެވެ. އިންޑިޔާ އައުޓްގެ ބަހުސްތައް ފުޅާ ދާއިރާއެއްގައި ސޯޝަލް މީޑިޔާގެ އެކި ޕްލެޓް ފޯމްތަކުގައި އަންނަނީ ހިންގަމުންނެވެ. ހޭޝްޓެގް އަންނަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގައިވެސް ބޭނުންކުރަމުންނެވެ. އެހެންކަމުން މިކަމުގެ ބޮޑުމިން ބައިނަލްއަގްވާމީ މުޖުތަަމައުއަށް ފެނެއެވެ. އެކަމުގެ ނޭދެވޭ އަސަރު ދޭދޭ ގައުމުތަކުގެ ގުޅުމަށް ކުރާނެކަމަށް ކޮމިޓީގައި ފޮރިން މިނިސްޓްރީ އާއި އެކޮނޮމިކް މިނިސްޓަރ އަދި ޑިފެންސް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

މިއާއެކު މިހާތަނަށް ލިބިފައިވާ އިންޓެލް މައުލޫމާތަށް ބަލާއިރު ރާއްޖޭގެ ފަތުރުވެރިކަން ބޮއިކަޓް ކުރުމަށް ބޭރުގެ ފަރާތްތަކުން ގޮވާލަމުންދާކަމަށް އެމްއެންޑީއެފުން ވަނީ ކޮމިޓީގައި ބުނެފައެވެ. މިކެމްޕެއިންގެ ތެރެއިން ކުރިޔަށްދާ ހަރަކާތުގެ ސަބަބުން ނަފުރަތާއި ފިތުނައާއި ރުޅިވެރިކަން އުފެދޭ ވާހަކަތައް ދެކެވެމުންދާއިރު އެފަދަ އަމަލުތަކެއްވެސް އަންނަނީ ފެންނަމުންނެވެ. ކޮމިޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ވިދަޅުވީ އިންޑިޔާގެ މީހެއްކަން އެނގުމުން އިންޑިޔާގެ ޑޮކްޓަރަކު ޓެކްސީން ބޭލުވި މައްސަލައެއް ފެންމަތިވެފައިވާކަމަށެވެ. އަދި ރަށެއްގެ ސްކޫލް ފާރުގައި އިންޑިޔާ އައުޓް ޖެހުމާއެކު އެސްކޫލްގައި ކިޔަވައިދެމުންދިޔަ އިންޑިޔާ ޓީޗަރުން އަނބުރާ ރަށަށް ދާން ބޭނުންވި ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ. މީގެ އެހެން ހާދިސާތައް ހިއްސާކުރައްވަމުން އެމްއެންޑީއެފްގެ ސަރޖަންޓް ޖެނެރަލް ކާނަލް ޑރ. އަލީ ޝާހިދު ސެނެހިޔާ ކައިރިޔަށް އައިސް ސެނެހިޔާގައި މަސައްކަތްކުރާ އިންޑިޔާ ޑޮކްޓަރުން ނެރެން ގޮވަމުންދާ ދިޔުމާއެކު އެކަމުގެ ނޭދެވޭ އަސަރުކުރަމުންދާކަމަށެވެ. އެގޮތުން އިންޑިޔާގެ ޑޮކްޓަރުން ޔުނީފޯރމް އަޅައިގެން މަގުމައްޗަށް ނިކުންނަން ޖެހިލުންވާއިރު އެޑޮކްޓަރުން މަސައްކަތްކުރުމަށް ނިކުންނަނީ ޔުނީފޯރމް މަތިން ޖެކެޓެއް ލައިގެންކަމަށް ޝާހިދު ވިދާޅުވިއެވެ.

މިއީ ކުރީގެ ރައީސަކު އިސްވެ ހުންނަވާ އަވަށްޓެރި ގައުމަކާ ދެކޮޅަށް ކުރިޔަށްގެންދަވާ ކެމްޕެއިންގެ ސަބަބުން ހިނގަމުންދާ ބައެއް ކަމެއްކަންކަމެވެ. ދިވެހިންގެ އެތައް ބަޔަކު މިހާރުވެސް އިންޑިޔާގައި ދިރިއުޅެމުން އަންނައިރު އަދި އެކި ބޭނުންތަކަށް އަބަދު ގޮސްހަދާއިރު މިކަންކަމުގެ އަސަރު އިންޑިޔާގައި ތިބި އަދި ދިރިއުޅޭ ދިވެހިންނަށް ނުކުރާނެތޯ އެއީ މިއަދު އުފައްދަން ޖެހިފައިވާ ސުވާލެކެވެ. އިންޑިޔާގައި ތިބި ދިވެހި ރައްޔިތުންގެ ސަލާމަތާއި މެދުވެސް މިއަދު މިވަނީ ސުވާލު އުފެދޭ ހިސާބުގައެވެ. މިގައުމުގައި އެކި ކަންކަމުގައި އުޅޭ އިންޑިޔާ ރައްޔިތުންނަށް ދިވެހިންގެ ފަރާތުން ކުރިމަތިކުރުވާ ފުރައްސާރައާއި ރުޅިވެރިކަން އިންޑިޔާގައި ދިވެހިން ތަޖުރިބާކުރަން ނުޖެހިއްޖިއްޔާ ކިތަންމެހާވެސް ރަނގަޅެވެ. ކެމްޕެއިންގެ ތެރެއިން އުފެދޭ ނަފުރަތާއި ރުޅިވެރިކަމުގެ ހުޅުކޮޅު ފަޅައިގެން ދިޔުމުން އޮންނާނީ ދެ ގައުމުގެ މަސްލަހަތު ގެއްލި ސަރަހައްދުގައި ހަމަނުޖެހުމެވެ. އެކަމުގެ އަސަރު އެތައް ގޮތަކުން ކުރާނެއެވެ. ވަކި ގައުމެއްގެ މީހަކަށްވީތީ ދިމާކޮށްގެން ކަންކަން ކުރާނަމަ އެކަމުގެ ގެއްލުންތައް ރައްޔިތުންނަށް ކުރިމަތިވާނެއެވެ. އޭރަށް އެވަނީ ގައުމީ ސަލާމަތަށްވެސް ނުރައްކަލެވެ. ދެގައުމަށްވެސް ނުރައްކަލެވެ. އެއާއެކު ސަރަހައްދުގެ ސަލާމަތްވެސް ގެއްލެނީއެވެ.

މިކަމުގެ އަސަރު އިގްތިޞާދީ ގޮތުންނާއި ސަލާމަތީ ގޮތުންވެސް ކުރާނެކަން މިދަނީ ފެންނަމުންނެވެ. އަނެއްކޮޅުން މިކަމުގެ ސަބަބުން ޚާރިޖީ ގުޅުންތަކަށްވެސް އަސަރުކުރަމުންދާނެއެވެ. ރާއްޖެފަދަ މުޅި ދުނިޔެއަށް ހުޅުވާލެވިފައިވާ ގައުމަކަށް އަދި ގިނަ ކަންކަމުގައި އެހެން ގައުމުތަކަށް ބަރޯސާވާ ގައުމަކަށް މިއީ ވަރަށްވެސް ބޮޑު ގެއްލުންތަކެއް ކުރިމަތިކުރުވާނެ ކަމެއްކަމަށް ފޮރިން މިނިސްޓްރީން ވެސް ބުނެފައިވެއެވެ. ސިޔާސީ ވަކި މަންފާއަކަށް ޒާތީ މަގްސަދެއްގައި ހިންގަމުންދާ މިކެމްޕެއިންގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކަކީ ދިވެހި އާންމު މީހާއަށް ނުވިސްނުނު ކަމުގައިވިޔަސް ގައުމުގައި ކުރިން ވެރިކަން ކުރައްވާފައި ހުންނެވި ބޭފުޅަކަށް ފިސާރި ރަނގަޅަށް ފެނިވަޑައިގަންނަވާނެ ކަންކަމެވެ. އެހެންކަމުން ވަކި ސިޔާސީ މަންފާއެއް ހާސިލުކުރުމަށް ކުރަމުންދާ މިކަންކަމުގެ ސަބަބުން ފޫނުބެއްދޭނެވަރުގެ ފުން އަނދަވަޅަކަށް ގައުމަށް ވެއްޓިގެންދާ ދިޔުމަކީ ސީރިއަސްކޮށް ވިސްނަންޖެހޭ ކަމަކަށް ނުވޭ ހެއްޔެވެ؟ އިންޑިޔާ ސިފައިން ބާލަން ބޭނުންވާނަމަވެސް މިއަށްވުރެ ޒިންމާދާރު ގޮތެއްގައި މިކަން ކުރައްވަން ކުރީގެ ރައީސަކަށް އެނގިވަޑައިގަންނަވަންވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
100%
ކޮމެންޓް